މީޑިއާ ގާނޫނުން މަގުސަދު ހާސިލްވެދާނެތަ؟
24 ސެޕްޓެމްބަރ 2025 - 16:09
ދޮގު ޚަބަރު ފެތުރުން އާންމު ވެފައި!
މިހާރު އެކަންޏެއް ނޫނެވެ. ދޮގު ޚަބަރު ފެތުރުމަކީ ކުރިން ވެސް ގާނޫނުތަކާއި ގަވާއިދުތަކުން މަނާ ކަމެކެވެ. އަދި އިސްލާމް ދީނުގައި ވެސް ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އެހެން ނަމަވެސް އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އެންމެ ހަލުވިކޮށް ފެތުރެނީ އެފަދަ ވާހަކަތެކެވެ. އެފަދަ އޮޅުވާލުމާއި ދޮގު ވާހަކަތަކާއި އަބުރު ކަތިލެވޭ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަަމުންދާ ވާހަކަތަކުން އިންޓަނެޓް ވަނީ ތަޣައްޔަރުވެފައެވެ.
ބައެއް ފަރާތްތަކުން ފަތުރާ މިފަދަ ދޮގު ޚަބަރުތައް މެއިންސްޓްރީމް މީޑިއާގެ ތެރެއިން ވެސް ކޮންމެ ވެސް މިންވަރަކަށް ފެނެއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިޔާސީ ފަރާތްތަކުން ފަތުރާ މިފަދަ ވާހަކަތަކެވެ. އަދި އެހެން ބައެއް ޕްލެޓްފޯމްތަކުގައި ސިޔާސީ ފަރާތްތަކުން ވެސް ފަތުރާ މިފަދަ ވާހަކަތައް ވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ. މީގެ އިތުރުން ތަހުގީގީ ނޫސްވެރިކަމުގެ ތެރެއިން ހޯދާ ތަފާތު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ލިޔުންތަކާއީ ވީޑިއޯ ޚަބަރުތަކާއި ރިޕޯޓްތަކާ މެދު ވެސް ބައެއް މީހުން އެއީ ދޮގުކަމުގައި ދެކެއެވެ.
މައްސަލަތައް ހައްލުކުރަމުން އައި ނިޒާމު!
މީޑިއާތައް ރެގިއުލޭޓްކުރުމަށް މިހާތަނާ ޖެހެންދެން ދެ ގާނޫނެއްގެ ދަށުން އުފައްދާފައިވާ ދެ އިދާރާއަކުން އައީ މަސައްކަތްކުރަމުންނެވެ. އާ ގާނޫނު އަސާސީގެ ދަށުން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުޅުވިގެން ދިޔަ ދޮރުތަކާ އެކު މީޑިއާތައް ރެގިއުލޭޓްކުރުމަށް އެންމެ ފުރަތަމަ ގާއިމުކުރީ ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ބައްޓަންވެފައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެވެ.
މި ނިޒާމުގައި އިދާރީ ކަންކަން ބެލެހެއްޓުން ސިވިލް ސާވިސްގެ ދަށުން މުވައްޒަފުން ކަނޑައަޅައި އިދާރާއެއް އުފެއްދިއެވެ. މި އިދާރާގެ ޒިންމާއެއްގެ ގޮތުގައި އޮތީ ނޫސްވެރިކަން ތަރައްގީކުރުމާއި ތަމްރީންކުރުމާއި ދިމާވާ ތަފާތު އެކި މައްސަލަތައް ބަލައި އިސްލާހުކުރުމަށް މަސައްކަތްކުރުމެވެ. މައްސަލަތައް ބަލާނެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ނޫސް މީޑިއާތައް ތަމްސީލްކުރާ އަށް މެންބަރުންނާއި އާންމު ރައްޔިތުން ނުވަތަ ޖަމިއްޔާ ޖަމާއަތްތައް ތަމްސީލްކުރާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފެއްދުމެވެ. މި އިދާރާގެ ދަށަށް ހުރިހާ ނޫސްވެރިން ފެތުނަސް މި ނިޒާމުގެ ތެރެއިން ބަލަމުން އައީ ހަމައެކަނި ޕްރިންޓް އަދި އޮންލައިން މީޑިއާތަކާ ގުޅޭ މައްސަލަތަކެވެ.
މި މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި އިސްކަން ދީފައި ވަނީ މައްސަލަ ޖެހޭ ދެފަރާތުގެ މެދުގައި ވާހަކަ ދައްކައި މެދުމިނުގެ ހައްލެއް ހޯދުމެވެ. އަދި އަދަބުތަކެއް ދިނުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތްކޮށް އެފަދަ ކުށްތައް ދެ ވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެ ބައި މީހުންނަށް ނަސޭހަތްތެރިވުމެވެ. އަދި އެފަދަ ދޮގު ނުވަތަ އޮޅުންއަރާ ޚަބަރުތަކުން މަޖުތަމައު ސަލާމަތްކުރުަމަށް ހޭލުންތެރިކޮށް އޮޅުން ފިލުވައިދިނުމެވެ. މިއީ ޒަމާނުއްސުރެ ވެސް ބައެއް ގައުމުތަކުން އަމަލުކުރަމުން އައި ގޮތެވެ. ހަރުކަށި އަދަބު ދީގެން އެފަދަ މައްސަލަތައް ހައްލުވާނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށް ވެސް ވެދާނެއެވެ.
އާ ގާނޫނު އަސާސީގެ ތެރެއިން ބްރޯޑްކާސްޓް މީޑިއާ އަށް ހާއްސަ އިދާރާއެއް އުފަންވެގެން އައެވެ. އެ ކަމަށް ހާއްސަ ގާނޫނެއް އެކުލަވައިލެވުނެވެ. އަދި އޭގެ މާ ކުރިން ވެސް ދެމުން އައި ކޭބަލް ޓީވީ އާއި ޓެރެސްޓޭރިއަލްކޮށް ދެމުން އައި ޓީވީ އާއި ރޭޑިއޯގެ ހިދުމަތްތައް ވެސް އެ އިދާރާގެ ދަށަށް ބަދަލުވެގެން އައެވެ. މައިގަނޑު ގޮތެއްގައި އޮތީ ކޭބަލް ޓީވީގެ ލައިސެންސްގެ ކަންކަން ބެލެހެއްޓުމާއި ފްރެކުއެންސީތައް ބެލެހެއްޓުމާއި ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމާއި އެ ދާއިރާތަކާ ގުޅުން ހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ލަފާ ދިނުމާއި އެ ނޫން ވެސް އެ ދާއިރާތަކާ ގުޅުން ހުރި ކަންކަން ބަލަހައްޓައި ރެގިއުލޭޓްކޮށް ތަރައްގީކުރުމަށް މަސައްކަތްކުރުމެވެ. އެ ގާނޫނު ދަށުން ދައުލަތުގެ އެހެން ވެސް މިނިވަން މުއައްސަސާތަކެކޭ އެއްގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނަމުގައި 2010 ވަނަ އަހަރު މުއައްސަސާއެއް އުަފަންކުރިއެވެ. ސިވިލް ސާވިސްއާ ނުގުޅޭ ގޮތައް ސަރުކާރުން ބަޖެޓް ކަނޑައަޅާފައިވާ މިނިވަން މުއައްސަސާއެވެ.
މައިގަނޑު ގޮތެއްގައި ދެ އިންޑަސްޓްރީއަކާ ގުޅުން ހުރި މަސައްކަތްތަކެއް އޮތް ނަމަވެސް ބްރޯޑްކާސްޓިން އަދި ރީބްރޯޑްކާސްޓިންގެ ކޮންޓެންޓާ ގުޅޭ މައްސަލަތައް ބެލުން ވެސް މި އިދާރާއާ މަތިކުރިއެވެ. ބްރޯޑްކާސްޓް ދާއިރާގެ ނޫސްވެރިންގެ ކޮންޓެންޓާ ގުޅޭ ބައެއް ވެސް މި އިދާރާގެ ދަށަށް އައެވެ. ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް މި ދެ އިދާރާގެ މެދުގައި ފުށު އެރުންތަކެއް އޮތީ ބްރޯޑްކާސްޓިންގ ދާއިރާގެ ނޫސްވެރިންގެ ބަލަދުވެރިކަމާ މެދުގައެވެ. އެ ނޫސްވެރިން ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ތެރެއިން ނުވަންނަ ސަބަބާ މެދުގައެވެ.
ދެ އިދާރާ އެއްކޮށްލުމަށް ވަކާލާތުކުރާ ފަރާތްތަކުން އެންމެ ފުރަތަމަ ފާހަގަކުރަމުން އައި ކަމަކީ ވެސް އެއީ އެވެ. މަގުސަދަކީ ވެސް ކޮންމެހެން އެއް އިދާރާ ނުވަތަ ދެ އިދާރާއެއް ބޭއްވުމެއް ނޫނެވެ. ވަކާލާތުކުރަމުން އައީ ވެސް ކޮންޓެންޓާ (ޕްރިންޓް، އޮންލައިން އަދި ބްރޯޑްކާސްޓް) ގުޅޭ ކަންކަން ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއަށް ގެނައުމެވެ. އެހެން ނަމަވެސް ފަހުން ސަރުކާރުތަކުން އެ ދެ އިދާރާ އެއްކޮލުމުގެ ސަބަބެއްގެ ގޮތުގައި އިސްކުރަމުން އައީ ހަރަދު ކުޑަކުރުމެވެ. އެހެން ނަަމަވެސް އެކަމުގައި ހަގީގަތެއް ނެތެވެ. ދެ އިދާރާ އަށް ކުރާ ޖުމްލަ ހޭދަ ދެ އަދަދުގެ މިލިއަނުން ގުނާލެވޭ އަދަދަކަށް އެރީ ވެސް ދާދި މިދާކަށް ދުވަހެވެ. އަދި ދެ އިދާރާ އެއްކޮލުމުން ހަރަދު ކުޑަވާނެ އެއްވެސް ތިއަރީއެއް ފެންނާކަށް ވެސް ނެތެވެ. އެހެން ކަމުން މިއީ ހަމައެކަނި ބަހަނާއެއް ކަމަގައި ގަބޫލުކުރުމަށް ފުރުސަތު އެބަ އޮތެވެ.
އާ އޮނިގަނޑު!

އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮލުމުގެ ވާހަކަ ދެކެވާތާ އަހަރުތަކެއް ވެއްޖެއެވެ. ދެންމެ ދެންމެއަކު އެ ދަނޑިވަޅު އައިސްދާނެއެ ހީވާ ފަހަރު ވެސް އައެވެ. އެހެން ނަމަވެސް އެކަން އޭރު ވެސް އަދި މިހާރު ވެސް ބިނާވެފައި އޮތީ ސިޔާސީ މަގުސަދުތަކާއެވެ.
ދެ ގާނޫނަކަށް 15 ވަރަކަށް އަހަރު ވެގެން ދިޔައިރު ވެސް ފަހަކާ ޖެހެންދެން ބަދަލުތަކެއް ނާދެވެ. ނަމަވެސް ދެ އިދާރާ އިން ކުރާ މަސައްކަތުގެ ތެރެއަށް ބައެއް ކަންކަން އިތުރުކޮށް އުނިކުރަމުން ދިޔައެވެ. ކުރީގެ ރައީސް އަބްދުލާ ޔާމީންގެ ދައުރުގައި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ނަމުގައި މީޑިއާތަކަށް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނެއް އުފަންކުރުވިއެވެ. އެހެން ނަމަވެސް މައިގަނޑު ގޮތެއްގައި އޮތް މީޑިއާއާ ގުޅޭ ދެ ގާނޫނަށް ދާދި ފަހަކާ ޖެހެންދެން އެއްވެސް އިސްލާހެއް ގެނެވިފައެއް ނުވެއެވެ.
އެކި ސަރުކާރުގައި އެކި ގޮތަށް ދެކެވެމުން އައި ވާހަކަތަކަށް ނިމުމެއް އައީ މި މަހުގެ 18 ވަނަ ދުވަހު އަމަލުކުރަން ފެށީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނާ އެކުގައެވެ. އެ ގާނޫނާ އެކު އެމްއެމްސީ އާއި ބްރޯޑްކޮމް އުވި “މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން”ގެ ނަމުގައި އާ އިދާރާއެއް ވަނީ އުފަންވެފައެވެ. އެމްއެމްސީގެ މުޅި ގާނޫނު އުވިގެން ދިޔަ އިރު ބްރޯޑްކާސްޓިން ކޮމިޝަން ކޮމިޝަނާ ގުޅޭ ބައިތައް އެ ކޮމިޝަންގެ ގާނޫނުން ވެސް ވަނީ އުވި ގޮސްފައެވެ.
މި ކޮމިޝަން ބިނާވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލްކުރާ ދެ މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުންނާ އެކު ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ. ބްރޯޑްކާސްޓަރުން އަދި ރީބްރޯޑްކާސްޓަރުންގެ ލައިސެންސާ ގުޅޭ ކަންކަމުގެ އިތުރުން އެހެން މީޑިއާތަކާއި ނޫސްވެރިންގެ ދަފްތަރު ބެލެހެއްޓުން ވެސް މި އިދާރާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ. މީގެ ކުރިން ނޫސް މަޖައްސާގެ ދަފްތަރާ ގުޅޭ ބައެއް މަސައްކަތްތައް ހޯމް މިނިސްޓްރީ އަދި ފަހުން އިންފޮމޭޝަން މިނިސްޓްރީގެ ދަށުން ވެސް ކުރަމުން އައެވެ.
މި ގާނޫނާ ދެކޮޅު ނޫސްވެރިން އަދި މީޑިއާތަކުން ދެކޭ ގޮތުގައި އާ ގާނޫނުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އޮތީ ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ކޮންޓެންޓާ ގުޅޭ މައްސަލަތައް ބެލުމުގައި އޮތް ސެލްފް ރެގިއުލޭޓަރީ ސިސްޓަމް އުވިގެން ދިއުމެވެ. އެހެން ނަމަވެސް ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ދެކޭ ގޮތުގައި ކޮންޓެންޓް ބެލުމުގައި އަދިވެސް އޮތީ ސެލްފް ރެގިއުލޭޓަރީ ނިޒާމެކެވެ. އެއީ ކޮންޓެންޓާ ގުޅޭ މައްސަލަތައް ބެލުމަށް މި ގާނޫނުގެ ދަށުން ވެސް މައްސަލަ ބަލާ ވަގުޓީއެއް އުފަންކުރަންޖެހޭތީ އެވެ. އަދި އެ ކޮމިޓީ އަށް ކޮމިޝަނުން ބޭރުން ވެސް މީހުން އައްޔަންކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާތީއެވެ. އެހެން ނަމަވެސް އެއީ ކޮމިޝަނަށް ދީފައި އޮތް އިހްތިޔާރަކަށްވާތީ މިއީ ސެލްފް ރެގިއުލޭޓަރީ ނިޒާމެކޭ ބުނެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން މިހާތަނަށް ޕްރިންޓް މީޑިއާ އާއި އޮންލައިން މީޑިއާގެ ކޮންޓެންޓް ބަލައި ފިޔަވަޅު އެޅުމަށް އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު މުޅިން އުވި ދިޔައީއެވެ.
ހައްލު ލިބިދާނެތަ؟
އާ ގާނޫނެއް އުފަންކުރުމުގެ މަގުސަދުތައް ވެސް ވަނީ ދެކަފި ވެފައެވެ. ސަރުކާރުން ނުވަތަ އެ ގާނޫނަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުން މީގެ މައިގަނޑު ބޭނުކީ ނޫސްވެރިންކަން ތަރައްގީކޮށް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ދިނުމާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި މީޑިއާތައް ޒިންމާދާރުކުރުވުމެވެ.
ގާނޫނާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން (ގިނަ ނޫސްވެރިންތަކެއް) އަދި އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި މި ގާނޫނުގެ މައިގަނޑު ބޭނުމަކީ ހިޔާލުފާޅުކުރުން ހަނިކޮށް ސަރުކާރުން ބޭނުންވާ ވަކި މީޑިއާތަކަކާ މެދު ފިޔަވަޅު އެޅުމެވެ. އަދި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކަށް ވެސް އަދަބު ދިނުމެވެ. ބިލެއްގެ ގޮތުގައި ފުރަތަމަ ހުށަހެޅި އިރު ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމާއި ސޯޝަލް މީޑިއާގެ ބައިތައް ހިމެނޭ ފަދަ އިބާރާތްތައް ހުރި ނަމަވެސް މަޖިލީހުގެ ތެރެއިން އެ ބައިތައް ވަނީ ވަރަށް ބޮޑަށް އުނިކޮށްފައެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން އަދި ގާނޫނާ ދެކޮޅު ނޫސްވެރިން ދެކޭ ގޮތުގައި މި ގާނޫނުގައި އިންޓަނެޓް ފަދަ ލަފްޒުތައް އަދި ވެސް ހުރުމުން ކޮމިޝަނުން ބޭނުންވާ ހާލަތްތަކުގައި ވަކިވަކި ފަރުންނަށް ނުވަތަ ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި ޕޭޖްތަކަށް ފިޔަވަޅު އެލުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. ސުވާލަކީ ސަރުކާރުން ނުވަތަ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެ ބުނާ މައްސަލަތަކަށް މި ގާނޫނު ހައްލު ލިބިދާނެ ހެއްޔެވެ؟
މި ގާނޫނާ ދެކޮޅު މީޑިއާތަކާއި ނޫސްވެރިން ފާޅުގައި ބުނަމުން ދަނީ މި ގާނޫނަށް ބޯނުލަބާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ވިދާޅުވާ ގޮތަށް މިއީ އިހްތިޔާރެއް ނޫނެވެ. ގާނޫނެއް ހެދުމުން އެ ކަމަށް ބޯލެނބުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.
“އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑަށް ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،” ޑރ. މުއިއްޒު ވިދާޅުވިއެވެ.
ވަރުގަދަ އިންޒާރެއް ރައީސް ދެއްވި ނަމަވެސް މިހާރު ވެސް ހުރި ބައެއް ގާނޫނުތަކަކީ ނަމަކަށް ހުރި ގާނޫނުތަކެވެ. އެ ގޮތުން ދުންފަތާ ގުޅުން ހުރި ގާނޫނުތަކާއި މަގުމަތީގެ އަހްލާގާއި އަދަބުތަކާ ގުޅޭ ގާނޫނުތަކާއި މިހެން ގޮސް ތަންފީޒުނުކުރެވޭ އެތައް ގާނޫނެއް މިހާރު ވެސް އެބަ ހުއްޓެވެ. އެފަދަ އެއް ކަމަކީ ގާނޫނަކުން މަނާކުރި ވޭޕް އެވެ. މަނާކޮށްފައި އޮތް ނަމަވެސް އެ ތަކެތި އެތެރެކޮށް ވިއްކައި އަދި އާންމު ތަންތަނުގައި ބޭނުންކުރުމަށް ކުޑަ ވެސް މަޑުޖެހުމެއް އައިތަނެއް ނުފެނެއެވެ. ގޮންޖަހާފައި އެ ގާނޫނަށް ތަބާނުވާ އެތައް ބަޔަކު އެބަ އުޅެއެވެ. ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެއްގަމު އުަޅަނދުފަހަރާ ގުޅުން ހުރި ގާނޫނާއި ގަވާއިދުތަކުން ވެސް ފެންނަނީ ހަމަ މި ކަމެވެ. ބައެއް ދަނޑިވަޅުތަކުގައި ބައެއް މީހުންނާއި ތަންތަނަށް އަދަބު ދެވުނަސް ޖުމްލަ ގޮތެއްގައި އެ ގާނޫނުތައް ސިފަކުރެވެނީ ބޯނުލަބާ ގާނޫނުތަކެއްގެ ގޮތުގައެވެ.
މީޑިއާގެ އާ ގާނޫނަށް ވެސް އޮތީ މިފަދަ ދަތުރެއް ކަމަށް ބައެއް މީހުން ސިފަކުރެއެވެ. ސެލެކްޓިވް ޖަސްޓިސް ނުވަތަ ބޭނުންވާ ހިނދެއްގައި ބޭނުންވާ ބަޔަކަށް މި ގާނޫނުގެ ތެރެއިން އަދަބު ދިނުމުގެ ފުރުސަތު ބޮޑެވެ. މިހާތަނަށް ފެންނަންހުރި ކަންކަމަށް ބަލާއިރު މިއީ ވަރަށް ގާތް ގޮތެކެވެ. ތަބާނުވާ މީހުންގެ ތެރެއިން ވެސް އަދަބު ލިބޭނީ ވަކި ބަޔަކަށެވެ. އަނެއް ބަޔަކަށް އެ ގާނޫނުގެ ހިމާޔަތް ވެސް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
ސަރުކާރުން އެ ބުނާ މައްސަލަތައް ހައްލު މި ގާނޫނުން ލިބުމުގެ ފުރުސަތު ކުޑަވަނީ މި ފާހަގަކުރި ސަބަބާ ހުރެއެވެ. ސިޔާސީ ބޭނުމަކަށް ގާނޫނު ބޭނުންކުރާ ހިސާބުން އެ ގާނޫނެއްގެ ހަގީގީ ބާރުވެރިކަން ކެނޑި ދިޔައީއެވެ. މީޑިއާތަކަށް ފިޔަވަޅު އެޅުމަކުން ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަކަށް ވެސް ނާދެއެވެ. އަދި ސޯޝަލް މީޑިއާގައި ތަޅު އެޅުވުމަކީ ވެސް ކުރެވެން އޮތް އަދި ސަރުކާރުން ބުނާ ފަދައިން ކުރާނެ ކަމަކަށް ނުވާތީ މި ގާނޫނު ވުޖޫދުކުރުމަށް ދައްކާ އުޒުރުތަކަށް ހަގީގީ ހައްލެއް ލިބޭ މަންޒަރެއް ނުފެނެއެވެ. އޭގެ ބަދަލުގައި މި ގާނޫނަށް ބޯނުލެނބުމަށް ބާރު އެޅުމާއި މަދަނީ ބަސްނޭހުންތަކުގެ ތެރެއިން ކަންކަން އިތުރަށް ގޯސްވުމުގެ ފުރުސަތު ވެސް ވަކި ކުޑައެއް ނޫނެވެ.





