އެއްވެ އުޅުމުގެ ވާހަކަ ކުރީ ސަރުކާރަށް ދެއްކެން އެބަ އޮތްތަ؟

9 އޮކްޓޯބަރ 2025 - 20:58

އަސާސީ ހައްގުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރުމުގެ ޝަރަފް އަބަދު ވެސް އޮންނަނީ އެމްޑީޕީއަށެވެ. އެކަމުގައި ދެބަސްވުމެއް ނެތެވެ. ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދުމުގައި އެމްޑީޕީގެ އެތައް ބައެއްގެ ގުރުބާނީ ފާހަގަކުރަން ޖެހެއެވެ. އެހެން ނަމަވެސް އެކަމުގައި ފަހތަށް ވިޔަވަޅުތަކެއް އެޅުމުގެ ތުހުމަތު ވެސް އެމްޑީޕީ އަށް އެބަ އޮތެވެ. އޭގެ އެއް ހެއްކަކީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިވެފައި އޮތް އޮތުމެވެ.

ބުރަ މަސައްކަތުން ހޯދި އަސާސީ ހައްގުތައް ހިފެހެއްޓުން!

advertisement
advertisement
advertisement

އާ ގާނޫނު އަސާސީގެ ދަށުން އެމްޑީޕީން ހޯދި އެއްވެ އުޅުމުގެ މިނިވަންކަން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިކުރައްވާފައެވެ. މި ފަހަކަށް އައިސް ރާއްޖެ އެންމެ ހަލަބޮލިވި އަދި ހައްގުތައް އެންމެ ބޮޑަށް ނިގުޅައިގަތް ސަރުކާރަކީ އެއީ އެވެ. ހާއްސަކޮށް އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހިފެހެއްޓިއެވެ. ގާނޫނު ފާސްކޮށްގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓިއެވެ. އެކި ފަހަރު މަތިން ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއުތައް ހިންގަންޖެހުނެވެ. އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުގެ ތެރެއިން ހަނިކުރިއެވެ. 

ގާނޫނު އަސާސީގައި ފުޅާކޮށް އޮތް އެއްވެ އުޅުމުގެ މިނިވަންކަން “ކޮށިގަނޑެއްގެ ތެރެއަށް” ލައި ބަންދުކުރިއެވެ. ފުލުހުން ހުއްދަ ދޭ ތަންތަނުގައި ނޫނީ އެއް ނުވެވޭ ގޮތަށް ހެދިއެވެ. އަދި ހުއްދަ ނެތި އެއްވެވޭނެ ތަންތަން ކަނޑައެޅިއެވެ. އެ ހަނިކުރުންތަކާ އެކު ވެސް އެތައް ބައެއްގެ މަސައްކަތުން އެ ސަރުކާރު ބަދަލުކުރިއެވެ. އޭރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީގެ ވެރިން ވިދާޅުވަމުން ގެންދެވީ އެ ބޭފުޅުންގެ ވެރިކަމެއްގައި އެ ބަންދުކުރުންތައް ހުޅުވާލާނެ ކަމަށެވެ. ގާނޫނުތައް އުވާލައި ހަގީގީ މިނިވަންކަން ދޭނެ ކަމަށެވެ. 

ވެރިކަމުގައި ބަދަލެއް ނުކުރި

އެމްޑީޕީ އަލުން ވެރިކަމަށް އައުމާ އެކު ގިނަ ބަޔަކު ތިބީ އުންމީދުގައެވެ. އުންމީދުކުރި ބައެއް ކަންކަން ހާސިލް ވެސް ވިއެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ރައީސް ޔާމިންގެ ވެރިކަމުގައި ތަންފީޒުކޮށް އެތައް މީޑިއާތަކެއް މިލިއަނުން ޖޫރިމަނާކުރި ގާނޫނު އުވާލިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަން ފެއްޓެވީ ވެސް އުންމީދީ ގޮތެއްގައެވެ. މި ބަދަލާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަލުން އަނބުރާ އިޔާދަވިއެވެ. 

ގައުމު ހަމަޖެހުމުގ ނޭވާއެއް ލިޔެއެވެ. ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތަކާ ހަމައަށް އިދިކޮޅުން ވެސް ދައްކާނެ މާ ބޮޑު ވާހަކަތަކެއް ނެތެވެ. އެހެންކަމުން މުޒާހަރާތަކާއި އެއްވުންތައް ވެސް މަދެވެ. އެހެން ނަމަވެސް އިދިކޮޅުގައި އޭރު ތިބި ފަރާތްތަކުން ގޮވަމުން ދިޔައީ އެއްވެ އުޅުމުގެ މިނިވަންކަން ނެތް ކަމަށެވެ. އެ މީހުން ހެއްކެއްގެ ގޮތުގައި ދައްކަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނައި ބަދަލު އާ ސަރުކާރުން އުވާނުލައި އޮތް އޮތުމެވެ. އެ ގާނޫނު އޮތް ނަމަވެސް އޭރު ބޭއްވި އެއްވުންތަކަށް ސަރުކާރުން މާ ބޮޑު ހުރަސްތަކެއް ކުރިމައްޗެއް ނުކުރެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މަދު ބަޔަކާ އެކު ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތަކާއި އެއްވުންތައް ކުރިއަށް ގެންދިޔައެވެ. 

މަދު އެއްވުމެއްގައި ނޫނީ ހަމަނުޖެހުމެއް ނުހިނގައެވެ. އެހެން ނަމަވެސް އޭރު ވެސް ފުލުހުން ނެރޭ ބަޔާނެއް އޮވެއެވެ. ކުރިން އެންގުމަކާ ނުލައި އެއްވެ އުޅެވޭނެ ތަންތަން ކަނޑައަޅާފައި އޮތްކަން ދިޔައީ ހަނދާން ކޮށްދެމުންނެވެ.

ގާނޫނު އުވާލަން ހުށަހެޅި، ދިނީ ބީރު ކަންފަތެއް!

އެމްޑީޕީން އިދިކޮޅުގައި އޮތް އިރު އެ ގާނޫނަކީ ގޯސް ގާނޫނަކަށް ވިޔަސް ވެރިކަމަށް އައުމުން އެ ގާނޫނު ވީ ކުރިން ސަރުކާރުގައި ތިބި ފަރާތްތަކަށް ޖެއްސުން ކުރުމަށް ލިބުނު ހަތިޔާރަކަށެވެ. އެ ގާނޫނު އުވާލުމަށް ތަފާތު އެކި ފަރާތްތަކުން ގޮވާލަމުން ގެންދިޔައެވެ. އަދި ރައީސް ސޯލިހުގެ ވައުދުފުޅު ހަނދަާންކޮށްދެމުން ވެސް ގެންދިޔައެވެ. އެހެން ނަމަވެސް އެކަމަށް ރައީސް ސޯލިހް ވެސް އަދި ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވެސް ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ. 

ސަރުކާރަށް ތާއީދުކުރައްވާ އަދި ފަހުން އެމްޑީޕީގެ ވެސް މެންބަރެއްގެ ގޮތުގައި ހުންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ މައްސަލަ މަޖިލީހަށް ވެސް ހުށަހެޅުއްވިއެވެ. އަސާސީ ހައްގުތަކަށް ވަކާލާތުކުރުމުގެ ޗެމްޕިއަންގެ ގޮތުގައި މަޝްހޫރުކަން ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭރު އިންނެވީ އެ މަޖިލީހުގެ ރައީސްގެ ގޮތުގައެވެ. ދެ ފަޅިވެފައި އޮތް ނަމަވެސް މަޖިލީހުގެ ކޮންޓްރޯލް އޮތީ ސަރުކާރަށެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވެ އަދި 19 ވަނަ މަޖިލީހުގެ ދައުރު ހަމަވެގެން ދިޔަ އިރު އެ ބިލު އޮތީ ގޮތެއް ނުނިންމައެވެ. ރައީސް ޔާމީންގެ ތާއީދާ އެކު ޕީއެންސީގެ ސަރުކާރެއް އަލުން ވެރިކަމަށް އައި ނަމަވެސް މިއަދު ވެސް އެއްވެ އުޅުމުގެ ހައްގު އޮތީ ހަނިކުރެވިފައެވެ. 

އެމްޑީޕީން އަނެއްކާ ވެސް އެ ވާހަކަ!

އެމްޑީޕީން އެންމެ ފަހުން ބޭއްވި ބޮޑު އެއްވުމާ ދިމާކޮށް ފުލުހުން ބަޔާނެއް ނެރުނެވެ. އާންމު ގޮތެއްގައި ވެސް ނެރޭ ބަޔާނެކެވެ. މިހާރުގެ އިދިކޮޅު ފަރާތްތަކުން އަދި އެ އެއްވުމުގެ އެންމެ ކުރީ ސަފުގައި ހުންނެވި ކުރީގެ ރައީސް ސޯލިހް ވިދާޅުވަމުން ގެންދެވީ ފުލުހުންގެ އެ ބަޔާނުގައި ހުރި ކަންކަމާ ދެކޮޅު ވާހަކަތަކެވެ. އެއްވެ އުޅުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ބަޔާނުގައި ވެސް އޮތީ ގާނޫނީ ހުއްޖަތްތަކެއް ދައްކާފައެވެ. އޭގައި އޮތް މުހިންމު އެއް ވާހަކައަކީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ތަންތަން ކަނޑައަޅާފައިވާ ވާހަކައެވެ. 

ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ވާހަކަ އެމްޑީޕީ އާއި ކުރީގެ ރައީސް ސޯލިހް ދައްކަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ރައްދުވިއެވެ. އެއީ އެ މާއްދާ ހަނިކުރުމަށް ކުރީގެ ރައީސް ޔާމީން ގެންނެވި ބަދަލުތައް ބާތިލްކުރުމުުގެ ބާރު އެމްޑީޕީގެ ސަރުކާރަށް ލިބި އެކަން ނުކޮށްފައި ތިމާމެންނާ ޖެހުމުން އަނެއްކާ ވެސް އެއީ ބާތިލު އެއްޗެކޭ ބުނާތީއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްޑީޕީ އަށް ވެސް އަދި ރައީސް ސޯލިހަށް ވެސް މިއަދު އެ ވާހަކަ ދެއްކުމުގެ ހައްގެއް ނެތެވެ. 

ދެން ވެސް ވާނީ އެހެން!

އެމްޑީޕީން އިދިކޮޅުގައި އޮތް އިރު ދެއްކި ބައެއް ވާހަކަތައް ވެރިކަމަށް އައުމުން ހަނދާން ނެތުނެވެ. ހާއްސަކޮށް ކުރިން ގޯސްވި ކަންކަން ފަހުން ރަނގަޅުވި ތަން ވެސް ފެނުނެވެ. މި ސަރުކާރުގައި ވެސް އެކަން ހިނގަނީ އެ މަގުންނެވެ. ވެރިކަމަށް އައުމުގެ ކުރިން ދެއްކި ބައެއް ވާހަކަތަައް މިހާރު ހަނދާނެއް ނެތެވެ. ނުވަތަ އެއީ މިހާރު ގޯސް ކަންކަމަށްވެ ނިމިއްޖެއެވެ. 

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރި ކަމަށް ގިނަ ނޫސްވެރިން ތުހުމަތުކުރާ ގާނޫނަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ވެސް އެޅިފައިވާ ހުރަހެކެވެ. އަދި ސޯޝަލް މީޑިއާ ކޮންޓްރޯލްކުރުމަކީ ވެސް މި ގާނޫނު މަގުސަދެއް ކަމަށް ބުނާ ފަރާތްތައް ވެސް ގިނައެވެ. މިއީ ކަނޑައެޅިގެން ގޯސް ގާނޫނެއް ކަމަށް ބުނެ އެމްޑީޕީން ވެސް ގެންދަނީ އަޑު އުފުލަމުންނެވެ. އަދި ދެން އަލުން ވެރިކަމަށް އަތުވެއްޖެ ނަމަ އެ ގާނޫނު އުވާލާނެ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް މިއީ ނާދިރު ކަމެއްގެ ގޮތުގައި ދެކޭ މީހުން ވެސް އެބަ ތިއްބެވެ. މައިގަނޑު ސަބަބަކީ އެމްޑީޕީގެ އޭގެ މައްޗަށް ބިނާވާ އެއް އަސްލު ކަމަށްވާ އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް ގެނައި ބަދަލު އުވާ ނުލައި ބޭއްވުމެވެ. މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އެއް އިދާރާއެއް އުފައްދައި މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް އުފެއްދި އާ ގާނޫނާ މެދު ވެސް ވެރިކަން ލިބިއްޖެ ނަމަ އެމްޑީޕީން އަމަލުކުރާނީ ކުރިން ވެސް އަމަލުކުރި ގޮތަށް ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތެވެ. ސަބަބަކީ އުވާލާފައިވާ އިދާރާތަކެއް އަލުން އުފެއްދުމާއި އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އެހެންކަމުން އެ ގާނޫނު ވެސް އުވާލުމުގެ ބަދަލުގައި ކުދި ބަދަލުތަކާ އެކު ދަމަހައްޓާނެ ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ރިއެކްޝަންސް
0
0
0
0
1
0
0