ފުލުހުންގެ އަތުން “ލީކްވުން”: ނުރައްކާތެރި ކަމެއް!
14 އޮކްޓޯބަރ 2025 - 12:26
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެއް މީގެ ކުރިން ފެންމަތިވިއެވެ. އަދި އެކި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެއްޗަށް ވާގޮތާ މެދު ވެސް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. މައްސަލަތައް ތަހުގީގުކުރަން ތިބޭ ފަރާތްތަކުގެ ބެލުމުގެ ދާށުގައި ހުންނަ އެއްޗެހި ގެއްލުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމެކެވެ. މިއީ ނޭނގި ނުވަތަ އޮޅުމެއްގެ ތެރެއިން ހިނގާ ކަންކަމެއް ނޫނެވެ. މިއީ ބަޔަކު ގަސްތުގައި ކުރާ ކަންކަމެވެ.
މި ފަހުން އަޑު އިވިގެން ދިޔައީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި ފޯނުތަކެއްގައި ރައްކާކޮށްފައި ހުރި ފޮޓޯ އަދި ވީޑިއޯ ލީކްވި ވާހަކައެވެ. އިދިކޮޅު ދެ އެކްޓިވިސްޓެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ފޯނުތަކުގައި ހުރި ފޮޓޯ އަދި ވީޑިއޯ އިންޓަނެޓްގައި ދައުރުވާން ފެށުމާ އެކު އެ ފޯނުގެ ވެރިން އެ ވާހަކަ މީޑިއާގެ ސަމާލުކަމަށް ގެނައެވެ. އިއްތިފާގަކުން ވިޔަސް އެ ދެ ފަރާތަކީ މި ވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދެ ފަރާތެވެ.
ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް!
މި ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ޒުވާނެއް ކަމަށްވާ އައިޝަތު ޝިމަން، 20، ގެ ފޯނު ފުލުހުން ހިފެހެއްޓީ އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައާ ގުޅިގެން ސިމަންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެ އޭނާގެ ފޯނުގައި ރައްކާކޮށްފައިވާ ފޮޓޯއެއް ގޮތް ނޭނގޭ އެކައުންޓަކުން އިންޓަނެޓްގައި ލީކް ކޮށްލިއެވެ. މީޑިއާއަކަށް ޝިމަން ދިން އިންޓަވިއުގައި ބުނެފައި ވަނީ އެ ފޮޓޯއަކީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައި އަމިއްލަ އަށް ނަގާފައިވާ ފޮޓޯއެއް ކަމަށާއި އެ ފޮޓޯ އެ ފޯނު ނޫން އެހެން އެއްވެސް ތަނެއްގައި ރައްކާކޮށްފައި ނޯންނެ ކަމަށެވެ. އެހެންކަމުން އެއީ ފުލުހުން ކުރި ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއެވެ.
މި ވާހަކަ މި ގޮތަށް ފެންމަތިވެފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ހަމަ މި ގޮތަށް ފުލުހުން ފޯނު އަތުލި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނުގައި ރައްކާކޮށްފައި އޮތް ވީޑިއޯ ވެސް ލީކްކޮށްލި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. ޒަޔާގެ ޒާތީ ވީޑިއޯ ވެސް ލީކުކޮށްލި ކަމަށް ބުނެފައި ވަނީ ޝިމަންގެ ފޮޓޯ ވެސް ލީކް ކޮށްލި ގޮތަށް “ވަގު” އެކައުންޓަކުންނެވެ. އޭގެ ފަހުން ފުލުހުން ވަނީ ޒަޔާގެ ފޯނު އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ. އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ތުމަތަކީ ފުލުހުންނަށް އިންޒާރު ދިނުމެވެ.
މި ދެ ޒުވާނުންގެ ފޮޓޯ އާއި ވީޑިއޯ ލީކް ކޮށްލި އެކައުންޓްތަކަކީ ވެސް ސީދާ އެކަމަށް އަމާޒުކޮށްގެން އަލަށް ހަދާފައިވާ އެކައުންޓްތަކެއް ކަން ފާހަގަކޮށްލެވެއެވެ. އަދި ގިނަ ބަޔަކު ރިޕޯޓްކުރުމާ ގުޅުގެން މާ ގިނަ ވަގުތެއް ނުވެ އެ އެކައުންޓްތައް ރިމޫވްކޮށްފައި ވެއެވެ.
ޝިމަންއެކޭ އެއްގޮތަށް ޒަޔާ ވެސް ތުހުމަތުކުރާ ގޮތުގައި އެކަން ކުރީ ފުލުހުންގެ ތެރެއިންނެވެ. އަދި އޭގެ ބޭނުމަކީ އެ ޒުވާނުންގެ އަޑު ކަނޑުވާލައި “ބްލެކްމެއިލް” ކުރުމެވެ. އެ ކަމަށް ބޭރު ދޭ ކަންކަން ގޮތުގައި އެ ޒުވާނުން ފާހަގަކުރަނީ އޭގެ ކުރިން އެފަދަ އިންޒާރުތައް ވެސް ލިބިފައި ވުމެވެ.

ފުލުހުން ތުހުމަތުތައް ދޮގުކުރޭ
ޝިމަންގެ ފޯނު ހިފެހެއްޓިތާ 24 ގަޑިއިރު ވެސް ނުވަނީސް އޭނާގެ ޒާތީ ފޮޓޯއެއް އިންޓަނެޓްގައި ލީކްވި މައްސަލާގައި ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މީގެ ކުރިން ވެސް މިފަދަ އަޑުތައް އަރާފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް މި ފަހަރުގެ ތަފާތަކީ މިކަން ސިޔާސީ ކަމަކާ ގުޅިފައި ވުމެވެ. މީގެ ކުރިން ވެސް ތަފާތު އެކި ތުހުމަތުތަކުގައި ފުލުހުން ހިފަހައްޓާ ފޯނުތަކުން ޑާޓާތައް ލީކްކޮށްގެން ނުވަތަ ލީކްކުރާނެ ކަމުގެ އިންޒާރުދީ ބްލެކް މެއިލްކޮށްފައި ހުރިކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރިފައި ވެއެވެ. ނަމަވެސް ސިޔާސީ ކަމަކަށް ނުވާތީ ގިނަ ބައެއް ސަމާލުކަން އެކަން ކަމަށް ނުލިބެނީއެވެ. އަދި އެއީ އާދައިގެ ބަޔަކަށް ދިމާވި ކަމަކަށް ވާތީ އެކަންކަން މާ ބޮޑު ކަމަަށް ނުވަނީއެވެ.
ސިޔާސީ ކަމަކާ ގުޅިގެން ފުލުހުންނަށް މިފަހަރު ތުހުމަތުގެ އިނގި ދިއްކުރެވުމާ އެކު އެކަމަށް ފުލުހުން ރިކެޓްކުރި މިންވަރު ވެސް އަވަހެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެ އެކަން ދޮގުކޮށްފައެވެ. ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކާއި ޑިޖިޓަލް ވަސީލަތްތައް “ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލްތަކެއް” ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން ލީކުވުމުގެ ފުރުސަތެއް ނޯންނާނެ” ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ސިމަންގެ ފޯނު މިހާރު ދޫކޮށްލާފައިވާ އިރު އޭނާގެ ގާނޫނީ ޓީމާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ވަގުތުގެ ތެރޭގައި ގޫގުލް ފޮޓޯސް އެޕް ބެލުމުގައި 36 މިނިޓް އަދި އައިފޯނު ފޮޓޯސް އެޕް ތިން މިނިޓް ހޭދަކޮށްފައިވާ ކަމަށް ޑާޓާތަކުން ދައްކާ ކަމަށެވެ. އެއީ ބުރާސްފަތި ދުވަހު ކަމަށްވާ އިރު ސިމަންގެ ފޯނު އަތުލާފައި ވަނީ ބުދަ ދުވަހުގެ ރެ އެވެ. އެހެންކަމުން ސިމަންގެ ފޮޓޯ ލީކްވީ ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު އޮތް ކަމަށް ކުރުވޭ ތުހުމަތުތަކަށް ބާރު ލިބެއެވެ.
ޗެއިން އޮފް ކަސްޓަޑީ ގެއްލޭ އެތައް މައްސަލައެއް!
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލްތަކެއް ގާއިމުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ކޮންމެ ފަހަރަކު އެ އުސޫލާ އެއްގޮތަށް ކަންކަން ނުދާކަން ކޯޓުތަކުގައި ސާބިތުނުވެ ދާ އެތައް މައްސަލައަކުން ފެންނަން އެބަ ހުއްޓެވެ. ހެކި ގެންގުޅުމުގައި ޗެއިން އޮފް ކަސްޓަޑީ ނުވަތަ ފުލުހުން އެ ހަވާލާދޭ މިންގަނޑުތަކާ ހިލާފު ވެގެން ބައެއް ބޮޑެތި މައްސަލަތައް ކޯޓުތަކުގައި ސާބިތު ނުވެ ނިމިގެންދާ ފަހަރުތައް ވެސް މަދެއް ނޫނެވެ. މިއީ ހަމައެކަނި ކުދިކުދި މައްސަލައެއް ނޫނެވެ. ބޮޑެތި މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގް މާރާމާރީ ފަދަ ބޮޑެތި މައްސަލަތަކުގައި ވެސް މިކަން މި ގޮތަށް ހިނގާފައި އެބަ ހުއްޓެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުނު ކަމަށް ފުލުހުން ހާމަކުރީ ވެސް ފުލުހުން އެ ފާހަގަކުރި ބައިނަލްއަގުވާމީ އުސޫލްތައް ހަމަ އެ ގޮތުގައި ލިޔެވިފައި ވަނިކޮށެވެ. އެހެންކަމުން އެ ބުނާ އުސޫލްތައް އެ ގޮތުގައި ހުއްޓާ ވެސް ކަންކަން ހިނގާކަން އެބަ އެނގެއެވެ.
ނުރައްކާތެރި ކަމެއް!
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އެއްޗެހި ގެއްލުމާއި ފޯނު ފަދަ ޑިޖިޓަލް އާލާތްތަކުން ޑާޓާ ލީކްވުމަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާ ކަމެކެވެ. އެތައް ބައެއްގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހިގެން ހިނގައިދާނެ ކަމެކެވެ. ފޯނަކީ ވަރަށް ޒާތީ މައުލޫމާތުތައް ހިމެނޭ އެއްޗެކެވެ. އޭގައި އެ މީހެއްގެ ޒާތީ އެތައް ފޮޓޯއެއް އަދި އެތައް ވީޑިއޯއެއް ރައްކާކޮށްފައި ހުންނާނެއެވެ. ބޭންކް އެކައުންޓްތަކުގެ ތަފްސީލާއި އެކި ފަރާތްތަކާ އެކު ދައްކާފައި ހުރި ޒާތީ އެތައް ވާހަކައެއް ރައްކާކޮށްފައި ހުންނާނެއެވެ. ފުލުހުން ބަލާ މައްސަލަތަކާ ގުޅިގެން އެކަމާ ގުޅުން ހުރި މައުލޫމާތު ފިޔަވައި އެހެން މައުލޫމާތެއް ބެލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އަދި ފުލުހުންނަށް ވިޔަސް އެއީ ބެލޭނެ މައުލޫމާތެއް ނޫނެވެ.
ޝިމަންއާ މެދު ކުރެވުނު ތުހުމަތަކީ އޭނާ އާންމު ޕްލެޓް ފޯމެއްގައި ކުރި ޕޯސްޓަކާ ގުޅޭ މައްސަލައެވެ. ހަގީގަތަށް ބަލާ ނަމަ ފޯނު ހިފަހައްޓައިގެން އިތުރަށް ކުރަންޖެހޭ ތަހުގީގެއް ވެސް އޮތް ކަމެއް ނޫނެވެ. އާންމު ޕްލެޓް ފޯމެއްގައި ދެއްކި ވާހަކައަކާ ގުޅޭ ތުހުމަތެއްގައި ޒާތީ މައުލޫމާތު ހިމެނޭ ވަސީލަތެއް ހޯދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި އެތައް ފުލުހުންނެއް ފޮނުވައިގެން ބަލައި ފާސްކޮށްގެން ގަދަކަމުން ފޯނު އަތުލާވަރުގެ ކަމެއް ހެއްޔެވެ؟ އަދި އާންމު ޕްލެޓްފޯމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ފޯނުގެ ފޮޓޯތައް ބަލަންޖެހެނީ ކީއްވެ ހެއްޔެވެ؟
ޒަޔާއާ މެދު ވެސް ކުރާ ތުހުމަތު ބިނާވެފައި އޮތީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެންނެވެ. އެ ކޮމެންޓް އެ އޮތީ އާންމުކޮށް ފެންނަންށެވެ. އެހެންކަމުން ފޯނު އަތުލައިގެން އިތުރަށް ކުރާނެ ތަހުގީގެއް އެބަ އޮތް ހެއްޔެވެ؟ އަދި ހާއްސަކޮށް އެކަމާ ގުޅުން ނެތް ޑާޓާތައް ބެލުުގެ އިހްތިސާސެއް ފުލުހުންނަށް ލިބިގެން ވޭ ހެއްޔެވެ؟ އަދި ފުލުހުން އެކަމަށް އެދުމުން ކޯޓުން ވެސް އެހާ ފަސޭހައިން އެކަމަށް އެ އަމަރު ދޭންޖެހޭ ހެއްޔެވެ؟





