ހިލޭ ދޭ ގޯއްޗަށް ނުހިނގާ އުސޫލެއް ގަންނަ ފުލެޓަށް ހިނގައިގެން ނުވާނެ!

18 އޮކްޓޯބަރ 2025 - 15:48

މިއީ އަލަށް ވެގެން އުޅޭ ކަމެއް ނޫނެވެ. އަދި އާ ބަހުސެއް ވެސް ނޫނެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޯހިޔާވަހިކަމަށް ދޫކުރި ފްލެޓްތައް ވެސް ހުރީ މި ހާލަތުގައެވެ. އެކި ފަރާތްތަކަށް ކުއްޔަށް ދީފައެވެ. އޭރު ވެސް މި ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް އުސޫލްތަކާއި ގަވާއިދުތައް ހެދި ނަމަވެސް ބާގަނޑުތަކުގެ ތެރެއިން މިކަން އައީ ތަކުރާރުވަމުންނެވެ. މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ބޯހިޔާވަހިކަމަށް ދޫކުރި ގިނަ ފްލެޓްތަކެއް ހުރީ ކުއްޔަށް ދީފައެވެ. ސުވާލަކީ މި ކަމަށް ހައްލެއް ގެނެވިދާނެ ހެއްޔެވެ؟

އާ މަސައްކަތްތަކެއް!

advertisement
advertisement
advertisement

ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދޭ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އެބަ ވާހަކަ ދައްކައެވެ. އަދި އެކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް މަސައްކަތް އެބަ ކުރެއެވެ. އެ ގޮތުން އެމްޑީޕީގެ ސަރުކާރުން ފެށި 4،000 ފްލެޓް ދޫކުރުމަށް މި ސަރުކާރުން ގެންގުޅޭ އުސޫލްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން ފްލެޓް ކުއްޔަށް ނުދެވޭ ގޮތަށާއި މަހުން މަހަށް ފައިސާ ނުދައްކާ ނަމަ ޖޫރިމަނާކުރުން ފަދަ ކަންކަން އެއްބަސްވުމުގައި ހިމަނާފައި ވެއެވެ. 

މީގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބަލަހައްޓާ ކުންފުނިތައް މެދުވެރިކޮށް ވެސް މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެ ގޮތުން ހުޅުމާލޭގެ ގިނަ ފްލެޓްތަކެއް ބަލަހައްޓަމުން އަންނަ އެޗްޑީސީން ވަނީ ކުއްޔަށް ދީފައިވާ ފްލެޓްތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެކަން އިއުލާނުކޮށްފައެވެ. އަލަށް ދޫކުރަމުން އަންނަ 4،000 ފްލެޓް ބަލަހައްޓަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވެސް ވަނީ އިންޒާރުތަކެއް ދީފައެވެ. އެ ކުންފުނިން ބުނީ ތިން ވަނަ ފަރާތަކަށް ފްލެޓް ކުއްޔަށް ދޭ ނަމަ ފްލެޓް އަތުލާނެ ކަމަށެވެ. އެ ކުންފުނިން އެކަން އިއުލާނުކުރީ ފްލެޓްތައް ހަވާލުކޮށް ނުނިމި އުޅެނީސް ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފްލެޓްތައް ކުއްޔަށް ދޭން ޖެހުމާ ގުޅިގެންނެވެ.

ގާނޫނަށް ބަދަލުތަކެއް!

ހައުސިން ސްކީމްތަކުގެ ދަށުން ރައްޔިތުންނަށް ދޭ ފްލެޓްތައް ކުއްޔަށް ދޫކުރާ ނަމަ، ގާނޫނުގައި ހިމަނައިގެން ވެސް އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ފްލެޓް އަޅަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި އެތަނުގެ ކުލި ވެސް އޮންނަނީ ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްފައި ކަމަށެވެ. އެކަމަކު ‘މުޒާހަރާކޮށް، ރޮއެ އާދޭސްކޮށް، ސިޔާސީ ގޮތުން ޕްރެޝަރުކޮށް، ވަރަށް ހާލުގައި އުޅޭ ކަމަށް’ ބުނެ ހޯދާ ފްލެޓްތައް ވެސް، އެތަން ލިބޭ މީހުން ދެނީ ކުއްޔަށް ކަމަށް ވިދާޅުވި އެވެ. 

“އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުގައި ހިޔާފްލެޓްގައި އެބަ ހިންގާ ލޭބާ ކުއާޓާސްތައް ވެސް. މިއީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ދޭން ހުރި ތަންތަނޭ. 20-25 ހާސް ރުފިޔާއަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫނޭ މިއީކީ،” މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ކުއްޔަށް ދީފައި ހުންނަ ފްލެޓްތައް ދެނެގަތުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް ގާނޫނުތަކަށް ބަދަލު ގެނެސްގެން ވިޔަސް އެކަން ހުއްޓުވާނެ ކަމަށެވެ. ގާނޫނުތަކަށް ގެންނަވާނެ ބަދަލުތަކެއް މުއްތަލިބު ވިދާޅެއް ނުވެއެވެ.

ދޯދިޔާ އުސޫލްތައް!

ބައެއް މީހުން ދެކޭ ގޮތުގައި ފްލެޓްތައް ކުއްޔަށް ދިނަސް އެއީ މައްސަލައެއް ނޫނެވެ. ސަރުކާރުގެ ޒިންމާއަކީ ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ. އެ ހިސާބުން ސަރުކާރު ޒިންމާ ނިމުނީއެވެ. އިންތިޒާމުތައް ހަމަޖައްސަންޖެހެނީ އެކަކަށް ސަރުކާރުގެ އެހެން މަޝްރޫއަކުން ބޯހިޔާވަހިކަން ނުލިބޭނެ ގޮތަކަށް ކަންކަން ރޭވުމަށެވެ. ނަމަވެސް ކަން ހިނގަނީ މި އުސޫލަކުން ނޫނެވެ. މީގެ ކުރިން ހިލޭ ބިންތައް ދީފައި ހުރި މީހުންގެ އަނބިންނަށް ނުވަތަ ފިރިންނަށް ފްލެޓް ދިނުމަށް ވެސް މި ސަރުކާރުން ވަނީ އުސޫލްތަކަށް ބަދަލު ގެނެސްފައެވެ. ސަރުކާރުން އެ ކަމަށް ދައްކާ ބަހަނާއަކީ ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ދުވަސްތަކެއް ނެގުމާއި އަދި ކުރީ ސަރުކާރުން ދޫކޮށްފައި ހުރި ބައެއް ބިންތަކަކީ އަދި ނުހިއްކާ ބިންތަކަކަށް ވުމެވެ. 

އެހެން ނަމަވެސް މިއީ ގަބޫލުކުރެވޭނެ އުޒުރެއް ނޫނެވެ. ބަޔަކަށް ހިލޭ އަގު ބޮޑު ބިންތަކެއް ދީފައި އަނެއްކާ ވެސް ފްލެޓް ދޭ ނަމަ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ އުސޫލު ހަމައެއް ނުޖެހެއެވެ. މީގެ އިތުރުން އެއް ސްކީމަކުން ދެމަފިރިންނަށް ފްލެޓް ލިބޭ ގޮތަށް އޮތުމަކީ ވެސް ހަމަޖެހޭ އުސޫލެއް ނޫނެވެ. މި ފަހަރު 4،000 ފްލެޓް ދޫކުރުމުގެ ތެރޭގައި މި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. މިހާރުގެ ސަރުކާރުން ބުނަނީ ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މީގެ ކުރިން ސަރުކާރުން ހިންގި ސްކީމްތަކުން ފްލެޓްތައް ލިބުނު ފަރާތްތައް ވެސް ފްލެޓް ލިސްޓްގައި ހިމަނާފައި ވާ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެކަން ކުރަން ތިއްބެވި ވެރިން އެކަން ދޮގުކުރައްވައެވެ. 

ކުރީގެ ސަރުކާރުގައި ފްލެޓްގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މި ކަމާ ގުޅިގެން މިހާރު ދައުވާ ވެސް އުފުލާފައިވާ އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ ކުރިން ފްލެޓް ލިބިފައިވާ ދެމަފިރިންނަށް ފްލެޓް ދީފައިވާ ކަމަށް މި ސަރުކާރުން ބުނާ ބުނުމަކީ އޮޅުވާލުމެއް ކަމަށެވެ. ލިސްޓްގައި ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ފްލެޓް ކަނޑައެޅި އިރު އެ ފަދަ ފަރަތާތްތަކަށް އެގްރީމެންޓް ފޮނުވާފައި ނުވާނެ ކަމަށެވެ. އަކްރަމްގެ ވާހަކަތަކަށް ބާރު ދޭ އެއް ކަމަކީ ރަށްރަށުގައި ހިންގާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބުނު ފަރާތްތަކުގެ އަނބިން ނުވަތަ ފިރިންނަށް ވެސް ފްލެޓްތައް ކަނޑައަޅާފައި ނުވުމެވެ. މިއީ އިންސާފެއް ނޫން ކަމަށް އެ ފަރާތްތަކުން އޭރު ދިޔައީ ބުނަމުންނެވެ. އަދި ގެދޮރުވެރިޔާ ސްކީމް އިއުލާނުކުރި އިރު ކަނޑައަޅާފައިވާ ޝަރުތެއް ވެސް ނޫނެވެ. އެމްޑީޕީ ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް މި ސަރުކާރުން ވަނީ ފިރިމީހާ ނުވަތަ އަނބިމީހާ އަށް ރަށްރަށުން ފްލެޓް ލިބިފައިވީ ނަމަވެސް 75 ޕޮއިންޓަށް ވުރެ މަތިން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ދޭން ނިންމާފައެވެ. 

ކުއްޔަށް ދެނީ ކީއްވެ؟

ފްލެޓް ކުއްޔަށް ދޭ އެންމެންނަކީ އާމްދަނީ ހޯދުމުގެ މަގުސަދުގައި އެ ތަންތަން ކުއްޔަށް ދޭ މީހުންނެއް ނޫނެވެ. ހާއްސަކޮށް ހިޔާ ފްލެޓްތަކަށް ދިމާވެފައި ވަނީ މުޅިން ތަފާތު މައްސަލައެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެ މަޝްރޫއަކީ ބޯހިޔާވަހިކަމަށް މިހާތަނަށް ސަރުކާރަކުން ހިންގި އެންމެ ބޮޑު މަޝްރޫއެވެ. އެހެން ނަމަވެސް އެ މަޝްރޫއު ބަައްޓަންކޮށްފައި އޮތީ އެއްފަހަރާ އެތައް ބަޔަކަށް ފްލެޓްތަކެއް ދިނުމަށެވެ. އޭގެ ސަބަބުން ނުކުންނާނެ އެހެން މައްސަލަތަކަށް އެއްވެސް މިންވަރަކަށް ވިސްނާފައެއް ނެތެވެ. ފްލެޓްތައް ޑިޒައިންކޮށްފައި ހުރީ ވެސް އަސާސީ އެއްވެސް ހިދުމަތެއް ވެސް ނުހިމެނޭ ގޮތަށް 16 ޓަވަރުގެ ހުސް ފްލެޓްތައް ހިމެނޭ ގޮތަށެވެ. އެ ތަންތަނުގެ ތިރީ ބައިގައި ފިހާރަތަކާއި ކްލިނިކްތަކާއި އެ ނޫން ވެސް ހިދުމަތްތައް ގާއިމުކުރަން ނިންމީ އެމްޑީޕީ ސަރުކާރުންނެވެ. 

މީގެ އިތުރުން ހިޔާގެ މަޝްރޫއު އިއުލާނުކުރި އިރު އެތައް ހާސް ބަޔަކު ތިބީ ބޯހިޔާވަހިކަމުގެ އިންތިޒާރުގައެވެ. އެެހެން ނަމަވެސް ތިން ކޮޓަރީގެ އިހްތިޔާރެއް ނުދީ ހަމައެކަނި ދެކޮޓަރި އަށް ކުރިމަތިލާން ހުޅުވާލުމުން ތިން ކޮޓަރި ބޭނުންވެފައި ތިބި ނުވަތަ ތިން ތިން ކޮޓަރީގައި ކުއްޔަށް އުޅުނު އާއިލާތަކުން ވެސް އެ މަޝްރޫ އަށް ކުރިމަތިލިއެވެ. އެއީ ކައިރި މުސްތަގުބަލެއްގައި އެހެން މަޝްރޫއެއް ފެންނަން ނެތުމުން ލިބެން އޮތް އެއްޗެއް ލިބިގަތުމަށެވެ. ނަތީޖާއަކަށްވީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ދިރި ނޫޅެވޭނެ އެތައް އާއިލާތަކަކަށް ހިޔާ ފްލެޓުން ފުރުސަތު ލިބުމެވެ. 

ހިޔާ ފްލެޓުން ދެކޮޓަރި ލިބުނު އިރު ވެސް ތިން ކޮޓަރި ކުއްޔަށް ހިފައިގެން އުޅުނު އެތައް ބަޔަކު ތިއްބެވެ. ހިޔާ ފަލްޓަށް ބަދަލުވާ ނަމަ އެ މީހުން ބަދަލުވާން އެ ޖެހެނީ ކުރިން ދިރިއުޅެމުން އައި ހާލަތަށް ވުރެ ދަށް ހާލަތަކަށެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ ބޮޑެތި ވަމުން އަންނަ ކުދިންނާއި މުސްކުޅި މައިންބަފައިން ގެންގުޅޭ އާއިލާތައް ހިމެނެއެވެ. އަަދި ދެމަފިރިން ވަޒީފާ އަށް ދާތީ ކުދިން ބަލަން ބިދޭސީން ގެންގުޅު އާއިލާތައް ވެސް އޭގެ ތެރޭގައި ގިނައެވެ. މި އާއިލާތަކަކީ ދެ ކޮޓަރީގެ ފްލެޓަކަށް ފިޓުވާނެ އާއިލާތަކެއް ނޫނެވެ. އެހެން ކަމުން އެ ފަރާތްތަކުން އިހުތިޔާރުކުރީ ދައުލަތުގެ ފަރާތުން ލިބުނު ބޯހިޔާވަހިކަން ބޭނުންކޮށްގެން ތަނަވަސް ދިރިއުޅުމެއް އުޅެންށެވެ. އެއީ ހިޔާގެ ދެ ކޮޓަރީގެ ފްލެޓް ކުއްޔަށް ދީފައި އެއިން ލިބޭ އާމްދަނީ އަށް އަތުން އިތުރު ފައިސާކޮޅެއް ލައިގެން ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ދިރިއުޅުމެވެ. 

މިއީ ހިޔާ ޓަވަރުތަކުން ކުއްޔަށް ދީފައި ހުރި ހުރިހާ ތަނެއްގެ ހާލަތެއް ނޫނެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ގޮތެވެ. އަދި ބައެއް މީހުން މިހާރު ވެސް ކުރިއަށް ވުރެ ހާލުގައި ދިރިއުޅޭ އެތައް ބަޔަލު އެބަ އުޅެއެވެ. ދެމަފިރިންނާއި ދެ ޖިންސުގެ ކުދިންނާއި މައިންބަފައިން އަދި ގެންގުޅޭ މީހާއާ އެކު ހިޔާގެ ދެކޮޓަރީގައި ގަނޑަތެޅޭ އެތައް ބަޔަކު އެބަ ތިއްބެވެ. އަދި އެހާލުގައި ދިރިއުޅެން ބޭނުން ނެތުމުން ކުއްޔަށް ދީފައި އެހެން ތަންތަނުގައި ދިރިއުޅޭ އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. 

މީގެ އިތުރުން ވެސް އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެންގުޅެންޖެހިފައިވުމާއި ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހުމާއި މިހެން ގޮސް އެތައް ސަބަބުތަކެއް ފްލެޓްތައް ކުއްޔަށް ދޭން މަޖުބޫރުވުމުގައި އެބަ ހުއްޓެވެ. ފިޔަވަޅުތަކެއް އަޅާ އިރު މި ހުރިހާ ކަމަކަށް ރިއާޔަތްކުރަންޖެހެއެވެ. 

އިންސާފެއް ނޫން!

އަނެއް ބަޔަކު ދެކޭ ގޮތުގައި ސަރުކާރުން ބޯހިޔާވަހިކަން ދޭ އިރު ބިމެއް ވިޔަސް ފްލެޓެއް ވިޔަސް ހިނގަންޖެހޭނީ އެއް އުސޫލެކެވެ. ހިލޭ ބިމުގައި ބުރި ބުރި އަށް ގެ އަޅާއި ކުއްޔަށް ދީ ވިޔަފާރިކޮށް އާމްދަނީ ހޯދުމަށް ހުރަހެއް ނެތެވެ. އޭގެ އެއް މިސާލަކީ މިދިޔަ ސަރުކާރުން ބިންވެރިޔާގެ ނަމުގައި ހުޅުމާލެ އިން ބެހި ބިންތައް މިހާރު ވެސް ހުރީ ކުއްޔަށް ދީފައެވެ. ފުރަތަމަ ކޮޅު ގެ ނާޅައި ސައި ހޮޓާތަކާއި ކެފޭތައް ވެސް ހިންގިއެވެ. ފަހުން އެކަން ބޮޑުވެ ހުއްޓުވީ އެވެ. އެހެން ނަމަވެސް މިހާރު ވެސް އެ ބިންތައް ހުރީ ކުއްޔަށް ދީފައެވެ. އެ ތަންތަނުގައި ގުދަން ހަދާފައި އެބަ ހުއްޓެވެ. އަދި ދިގު މުައްދަތަށް ވެސް ކުއްޔަށް ދީފައި އެބަ ހުއްޓެވެ.

އެއީ ހިލޭ ދިން އެތައް މިލިއަން ރުފިޔާގެ ބިމެވެ. އެންމެ ލޯލާރިއެއް ވެސް ނުދައްކައެވެ. ސަރުކާރުން ދޫކުރާ ފްލެޓްތަކަކީ ބޮޑު އަގުގައި ވިއްކާ ތަންތަނެވެ. މަހުން މަހަށް ފައިސާ ދައްކައިގެން ދެމިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ. ހިލޭ ލިބޭ ބިން ކުއްޔަށް ދީގެން އާމްދަނީ ހޯދޭ ނަމަ ބޮޑު އަގުގައި ގަންނަ ފްލެޓް ކުއްޔަށް ނުދެވެންވީ ކީއްވެ ހެއްޔެވެ؟ އަދި އެ ފްލެޓް ބޭނުން ކޮށްގެން ދިރިއުޅުން ތަނަވަސްކުރުމުގެ ހައްގު ހަމައެކަނި ފްލެޓްވެރިންގެ ކިބައިން ނިގުޅައިގަންނަންވީ ކީއްވެ ހެއްޔެވެ؟ ހިލޭ ދޭ ބިމަށް ނުހިނގާ އުސޫލެއް އަގު ބޮޑުކޮށް ގަންނަ ފްލެޓަށް ހިނގަންވީ ކީއްވެ ހެއްޔެވެ؟

ރިއެކްޝަންސް
4
3
1
2
0
0
0