20 ޕަސެންޓް ލިބުނަސް މަޖިލީހަށް!
30 އޮކްޓޯބަރ 2025 - 11:25
ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ ގިނަ ބަޔަކު ނިންމާ ގޮތަށް އިހްތިރާމުކުރުމެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި ސިޔާސަތުތައް ބިނާ ވަނީ މި ދެންނެވި އަސާސްގެ މައްޗަށެވެ. އަދި އެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް އަމަލުކުރަނީ މި ހަމައިގެ ތެރެއިންނެވެ. ގައުމު ހިންގުމުގެ ޒިންމާ ހަވާލުކުރަނީ ގިނަ ބަޔަކު ތާއީދުކުރާ މީހަކު ރައީސް ކަމަށް އިސްކޮށްގެންނެވެ. ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތައް ހަދަނީ ރައްޔިތުންގެ ވޯޓުން ހޮވާ މަންދޫބުންގެ މަޖިލީހަކުންނެވެ. ލާމަރުކަޒީ ނިޒާމެއް ނަމަ އެ ތަންތަނުގެ ހިންގުން ހަވާލުކުރަނީ ވެސް ގިނަ ބަޔަކު ތާއީދުކުރާ ބަޔަކު ހޮވައިގެންނެވެ.
މަދު ބަޔަކު ނިންމިޔަސް ގިނަ ބަޔަކު އަމަލުކުރަންޖެހޭ!
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމުގައި މިހާރު އަމަލުކުރާ ނިޒާމުގައި ވެސް މި އުނިކަން އެބަ އޮތެވެ. ވޯޓު ލާ އާބާދީގެ ކިތަންމެ މަދު ބަޔަކު ވޯޓު ލިޔަސް އޭގެ ތެރެއިން 50 ޕަސެންޓަށް ވުރެ އެންމެ ވޯޓެއް އިތުރަށް ހޯއްދަވާ ބޭފުޅަކަށް ވެރިކަން ލިބެއެވެ. މިސާލަކަށް ވޯޓު ލާ އާބާދީއަކީ ތިން ލައްކަ ކަމަށް ވިޔަސް އޭގެ ތެރެއިން 50،000 މީހުން ވޯޓު ލިޔަސް 25،001 ވޯޓު ހޯދާ މީހަކަށް ވެރިކަން ލިބޭނެ އެވެ. ބާކީ 250،000 މީހުން އަދި އާބާދީގެ 83 ޕަސެންޓް މީހުން ދެކޭ ގޮތް މިހާލަތުގައި މުހިންމެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގަ އާއި ކައުންސިލް އިންތިހާބުތަކުގައި ވެސް މިކަން އަދި އޮތީ މާ ގޯސް ކޮށެވެ. އެ އިންތިހާބުގައި މެންބަރުން ކަނޑައަޅަނީ އެންމެ ގިނައިން ވޯޓު ލިބޭ މީހަކަށް ބަލައިގެންނެވެ. މާނައަކީ ހަތަރު މީހުން ވާދަކޮށްފި ނަމަ އޭގެ ތެރެއިން 25 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ވޯޓެއް ލިބުނަސް އެ މީހަކު ހޮވޭނެއެވެ. ވޯޓު ލީ މީހުންގެ އާބާދީގެ ބޮޑު ބައެއްގެ ރުހުން ކޮންމެހެން މުހިންމެއް ނޫނެވެ. ގިނަ ބަޔަކު އިންތިހާބުގައި ވާދަކުރުމަކީ މިފަދަ އިންތިހާބުތަކުގައި ވާދަކުރާ މީހުންނަށް ލިބޭ ބޮޑު އެޑްވާންޓޭޖެކެވެ. މި ވަގުތު މަޖިލީހުގައި ވެސް ވޯޓުލާ އާބާދީގެ 50 ޕަސެންޓް މީހުންގެ ތާއީދު ނެތް އެތައް މެންބަރުންނެއް އެބަ ތިއްބަވައެވެ. އެހެން ނަމަވެސް އޭނާ ވެސް ތަމްސީލްކުރަނީ ހަމަ ހުރިހާ ރައްޔިތުންނެވެ. ގާނޫނުތައް ހެދުމުގަ އާއި ގައުމުގެ ބޮޑެތި ކަންތައްތައް ނިންމުމުގައި ރައްޔިތުން ތަމްސީލްކުރަނީ އެ ދާއިރާތަކުގެ 20 ޕަސެންޓް ވޯޓު ނުލިބުނު މީހާ އެވެ.
ރެފަރަންޑަމްގެ އުސޫލް
ފެހި ގާނޫނު އަސާސީ ވުޖޫދުވުމުގެ ކުރިން ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމުގައި ރާއްޖޭގައި އަމަލުކުރަމުން އައީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހަށް ފެންނަ ނަމަކާ މެދު އާންމުން ދެކޭ ގޮތް ބަލަނީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖޭގެ ވެރިކަން ފަސް ދައުރު، ޖުމްލަ 30 އަހަރު ކުރެއްވީ މި ނިޒާމުގެ ތެރެއިންނެވެ. އެ މަނިކުފާނުގެ ނަންފުޅު ރައްޔިތުންނާ ހަމައަށް ގެންދަވަނީ އެ މަނިކުފާނު ހޮއްވަވާ މެންބަރުންނާ އެކު އެމަނިކުފާނަށް ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުންނެވެ.
މިއީ ހުދުމުހުތާރު ނިޒާމެއް ކަމަށް ބަލައި ގިނަ ބައެއްގެ މަސައްކަތާއި ގުރުބާނީގެ ސަބަބުން އުފަންކުރުވި އާ ގާނޫނު އަސާސީއާ އެކު، ވެރިން ހޮވުމުގައި ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓާލީއެވެ. އެހެން ނަމަވެސް އެ ގާނޫނު އަސާސީ އެކުލަވައިލުމުގައި ވެސް ފެންނަ ނުފެންނަ ވޯޓުގެ ދައުރެއް އޮތެވެ. ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު އެ އަސާސީގައި ލިޔުނީ ރައްޔިތުންގެ މެދުގައި ނެގި ވޯޓަކަށް ފަހުގައެވެ. ރައްޔިތުން ކުރެ އެހީ ރާއްޖޭގައި ބާއްވަން ރިޔާސީ ނިޒާމެއްގެ ދަށުން ކުރާ ވެރިކަމެއްތޯ ނުވަތަ ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެކުލަވައިލާ ބަރުލަމާނީ ނިޒާމެއްތޯ އެވެ. ކޮންމެ ހާލަތެއްގައި ވޯޓު ނެގުމުގެ މަރުހަލާ ދިޔައެއް ކަމަކު ރައްޔިތުން ބުރަވި ކަމަށް ނިންމީ ރިޔާސީ ނިޒާމަކަށެވެ.
އޭގެ ފަހުން ރައްޔިތުން ދެކޭ ގޮތް ބެލޭނެ ގާނޫނީ އޮނިގަނޑެއް އޮތީ އެކުލަވައި ނުލެވިއެވެ. މިހެން އޮއްވައި ދާދި މިދާކަށް ދުވަހު ސަރުކާރުގެ ހުށަހެޅުމަކާ އެކު ގާނޫނު ހަދާ މަޖިލީހުން ވަނީ ބޮޑެތި ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށްފައެވެ.
ރެފެރެންޑަމްގެ ފުރަތަމަ ވޯޓު
މި އޮނިގަނޑު ފާސްކުރިތާ މަހެއް ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން އެ ގާނޫނުގެ ދަށުން ރާއްޖޭގައި މި ވަނީ ފުރަތަމަ ފަހަރަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. ވޯޓު ނަގާފައި ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެއް ސިޓީއެއްގެ ގޮތުގައި އޮތް އައްޑު އަތޮޅުން ވަކިވާން ބޭނުންވާ ތިން ރަށެއް ވަކިކުރަން އެ ރަށްތަކުގެ މީހުންނަށް ފެނޭތޯ ބެލުމަށެވެ. މިއީ އެ ރަށްތަކުގައި ދިރިއުޅޭ އެތައް ބައެއްގެ އެދުމުގެ މަތިން ނެގި ވޯޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައްޑޫގައި ވަކިން އޮންނަ ދެ ރަށް ކަމަށްވާ ހުޅުދޫ އާއި މީދޫ މީހުން މި ވާހަކަ ދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ އައްޑޫ ސިޓީއަކަށް ހެދި އިރު ވެސް މި މައްސަލަ ފެންމަތިވިއެވެ. ކޯޓު އަމުރެއްގެ ދަށުން މުޅި އައްޑު އަތޮޅު އެއް ސިޓީއެއްގެ ގޮތުގައި ހެދި ގޮތާ މެދު ވެސް އޭރުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން މި ވޯޓާ ދިމާކޮށް ސުވާލު އުފެއްދެވިއެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އޭރު ވެސް އެކަން ކުރީ ގޯސް މަގަކުންނެވެ.
އައްޑޫގައި ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫ މީހުން ނިންމީ ދެ ރަށުގައި ވަކިން ކައުންސިލެއް އުފެއްދުމަށެވެ. އެއް ފަސްގަނޑަކުން ގުޅާލެވިފައި އޮތް ނަމަވެސް ބޮޑު އާބާދީއެއް އޮތް ފޭދޫގައި ވެސް މި ވޯޓު ނެގިއެވެ. ނަމަވެސް ފޭދޫގެ ގިނަ ރައްޔިތުން ބޭނުންވީ މިހާރު ވެސް އޮތް ގޮތަށް އައްޑޫ ކައުންސިލްގެ ތެރޭގައި ދެމި އޮތުމަށެވެ.

ވޯޓުގެ ނަތީޖާ!
އައްޑޫގައި ނެގި ވޯޓުން ރައްޔިތުން އެ އޮތީ ގޮތެއް ނިންމާފައެވެ. އެކަމާ މެދު އިތުރަށް ސުވާލު އުފެއްދުމުގެ ބޭނުމެއް ނެތެވެ. ހުޅުދޫ މީހުންގެ ތެރެއިން ވޯޓު ލުމުގެ ހައްގު ލިބޭ 2،874 މީހުންގެ ތެރެއިން 723 މީހުން ބުނެފައި ވަނީ އެ ރަށަށް ހާއްސަ ކައުންސިލެއް ބާއްވަން ފެންނަ ކަމަށެވެ. އެ ކަމަށް ނޫނެކޭ ބުނީ 329 މީހުންނެވެ.
މީދޫގެ 18 އަހަރުން މަތީގެ 2،347 މީހުންގެ ތެރެއިން 847 މީހުން ވަކި ކައުންސިލެއް އުފައްދަން ބޭނުންވާ ކަމަށް ބުނި އިރު މިހާރު ވެސް އޮތް ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ގޮތުގައި ބޭއްވުމަށް 144 މީހަކު ވޯޓު ދިނެވެ.
އާބާދީ ބޮޑު ފޭދޫގައި 4،355 މީހުންގެ ތެރެއިން 1،784 މީހުން ތާއީދުކުރީ މިހާރު ވެސް އޮތް ގޮތަށް ދެމި ތިބުމަށެވެ. ވަކި ކައުންސިލެއް ބޭނުންވާ ކަމަށް ބުނީ 616 މީހެކެވެ.
ވޯޓުން ބުނެދެނީ ކޮން ކަމެއް؟
ވޯޓުގެ ނަތީޖާ އިން ފާހަގަވާ އެހެން ކަމެއް އޮތެވެ. އެއީ ވޯޓު ލީ މީޙުންގެ ނިސްބަތް އިންތިހާ އަށް ދަށްވުމެވެ. އެންމެ ގިނައިން ވޯޓު ލީ ފޭދޫ ދާއިރާގެ މީހުންގެ ވެސް ވޯޓު ލާން ނުކުތީ 55.94 ޕަސެންޓެވެ. ހުޅުދޫގައި މި ނިސްބަތް އުޅެނީ 37.20 ޕަސެންޓްގައެވެ. މީދޫގައި 42.95 ޕަސެންޓެވެ.
ވޯޓު ލީ މީހުންގެ އަދަދު ނިސްބަތުން މަދުވުމުން ވޯޓުގެ ނަތީޖާއާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެއެވެ. އަދި މިހެން މެދުވެރިވީ އެތައް ސަބަބުތަކެއް ބައެއް ފަރާތްތަކުން ދައްކައެވެ. މައިގަނޑު އެއްކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރަނީ އެކަށީގެންވާ ވަގުތު ލިބިފައި ނުވުމެވެ. އަދި ވޯޓާ މެދު ހޭލުންތެރިކަން ކުޑަވުމެވެ. ނުވަތަ ކުރަން އުޅޭ ކަމާ މެދު އާންމު މީހާ އަށް ވިސްނައިދެވިފައި ނުވުމެވެ.
އެކަށީގެންވާ ވަރަށް ހޭލުންތެރިނުކުރެވުމުގައި ވެސް މައިގަނޑު އެއް ސަބަބަކީ މި ކަމުގައި ވޯޓު އެހި ފަރާތްތަކުން ވަކި ސްޓޭންޑެއް ނަގާފައި ނެތުން ކަމުގައި ބެލެވިދާނެއެވެ. މި ވޯޓު ރައްޔިތުންނާ ހަމަ އަށް ގެނެސްދިނީ ސަރުކާރުންނެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެހެން ނަމަވެސް އެ މަނިކުފާނު ވަނީ މި ކަމުގައި ވަކި ކޮޅެއް ނުވަތަ ސަރުކާރުގެ ވަކި ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ރަސްމީ ސިފައެއްގައި އެހެން ވިދާޅު ނުވި ނަމަވެސް ފަހު ވަގުތު ކޮންމެ ވެސް ވަރަކަށް އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރެއްވި އެވެ.
ސަރުކާރުން ވަކި ކޮޅެއް ނުނެގުމުން ނުވަތަ ސިޔާސީ ޕާޓީއަކުން ވެސް ވަކި ވިސްނުމެއްގައި ކެމްޕެއިންތަކެއް ނުކުރުމުގެ ނަތީޖާއަކަށްވީ އާންމުން ހޭލުންތެރިކުރުވުމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތުމެވެ. ވަކިވަކި ފަރުދުން އެ ފަރާތްތަކުގެ މަސްލަހަތުގައި މަސައްކަތްތަކެއް ކުރި ނަމަވެސް ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ އިދާރާއަކުން ވެސް ވޯޓުގައި އެހި ސުވާލާ މެދު އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެއެވެ. ވޯޓު ނެގުމުގެ ޒިންމާ އޮތް އިލެކްޝަންސް ކޮމިޝަނުން ވެސް މި ކަމުގެ ދެކޮޅު ރައްޔިތުންނަށް ކިޔައިދީފައެއް ނުވެއެވެ. އަދި ވޯޓަށް ހޭލުންތެރިކުރުމަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. ވޯޓު ލީމީހުންގެ އަދަދު މަދުވީ މިފަދަ ގިނަ ސަބަބުތަކަކާ ހުރެއެވެ.
ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް މަދު ބައެއް!
އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ކަން އޮތީ މިހެންނެވެ. ރަށެއްގެ އާބާދީއާ މެދު ގޮތެއް ނިންމަން ނަގާ ވޯޓެއްގައި އެ ރަށެއްގެ ކިތަންމެ މަދު ބަޔަކު ބައިވެރިވި ނަމަވެސް ގޮތް ނިންމަނީ އެ މަދު މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތާއީދުކުރާ ގޮތެއްގެ މައްޗަށެވެ. މިއީ މި ފަހަރު އައްޑޫގެ ވޯޓުގައި ވެސް ކަން ހިނގައި ދިޔަ ގޮތެވެ. ރައްޔިތުންނާ ގުޅޭ ހައްސާސް ކަމެއްގައި ގިނަ ރައްޔިތުންތަކެއް ބަހެއް ނުބުނެ ނުވަތަ އެ ބަޔަކު ބޭނުންވާ ގޮތް ނޭނގި އެއް ރަށަކާ މެދު ގޮތެއް ނިންމުމަކީ އިންސާފެއް ކަމުގައި ނުދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ.
މި ވިސްނުމަށް ތާއީދުކުރާ މީހުން ދެކޭ ގޮތުގައި އެފަދަ ކަމެއް ނިންމާ އިރު އެ ރަށްއްގެ ނުވަތަ އެ ވޯޓެއްގައި ސާމިލުވާންޖެހޭ ނުވަތަ ޖުމްލަ އާބާދީގެ މަދުވެގެން 50 ޕަސެންޓް މީހުން އެ ކަމެއްގައި ބައިވެރިވާންޖެހޭނެއެވެ. ގޮތެއް ނިންމަން ޖެހޭނީ އެ އެދަދަށް ވޯޓު ލައިގެންނެވެ. އެ އަދަދަށް ވޯޓު ނުލައިފި ނަމަ އޭގެ މާނައަކީ އެއީ އެ ހިނދަން މުހިންމު ވޯޓެއް ނޫން ކަމަށް މާނަކުރަންޖެހޭ ކަމަށް މި ހިޔާލަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ. އެފަދަ ހާލަތެއްގައި އެއީ މުހިންމު ވޯޓެއް ކަމަށް ނުބަލައި ނަތީޖާ ބާތިލުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި ބަސް ނުބުނާ މީހުން ވެސް އެ އޮތީ ބަހެއް ބުނެފައެވެ. އެއީ ކޮންމެ ކަމެއް ވަރިހަމަ ކަމުގެ ބަހެވެ. ނުވަތަ އެފަދަ ކަމެއްގައި ބަސް ބުނަން ބޭނުން ނުވާ ކަމަށް ބުނުމަކީ ވެސް ގޮތެއް ނިންމުމެވެ. ބަސް ބުނަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމަކީ އެ މީހެއްގެ އަމިއްލަ ކަމެކެވެ. އެފަދަ ކަމެއްގައި ގަދަބާރުން ބަސް ބުނުމަށް މަޖުބޫރުކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ނިޒާމެއް ގާއިމުކޮށް ތަރުތީބުކުރާ އިރު އެ ކަމެއްގައި އާބާދީގެ މެޖޯރިޓީގެ ހިއްސާ އޮންނާނެ ގޮތަކަށް ކަންކަން ބައްޓަންކުރުން މުހިންމެވެ. ގާނުނީ އޮނިގަނޑުތަކުގައި އެ ގޮތަށް ކަންކުރެވޭނެ އުސޫލްތަކެއް ކަނޑައެޅިފައި ހުރުން މުހިންމެވެ. އެހެން ނޫން ނަމަ މަދު ބަޔަކު ނިންމާ ނިންމުމަކަށް ގިނަ ބަޔަކު އަމަލުކުރަންޖެހޭ ނުވަތަ ގިނަ ބަޔަކަށް އޭގެ އަސަރުކުރާ ގޮތަށް އޮތް އޮންނަ ނަމަ މި ސުވާލު އަބަދު ވެސް ކުރެވޭނެއެވެ.
އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުތަކަކީ ބޮޑެތި ކަންކަމުގައި ނަގާ ވޯޓުތަކެވެ. އައްޑޫގެ ވޯޓަކީ އެފަދަ ވޯޓެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް އެއީ އެ ބައެއްގެ ހައިސިއްޔަތުން ބޮޑު ވޯޓެކެވެ. އައްޑޫގެ އެ ދާއިރާތަކަށް މުހިންމު ވޯޓެކެވެ. އެހެން ނަމަވެސް ސުވާލަކީ އާބާދީގެ ބޮޑު ބަޔަކަށް އަސަރުކުރާ ކަމެއްގައި މަދު ބަޔަކު ވޯޓު ދީގެން ނިންމާ ނިންމުމެއް ސައްހަ ވާނެ ހެއްޔެވެ؟ ގާނޫނުގައި މި ވަގުތު އޮތް ގޮތުން އެހެން ގޮތެއް ނެތެވެ. މިހާރު އޮތް ގޮތުން ވޯޓުގައި ބައިވެރިވާ މީހުންގެ އަގުލަބިއްޔަތުން ގޮތް ކަނޑައެޅެނީއެވެ. އެހެން ނަމަވެސް މިފަދަ ހައްސާސް ކަމެއްގައި ނުވަތަ ކަންކަމުގައި ގޮތް ނިންމާ އިރު މަދު ބައެއްގެ ނިންމުން އެއީ ބަލައިގަނެވޭނެ ނިންމުމަކަށް ވާ ނަމަ އެއީ ގޯހެކެވެ.
ހިޔާލު ހޯދުމުގެ ވޯޓެކޭ އެއްގޮތަށް ރާއްޖޭގައި ނަގާ އެހެން ވޯޓުތައް ނެގުމުގެ ނިޒާމާ މެދު ވިސްނަން އެބަ ޖެހެއެވެ. އަދި ގިނަ ބަޔަކު ތަމްސީލުކުރެވޭނެ ގޮތަކަށް އެ ނިޒާމު ބައްޓަންކުރަން އެބަ ޖެހެއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކަށް މީހުން ހޮވުމުގައި މިހާރު އޮތް ނިޒާމަށް ބަދަލުތަކެއް ގެނައުން މުހިންމެވެ.





