ދާއިމީ އެޑްރެހަށް ބަލައިގެން ހައްގުތައް ކަނޑައެޅުން ނިމުމަކަށް ގެންނަންޖެހޭ!

7 ނޮވެމްބަރ 2025 - 20:15

އަސާސީ ހިދުމަތްތަކާ ގުޅިފައިވާ ބުހުސެއް!

ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ހޫނުވާ ބަހުސެކެވެ. ރާއްޖެތެރޭ މީހާ އާއި މާލޭގެ މީހާގެ ބަހުސެވެ. އެހެން ނަމަވެސް ދެ ބައި މީހުންގެ މެދުގައި ކުރެވޭ ބަހުސްތައް ބިނާވެފައި އޮންނަނީކީ ނަސްލީ ކަމަކާ ނުވަތަ ވަކި ބަޔަކު “މަތިވެރިވެފައި” އަނެއް ބަޔަކު “ނިކަމެތިވުމުގެ” މައްޗަކަށް ނޫނެވެ. އެއަށް ވުރެ އެ ބަހުސްގެ ބިއްދޮށުގައި އޮތީ އަސާސީ ކަންކަމެވެ. 

advertisement
advertisement
advertisement

ބަހުސްގެ ތެރެއިން ދެކެވެނީ އެއްބަޔަކަށް ލިބެންޖެހޭ އަސާސީ ހިދުމަތް އަނެއް ބަޔަކަށް ނުލިބޭ ވާހަކައެވެ. އެ ރަށުގައި ނަރުދަމާ ނެތް ވާހަކައެވެ. މި ރަށުގައި ގައިން ތާހިރުވެވޭނެ ގޮތެއް ނެތި، ސާފު ބޯފެން ފޮދެއް ލިބެން ނެތް ވާހަކައެވެ. މިއީ 2025 ވަނަ އަހަރު ކަމަށް ވިޔަސް އަދި ވެސް އެންމެ އަސާސީ ކަންކަން ފުރިހަމަ ނުވެ އޮތް ވާހަކައެވެ. ކުދި ކުދި ކަންކަމުގައި ވެސް އަދިވެސް މާލެ އަންނަންޖެހޭ ވާހަކައެވެ. އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ މަގެއް ނެތް ކަމުގެ ވާހަކައެވެ. ވަޒީފާއެއް ނެތުމުން އާއިލާއާ ދުރުގައި މަސައްކަތްކުރަންޖެހިފައިވާ ވާހަކައެވެ. މިހެން ގޮސް އެންމެ އަސާސީ ކަންކަމުގައި މާލޭގެ ރައްޔިތުންނާއި ރަށްރަށުގެ މީހުންގެ މެދުގައި އޮތް ތަފާތުކުރުމުގެ ވާހަކަ އެވެ. 

ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތަކީ އެއީ އެވެ. ވެރިކަން ކުރާ ރަށް ވީމާ ހުރިހާ ކަމެއްގައި ރަށްރަށުގެ މީހުން މާލެ އަރަންޖެހުމަކީ ބަދަލުނުކުރެވޭނެ ހަގީގަތެކެވެ. މަދު ރަށެއްގައި ނޫނީ ލޭ އެޅޭނެ ގޮތެއް ނެތެވެ. ޑަޔަލިސިސް ހެދޭނެ މަރުކަޒެއް ކައިރި ހިސާބެއްގައި ނެތް ކިތަންމެ އަތޮޅެއް އަދިވެސް އެބަ އޮތެވެ. އަދި އެފަދަ ހިދުމަތެއް ކައިރި ރަށަކުން ނުވަތަ އަމިއްލަ ރަށުން ލިބުނަސް ކޮންމެ ތިން މަހަކުން މާލެ އައިސް ސްޕެޝަލިސްޓަކަށް ދެއްކުން ނޫން ގޮތެއް އަދިވެސް ހަމަ ނެތީއެވެ. 

ކޮންމެ މީހެއްގެ އިނގިލި ކުރިއާ ހަމައަށް ފޯނާއި އިންޓަނެޓް ފޯރާފައިވީ ނަމަވެސް ސަރުކާރުގެ މަޝްރޫއުތަކުގެ ތެރެއިން އަދިވެސް އެންމެ ބޮޑަށް ދެކެވެނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމުގެ ވާހަކައެވެ. މިއީ ރަށްރަށުގެ މީހުންނަށް އަދިވެސް އޮތް ގޮތެވެ.

ސިޔާސަތުތަކަށް ބަދަލެއް ނާދޭ!

އަސާސީ ހިދުމަތްތަކުން ރައްޔިތުން މަހުރޫމްވެފައިވާ އިރު މިހާތަނަށް ހުރިހާ ސަރުކާރެއްގެ ވެސް ސިޔާސަތު ބައްޓަންވެފައި އޮތީ މާލެއާ ދިމާއަށެވެ. ތަރައްގީގެ މަޝްރޫއުތައް ވެސް އަދި އަސާސީ ހިދުމަތްތަކާއި ވަޒީފާތައް އުފެއްދުން ވެސް އޮތީ މާލެ އާއި މާލެ ވަށައިގެންނެވެ. މާލެ އާއި ރާއްޖެތެރޭގެ ބަހުސްގެ ހޫނުގެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް މި ސިޔާސަތެވެ. މިއީ އާންމު މީހާއާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ މިހާތަނަށް ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުން ވެފައި އޮތް ގޮތެކެވެ. 

ދައުލަތަށް އާމްދަނީ ލިބެނީ ދިވެހިންގެ އަތުންނާއި ރާއްޖެ އަށް ޒިޔާރަތްކުރާ ޓުއަރިސްޓުން ދައްކާ ޓެކްސް ފައިސާ އިންނެވެ. ބޭރުގެ އިންވެސްޓްމަންޓްތަކުންނާއި ދިވެހިންގެ ހަރު މުދާ ބޭނުންކޮށްގެން ހޯދާ އާމްދަނީންނެވެ. އެކަމުގައި ދައުލަތުގެ އާމްދަނީގައި މާލޭ މީހެކޭ ރަށެއްގެ މީހެކޭ ތަފާތެއް ނެތެވެ. ނަމަވެސް ރަށްރަށުގެ މީހުންގެ އަސަސީ ކަންކަން ފުއްދުމަށް ވުރެ ސަރުކާރުތަކަށް އަބަދަލު ވެސް މުހިންމުވެފައި އޮތީ މާލޭގައި ހިދުމަތްތައް ގާއިމުކުރުމާއި ތަރައްގީކުރުމަށެވެ. ކުދިކުދި ކަންކަމުގައި މާލެ އަންނަންޖެހެނީ މި ސިޔާސަތުގެ ސަބަބުންނެވެ. އެހެންކަމުން ސިޔާސަތުތައް ބަދަލުނުވާހާ ހިނދަކު މި ބަހުސަކަށް ވެސް ނިމުމެއް ނެތެވެ. 

ސިޔާސީ އެކްޓިވިސްޓެއްގެ އިތުރުން އަސާސީ ހައްގުތަކަށް ވަކާލާތުކުރާ ޝައްމޫން ޖަލީލް (ލޫކަސް) ވެސް ދެކޭ ގޮތުގައި މާލެ އާޢި ރަށްރަށުގެ ފަރަގު އިންތިހާ އަށް ބޮޑެވެ. އަދި އެ ފަރަގު ބޮޑުވީ ސިޔާސަތުތައް މާލެ އަށް އަމާޒުވެފައި ހުރުމުންނެވެ. މާލޭގެ ބިމުގެ އަގު ރަށްރަށުގެ ބިމުގެ އަގަށް ވުރެ މަތިވީ އަސާސީ ހިދުމަތްތައް ހޯދަން އަދިވެސް މާލެ އަންނަންޖެހިފައި އޮތީމައެވެ. މާލޭގެ ބިމުގެ އަގާއި ރަށްރަށުގެ ބިމުގެ އަގާ ދެމެދު އިންތިހާ ފަރަގު އެބަ ހުއްޓެވެ. މާލެ ވަށައިގެން ހުރި މަދު އަތޮޅެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ހިނގާތީ ބިމުގެ އަގު ކޮންމެ ވެސް ވަރަކަށް މަތި ނަމަވެސް ގިނަ އަތޮޅުތަކުގައި ބިމުގެ އަގު އިންތިހާ އަށް ދަށެވެ. 

އަސާސީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތެއް ކަމަށްވާ މިދުއަމް ސައުދު ދެކޭ ގޮތުގައި މި ސިޔާސަތުތަކަށް ފުރުސަތު ލިބުުގެ ފުރިހަމަ ޒިންމާ ރައްޔިތުން ވެސް އުފުލަންޖެހެއެވެ. ސަބަބަކީ ދައުލަތުގެ ސިޔާސަތު ބައްޓަންކުރަން އަދި ފާރަވެރިވާން އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވަނީ ރައްޔިތުންނެވެ. އޭނަ ދެކޭ ގޮތުގައި މި ވަގުތު އޮތް މަޖިލީހުގައި ވެސް މާލެ ތަމްސީލުކުރަނީ 17 މެންބަރުން ކަމަށްވާ އިރު ބާކީ ތިބި 76 މެންބަރުންނަކީ ރަށްތަކަށް ނިސްބަތްވާ މީހުންނެވެ. 

“އޭގެ ތެރެއިން މަތިން ފޭބި އެއްވެސް މެންބަރެއް ނެތެވެ. ކަނޑު އަޑިން އެރި އެއްވެސް މެންބަރެއް ނެތެވެ. ހަމަ ހުސްތިބީ ރަށްރަށުގެ ރައްޔިތުންގެ އަގްލަބިއްޔަތުން މަޖިލީހަށް ހޮވިފައި ތިބި އިއްޒަތްތެރި ކަމަށް ގަވައިދު ބުނާ މީހުންނެވެ. ވީމާ މިކަމުގައި އުޅެނީ އެ މެންބަރުން އެވެރިންގެ ޒިންމާ އަދާ ނުކުރުމުގެ މައްސަލައެއް ނޫންތޯއެވެ! މިކަމުގައި މިއުޅެނީ އަޅުގަނޑުމެން ރައްޔިތުން، އަޅުގަނޑުމެން ތަމްސީލް ކުރަން ހޮވި ހާދިމުން ޒިންމާދާރު ނުކުރާ މައްސަލަ ނޫންތޯއެވެ!،” ސޯޝަލް މީޑިއާގައި މިދުއަމް ކުރި ޕޯސްޓެއްގައި ވެއެވެ. 

އަސަސީ ހިދުމަތް ދިނުމުގައި ވެސް ދާއިމީ އެޑްރެސް!

ހަގީގަތަކީ މިއީ މާލެ އާއި ރާއްޖެތެރޭ މީހުންގެ ބަހުސެއް ނޫން ކަމެވެ. މުޅި ބަހުސް އޮތީ ތިމާގެ ނަމާ ގުޅުފައިވާ ދާއިމީ އެޑްރެހަށް ބަލައިގެން ދައުލަތުން ދޭ ހިދުމަތްތައް ބައްޓަންކޮށްފައި އޮތުމުގެ މައްޗަށެވެ. ކޮންމެ ހިދުމަތެއް ހޯދަން ބަލާއިރު ދާއިމީ އެޑްރެހަށް ނިސްބަތްކުރުމުގެ މައްޗަށެވެ. ދައުލަތުން ދޭ އެހީ އާއީ ބިމާއި އެ ނޫން ވެސް އެތައް ކަމެއްގައި ދާއިމީ އެޑްރެސް އޮތީ ގުޅިލާމެހިފައެވެ. 

މި ބަހުސްގެ ތެރެއިން ވެސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކައެވެ. ބޯހިޔާވަހިކަމާއި ދާއިމީ އެޑްރެސް ގުޅުވާފައި ވުމެވެ. ކ. ތުލުސްދޫ އިން ބިންދޫކުރާ އިރު ހަމައެކަނި އެ ރަށުގައި ދާއިމީ އެޑްރެސް އޮންނަ މީހުންނަށް ނޫން ބަޔަކަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އައްޑޫ އިން ބޯހިޔާވަހިކަމަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބިން ދޭ އިރު ހަމައެކަނި އައްޑޫ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރަން މާލޭގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ކުރަންޖެހޭ ކަމަކީ ހަމައެކަނި އެހެން ރަށްރަށުގައި ހިދުމަތްތައް ފުޅާކުރުން އެކަންޏެއް ނޫނެވެ. އެ ތަންތަނުގައި ވަޒަންވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ވެސް އޭގެ އެއް ބައެވެ. އައްޑޫ އިން ދޫކުރާ ބޯހިޔާވަހި ކަމަށް މާލޭގެ ރައްޔިތުންނަށް ވެސް ކުރިމަތި ލެވެންޖެހޭނެއެވެ. 
އެ މީހަކު ދިރިއުޅޭނެ ތަނެއް ކަނޑައެޅުމުގައި ދާއިމީ އެޑްރެހަކީ މިހާރު އޮތް ހުރަހެކެވެ. ބިން ނެތުމަކީ އެހެން މައްސަލައެކެވެ. ބިން އޮވެމެ އެ ތަންތަނުގައި ވަޒަންވެރިވާ މީހުންނަށް ފުރުސަތު ނުލިބޭ ގޮތަށް އަމަލުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. މިއީ މިހާތަނަށް އިހްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެކެވެ. ބައެއް ރަށްތަކުގައި ބޯހިޔާވަހިކަން ހިންގާ މިފަދަ މަޝްރޫއުތަކުން އެންމެންނަށް ކުރިމަތިލެވޭ ގޮތަށް ފުރުސަތުތައް ހުޅުވާލިޔަސް އަދިވެސް ބައެއް ރަށްރަށުގައި އެ ފުރުސަތުތައް އޮތީ ވަރަށް ބޮޑަށް ރަށުގެ ދާއިމީ އެޑްރެހާ ހަމައަށް ލިމިޓްކޮށްފައެވެ. ބިން ބޮޑެތި ބައެއް ރަށްރަށުގައި ނުވަތަ އާބާދީ ބޮޑުކުރުމުގެ ނިޔަތް އޮތް ބައެއް ރަށްރަށުން ގޯތި ދިނުމާއި ފްލެޓް ދިނުމާއި މި ނޫން ވެސް އެކި ހިދުމަތްތައް ދިނުމުގައި ރަށުން ބޭރު ފަރާތްތަކަށް ފުރުސަތު ދެއެވެ. އެހެން ނަމަވެސް މިއީ އިހްތިޔާރަށް ދޫކޮށްލެވިފައި އޮތް ކަމަކަށް ވުމުން އެކި ތަންތަނުގައި އަމަލުކުރަނީ އެކި ގޮތަށެވެ. ނަމަވެސް މިއީ ގައުމީ ނިންމުމެއް ނިންމަންޖެހޭ ކަމެކެވެ. އެ ރަށެއްގައި ވަޒަންވެރިވެގެން އުޅޭ ބަޔަކަށް އިސްކަން ދިނުމަކީ އެހެން ކަމެކެވެ. ނުވަތަ ޕޮއިންޓް ސިސްޓަމްގެ ތެރެއިން ފުރުސަތު ބޮޑުވާނެ ގޮތަކަށް އޮތުމަކީ ކުރެވިދާނެ ކަމެކެވެ. މުޅި މަޝްރޫއު ދާއިމީ އެޑްރެހުގެ މައްޗަށް ލިމިޓްވާ ގޮތަށް މިކަން ކުރުމަކީ އޮންނަންޖެހޭ ގޮތެއް ނޫނެވެ. 

ސިޔާސަތު ބަދަލުކުރުމުގައި އެއްވިސްނުމެއް!

އާންމު ރައްޔިތު މީހާ މި ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް ހައްލުވާކަށް ނެތެވެ. އިންޓަނެޓްގައި ކިތަންމެ ވަރަކަށް އެކަކަު އަނެކަކަށް އެއްޗެހި ކިޔަސް މައްސަލަ ހައްލުވާކަށް ނެތެވެ. މިކަން ހައްލުވާން އޮތީ ސިޔާސަތަށް ބަދަލު ގެނެސްގެންނެވެ. ސިޔާސީ ފަރާތްތަކުގެ ވިސްނުން އެއްގޮތް ކޮށްގެންނެވެ. ކުރިއަށް އޮތް ވިހިި އަހަރުގެ ތަސައްވުރު ހަދާ އިރު އެންމެ ކުރީގައި އޮންނަންވީ އެޖެންޑާއަކީ މިއީ އެވެ. ދާއިމީ އެޑްރެސް ބަލައިގެން ހިދުމަތް ދިނުން ހުއްޓާލަން ޖެހެއެވެ. ދިވެހި ރައްޔިތަކީ ދިވެހި ރައްޔިތެއް ކަމަށް ބަލައިގެން ހިދުމަތް ނުދޭހާ ހިނދަކު މި ބަހުސް ނުހުއްޓޭނެއެވެ. ބޯހިޔާވަހިކަން ދޭ އިރު ނުވަތަ އެ ނޫން ވެސް އަސާސީ ހިދުމަތެއް ދޭ އިރު މާލޭ މީހެކޭ ތަކަންދޫ މީހެކޭ ތަފާތުކުރުމެއް އޮވެގެން ނުވާނެއެވެ. 

ވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ސިޔާސަތު ބައްޓަންކުރާނެ ގޮތަކާ މެދު އާންމު މީހާ ވެސް ސުވާލު ކުރަން އެބަ ޖެހެއެވެ. އަދި މިހާރު ވެސް އެ ސުވާލު އެބަ ކުރެއެވެ. މިފަދަ ސުވާލެއް ދާދި ފަހުން އަމާޒުވި އެއްބޭފުޅަކީ މިވަގުތު އިދިކޮޅުގައި އޮތް އެމްޑީޕީގެ ޗެއާޕާޝަން ފައްޔާޒު އިސްމާއީލެވެ. އެހެން ސާފު ޖަވާބެއް ދޭން ސިޔާސީ ފަރާތްތަކުން އަދިވެސް ފަސްޖެހޭކަން ފާހަގަކުރެވެއެވެ. އާންމުންގެ މީހަކު އެކްސްގައި މި ސުވާލު ވަނީ ކޮށްފައެވެ. 

ބިމުގެ މިލްކުވެރިކަމާއި ބޯހިޔާވަހިކަމުގެ ހައްގުތަކާ ބެހޭ ގޮތުން ކުރިއަށް އޮތް ތަނުގައިސިޔާސަތަކީ ކޮބައިތޯ ކުރި ސުވާލާ ގުޅިގެން ފައްޔާޒް ވިދާޅުވީ މިއީ ވަރަށް ބޮޑަށް ވިސްނައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. 

“ހިލޭ ބިން ދޫކުރުމުގެ އާދަ ނިމުމަކަށް ގެނައުމާއި ދާއިމީ ރަށްވެހިކަން އުވާލުން ފަދަ ކަންކަން ވެސް ވަރަށް ރަނގަޅަށް ދިރާސާ ކުރަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒަމާނާ އެއްގޮތްވާ ގޮތުގެމަތިން، އޭގެ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދޭނެ. މިކަމާ ގުޅޭ ގޮތުން މުޅި ގައުމުގައި މަޝްވަރާ ކުރަން ޖެހޭ،” ފައްޔާޒު އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓްގައި ވެއެވެ. 

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ބަހުސް ކުރަން ޖެހޭ ކަމެއް ނޫނެވެ. ރާއްޖޭގެ ގާނޫނު އަސާސީން މިހާރު ވެސް ވަނީ ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ދިރިއުޅުމުގެ ހައްގު ދީފައެވެ. ނަމަވެސް އުފަންދުވަހުގެ ސެޓްފިކެޓްތަކާ އެއްގޮތަށް ބިން ބެހުމުގެ ސިޔާސަތުތަކުން ވަނީ މި އަސާސީ އުސޫލުތަކާ ހިލާފުވެފަ އެވެ. އެއީ އަސާސީ ހައްގެކެވެ. އެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ނުވަތަ ހުރަސް އެޅޭ ގޮތަށް ގާނޫނެއް ވިޔަސް އަދި ގަވާއިދެއް ވިޔަސް އެއީ ބާތިލް އެއްޗެއް ކަމަށް ދެކުމުގެ ފުރުސަތު އެބަ އޮތެވެ. ގާނޫނު އަސާސީއާ ހިލާފު ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެކެވެ. އެއީ ދެބަސްވުމެއް އޮތް ކަމެއް ނޫނެވެ. އަދި މަޝްވަރާއެއް ކުރަންޖެހޭ ކަމެއް ވެސް ނޫނެވެ. 

ފައްޔާޒުގެ މި ވާހަކަ އާއި އަދި އެމްޑީޕީގެ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ބިން ބަހަށް ގެންގުޅުނު ސިޔާސަތުތަކަށް ގިނަ ބަޔަކު ނުރުހެއެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާ އިން އެކަން އެ އޮތީ ސާބިތުވަންށެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ބާއްވާ އެއްވުންތަކަށް ދާ މީހުންގެ އަދަދުން ވެސް އެއީ ގޯސް ސިޔާސަތެއްކަން ސާބިތުވެއެވެ. 

ފައްޔާޒަށް ރައްދު ދީ އާންމުންގެ މީހަކު ލިޔެފައި ވެއެވެ.

ދާއިމީ އެޑްރެހަށް ބިނާކޮށް އެންމެ އަސަސީ ހިދުމަތް ކަމަށްވާ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައި އޮތް އޮތުމަށް ނިމުމެއް ނުގެންނަހާ ހިނދަކު މި ބަހުސަކަށް ނިމުމެއް ނެތެވެ. އަދި މި ތަފާތުކުރުމާއި އުފެދިފައިވާ ނަފުރަތުގެ ހުޅުގަނޑަށް ކުޑަ ވެސް ފިނި ކަމެއް ލިބެން އޮތީ ސިޔާސަތުތައް ބަދަލުކޮށްގެންނެވެ. ފައްޔާޒުމެން ފަދަ ބޭފުޅުން އެއް ވިސްނުމެއްގައި މަސައްކަތް ކުރައްވައިގެންނެވެ. ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ވިސްނުން ވެސް މި ގޮތުގައި ބައްޓަންކޮށްގެންނެވެ. ވިހި އަހަރުގެ ލަނޑުދަނޑި ލިޔާ އިރު ފުރަތަމަ ސުރުހީއަކަށް އޮންނަންވީ ވެސް މި ތަފާތުކުރުން ނައްތާލުމެވެ. 

މިހާތަނަށް އެކި ސަރުކާރުތަކުގައި ބޯހިޔާވަހިކަމަށް ހިންގި އެކި މަޝްރޫއުތަކުގެ ތަޖުރިބާތަކަށް ބަލާއިރު އެނގިގެން ދިޔަ އެއްކަމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދާއިމީ އެޑްރެހަށް ބަލައިގެން މަޝްރޫއުތައް ހިންގުމަކީ އިންސާފުން ބޭރުން ހިނގާ ކަމެއްކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމެވެ. އަދި ހިލޭ ބިން ދިނުމުގެ ސިޔާސަތަށް ވެސް ތާއީދެއް ނެތްކަން މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާތަކުން ހާމަވާން އެބަ އޮތެވެ. އަދި އެއީ މަދު ބަޔަކަށް ފައިދާކުރާ ކަމެއް ކަން ވެސް އެ އޮތީ ފެންނަންށެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތިމާ އުފަންވާ ތަނެއް ނުވަތަ ދާއިމީ އެޑްރެހަށް ނިސްބަތްކޮށް ބޯހިޔާވަހިކަން ދިނުމުގެ ބަދަލުގައި ވީހާ ވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޯށްދޭނެ ސިޔާސަތަކަށް ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ވެރިން އެއްބަސްވާން އެބަ ޖެހެއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0