މަރުގެ އަދަބު: މަސްތުވާތަކެއްޗަށް އޮތް ހައްލު! ވާނެތަ؟

12 ޑިސެމްބަރ 2025 - 19:47

އެންމެ ފަހުން މަރުގެ ތަންފީޒުކުރުން!

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އޮންނަ ސިޔާސަތެކެވެ. ވެރިކަމަށް ޝައުގުވެރިވާ ބޭފުޅުން ވެސް ދައްކަވާ ވާހަކައެކެވެ. އަދި ގާނޫނުތަކުގައި އެ ވާހަކަ އެ ގޮތަށް ލިޔެވިފައި ވެސް އެބަ ހުއްޓެވެ. އެހެން ނަމަވެސް ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ 1953 ވަނަ އަހަރުއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައެވެ. އެއީ އަމީން އަވަހާރަކޮށްލުމަށް ބަޔަކު ހެދި ފަންޑިތައާ ގުޅޭ މައްސަލައެއްގައެވެ. 

advertisement
advertisement
advertisement

އަމީންގެ ވެރިކަމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އިބްރާހީމް ނާސިރާއި އަދި 30 އަހަރު ދުވަހު ވެރިކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ގާނޫނުތަކުގައި އެ ވާހަކަ އޮތެވެ. އަދި ދޭތެރެ ދޭތެރެއިން އެ މައުލޫ ފެންމަތިވެއެވެ. އެހެން ނަމަވެސް ރައީސް މައުމޫނަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅު ބޭފުޅެކެވެ. މިދިޔަ އަހަރު ވެސް އެފަދަ ވާހަކަފުޅެއް ދައްކަވާފައި ވެއެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ  އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މަރުގެ އަދަބު ދިނުމާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު އަދި އޭރު ވެރިކަން ކުރާ ޕާޓީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކެމްޕެއިން ކުރައްވަމުން ގެންދެވި އާޒިމާ ޝަކޫރު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެކަމަނާ އޭރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ފަދަ ބޮޑެތި ކުށްތަކުގައި މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށެވެ. އަދި ހަމަ އެ ވާހަކަ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހްސާން ވެސް ތަކުރާރުކުރައްވާފައި ވެއެވެ. 

“އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރު އޮތް ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ނިންމާފައި އޮތް ސަރުކާރެއް،” އިހްސާން ވިދާޅުވެފައި ވެއެވެ. 

އަދަބު ތަންފީޒުކުރުމަށް ގިނަ ތައްޔާރީތަކެއް! 

މަރުގެ އަދަބު ތަންފީޒުކުރުމާ އެންމެ ގާތަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައެވެ. އެކަމަށް ކުރިން ވެސް އަދި މިހާރު ވެސް ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ އުމަރު ނަސީރުގެ ހޯމް މިނިސްޓަރުކަމުގެ ދަށުގައި  ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ތަނާއި ސާމާނު ހަމަކޮށް މާފުށީ ޖަލުގައި ވަރަށް ބޮޑަށް ތައްޔާރުވިއެވެ. އަދި އެކަން ކުރާނީ ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން ކަމަށް ކަނޑައެޅިއެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ އެކަން ވުމުގެ ކުރިން އަމަރު އިސްތިއުފާ ދެއްވުމަށް ފަހު ދެން އެ މަގާމަށް ވަޑައިގެންނެވި އަޙުމަދު އަޒުލީން ވެސް އެ ވާހަކަ ދެއްކެވިއެވެ. އެހެން ނަމަވެސް އެ ފަސް އަހަރު ނިމިގެން ދިޔަ އިރު ވެސް އެކަން އޮތީ ނުވެއެވެ.

ސިޔާސަތަށް ބޮޑު ބަދަލެއް!

އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުން އެ ސިޔާސަތު ބަދަލުކުރިއެވެ. އެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ސިޔާސަތު އިއުލާނުކުރެއްވިއެވެ. ފޮރިން މިނިސްޓްރީން އޭރު ބުނެފައި ވަނީ މަރުގެ ހުކުމް ތަންފީޒުނުކުރުމަށް ރާއްޖެއިން ހުއްޓާލާފައި އޮތް އޮތުން އެ ގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި މަރުގެ ހުކުމް މަނާކުރުމުގެ ރިޒޮލިއުޝަނަށް ރާއްޖޭން ވޯޓު ވެސް ދީފައި ވެއެވެ. 

އެމްޑީޕީގެ ވެރިކަމަށް ފަހު ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު ބަދަލުކޮށް މަރުގެ އަދަބު ތަންފީޒުކުރުން ވަރަށް ބޮޑަށް ޕްރޮމޯޓްކުރިއެވެ. އެހެން ނަމަވެސް އެކަން ވެސް ވެފައި އޮތީ ސިޔާސީ ސްޓޭޓްމަންޓަކަށެވެ. މި ސަރުކާރުން އެކަން ތަންފީޒުކުރާނެ ކަމަށް ވެރިކަމުގެ ކުރީކޮޅު ހޯމް މިނިސްޓަރު އަޑަށް ބާރުލައްވާފައި ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ މަނިކުފާނުގެ ރާގު ވެސް ބަދަލުވިއެވެ. 

“މިއީ ބޮޑު ޕްރޮސެސް އެއް އިނގޭތޯ، މި ޕްރޮސެސް ތެރޭގައިި އެންމެ ފުރަތަމަ ކަށަވަރުކުރާ ކަމަކީ ހުކުމްކުރެވޭ މީހާ މުޅި އަދުލުގެ ނިޒާމުގެ ތެރޭގައި އޭނާއަށް ދެވެން ޖެހޭ ހުރިހާ ހައްގެއް ކަށަވަރު ވެފައި އޮތްތޯ [ބެލުން]،” މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިހްސާން ވިދާޅުވިއެވެ.

ގާނޫނަށް ބޮޑު ބަދަލެއް!

މަރުގެ އަދަބު ތަންފީޒުކުރުމުގެ ވާހަކަ އަނެއްކާ ވެސް މި ވަނީ ގަދަވެފައެވެ. މި ފަހަރު މި ވާހަކަ ގަދަވީ މަސްތުވާތަކެތީ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނަށް މިފަހުން ގެނައި އިސްލާހާ އެކީގައެވެ.  މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެެ ކަމަށެވެ. އެ ގޮތުން މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެތީގެ ބަރުދަނަކީ:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން.
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން.
  •  އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު 1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން.

ގާނޫނުގައި ބުނަނީ އެފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހޭނެ ކަމަށެވެ. އަދި ހުކުމް ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުން ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އެ މީހަކު މަރަން އިއްތިފާގު ނުވާ ހާލަތުގަ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން ދިހަ މިލިއަނާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން އެ ގާނޫނުގައި މީގެ ކުރިން އޮތް އުމުރު ދުވަހުގެ ހުކުމަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން މީގެ ކުރިން އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރު ކަމަށް ބެލި ނަމަވެސް އަލަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ މަސްތުވާކަތެިގެ މައްސަލަތަކުގައި  އުމުރު ދުވަހުގެ ހުކުމެއް އިއްވައިފި ނަމަ މަރުދުވަހާ ހަމައަށް ވެސް އެ މީހަކު ޖަލުގައި ބަހައްޓަންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ޕެރޯލެއްގެ ދަށުން ލުއި ދީ މައާފު ދިނުމެއް ވެސް ނޯންނާނެ ކަމަށް ގާނޫނުގައި ވެއެވެ. 

މައްސަލަ ހައްލު ކުރެވިދާނެބާ؟

މިއީ ރަނގަޅު ބަދަލެއް ކަމަށް ދެކޭ މީހުން ގިނަ އެވެ. ރާއްޖޭގައި މަސްތުވާކެތީގެ ހާލަތު ގޮސްފައިވަނީ ކަންބޮޑުވާ މިންވަރަކަށެވެ. އެ މައްސަލަ ހައްލުކުރެވޭނެ މާ ބޮޑު ރަނގަޅު ސިޔާސަތުތަކެއް ފާއިތުވި އެއްވެސް ސަރުކާރަކުން ގެންގުޅެފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަސްތުވާކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ލިބަމުން ދިޔައީ ހިމާޔަތެވެ. އަދުލު އިންސާފުގެ ދާއިރާގެ ތެރެއިންނާއި ތަންފީޒީ ނިޒާމުގެ ތެރެއިން ވެސް މެއެވެ. މިފަދަ މައްސަލަތަކުގައި އުމުރަށް ޖަލަށްލާފައި ތިބި އެތައް ބަޔަކު ސިޔާސީ ބޭނުމަށްޓަކައި ދޫކޮށްލާފައި އެބަ ހުއްޓެވެ. ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް މިފަދަ މީހުންނަށް މައާފު ދިނުން އާންމެވެ.  

ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ އިރު މަސްތުވާކަތީގެ މައްސަލަ އަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށްޓަކައި ގާނޫނަށް ގެނައި ބަދަލަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެދޭ ބަދަލެކެވެ. ހާއްސަކޮށް އުމުރު ދުވަހަށް ކުރާ ހުކުމްތަކަށް މައާފު ނުދިނުމެވެ. މަރުގެ އަދަބު ދިނުމާ މެދު އެކި ފަރާތްތަކުގެ ހިޔާލު ތަފާތެވެ. އެއްބަޔަކު ދެކޭ ގޮތުގައި މަސްތުވާކެތީގެ މައްސަލަ އަށް އޮތް ހައްލަކީ ވެސް އެއީއެވެ. އެކަމާ ދެބަސްވާ މީހުން މަދުވެއެވެ. އެހެން ނަމަވެސް އެއީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.

މަސްތުވާތަކެތީގެ ގާނޫނަށް މި ބަދަލު ގެނައުމުގެ ވާހަކަ ރައީސް ދެއްކެވި ހިސާބުން ވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖޭގެ މަރުގެ އަދަބު އަލުން ތަންފީޒުކުރަން ނުފެށުމަށް ދިޔައީ ގޮވާލަމުންނެވެ. އެހެން ނަމަވެސް މަސްތުވާކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމަކީ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅެ ކަމެކެވެ. އެހެންކަމުން ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާ ބަލާ އިރު މިއީ ގޯސް ނިންމުމެއް ކަމަށް ދެކޭ ދިވެހިން މަދުވެދާނެއެވެ. 

އަނެއް ބަޔަކު ދެކޭ ގޮތުގައި މަސްތުވާކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމުގެ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެކެވެ. އަދި އެއީ ވެރިންގެ މަގުބޫލުކަން ހޯދުމަށް ދައްކާ “ހޮޅި” ވާހަކައެކެވެ. އަދި ގާނޫނުގައި އެ ވާހަކަ އެ ގޮތަށް ލިޔުނު ނަމަވެސް ތަންފީޒުނުކުރާހާ ހިނދަކު އޭގެ ބޭނުމެއް އޮތް ކަމެއް ނޫނެވެ. މަރުގެ އަދަބު މިހާރު ވެސް ރާއްޖޭގެ ގާނޫނުތަކުަގައި އެބަ ހުއްޓެވެ. އެންމެ ފަހު މަރުހަލާ ނިމި މަރުގެ އަދަބުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. މަރަން ހުކުމް ކުރި އެތައް ބަޔަކު މިނިވަން ވެސް ވެއްޖެއެވެ. އެހެން ކަމުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމް ދޭންޖެހޭ ކަމަށް ގާނޫނެއްގައި ލިޔުމަކުން ވާނެ ކަމެއް ނެތެވެ. އަދި އެއީ އެ މައްސަލަ އަށް އޮތް ހައްލެއް ވެސް ނޫނެވެ.. އެހެން ނަމަވެސް އެހެން ފަހަރުތަކާ މި ފަހަރު ތަފާތެވެ. މި ފަހަރު މަރުގެ ހުކުމް ހަމައެކަނި ގާނޫނެއްގައި ލިޔުނީކީ ނޫނެވެ. އެފަދަ ފަރާތްތަކަށް މައާފު ވެސް ނުދެވޭނެ ކަމަށް އޮތުމަކީ މި ކަމުގައި ސަރުކާރުގެ ނިޔަތް ރަނގަޅުކަން ހާމަކޮށްދޭ ކަމެކެވެ. ގިނަ ބައެއްގެ އުންމީދަކީ ވެރިކަން ބަދަލުވި ދުވަހަކުން ވެސް މިފަދަ ގާނޫނުތައް އަލުން އިހު އޮތް ގޮތަށް ނުވަތަ ލުއި ގޮތަކަށް އިސްލާހު ނުކުރުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0