ޕްރައިމަރީއާ އެކު އެމްޑީޕީ އަނެއްކާ ވެސް ބައިބައިވުމަކާ ދިމާއަށް!

23 ޑިސެމްބަރ 2025 - 12:18

އެމްޑީޕީ އަށް ދެ ވަނަ ދައުރެއް ނުލިބުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ އެ ޕާޓީގެ އެތެރޭގެ ކޯޅުންތަކެވެ. ހާއްސަކޮށް ޕާޓީގެ ވެރިންގެ މެދުގައި ވެރިކަމަށް އޮތް ވާދަވެރިކަމަކީ އޭގެ އަސްލު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެ ގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުނީ މިފަދަ ސަބަބުތަކާ ހުރެ އެވެ. 

އަންނަ އަހަރު ބޮޑު އިންތިހާބެއް ބޯމަތިވަމުން އަންނަ އިރު އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން އަނެއްކާ ވެސް މި ވަނީ ބޮޑުވެފައެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ މާލޭގެ މޭޔަރުކަމެވެ. އެއްކޮޅުން ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ. އަނެއްކޮޅުން ވާދަކުރައްވަނީ 19 ވަނަ މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލްކުރެއްވި އަލީ އާޒިމް އެވެ. 

ދެ ބޭފުޅުންގެ ފެށުން އެމްޑީޕީއާ ދުރުން

ދެ ބޭފުޅުންގެ ވެރިން ސިޔާސީ ކެރިއަރު ފެށިގެން އައީ އެމްޑީޕީއާ ދުރު ވިސްނުމެއްގެ ތެރެއިންނެވެ. އަލީ އާޒިމްއަކީ 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީގެ ވަރުގަދަ ފަހުލަވާނެކެވެ. ޑީއާރުޕީ ބައިބައިވުމުގެ ތެރެއިން އެ ޕާޓީ ދޫކުރައްވައި  އެމްޑީޕީއާ ގުޅިވަޑައިގަތީ އޯގަސްޓް 2013ގައެވެ. އޭރު ހުންނެވީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމުގައެވެ.

އާދަމް އާޒިމް ސިޔާސީ ކެރިއަރު ފެއްޓެވީ ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރު އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ. އެ ވެރިކަމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދެވިއެވެ. އަދި މާލޭ ސިޓީ މޭޔަރުގެ ބައި އިލެކްޝަންގެ ޓިކެޓް ހޯއްދެވީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާދަކުރައްވައެވެ. އަދި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ހޯއްދެވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މިހާތަނަށް އާދަމް އާޒިމް ވަނީ ކާމިޔާބު ހޯއްދަވާފައެވެ. އެ ގޮތުން މާލޭ ދާއިރާގެ ރައީސްކަން ހޯއްދެވީ ވެސް ވާދަވެރި އިންތިހާބެއް ކާމިޔާބުކުރައްވައިގެންނެވެ. އެ އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި މުހިންމު ދައުރެއް އަދާކުރެއްވި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހް ބޮޑު ތަފާތަކުން ބަލިކުރައްވައިގެންނެވެ. 

ދެ ބޭފުޅުންގެ އިހްލާސްތެރިކަން!

ދެ އާޒިމުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ވެސް ވަކި ކުޑައެއް ނޫނެވެ. އަދި މޭޔަރުގެ ޕްރައިމަރީ ވެސް މި ވަނީ މި ރޭހާ ގުޅިލާމެހިފައެވެ. 

ދެ ބޭފުޅުންގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރެވެމުންދާ އިރު ދެ ބޭފުޅުންގެ އިހްލާސްތެރިކަމާ މެދު އާއި އަސްލު އެމްޑީޕީގެ “މީހާ” އަކީ ކާކުކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ދެކޭ ގޮތުގައި އާދަމް އާޒިމްއަކީ އެމްޑީޕީގެ މީހެއް ނޫނެވެ. އެހެން ނަމަވެސް އެކަން ދިފާއުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ބޭބެ މިހާރުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވާދަކުރެއްވި ނަމެސް ދެ ގޮތެއް ނުވެ އެމްޑީޕީގެ ކެމްޕެއިންގައި އާދަމް އާޒިމް އުޅުއްވުމުން ދޭހަކޮށްދެނީ އޭނާ އެމްޑީޕީ އަށް ވަފާތެރިވާނެ ކަމެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން އަދިވެސް އިދިކޮޅަށް ބޭނުންކުރާ އެއް ހަތިޔާރަކީ މިއީ އެވެ. އެ ގޮތުން މި ސަރުކާރު ޖަވާބުދާރީކުރެއްވުމުގައި އާޒިމް ފަހަތު ފަޔަށް ބުރަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. 

އަލީ އާޒިމްގެ ފަސްބައިގައި ޖެހިފައިވާ އެންމެ ބޮޑު ލައްގަނޑަކީ މިދިޔަ ސަރުކާރުގައި އެމްޑީޕީ ރޫޅާލަން ކުރި މަސައްކަތެވެ. ރައީސް ސޯލީހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރެއިން ވެރިކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ އަލީ އާޒިމްއެވެ. މަޖިލީހުގެ ތެރެއިން ރައީސް ސޯލިހަށާއި އެމްޑީޕީ އަށް ވަރަށް ހުތުރު ގޮތް ގޮތަށް ފާޑު ވިދާޅުވިއެވެ. އަދި އެންމެ ފަހުން ޕާޓީ ރޫޅާލާނެ ކަމަށް ބުނެ ރައީސް ނަޝީދުގެ ސަޕޯޓަރުން ޕާޓީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދި އިރު އެކަމުގައި ވެސް އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އަލީ އާޒިމް އެވެ. 

އަލީ އާޒިމް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ޖެނުއަރީ މަހު އެމްޑީޕީއާ އަލުން ގުޅުމަށް ނިންމުމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދުމަކީ އަލީ އާޒިމް އަށް އޮތް ވަރަށް ބޮޑޮ ގޮންޖެހުމެކެވެ. 

ޕާޓީ ދެ ބަޔަކަށް ބެހިފައި!

މޭޔަރުގެ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރޭގައި ޕާޓީގެ އިސް ބޭފުޅުން ވެސް ވަނީ ދެ ބަޔަކަށް ބެހިފައެވެ. އާދަމް އާޒިމް އަށް ސަޕޯޓްކުރާ ތަން ބޮޑަށް ފެންނަނީ ރައީސް ސޯލިހްގެ އަރިސް ބޭފުޅުންނެވެ. އެހެން ނަމަވެސް މީގެ ކުރިން ރައީސް ސޯލިހްގެ އަރިހުގައި ތިއްބެވި ބައެއް ފަރާތްތައް އަލީ އާޒިމް އަށް ތާއީދުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޕާޓީގެ ކުރީގެ ޗެއާޕާޝަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު ހުސެއިން އަމްރު ފޯރިއާ އެކު ކެމްޕެއިންގައި އުޅުއްވާ ތަން ފެނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދާ އެކު އެމްޑީޕީ ދޫކޮށްލި ބައެއް އެކްޓިވިސްޓުން އާދަމް އާޒިމް އެންޑޯޒްކޮށްފައި ވެއެވެ. 

ޕްރައިމަރީގެ ފޯރި އާއި ވާދަވެރިކަން އޮތީ ހަމައެކަނި މަތީ ފަޑިއާ ހަމައިގައެއް ނޫނެވެ. ގްރާސް ރޫޓުގައި ވެސް މި ފޯރި ގަދައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުން މިއީ “ސިއްހަތު ރަނގަޅު” ޑިމޮކްރަސީއަކުން ފެންނާނެ މަންޒަރުތަކެވެ. އެހެން ނަމަވެސް ސުވާލަކީ މިހާތަނަށް މިފަދަ ވާދަވެރިކަމުގެ ތެރެއިން އެމްޑީޕީ އަށް ލިބުނު ފަދަ ބޮޑު ގެއްލުމަކުން މި ފަހަރު ސަލާމަތް ވާނެ ހެއްޔެވެ؟ އަދި ޕްރައިމަރީން ބަލިވާ ކެންޑިޑޭޓް، މޮޅުވާ ކެންޑިޑޭޓްގެ ފަހަތަށް އަރައި ޖޯޝާއި ފޯރީގައި އެމްޑީޕީ އަށް މޭޔަރުކަން ހޯދައިދޭން މަސައްކަތް ކުރާނެ ހެއްޔެވެ؟ ނޫނީ މީގެ ކުރިން ވެސް ކަންވީ ގޮތަށް ބޮޑާ ހާކާފައި ހޮރަށް ވަދެ ފިލައި ތިބޭނީ ހެއްޔެވެ؟ ނޫނީ އަލުން އެނބުރި ވަކި ފެކްޝަނެއްގެ ގޮތުގައި “އާޒިމް” ނޫން ގޮތެއް ހޯދަން އަޑު އުފުލާނީ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0