މާލެ ދޫކޮށް ރަށަށް ދިއުން، ތިޔަބުނާހާ ފަސޭހަ ކަމެއް ނޫން!
28 ޑިސެމްބަރ 2025 - 16:00
މާލެ އާއި ރާއްޖެ ތެރޭ މީހުންގެ ބަހުސް ދޭތެރެ ދޭތެރެއިން ހޫނުވެއެވެ. މި ފަހަރު މި ބަހުސް ހޫނުވެގެން އުޅެނީ ރައީސުލްޖުމްހޫރިއްޔާ މާލޭގެ އެކި އަވަށްތަކުަގައި ދިރިއުޅޭ މީހުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އަދި ހާއްސަކޮށް އެ ވާހަކަތަކާ ގުޅިގެން މާލޭ ރަށްވެހިންގެ ޖަމިއްޔާ އިން “ފިތުނަ” އުފެއްދުމުގެ މަގުސަދުގައި ކުރަމުން ދިޔަ ޕޯސްޓްތަކެއްގެ ސަބަބުންނެވެ. އެ މީހުން ދެކޭ ގޮތުގައި މާލޭގައި އުޅެން އުނދަގޫވުމުގެ ޝަކުވާނުކޮށް ރާއްޖެތެރޭ މީހާ ރަށަށް ބަދަލުވުމުން ހުރިހާ ކަމެއް ހައްލުވީ އެވެ. އެެހެން ނަމަވެސް މިއީ ހަގީގަތާ ދުރު ވާހަކަ އެކެވެ. އަދި އެ ބުނާހާ ފަސޭހައިން ހައްލުވާން ވެސް އޮތް ކަމެއް ނޫނެވެ.
މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ގޮވާލުންތައް!
މާލެ އަށް އުފަން މާލޭ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ނަމުގައު އުފައްދާފައިވާ މަލޭ ރަށްވެހިންގެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މި ފަހަގަކަށް އައިސް ކުރަމުންދާ ޕޯސްޓްތަކާ މެދު އާންމުންގެ ކަންބޮޑުވުން ބޮޑެވެ. ބަހުސްތައް ހޫނުވެއެވެ. އަދި އެ މީހުންނަކީ ވަރަށް ރޭސިސްޓް އަދި ޖާހިލިއްޔަ ޒަމާނުގެ ވިސްނުން ގެންގުޅޭ ބައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ފާޑުކިޔާ ފަރާތްތައް ގިނައެވެ.
އެ ޖަމިއްޔާ އިން ދެކޭ ގޮތުގައި މާލެއަކީ ހަމައެކަނި މާލޭ ރައްޔިތުންގެ ތަނެކެވެ. އަދި މާލެ ސަރަހައްދުން ބިން ވެސް ދޭންޖެހެނީ މާލޭ މީހުންނަށެވެ. އަދި ހުޅުމާލެއަކީ ވެސް އެ މީހުން ދެކޭ ގޮތުގައި ހަމައެކަނި މާލޭގެ ރައްޔިތުންގެ ތަނެކެވެ. ވިލިމާލެ ވެސް އެފަދަ އެވެ.
“ފްލެޓަށް ކުލި ދައްކަންވީމާ ބޮޑު ނިކަމެއްޗެކެވެ. އެހެން ހުރިހާ ކަމެއްގައި ބޮޑު މުއްސަންޖެކެވެ.” ޖަމިއްޔާގެ ޕޯސްޓެއްގައި ވެއެވެ.
އެހެން ޕޯސްޓެއްގައި ވެއެވެ. “މާލޭގަ އުޅެވޭނެ ފެންވަރު ނެތީމަ ރަށަށް ބަދަލުވުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ރަދުންގެ ދަރުބާރުގައި ރޮއެ އާދޭސްކުރުމަކީ ހުތުރު ކަމެކެވެ،” އެ ޖަމިއްޔާގެ ޕޯސްޓެއްގައި ވެއެވެ.
މާލޭ ރަށްވެހިންގެ ޖަމިއްޔާގެ މިފަދަ ވާހަކަތަކުން އާންމުންގެ މެދުގައި މާލޭގެ ރައްޔިތުންނާ މެދު ނަފުރަތު އުފެދޭ ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ވަނީ ޕޯސްޓްތައް ކޮށްފައެވެ. އެފަދަ ފަރާރްތަކުން ދެކޭ ގޮތުގައި މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން ތަމްސީލްކުރަނީ ވަކި ބައެކެވެ. އަދި އެއީ މުޅި މާލޭ މީހުންގެ ވިސްނުން ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
ދައުލަތުގެ ބަޖެޓްގެ ބޮޑު ބައެއް މާލެއަށް!
ވެރިރަށް މާލެއަކީ ވަކި ބައެއްގެ މިލްކެއް ކަމަށް ދައްކަން އުޅޭ ވާހަކައަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. ސަބަބަކީ އެއްވެސް އިރެއްގައި މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫނެވެ. އަނެއްކޮޅުން މާލޭގައި މިހާރު ދިރިއުޅޭ އާބާދީ އަށް ބަލާއިރު ވެސް “ހަތަރު ކަންކަށިމަތި މާލެ” ކަމަށް ބުނާ މީހުންގެ އާބާދީ އަށް ވުރެ ރަށްރަށުން މި ތަނަށް އައިސް އާބާދުވެފައިވާ މީހުންގެ އާބާދީ މާ ބޮޑަށް ވެސް އިތުރެވެ. އަދި މީގެ ތެރެއިން ވެސް ގިނައީ އެތައް އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނެވެ.
މާލެ އާއި ރަށްތަކުގެ ތަރައްގީގެ ފަރަގު ޒަމާނުއްސުރެ ތަފާތެވެ. މައިގަނޑު ސަބަބަކީ ސަރުކާރުތަކުގެ ސިޔާސަތުތައް މާލެ އަށް އަމާޒުވެފައި އޮތުމެވެ. ރާއްޖޭގެ މުއްސަނދިކަމުގެ ބޮޑު ބައެއް ވެސް ބިނާވެފައި އޮތީ މާލޭގައެވެ. ރާއްޖޭގެ ރަށްތަށް ކުއްޔަށް ދޫކޮށްގެންނާއި އެ ނޫން ވެސް ގޮތް ގޮތުން އަދި އާންމު މީހާގެ ޖީބުން މިހާރު ނަގާ ޓެކްސްއާ އެކު ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޒަމާނުއްސުރެ ހަރަދު ކުރަމުން އައީ މާލެއަށެވެ. މިހާރު ވެސް އެކަން އޮތީ އެހެންނެވެ. ރަށްރަށުގެ ތަރައްގީ އަށް ކުރާ ހޭދައަށް ވުރެ މާލޭގެ ތަރައްގީ އަށް ކުރާ ހޭދަ އިންތިހާ އަށް ފަރަގު ބޮޑެވެ.
ވެރިކަން ކުރާ ރަށަށް ވުމުން އެ ފަރަގު އޮތުމަކީ ވެސް މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ވެސް ރަށްރަށުގައި ގާއިމުކުރެވިފައެއް ނުވެއެވެ. އޭގެ އެއް މިސާލަކީ އަދިވެސް ފެނާއި ނަރުދަމާގެ ނިޒާމުގެ ވާހަކަ ދައްކަންޖެހުމެވެ. ސިއްހީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމުގެ ޝަކުވާ އަދިވެސް އޮތީ އޮތްތަނުގައެވެ. ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް އައި ނަމަވެސް އަދިވެސް މަތީ ތައުލީމު ހޯދަން މިސްރާބު ޖަހަން ޖެހެނީ މާލެއާ ދިމާއަށެވެ. މިހެން ގޮސް އެތަ ކަމެއްގައި އަދިވެސް އޮތީ ބޮޑު ފަރަގެކެވެ.
އަނބުރާ ރަށަށް ދިއުމުގެ ވާހަކަ!
މާލޭ ރަށްވެހިންގެ ޖަމިއްޔާ އިން ދެކޭ ގޮތުގައި މާލޭގައި ދިރިއުޅެން އުނދަގޫވާ ނަމަ ދާންވީ ރަށަށެވެ، އެ ތަނުގައި އަރާމުގައި އުޅެވޭނެ އެވެ. އެހެން ނަމަވެސް ކަންކަން ބައްޓަންވެފައި ހުރީ އެ ބުނާ އުސޫލަކުން ނޫނެވެ. މާލޭގައި ކުލި ބޮޑު ނަމަ ރަށްރަށުގައި ކުލި ނުދައްކައި އަމިއްލަ ގޭގައި އުޅޭވޭނެ ކަމަށް އެ މީހުން އެބަ ބުނެއެވެ. ރަނގަޅު ވާހަކައެކެވެ. ކުލި ނުދައްކައި އުޅެވިދާނެއެވެ. ނަމަވެސް ކުދި ކުދި ކަންކަމުގައި މާލެ އަންނަންޖެހުން ހުއްޓުމަކަށް ނާދެއެވެ. ބޭސްފަރުވާ އަށް ވެސް އަންނަންޖެހެނީ މާލެ އެވެ. އަނބުރާ ރަށަށް ދިޔަ ޔަސް އާމްދަނީ ލިބޭނެ މަގެއް ވެސް އެ ރަށްތަކުގައި ނެތެވެ. ވަޒީފާތަކެއް ނެތެވެ. ގެސްޓް ހައުސް ވިޔަފާރިކުރާ ރަށެއްގައި ނޫނީ އިގްތިސާދީ ހަރަކާތްތައް މަދެވެ.
އެހެން އެކަންވީ ދިވެހި ރައްޔިތުން ސަރުކާރަށް ދޭ އާމްދަނީގެ ބޮޑު ބައެއް މި މާލެ އަށް އޮއްސުމުންނެވެ. ރާއްޖެ ތެރޭ މީހާ ދައްކާ ޓެކްސްގެ ވެސް ބޮޑު ޕަސެންޓެއް ހޭދަކުރަނީ މި މާލޭގެ ތަރައްގީ އާއި މި މާލޭގައި ގާއިމުކޮށްފައި ހުރި ސަރުކާރުގެ އެކި އިދާރާތަކަށެވެ. ރާއްޖެ ތެރޭގެ ރަށްތަކުގެ ސިއްހީ ނިޒާމު ތަރައްގީ ނުވެ އޮތީ މާލޭގެ އައީޖީއެމްއެޗް ހިންގުމަށާއި ތަރައްގީކުރުމަށާއި 25 ބުރީގެ އިމާރާތެއް އަޅައި ދަރުމަވަންތަ ހޮސްޕިޓަލް ގާއިމުކުރަން ޖެހުމުންނެވެ. ރަނގަޅު ދަތުރު ފަތުރުގެ ނިޒާމެއް ރަށްރަށުގައި ނެތީ މާލޭ އާއި ހުޅުމާލެ އަދި ވިލި މާލެ ގުޅުވާލަން ބްރިޖް ހަދަން ޖެހުމުންނެވެ. ރަށްތަކުގެ މަގުތަކުގެ އަޑިގުޑަންތައް ނުފިލައި ވަނީ މާލޭގެ މަގުތަކުގައި ތާރު އަޅަަންޖެހުމުންނެވެ. ރަށްރަށުގައި ނަރުދަމާގެ ނިޒާމްތައް ގާއިމުކުރުން ލަސްވެފައި ވަނީ މާލޭގެ އެ ބޮޑު ބިޔަ ނިޒާމު ދެމެހެއްޓުމަށާއި މާލޭގެ މަގުތަކުގެ ތަރުތީބަށް ބޮޑު ހޭދައެއް ކުރަންޖެހުމުންނެވެ. މާލެ އަށް މީހުން ހުޖުރަކުރަންޖެހޭ ސަބަބުތައް އެންމެންނަށް ވެސް އެނގެއެވެ އެހެން ނަމަވެސް އެ ސަބަބުތައް ނައްތާލާކަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. މާލެ އާއި ރާއްޖެ ތެރޭގެ ފަރަގު ބޮޑުވެގެން އުޅެނީ އާންމު މީހާ ކުރި ކަމަކުން ނޫނެވެ. އެއީ ސަރުކާރުތަކުގެ ސިޔާސަތުތައް ބައްޓަންކުރި ގޮތުންނެވެ. އެހެންކަމުން މާލޭގައި ދިރިއުޅުމަށް ހުރި ދަތިތަކުގެ ވާހަކަ ރައްޔިތުންގެ ދަރުބާރުގައި ގޮވާނެއެވެ. ރަށްރަށް ދާންޖެހެނީ ރާއްޖެތެރޭ މީހާ އެއް ނޫނެވެ. އެއީ އޭނާގެ ކުށަކުން ވީ ކަމެއް ނޫނެވެ. އެއީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ވީ ކަމެކެވެ.
މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން!
މާލޭގެ ރަށްވެހިންގެ ޖަމިއްޔާގެ ޕޯސްޓަކަށް ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރާސާކުރާ ފަރާތެއް ކަމަށްވާ މުހައްމަދު ނާޖިހް ނުވަތަ ނާޖިހް ދީދީ ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވަނީ މާލެއަކީ “ދިވެހީންގެ ވެރިރަށް،” ކަމަށެވެ. އަދި ރާއްޖެތެރޭގެ މީހުން މާލެ އަންނަން ޖައްސާފައިވާ ނިޒާމު ބަދަލުނުވާހާ ހިނދަކު “މިތާ ރާއްޖެތެރޭ މީހުން އުޅޭނެ” ކަމަށާއި ރާއްޖެތެރޭ މީހުން މިތާ ދިރިއުޅޭހާ ހިނދަކު އެބައިމީހުންނަށް ގާނޫނުއަސާސީން ލިބޭ ހަމަހަމަ ފުރުސަތު ލިބެންވާނެ ކަމަށެވެ.
“އަދި މިތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނައީ ވެސް ރާއްޖެތެރޭ މީހުން! ތިއީ ވަރަށް ހުތުރު ނޭއްގާނީ އަމަލެއް ތި ހިންގަނީ! ތިޒާތުގެ އެއްޗެހި ލިޔެގެން އުފެދޭނީ ފިތުނަވެރިކަން! އަހަރެމެންނަކީ ދިވެހީން! މުސްލިމުން! ރާއްޖެތެރެ މާލެ ތަފާތުކުރުމަކީ އިހުޒަމާނުގައި އޮތް ކަމެއް ނޫން! ވިހިވަނަ ގަރުނުގެ ތެރޭގައި ފެށުނު ކަމެއް އެއީ! އެކަން ނައްތާލަން އެބަޖެހޭ! ގާނޫނުއަސާސީން ލިބިދޭ ހަމަހަމަކަން ތަފާތުކުރުމެއް ނެތި އެންމެންނަށް ލިބެންޖެހޭ!،” ނާޖިހްގެ ޕޯސްޓްގައި ވެއެވެ.
މިޖަމިއްޔާގެ ގިނަވާނީ މައިންބަފައިން ނުވަތަ މާމަކާފަޔާ ހިސާބުން ރާއްޖެތެރެއިން އައިސް މާލޭގައި ވަޒަންވެރިވީ މީހުންގެ ދަރިން! މާލެއަކީ ދިވެހީންގެ ވެރިރަށް! އަދި އަމުދުން ރާއްޖެތެރޭގެ މީހުން މާލެ އަންނަން ޖައްސާފައިވާ ނިޒާމު ބަދަލުނުވާހާ ހިނދަކު މިތާ ރާއްޖެތެރޭ މީހުން އުޅޭނެ!… pic.twitter.com/frEhwz2tQS— Dhivehi Archives by Naajih Didi (@NaajihDidi) December 22, 2025
މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫނެވެ. އަދި ހުޅުމާލެއަކީ ވެސް ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޭން ހިއްކި ތަނެއް ނޫނެވެ. އެ މަޝްރޫއު ފައްޓަވައި ދެއްވި ދުވަހު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވިދާޅުވެފައި ވަނީ އެއީ މާލޭގައި “ދިރިއުޅޭ” މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން ހުޅުމަލެ އިން ގޯތި ލިބެންޖެހޭނީ ހަމައެކަނި ހަތަރު ކަންކަށިމަތި މާލޭ މީހުން ކަމަށް މާލޭ ރަށްވެހިންގެ ޖަމިއްޔާ އިން ކުރަމުން ދާ ވާކާލާތަކީ ފެން ހިފޭ ވަކާލާތެއް ވެސް ނޫނެވެ. ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މާލެ އަށް ހޭދަކުރާ އިރު މާލޭގައި ދިރިއުޅޭ ހަމަ ކޮންމެ ރައްޔިތަކަށް ވެސް މާލޭގެ މީހުންނެކޭ އެއްގޮތަށް ހައްގުތައް ކަށަވަރުވާންޖެހެއެވެ. އެއީ ބޯހިޔާވަހިކަމުގެ ހައްގު ކަމުގައި ވިޔަސްމެއެވެ.
ފިތުނަވެރި ޖަމިއްޔާއެއް!
މާލޭ ރަށްވެހިންގެ ޖަމިއްޔާ އިން މި ފަހަކަށް އައިސް ހިންގަމުންދަނީ މާލޭގެ ރައްޔިތުންނާ މެދު ނަފުރަތު އުފެއްދުމުގެ ކަންތައްތަކެކެވެ. އަދި މިހާރު ވެސް ހޫނުވެފައިވާ މި މައްސަލަ އިތުރަށް ހޫނުކުރުމުގެ މަސައްކަތްތަކެކެވެ. މީގެ ބޭނުމެއް ނުވިސްނެއެވެ. އަދި މިކަމުން ހާސިލްވާނެ އެއްވެސް މޮޅެއް ވެސް ނެތެވެ. އޭގެ ބަދަލުގައި މާލޭގެ ރައްޔިތުންނާ މެދު ރަށްރަށުގެ މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދުން ނޫން ކަމެއް ނުވާނެއެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެ ޖަމިއްޔާގެ ނަމުގައި ފޮރުވިގެން ތިބެ ބަޔަކު މިހިންގާ ޖަރީމާ ހުއްޓުވަންޖެހެއެވެ. އަދި އަދި ނަފުރަތު އުފެއްދުމުގެ މި ޕޯސްޓްތައް ވެސް ހުއްޓުވަންޖެހެއެވެ. މިއީ ނަސްލީ ތަފާތުކުރުމާއި ބަޔަކު ދެރަ ނިކަމެތި ކޮށްލައި ބާކީ ކޮށްލުމަށް ހިތްވަރު ދޭ ބައެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައި ވެއެވެ. މިކަން ހުއްޓުވަންޖެހެއެވެ.


