ދިރިއުޅޭ ތަން ރަޖިސްޓްރީކުރުން ގާނޫނަކުން ލާޒިމްކުރަންޖެހޭ!
30 ޖެނުއަރީ 2026 - 9:55
ރަށްވެހިންގެ ދަފްތަރެއް ނެތް!
ދާދި ފަހުން ށ. ފޭދޫ ކައުންސިލުން ވަނީ ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންގެ ދަފްތަރެއް އެކުލަވައިލުމަށް އިއުލާނުކޮށްފައެވެ. އެ ކައުންސިލުން މި މަސައްކަތް ފެށީ މާލޭ ސަރަހައްދުން ބޯހިޔާވަހިކަމަށް ހުޅުވައިލި އިރު މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަމުގެ ހެއްކެއް ހޯދުމަށް ގިނަ ބަޔަކު ކައުންސިލަށް ހުށަހަޅަމުން ގެންދާތީއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި 4،000 ހައުސިން ޔުނިޓް އަށް ހުޅުވައިލި އިރު ވެސް މިފަދަ ލިޔުންތައް ހޯދުމަށް ކައުންސިލަތަކަށް ހުށަހެޅިއެވެ. އަދި ކައުންސިލްތަކުން ދިން ލިތުންތަކުގެ މައްޗަށް ބިނާކޮށް ބައެއް މީހުންގެ ޝަރުތު ހަމަވާ ކަމަށް ވެސް ކަނޑައެޅިއެވެ. އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި ބައެއް ކައުންސިލްތަކުން ބައެއް ފަރާތްތަކަށް ލިޔުންތައް ދީފައި ވަނީ ބަލަންވާ ވަރަށް ނުބަލައި ނުވަތަ ގަސްތުގައި އޮޅުވާލައިގެންނެވެ.
މި ސަރުކާރުން ނިންމީ އެފަދަ ލިޔުންތައް ގަބޫލު ނުކޮށް އެ ފަރާތްތައް ލިސްޓުން އުނިކުރަންށެވެ. ނަމަވެސް އެކަން ކޮޅެއްގައި ނުޖެހި ސަރުކާރުން ފަހުން ނިންމީ އެމްޑީޕީ ސަރުކާރުން ނެރުނު ލިސްޓް އޮތް ގޮތަށް ބޭއްވުމަށެވެ. އެ ލިސްޓުން ފްލެޓް ނުދޭން ނިންމީ 15 އަހަރު ވަންދެން މާލޭގައި ދިރިނޫޅޭކަން ދައުލަތުގެ ލިޔެކިޔުންތަކުން ކަށަވަރުކުރެވޭ ފަރާތްތަކާއި އެ ނޫން ވެސް ސަބަބުތަކާ ހުރެ ޝަރުތުތައް އުނިވާ ފަރާތްތަކަށެވެ. މި ގޮތަށް ނިންމި ނަމަވެސް މިހާރު ތަޅުދަނޑި ހަވާލުކުރި ފަތާތްތަކުގެ ތެރޭގައި ވެސް މާލޭގައި 15 އަހަރަށް ވުރެ ކުރު މުއްދަތެއްގައި ދިރިއުޅުނު އާއިލާތައް ހިމެނެއެވެ.
ހައުސިން މިނިސްޓްރީން މި ފަހަރު ބޯހިޔާވަހިކަމަށް ހުޅުވައިލި އިރު ބުނެފައި ވަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުކޮށްދިނުމަށް ކައުންސިލްތަކުގެ ލިޔުން ހުށަހެޅިޔަސް، އެ ރެކޯޑް ބަލަހައްޓާ ކައުންސިލެއްގެ ލިޔުން ނޫނީ ބަލައިނުގަންނާނެ ކަމަށެވެ. އެހެން ނަމަވެސް މިއީ ކައުންސިލްތަކުން ރަސްމީ ސިފައެއްގައި ބަލަހައްޓާ ރެކޯޑެއް ނޫނެވެ. ކައުންސިލްތަކުން އާންމު ގޮތެއްގައި ބަލަހައްޓަނީ ރަށުގެ ރެޖިސްޓްރީއެވެ. ރަށުގައި އެ ވަގުތެއްގައި ދިރިއުޅޭ މީހުންގެ ދަފްތަރު ކައުންސިލުން ބެލެހެއްޓި ނަމަވެސް އެ ރަށުގެ ރައްޔިތުން ރަށުން ބޭރުގައި ދިރިއުޅޭ ތަންތަނުގެ ރެކޯޑެއް ނުބަލަހައްޓައެވެ. އަދި ގާނޫނަކުން އެކަން ލާޒިމްކޮށްފައެއް ވެސް ނެތެވެ. ސަރުކާރުގެ މި ޝަރުތާ އެކު ބައެއް ކައުންސިލްތަކުން މިހާރު އަންނަނީ މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.
ރަށްވެހިންގެ ދަފްތަރެއް އެކުލަވައިލަންޖެހޭ!
ތައުލީމު އުނގެނުމަށާއި ވަޒީފާގެ ބޭނުމުގައި ނުވަތަ އެ ނޫން ވެސް ކަމެއްގައި ތަނެއްގައި ގިނަ ދުވަހު ދިރިއުޅޭ ނަމަ އެ ތަނެއްގައި ރެޖިސްޓްރީވުމަކީ ވަރަށް ގިނަ ގައުމުތަކުގައި ލާޒިމް ކަމެކެވެ. އެ ގޮތުން އެކި ގައުމުތަކުގައި މިކަމަށް އެކި މުއްދަތުތައް ކަނޑައަޅާފައި ވެއެވެ. ބައެއް ގައުމުތަކުގައި ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު އެތަނެއްގައި ދިރިއުޅޭ ނަމަ އެ ތަނެއްގެ ކަމާ ބެހޭ އިދާރާއަކަށް އަންގަން ޖެހެއެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައި ކަމާ ބެހޭ އިދާރާތަކަށް އެ މީހަކު އަމިއްލަ އަށް ރިޕޯޓްކުރަން ނުޖެހުނު ނަމަވެސް އެ މައުލޫމާތު ރެކޯޑްކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައި ވެއެވެ. އެ ގޮތުން ހިދުމަތްދޭ ތަންތަނުގެ ރެކޯޑްތަކުން އެ މައުލޫމާތު އެއްކުރެއެވެ.
ރާއްޖޭގައި ވެސް މި ނިޒާމު ގާއިމުވެފައި އެބަ އޮތެވެ. އެހެން ނަމަވެސް މިއީ ކައުންސިލްތަކުން އެހާ ބޮޑަށް ފަރުވާ ބަހައްޓާ ކަމަކަށް ނުވެއެވެ. އެ ވަގުތެއްގައި އެ ރަށެއްގައި ދިރިއުޅޭ މީހުންގެ އާބާދީގެ މައުލޫމާތު ބެލެހެއްޓުމަކީ ކައުންސިލްތަކުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މި ދަފްތަރު ބޮޑަށް ބިނާވެފައި އޮންނަނީ އެ ރަށެއްގެ ރައްޔިތުންގެ މައުލޫމާތުގެ މައްޗަށެވެ. އެ ރަށެއްގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނާއި ބިދޭސީންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ނުދެއެވެ.
މާލޭ އަށް މުހިންމު ކަމެއް!
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނަމަ މާލޭގައި ރަށްވެހިންގެ ގޮތުގައި ރަސްމީކޮށް ރެޖިސްޓްރީކޮށްފައި ތިބީ 60،000 ވަރަކަށް މީހުންނެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގައި ދެ ލައްކައަށް ވުރެ ގިނަ ދިވެހިންނާއި ލައްކައެއްހާ ބިދޭސީން ދިރިއުޅޭ ކަމަށް ލަފާކުރެވެއެވެ. މާނައަކީ މާލޭގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގައި ނެތް ކަމެވެ.
މާލޭ ސިޓީ ކައުންސިލުން ވެސް އިސްކަން ދެނީ މާލޭގެ ރެޖިސްޓްރީގައި ތިބި ރައްޔިތުންގެ މައުލޫމާތު ބެލެހެއްޓުމަށެވެ. އެކި ބޭނުންތަކުގައި މާލޭގައި ވަޒަންވެރިވެގެން ތިބި ދޭސީންނާއި ބިދޭސީންގެ މައުލޫމާތު އެ ތަނުގައެއް ނެތެވެ. އެހެން ނަމަވެސް މިއީ މުހިންމު ކަމެކެވެ. މި ސަބަބާ ހުރެ މާލޭގެ ވަޒަންވެރިންގެ ހަގީގީ އާބާދީ ކަށަވަރުކޮށް އެނގޭނެ ގޮތެއް ނެތެވެ. އޮތީ ފަސް އަހަރުން އެއް ފަހަރު ނަގާ ބޯހިމެނުމުން ލިބޭ ކައިރި އަންދާޒާއެކެވެެ.
ގާނޫނަކުން ލާޒިމްކުރަންޖެހޭ!
އެ ރަށެއްގެ ރައްޔިތުންގެ މައުލޫމާތުގެ އިތުރު އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތުގެ ދަފްތަރެއް ބެލެހެއްޓުން ކައުންސިލްތަކުގެ މައްޗަށް ލާޒިމްކުރަންޖެހެއެވެ. އަދި ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަހު ތަނެއްގައި ވަޒަންވެރިވެގެން ހުންނަ ނަމަ އެ ތަނެއްގެ ކައުންސިލަތަކަށް އެ މައުލޫމާތު ދޭން ލާޒިމްވާ ގޮތަށް ވެސް ގާނޫނަށް ބަދަލުތަކެއް ގެނައުން މުހިންމެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރަން ފަށޭހަ ކަމެކެވެ. އަދި މި ދަފްތަރު ބެލެހެއްޓުމުގައި ޒަމާނީ ނިޒާމުތައް ބޭނުން ކުރެވިދާނެއެވެ. އެ ގޮތުން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ މައުލޫމާތާއި އެ ނޫން ވެސް ހިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް ވިއުގައެއްގެ ތެރެއިން ގުޅާލެވި ކައުންސިލްތަކަށް އެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސިދާނެއެވެ.
މިފަދފަ ބަދަލަކުން ވަރަށް ގިނަ މައްސަލަތައް ހައްލުވެގެންދާނެއެވެ. އަދި މި މައުލޫމާތަކީ ތަހުގީގީ އަދި ތަންފީޒީ އިދާރާތަކަށް ވެސް ބޭނުންކުރެވިދާނެ މުހިންމު މައުލޫމާތަކަށް ވާނެއެވެ. މީހަކު ދިރިއުޅޭ ތަނެއް އެއް އިދާރާއެއްގެ ޕޯޓަލްގެ ތެރެއިން ކަމާ ބެހޭ އިދާރާތަކަށް ބޭނުންވެއްޖެ ހިނދެއްގައި ބަލައިލެވޭނެ ގޮތަށް ކަންކަން އިންތިޒާމުވެފައި ހުރުމަކީ ވެސް މުހިންމު ކަމެކެވެ. ރާވައިގެން ހިންގާ ތަފާތު ކުށްތައް ހުއްޓުވުމުގަ އާއި ތަހުގީގުކުރުމުގައި ވެސް މިފަދަ ދަފްތަރުތަކަކީ މުހިންމު ކަމެކެވެ. ބޭރުގެ ބައެއް ގައުމުތަކުގައި މިފަދަ މައުލޫމާތުތަކުގެ ބޭނުން ހިފައިގެން ޓެރަރިޒަމްގެ ބޮޑެތި އަމަލުތައް ހުއްޓުވާފައި އެބަ ހުއްޓެވެ. އަދި ތަހުގީގުތަކުގައި މިފަދަ މައުލޫމާތުތައް މުހިންމު ދައުރެއް އަދާކޮށްފައި ވެސް ވެއެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް މުހިންމު މައުލޫމާތެއް!
ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުތަކުގައި އެ ތަނެއްގައި ގިނަ ދުވަހު ދިރިއުޅޭ މީހުންނަށް އިސްކަން ދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމެކެވެ. މި ސަރުކާރުން މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ވެސް ޕޮއިންޓް ދިނުމުގައި މި ކަމަށް އިސްކަން ދީފައި ވެއެވެ. ޕޮއިންޓް ދިނުމުގައި މުއްދަތަށް ބަލާއިރު އިރު މި މައުލޫމާތުގެ ނާޖާއިޒު ފައިދާ މީގެ ކުރިން ވެސް ބައެއް މީހުން ނަގާފައި ވެއެވެ. އެ ފަރާތްތަކަށް މި ފުރުސަތު ލިބުނީ މާލެ ސިޓީ ކައުންސިލުން އެ މައުލޫމާތުތައް ބަލަހައްޓާފައި ނެތުމުންނެވެ.
ތަނެއްގައި ވަޒަންވެރިވެގެން އުޅޭ މުއްދަތު ސާބިތުކުރުމަކީ އެ މީހާގެ މައްޗަށް ލާޒިމްކުރާ ކަމަކަށް ވުރެ ބޮޑަށް ސަރުކާރުގެ ވިއުގައިގެ ތެރެއިން ކަށަވަރުކުރެވޭނެ މައުލޫމާތަކަށް ވާންޖެހެއެވެ. ވަޒަންވެރިންގެ ގޮތުގައި ބަލަންޖެހޭނީ ވަޒަންވެރިންގެ ދަފްތަރުގައި ޖައްސާ މުއްދަތުންނެވެ. އަދި އެ ދަފްތަރުގައި ޖެއްސުމުގެ ފުރުސަތު ފަސޭހަކަމާ އެކު ހުޅުވާލެވި ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުވެފައި އޮންނަންޖެހެއެވެ. މި ވަގުތު އޮތީ މާލޭ ރަށްވެހިންގެ ދަފްތަރެވެ. އެހެން ނަމަވެސް އެ ދަފްތަރުގައި ޖެހެނީ މާލޭގައި ރެޖިސްޓްރީ ވާން ބޭނުންވާ މީހުންނެވެ. އެއީ ވަޒަންވެރިންނަށް ހާއްސަ ދަފްތަރެއްގެ ގޮތުގައި ގިނަ މީހުންނަށް ގަބޫލެއް ވެސް ނުކުރެވެއެވެ. އަދި އެކަން ކުރަން މިހާރު އޮންނަ ގޮތް ވެސް ފަސޭހަކުރަންޖެހެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ދިމާކޮށް ކޮންމެ ފަހަރަކު ވެސް މި ވާހަކަ ދެއްކުމަށް ވުރެ މި ކަމަށް ގާނޫނީ ހައްލުތަކެއް މުހިމެވެ. އެ ތަނެއްގައި ދިރިއުޅޭ އަދި ވަޒަންވެރިވެގެން އުޅޭ ބައެއްގެ މައުލޫމާތު އެ ތަނެއްގެ މުނިސިޕަލް ކަންކަން ބަލަހައްޓާ މައި އިދާރާ އަށް އެނގުން މުހިންމެވެ. މިއީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ނޫން ވެސް އެތައް ކަމެއްގައި މުހިންމު މައުލޫމާތެކެވެ. ރަށެއްގެ ކަންކަން ބައްޓަންކުރާ އިރު އެ ތަނެއްގައި ދިރިއުޅޭ އަދި އެ ވަގުތެއްގައި އެ ތަނެއްގައި ތިބި ރައްޔިތުންގެ މައުލޫމާތު ނޭގޭ ނަމަ އުނދަގޫތައް ކުރިމަތިވާނެއެވެ. މިސާލަކަށް މާލޭގެ މަގުތަކާއި ޓްރެފިކާއި ޕާކްތަކާއި ގެދޮރުވެރިކަމާއި ކަރަންޓާއި ފެނާއި މިހެން ގޮސް އަސާސީ އެތަން ކަމެއް ބިނާވަނީ އެ ތަނެއްގައި ދިރިިއުޅޭ އާބާދީއެއްގެ މައްޗަށެވެ. އެކަންކަން ޕްލޭންކުރެވެނީ ވެސް އެ ދިރިއުޅޭ އާބާދީ އަށް ބަލައިގެންނެވެ. އެހެންކަމުން މިއީ ގާނޫނީ ގޮތުން ލާޒިމްކުރަންޖެހޭ ކަމެކެވެ.


