ރޯ ކޮންމެ ފަހަރަކު އެދޭ ކަންކަން ކޮށްދިނުން: ލޯބިވުންތަ؟
3 ފެބުރުއަރީ 2026 - 15:53
މައިންބަފައިންނަށް އެންމެ އަސަރުކުރާ، އަދި އެންމެ އަޑުއަހަން އުނދަގޫވާ އެއް އަޑަކީ އެމީހުންގެ ލޯބިވާ ދަރިފުޅު ރޯ އަޑެވެ. ދަރިފުޅު ރޯން ފެށުމުން، އެކުއްޖާ ހުއްޓުވުމަށްޓަކައި ނުވަތަ އެކުއްޖާގެ ރުހުން ހޯދުމަށްޓަކައި، އެވަގުތު އެކުއްޖާ އެދުނު ކޮންމެ ކަމެއް ކޮށްދިނުމަކީ ވަރަށް ގިނަ ބެލެނިވެރިންނަށް ކުރެވޭ ކަމެކެވެ. މިއީ ދަރިފުޅު ދެކެ ވާ ލޯތްބެއްގެ ސަބަބުން ކުރެވޭ ކަމެއް ކަމުގައި ވިޔަސް، ތަރުބިއްޔަތުގެ ނަޒަރަކުން ބަލާއިރު މިއީ ކުއްޖާގެ މުސްތަގުބަލަށް ދެވޭ ވަރަށް ބޮޑު “ޒަހަރެކެވެ”. ކުއްޖާ ރޯ ކޮންމެ ފަހަރަކު، އެކުއްޖާ ބޭނުންވާ ކަންކަން ކޮށްދިނުމަކީ ދިގު މުއްދަތަކަށް ބަލާއިރު ނުރައްކާތެރި ނަތީޖާތަކެއް ނުކުންނާނެ ކަމެކެވެ.
ރުއިމަކީ “ހަތިޔާރެއް” ކަމުގައި ހަދަން ދަސްވުން!
ކުޑަކުދިންނަކީ ވަރަށް ވިސްނުން ތޫނު ބައެކެވެ. އެކުދިންގެ އަމަލުތަކަށް މައިންބަފައިން އިޖާބަދޭ ގޮތް އެކުދިން ދަސްކުރެއެވެ. ކަމަކު ކިޔާފައި ރުއިމުން، ވަގުތުން އެކަމެއް ވެއްޖެ ނަމަ، ކުއްޖާގެ ސިކުނޑީގައި ހަރުލަނީ “އަހަރެން ބޭނުންކަމެއް ވާނީ ރުއިމުންނޭ” މި ފިލާވަޅެވެ. މިހިސާބުން ފެށިގެން، ރުއިމަކީ މައިންބަފައިން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް އެކުދިން ހަދައެވެ. މިއީ “ނެގެޓިވް ރީއިންފޯސްމަންޓް” ނުވަތަ ނުރަނގަޅު އާދައެއް ހަރުލެއްވުމެވެ. ފުރަތަމަ ޗޮކްލެޓަކަށް ރޯ ކުއްޖާ، ފަހުން ރޯނީ އަގުބޮޑު ގެޖެޓްތަކާއި ސައިކަލު ހޯދާށެވެ.
ޖަޒުބާތުތައް ކޮންޓްރޯލްކުރަން ނޭނގުން!
ހަޔާތުގައި ކޮންމެ ކަމަކީ އަހަރެމެން ބޭނުންވާ ގޮތަށް ވާނެ ކަންކަމެއް ނޫނެވެ. ކުޑައިރުއްސުރެ “ނޫނެކޭ” ބުނާ އަޑު ނާހާ ބޮޑުވާ ކުއްޖާއަށް، ދިރިއުޅުމުގައި ދިމާވާ މާޔޫސްކަމާއި ހިތާމަތަކާ ކުރިމަތިލާކަށް ނޭނގޭނެއެވެ. ރޯ ކޮންމެ ފަހަރަކު ކަންކަން ކޮށްދިނުމުން، އެކުއްޖާއަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ދަހެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން، ބޮޑުވެގެން މުޖުތަމައުއަށް ނުކުންނައިރު، ކިތަންމެ ކުޑަ ކަމަކާ ވެސް ރުޅިގަދަވެ، ކެތްތެރިކަން ކުޑަ މީހަކަށް އެކުއްޖާ ވެގެންދެއެވެ.
ޝުކުރުވެރިވުމުގެ ސިފަ ގެއްލި، އަމިއްލަ އެދުން ބޮޑުވުން!
މަސައްކަތަކާ ނުލައި، ހަމައެކަނި ލޮލުން ކަރުނަ އަޅައިގެން ހުރިހާ ކަމެއް ހާސިލުވާ ނަމަ، ލިބޭ އެއްޗެހީގެ އަގެއް އެކުއްޖާއަކަށް ވަޒަނެއް ނުކުރެވޭނެއެވެ. މިފަދަ ކުދިން ބޮޑެތިވަނީ “އެންޓައިޓްލްޑް” (Entitled) ނުވަތަ ދުނިޔޭގެ ހުރިހާ ކަމެއް އެމީހުންނަށް ހައްގުވާނެ ކަމަށް ގަބޫލުކުރާ ބައެއްގެ ގޮތުގައެވެ. މީހުންނަށް އިޙްތިރާމް ކުރުމާއި، ޝުކުރުވެރިވުމުގެ ސިފަ މިފަދަ ކުދިންގެ ކިބައިން ފެންނަލެއް މަދުވާނެއެވެ. އެކުދިން ގަބޫލުކުރާނީ މައިންބަފައިންނާއި މުޖުތަމައު އޮންނަންޖެހޭނީ އެކުދިންގެ ހިދުމަތުގައި ކަމެވެ.
ބެލެނިވެރިންނަށް އޮންނަ ގަދަރު ކުޑަވުން!
މައިންބަފައިންގެ ބަހުގައި ހަރުދަނާކަން ނެތި، ދަރިފުޅު ރޯ ކޮންމެ ފަހަރަކު ގޮތް ދޫކުރާ ނަމަ، މައިންބަފައިންގެ އަމުރުތަކަށް ކުއްޖާ އިޙްތިރާމެއް ނުކުރާނެއެވެ. ބަސްއަހަން ނުޖެހޭނެކަމާއި، ބާރު އޮތީ އަމިއްލަ އަތުގައިކަން ކުއްޖާއަށް ވިސްނޭނެއެވެ. މިއީ ފުރާވަރަށް އަރައިގެން އަންނައިރު މައިންބަފައިންނަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ކުއްޖާގެ އަހުލާގު ގޯސްވެދާނެ ކަމެކެވެ.
ކުއްޖަކު ރުއިމަކީ ޠަބީއީ ކަމެކެވެ. ބަނޑުހައިވެގެން، ތަނަކަށް ތަދުވެގެން، ނުވަތަ ބިރުގަނެގެން ރޯނަމަ އެކަމަށް ވަގުތުން އަޅާލަން ޖެހޭނެއެވެ. ނަމަވެސް، ކަމެއް ހާސިލުކުރުމަށް ނުވަތަ ބޮޑާހާކައިގެން ރޯ ނަމަ، އެކަމަށް ދޫދިނުމަކީ ލޯތްބެއް ނޫނެވެ. ހަގީގީ ލޯތްބަކީ ކުއްޖާއަށް ދިރިއުޅުމުގެ ހަގީގަތް ދަސްކޮށްދިނުމެވެ. “ނޫނެކޭ” ބުނަންޖެހޭ ތަނުގައި އެބަސް ބުނުމެވެ. ކުއްޖާ ރުއިމުން މައިންބަފައިންގެ ހިތަށް ތަދުވިޔަސް، އެވަގުތު ކެތްތެރިވެލުމަކީ، މުސްތަގުބަލުގައި ޒިންމާދާރު، ހަރުދަނާ، އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުއްޖެއް ބިނާކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.


