ކުރަން އުޅޭ ސުވާލު ސައްހަތަ؟ ސާފުތަ؟
23 މާޗް 2026 - 16:20
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާހަކީ އިންތިހާބީ ނިޒާމަށާއި ދައުލަތުގެ ބާރުތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އިސްލާހެކެވެ. ސަރުކާރުން މި ބަދަލުތައް ހުށަހަޅާފައި ވަނީ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ނަމަވެސް، މިކަމަށް ރައްޔިތުންގެ ބަސް ހޯދުމަށް ފަރުމާކޮށްފައިވާ “ސުވާލު” ގެ ގާނޫނީ ސައްހަކަމާ މެދު ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދައެވެ. ހާއްސަކޮށް އިދިކޮޅު އެމްޑީޕީން ދެކޭ ގޮތުގައި އެ އިސްލާހުގެ ތެރެއިން ސަރުކާރުން ހާސިލްކުރަން ބޭނުންވަނީ ވަރަށް މަކަރުވެރި އަދި ހީލަތްތެރި މަގުސަދެކެވެ.
ސުވާލުގެ ފަރުމާ: ސާފުކަމާއި ސީދާކަން!
ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރައްވާ ގޮތުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ނަގާ ކޮންމެ ރެފަރެންޑަމެއްގައި ކުރާ ސުވާލަކީ ސާފު، ސީދާ އަދި ވަކި ކަމަކަށް އަމާޒުވެފައިވާ ސުވާލަކަށް ވާންޖެހެއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލެއް ގެންނަ ނަމަ، އެކަމަށް ރައްޔިތުންގެ ސީދާ ރުހުން އޮތްތޯ ބަލަންޖެހެއެވެ.
މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ “އަށް ވަނަ އިސްލާހު ތަސްދީގުކުރަން ފެނޭތޯ” އެވެ. މި ސުވާލަކީ މުޅި ބިލަށް އަމާޒުކޮށްފައިވާ ސުވާލަކަށް ވުމުން، އޭގެ ތެރޭގައި ހިމެނޭ “މަޖިލީހުގެ ދައުރު ކުރުކުރުމުގެ” މާއްދާއަށް ރައްޔިތުން ދޭ ވޯޓަކީ ކޮބައިކަން ސާފު ނުވާކަމަށް ސުއޫދު ދެކެވަޑައިގަންނަވައެވެ.
ޝަރުއީ ދާއިރާގެ އެތައް ދިރާސީ ލިޔުންތަކާއި ފޮތްތައް ލިޔުއްވާފައިވާ ސުއޫދު ވިދާޅުވެފައި ވަނީ ރައްޔިތުންކުރެން އަހަނީ ކޮން ސުވާލެއްކަން ނޭނެގޭ ގޮތަށް އެ ސުވާލު ލިޔެފައިވާތީ ގާނޫނުއަސާސީ ލާޒިމުކުރާ ގޮތަށް ނޫން ގޮތަކަށް ސުވާލުކޮށްގެން ނެގޭ ވޯޓެއްގެ ސައްހަކަމެއް އޮވެދާނެ ކަމަށް ނުފެންނަ ކަމަށެވެ.
ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތްގަތަށް ރެފަރެންޑަމް ނެގި ނަމަވެސް މަޖިލީހުގެ ދައުރުގެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެއީ ރައްޔިތުންގެ ކައިރިން އަހަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ކަންކަމުގެ ތެރޭގައި ބިލެއް ތަސްދީގުކުރުން ނުހިމެނޭތީ އާއި މަޖިލީހުގެ ދައުރަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ފަހުގައި ކަމަށް ވުމެވެ.
ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު ސައްހައެއް ނޫން.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާ ބުނާގޮތުން ގާނޫނުއަސާސީގައިވާ ބައެއް ޚާއްސަ ކަންކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނީ އެ ބަދަލެއް ގެންނަން ރައްޔިތުން ރުހޭތޯ…— Husnu Al Suood (@husnusuood) March 16, 2026
ގާނޫނުއަސާސީ އިސްލާހުކުރި ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ދައުރު ބަދަލުކުރުން ފަދަ މުހިންމު ކަމެއްގައި ރައްޔިތުންގެ ގާތު އަހަންޖެހޭނީ އެކަމަކަށް ވަކިން އަމާޒުކޮށްފައެވެ.
ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލިހުގެ އުމުރު) ” މިފަދައިން އޮތް އިރު
79 (ހ) ގައި އޮންނަނީ “ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ، މަޖިލިސް އިންތިހާބު ކުރުމަށް ފަހު، ފުރަތަމަ ޖަލްސާކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހެވެ،” މިފަދައިންނެވެ.
އެހެންކަމުން، 262 ގެ ދަށުން ބަދަލުކުރެވޭނީ މަޖިލިހުގެ އުމުރު ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ. މާނައަކީ ރައްޔިތުންގެ މަޖިލިހުގެ އުމުރު ފަސް އަހަރުން އެހެން އަދަދަކަށް ބަދަލުކުރާ ނަމަ، ބަދަލު ކުރުމަށް ފަހު ދެން އޮންނާނީ އެގޮތަށް ކަމަށާއި ރައްޔިތުންގެ އާންމު ވޯޓަކަށް ހުށަހަޅަން ޖެހޭނީ އެންމެ ސުވާލެއް ކަމަށެވެ. އަދި އޮންނާންޖެހޭނީ އެންމެ ޖަވާބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މިހާރު މިހުށަހަޅާ ސުވާލުގައި އެ އަހަނީ ކީކޭ ހެއްޔެވެ؟ މަޖިލިހުގެ އުމުރަކީ ހަތަރު އަހަރާއި ބައި ހެއްޔެވެ؟ ނުވަތަ ފަސް އަހަރު ހެއްޔެވެ؟” އިބްރާ އެކްސްގައި ހިޔާލު ފާޅުކުރެއްވިއެވެ.
ރިއާސީ އިންތިޚާބާއި މަޖިލިހުގެ އިންތިޚާބު ބާއްވާނީ އެކުގައި ކަމަށް ކަނޑައެޅިދާނެއެވެ. އެކަމަކު ދައުރެއްގެ މެދުތެރޭން ރައީސްއާ ނައިބު ރައީސްގެ މަޤާމް ހުސްވެއްޖިއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟
އަނެއްކާވެސް ޤާނޫނުއަސާސީ ބަދަލުކޮށް، މަޖިލިހުގެ ޢުމުރު ކުރުކޮށް، އަލުން. . .— Maverick Ibra (@ibramandhu) March 15, 2026
ހިނގަމުންދާ މަޖިލިހެއްގެ އުމުރު ކުރުކޮށްފައި، އަނެއްކާވެސް އިންތިހާބެއް ބާއްވައި، އަނެއްކާ ވެސް ކުރީ އޮތް އުމުރަށް ރުޖޫއަވާ ގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ގާނޫނީ ނަޒަރަކުން ސައްހަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެއް ކަމަށް ވެސް އިބްރާ ސިފަކުރެއްވިއެވެ.
އިބާރާތްކުރުމުގެ މައްސަލަ: ގާނޫނުއަސާސީގެ ބަޔަކަށް ވޭތަ؟
މި އިސްލާހުގެ ހަތަރު ވަނަ މާއްދާ އިބާރާތްކޮށްފައިވާ ގޮތުން، އެއީ ގާނޫނު އަސާސީގެ ބަޔަކަށް ވުމުގެ ބަދަލުގައި، އާދައިގެ ގާނޫނެއްގެ ސިފަ ޖެހިފައިވާ ކަމަށް ސުއޫދު ދެކެވަޑައިގަންނަވައެވެ. މިއީ “ޓެކްނިކަލް” ގޮތުން ބަލާއިރު ބޮޑު މައްސަލައެކެވެ. ސަބަބަކީ ގާނޫނުއަސާސީގައި އެހެން ގާނޫނަކަށް ހަވާލާދީފައި އޮތުމުން، އެބައި ގާނޫނު އަސާސީގެ “ބާރު” ލިބޭ ބަޔަކަށް ނުވެ ހިނގައިދާނެތީއެވެ. މިހެން ވެއްޖެ ނަމަ، މަޖިލިސް އުވާލާނެ ސީދާ ތާރީހެއް ގާނޫނު އަސާސީގައި ނެތް ކަމަށް ބެލެވި، މިހާރު އޮތް މަޖިލީހުގެ ދައުރު ދެމިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
ސުއޫދުގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވެސް ވިދާޅުވާ ގޮތުން ރައްޔިތުންގެ އަރިހުގައި ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމުމަށް ނޭހޭނެ އެވެ. އެއީ ގާނޫނު އަސާސީގައި ޞަރީހަ އިބާރާތުން ތަސްދީގު ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
“ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި އޮންނަން ޖެހޭނީ މި ގެނެވުނު އިސްލާހުގައި ހިމެނޭ ކަންކަން، މި ބަދަލު ގެންނަން މަޖިލީހުން ނިންމި ނިންމުން އެކަމާ ރައްޔިތުން ރުހޭތޯ، އެކަމާ ރައްޔިތުން ގަބޫލުތޯ. އެއްވެސް ހާލަތެއްގައި އެއީ ތަސްދީގުކުރަން ފެނޭތޯއެއް ނޫން.” ނޫސްވެރިންގެ ބައްދަލުވުމެއްގައި ދީދީ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި އިންތިހާބީ ނިޒާމު!
މި ބަދަލާއެކު އުފެދޭ އަނެއް ސުވާލަކީ، މަޖިލިސް އުމުރު ކުރުކުރުމަށް ފަހު އަނެއްކާ ވެސް ކުރީގެ މުއްދަތަށް އިޔާދަކުރުމަކީ ގާނޫނީ ގޮތުން ކިހާވަރެއްގެ ބުރަދަނެއް ހުރި ކަމެއްތޯއެވެ. އިބްރާ ފާހަގަކުރައްވާ ގޮތުގައި، މިފަދަ ބަދަލުތަކުގެ ސަބަބުން ރިޔާސީ ދައުރުގެ މެދުތެރެއިން މަގާމު ހުސްވެއްޖެ ނަމަ އަމަލުކުރާނެ ގޮތަކާ މެދުވެސް އޮޅުންބޮޅުންތަކެއް އަރާނެއެވެ.
“ރިއާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބު ބާއްވާނީ އެކުގައި ކަމަށް ކަނޑައެޅިދާނެއެވެ. އެކަމަކު ދައުރެއްގެ މެދު ތެރޭން ރައީސް އާއި ނައިބު ރައީސްގެ މަގާމު ހުސްވެއްޖިއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަނެއްކާ ވެސް ގާނޫނު އަސާސީ ބަދަލުކޮށް، މަޖިލިހުގެ އުމުރު ކުރުކޮށް، އަލުން މަޖިލިހުގެ އިންތިހާބު ވެސް ބާއްވާނީ ހެއްޔެވެ؟”” އިބްރާ ސުވާލުކުރެއްވިއެވެ.
މައްސަލައަކީ ދެ އިންތިހާބު އެކުގައި ބޭއްވުމެއް ނޫން!
އިންތިހާބުތައް އެކުގައި ބޭއްވުމަކީ ޚަރަދު ކުޑަވާނެ ކަމެކެވެ. އެކަން އެންމެން ވެސް ގަބޫލުކުރެއެވެ. އިދިކޮޅު އެމްޑީޕީން ވެސް އެ ވާހަކަ ދެއްކީ އެ މޭރުމުންނެވެ. އިންތިހާބުތައް އެއްކޮށްލުމުގެ ވިސްނުމަކީ މިއަދު އޮތް ވިސްނުމެއް ވެސް ނޫނެވެ. މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަދި ގާނޫނު އަސާސީ އިސްލާހުކުރި ހާއްސަ މަޖިލީހުގައި ވެސް އިންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެކްސްގައި ހާމަކުރެއްވި ގޮތުގައި ދެ އިންތިހާބު އެކުގައި ބޭއްވުމަށް އޭރު ވެސް މަޖިލީހުގައި ބަހުސްކުރެވުނެވެ. އެ ގޮތުން އެ ކަމަށް ތިން ހުށަހެޅުމެއް ހުށަހެޅުނު ކަމަށާއި އިންތިހާބުތައް އެކުއެކީގައި ބޭއްވުމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި އިބްރާ ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަހުސްކުރެވިފައިވެއެވެ. އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް… pic.twitter.com/2GZ0sgvdhw— Ahmed Nazim (@MP4Dhiggaru) March 10, 2026
އެކަމަށް ރައްދު ދެއްވައި އިބްރާ ކުރެއްވި ޓްވީޓެއްގައި ވަނީ “މި އިސްލާހުތައް ހުށަހެޅި ސަބަބުތަކާއި، އޭރުގެ ރައްޔިތުންގެ މަޖިލިހާއި މިހާރުގެ މަޖިލިސް އެކުލެވޭ ގޮތުގެ ތަފާތާއި، އެވަގުތުގެ ކަންކަން ހުރިގޮތާއި، މަޖިލިހުގައި ކުރެވުނު ބަހުސް ވެސް،” ވިދާޅުވެ ދެއްވުމަށް ނާޒިމްގެ އަރިހުން އެދިވަޑައިގެންފައެވެ. އެއަށް ނާޒިމް ރައްދެއް ނުދެއްވައެވެ. އެހެން ނަމަވެސް ނާޒިމް ކުރިން ވިދާޅުވެފައި ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ތާއީދުކުރައްވާ ކަމަށައި އޭގެ ފައިދާ ބޮޑުވާނެ ކަމަށެވެ.
މަޖިލީހުގައި 25 އަހަރު މަސައްކަތްކުރެއްވި މުހައްމަދު ޝިހާބު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ ހުރިހާ އިންތިހާބެއް ވެސް ހަމަ ދުވަހެއްގައި ބޭއްވުން ކަމަށް ޝިހާބު ދެކެވަޑައިގަންނަވައެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި މަޖިލީހުގައި ވެސް މަސައްކަތްކުރެއްވި ދިޔާނާ ސައީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި އިންތިހާބުތައް ބާއްވާ ގޮތް ބަދަލުވާންޖެހެއެވެ. ވޭތުވެދިޔަ 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު މި ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރެވޭނެ އެންމެ މަޖިލީހެއް ވެސް ލިބިފައިނުވާ ކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު މި ނިޒާމަކީ ފެއިލްވެފައިވާ ނިޒާމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަަށެވެ.
“އެހެންކަމުން ދެން ހުރި އޮޕްޝަންތައް ބެލުން އަޅުގަނޑުމެންގެ މައްޗަށް އެބަ ލާޒިމުވޭ. އެގޮތުން ކޮންކަރަންޓް ނުވަތަ ދެ އިންތިހާބު އެއްކޮށް ބޭއްވުން ޓެސްޓުކުރުން މުހިންމު،” ދިޔާނާ ވިދާޅުވިއެވެ.
With due respect, havaalaadhey vaahakafulhuga Uz. Suood dhakkavaa hujjaiy gabooleh nukurevey. Sababakee:
1) Sarukaaru javabudhaaree kureveyfadha effective Majlis eh libigathumakee mi qaumah mihaaru oiy enme muhimmu masakkaiy.
2) Critical kankamuge gothuga Suood listkurevvi… https://t.co/Xf8Pi3UICx— Dhiyana ?🌹 (@dhiyanasaid) March 13, 2026
ގާނޫނު އަސާސީ ފަރުމާކުރެއްވުމުގައި ވިލުފުށީ ދާއިރާގެ މެންބަރުގެ ހައިސިއްޔަތު މުހިންމު ދައުރެއް އަދާކުރެއްވި ރިޔާޒް ރަޝީދު ވަނީ މީގެ ކުރިން އިންތިހާބުތައް އެކުގައި ބޭއްވުމަށް ވަކާލާތުކުރެއްވި ބޭފުޅުން މިއަދު އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް އެ ބޭފުޅުން ދައްކަވާ ވާހަކައެއް ވެސް އެބަ އޮތެވެ. އިންތިހާބުތައް އެކުގައި ބޭއްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ކުރިން ވާހަކަ ދެއްކެވި ބޭފުޅުންގެ ރާގު މިއަދު ބަދަލުވުމުގައި މައިގަނޑު ސަބަބަކަށް އޮތީ ސަރުކާރުގެ މަގުސަދު ކަމަށް ބެލެވެއެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ފޮރުވިފައި އޮތް މަގުސަދަކީ ރިޔާސީ ދައުރު ދަންމާލުމެވެ. އެކަމަށްޓަކައި މަގުފަހިކުރުމަށް ފަހަރަކު ކަމެއް ބަދަލުކުރަނީ ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރެއެވެ.
ގާނޫނީ ޖަވާބެއް މުހިންމު!
ރައްޔިތުންގެ ކައިރީގައި މިހާރު އަހަން ތައްޔާރުވަމުން އަންނަ ސުވާލާ މެދު ގާނޫނީ ދާއިރާގެ ބޭފުޅުންގެ ހިޔާލު ދެކަފިވެފައިވާ އިރު އެކަމަށް ގާނޫނީ ހައްލެއް އަންނަންވެސް ޖެހެއެވެ. އެކަން ހައްލުކުރެވެން އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ގޮތުން ގާނޫނީ ވަކީލުންގެ ޓީމަކުން މިހާރު ވަނީ ދުސްތޫރީ ދެ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. އެ ގޮތުން ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމުގެ މައްސަލައަކާއި
ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި އިސްލާހުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނު އަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް، ރައީސް އޮފީހަށް ރައްދުވާ ގޮތަށް ވަނީ ހުށަހަޅާފައެވެ.
އެއް މައްސަލާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ހިމަނާފަ އެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ފެބްރުއަރީ 11، ގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހުނަސް އެގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައި ނުވާ ކަމަށެވެ.
“މިހާރު އެ އޮތީ 15 ދުވަހުގެ މުއްދަތު ހަމަވެފައި. ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހު ތަސްދީގު ކުރުމުގެ މުއްދަތަކީ 15 ދުވަސް، އެ މުއްދަތު މިވަނީ ފާއިތުވެގެން ގޮސްފައި، މި މައްސަލާގައި ހުށަހަޅާފައި މިވަނީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު 15 ދުވަހުގެ ތެރޭގައި ތަސްދީގު ކޮށްފައި ނުވާތީ ބިލު ބާތިލު ކަމަށް [ކަނޑައަޅައިދިނުމަށް]،” އަލީ ހުސައިން ވިދާޅުވި އެވެ.
ކުރިއަށް އޮތީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ. ނަމަވެސް، ރައްޔިތުންނާ ކުރާ ސުވާލުގެ ސާފުކަން ކުޑަވުމާއި، ގާނޫނީ އިބާރާތްތަކުގައި ހުރި ބާގަނޑުތަކުގެ ސަބަބުން، މި ވޯޓުގެ ސައްހަކަމާ މެދު ޝަރުއީ މަރުހަލާގައި ސުވާލު އުފެދުމުގެ ފުރުސަތު އޮތުން އެކަށީގެންވެއެވެ. ގާނޫނީ މާހިރުންގެ އިރުޝާދަކީ، އޮޅުންބޮޅުން ކުޑަކުރުމަށްޓަކައި، ގާނޫނު އަސާސީގައި ލާޒިމުކުރާ ސީދާ ސުވާލު ރައްޔިތުންނާ ކުރިމަތިކުރުވުމެވެ. އަނެއްކޮޅުން ކުރާ ސުވާލަކީ ކޮބައިކަން ރައްޔިތުންނަށް ވެސް ސާފުވާންޖެހެއެވެ. އެއްބަޔަކަށް މިއީ ހަމައެކަނި ދައުލަތުގެ ހަރަދާ ގުޅިފައިވާ ކަމަކަށް ވިޔަސް މިއީ ދުސްތޫރީ ނިޒާމާ މެދު ކުރެވޭ ސުވާލެކެވެ. އެކަމަށް ރައްޔިތުން ހޭލުންތެރިނުވުމަކީ ވެސް ރައްޔިތުން ކައިރިން އަހާ ސުވާލުގެ ސާފުކަމާ މެދު އިތުރު ސުވާލުތަކެއް އުފެދޭ ކަމެކެވެ.


