އިންތިހާބާ ދިމާކޮށް ރައްޔިތުން ރިޝްވަތަށް އެދުން އާންމުވެފައި!
3 އެޕްރީލް 2026 - 11:08
ޑިމޮކްރަސީގެ އެންމެ ރީތި އަދި އެންމެ އަސާސީ އުސޫލަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އެންމެ ގާބިލު އަދި ތެދުވެރި މީހަކު ވެރިކަމަށް ނުވަތަ މަޤާމުތަކަށް އިންތިހާބު ކުރުމެވެ. ނަމަވެސް، ކޮންމެ އިންތިހާބަކާ ދިމާކޮށް މުޖުތަމައުން ފެންނަމުންދަނީ ނުހަނު ކަންބޮޑުވާންޖެހޭ، ހިތާމަވެރި މަންޒަރެކެވެ. މާޒީގައި ފެންނަމުން ދިޔައީ ސިޔާސީ މީހުން އަމިއްލައަށް ރައްޔިތުންނަށް ފައިސާ އާއި ހަދިޔާ ބަހާ މަންޒަރެވެ. ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެ، ރައްޔިތުން އަމިއްލައަށް ކެންޑިޑޭޓުންގެ ފުށުން ރިޝްވަތަށް އެދި އާދޭސްކުރާ ހިސާބަށް ކަންކަން ގޮސްފައެވެ. މިއީ އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ މައްސަލައެކެވެ.
އިގްތިސާދީ ދަތިކަމާއި ވަގުތީ މަންފާ އަށް އިސްކަން ދިނުން!
މި ނުރައްކާތެރި ވަބާ މުޖުތަމައުގައި މޫލައިގެން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާންމު ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވެ، ކުލި ދެއްކުމާއި، ކަރަންޓު އަދި ފެން ބިލު ދެއްކުމަކީ އާންމު ރައްޔިތުމީހާއަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެކެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ދިރިއުޅޭ މީހުން މަދެެވެ. ލިބޭ މިންވަރުން ފުއްދުމުގެ ބަދަލުގައި ކޮންމެ މީހަކީ ވެސް ދަރަނިވެރިއެކެވެ. މި ހާލަތުގައި ތިއްބާ އަންނަ އިންތިހާބުތަކަކީ ގިނަ ބަޔަކަށް ލިބޭ “މާލީ ބޯނަސް” އަކަށް ވަނީ ވެފައެވެ. ފަސް އަހަރުގެ ދައުރެއްގައި ކޮށްދޭނެ ކަމަށް ބުނާ ދިގު މުއްދަތުގެ ވައުދަކަށް ވުރެ، މިއަދު ވަގުތުން އަތަށް ލިބޭ 5،000 ނުވަތަ 10،000ރ. މާމުހިންމު ކަމުގައި ގިނަ ބަޔަކު ދެކެއެވެ. މިއީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ގިނަ ބަޔަކު ކުރާ ކަމަކަށް ވިޔަސް، މީގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ގޯހެވެ.
ރިޝްވަތު ހޯދުމަށް ކެންޑިޑޭޓުން ކައިރި އަށް ދިއުމުގެ އިތުރުން އެ މީހަކު ބޭނުންވާ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރުމަށް ވެސް ޖެހިލުމެއް ނުވެއެވެ. އެއީ ކުށެއްކަން އެނގުނު ނަމަވެސް އެކަމާ މެދު ފިޔަވަޅު އަޅާނެ އިދާރާއެއް ނެތުމުން އާންމު މީހާ ވެސް އެއީ މާބޮޑު ކަމަކަށް ނުހަދައެވެ.
ސިޔާސީ ނިޒާމާ މެދު އޮތް އިތުބާރު ގެއްލުން!
މީގެ އަނެއް ފަރާތަކީ ސިޔާސީ ނިޒާމާއި ސިޔާސީވެރިންނާ މެދު ރައްޔިތުންގެ ހިތުގައި އޮތްއިތުބާރު ގެއްލިފައިވުމެވެ. މާޒީގައި ވެފައިވާ އެތައް ވައުދެއް ނުފުއްދި، ހޮވޭ މީހުން އެމީހުންގެ އަމިއްލަ މަންފާ ހާސިލުކުރާތަން ފެނުމުން، ރައްޔިތުންނަށް ވިސްނިފައި އޮންނަނީ މިއީ ހަމައެކަނި ވޯޓު ވިއްކައިގެން ފައިދާއެއް ހޯދެން ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ވޯޓޯ ހޯދައިގެން މަގާމުތަކަށް އަންނަ މީހުން އެކަން ކުރަނީ އަމިއްލަ ފައިދާއަށެވެ. އޭގެ މިސާލަކީ މިފަދަ މަގާމުތަކަށް އަންނަ ފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ހަލުވި ތަނަވަސްކަމެވެ. ރައްޔިތުންނަށް ކޮށްދޭން ހުރި އެތައް ކަމެއް ނުވެ ހުއްޓައި އެ މީހެއްގެ ނުވަތަ އެ ބައެއްގެ މުއްސަނދިކަން އިތުރުވާ މަންޒަރު އާންމުކޮށް ފެނުމަކީ ރައްޔިތުން ވެސް ސިޔާސަތުތަކަށް ވުރެ އަމިއްލަ އަށް ލިބޭ ފައިދާ އަށް އިސްކަންދޭ ސަބެބެވެ. ކެންޑިޑޭޓުންގެ ކިބައިން ފައިސާއާއި، ގޭތެރެއަށް ބޭނުންވާ ސާމާނު ހޯދުމަށް އެދުމަކީ ކުރިން ވެސް އޮތް ކަމެކެވެ. އަދި މިހާރު އެއީ ލަދުވެތިކަމެއް ކަމުގައި ނުދެކެއެވެ. ވޯޓަކީ ގައުމީ ވާޖިބެއްގެ ބަދަލުގައި، އެއީ ވިޔަފާރީގެ މުއާމަލާތަކަށް މިވަނީ ބަދަލުވެފައެވެ.
މުޖުތަމައަށާއި ގައުމަށް ކުރާ ނޭދެވޭ އަސަރު!
ރައްޔިތުން ރިޝްވަތަށް އެދުމުގެ ސަބަބުން މުޅި ޑިމޮކްރެޓިކް ނިޒާމު ފަސާދަވެގެން ދެއެވެ. އިލްމީ، ގާބިލު އަދި ތެދުވެރި ކެންޑިޑޭޓުންނަށް، އެމީހުންގެ އަތުގައި ބަހާނެ ފައިސާ ނެތް ނަމަ، އިންތިހާބުތަކުގައި ކާމިޔާބު ހޯދުމުގެ ފުރުސަތު ހަނިވެއެވެ. ގިނަ ފައިސާ ބަހައިގެން ހޮވޭ ކެންޑިޑޭޓު، މަގާމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ވެސް މަސައްކަތްކުރާނީ އޭނާ އިންތިހާބަށް ކުރި ހަރަދު ދައުލަތުގެ ބަޖެޓުގެ ތެރެއިން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދުމަށެވެ. ނަތީޖާއަކަށް ވަނީ ރިޝްވަތާއި ކޮރަޕްޝަންގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅެއެވެ. އިންތިހާބުތަކުން ހޮވޭ މީހުން މިފަދަ މަޝްރޫއުތަކުން ނާޖާއިޒު ފައިދާ ހޯދުމުގެ ނަތީޖާއަކީ މަޝްރޫއުތައް ލަސްވުމާއި ކުރިއަށް ނުގޮސް ހުއްޓުމެވެ. އާހިރުގައި ހުރިހާ ގެއްލުމެއް ލިބެނީ ރިޝްވަތު ހިފި މީހާ ވެސް ހިމެނޭ ގޮތަށް އެ މުޖުތަމައުއަކަށެެ.
ސަރުކާރުތަކުގެ ވެސް ލަދެއް ނުގަނޭ!
އިންތިހާބުތަކާ ދިމާކޮށް ރިޝްވަތު” ދެނީ ހަމައެކަނި ކެންޑިޑޭޓުންނެއް ނޫނެވެ. ސަރުކާރުތަކުން ވެސް އެ ސަރުކާރަކަށް ނިސްބަތްވާ ކެންޑިޑޭޓުން ހޮވުމަށް ނުފޫޒާއި ބާރުގެ ބޭނުން ކުރެއެވެ. ކުރީގެ ސަރުކާރުތަކުގައި ވެސް މިކަން ފެނުނެވެ. މިދިޔަ ސަރުކާރުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކަށް ބަޖެޓްގައި ނުޖަހާ އެތައް މަަޝްރޫއަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރިއެވެ. އަދި މިހާރު އޮތް ސަރުކާރުގެ ތެރެއިން ވެސް މިކަން އިންތިހާ އަށް އެބަ ފެނެއެވެ. އިންތިހާބުތަކާ ދިމާކޮށް ކަންކަން ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތަކުގެ ބިންގާ އެޅުން އިތުރުވެއެވެ. ވަޒީފާތައް އިންތިހާ އަށް އެބަ ބަހައެވެ. ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ވެސް އެތައް ކަމެއް އެބަ ކުރެއެވެ.
ކުލި މައާފުކުރުން ފަދަ ކަންކަމަކީ ރައްޔިތުންނަށް ލިބޭ ފައިދާއަކަށް ވިޔަސް އެއީ ދައުލަތަށް އޭގެ ބުރަ އިންތިހާ އަށް އުފުލަންޖެހޭ ކަންކަމެވެ. ގިނަ ބަޔަކަށް ވަޒީފާތައް ލިބުމަކީ އާންމު ދިރިއުޅުމަށް ލިބޭ ފައިދާއަކަށް ވިޔަސް ދައުލަތުގެ ބަޖެޓް ކޮންޓްރޯލުން ނެއްޓުމުން އޭގެ ގެއްލުން މުޅި މުޖުތަމައު އަށް އެބަ ކުރެއެވެ.
އިންތިހާބުތަކުގައި ރިޝްވަތަށް އެދި އާދޭސްކުރުމަކީ ގައުމުގެ މުސްތަގުބަލު އަމިއްލަ އަތުން ކަތިލުން ފަދަ ކަމެކެވެ. މި ނުރައްކާތެރި އާދައިން މިންޖުވުމަށްޓަކައި މުއައްސަސާތަކުން ގާނޫނުތައް ހަރުކަށިކޮށް، ފިޔަވަޅުތައް ތަންފީޒުކުރަން ޖެހެއެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ، ވޯޓަކީ ވިއްކާލާ އެއްޗެއް ނޫންކަމާއި، އެއީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމަށް ކޮންމެ ފަރުދަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ބާރުކަން ރައްޔިތުންނަށް ވިސްނައިދިނުމެވެ. މިއީ ހަމައެކަނި ސިޔާސީ މީހުން ގޯސްކޮށްގެން ފުއްދާލެވެން އޮތް ކަމެއް ނޫނެވެ. ގައުމު އިސްލާހުވާނީ ރައްޔިތުންގެ ވިސްނުމާއި އަމަލުތައް ވެސް އިސްލާހުވެގެންނެވެ.


