ޗެއާޕާސަން އިންތިހާބު: 2028 ގެ ރިޔާސީ ޗާޓު ކުރަހާލުން

8 މެއި 2026 - 16:31

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް އަބަދު ވެސް ފޯރިގަދައެވެ. ތަފާތު އެކި ފެކްޝަންތަކުގެ މެދުގައި ފޯރިގަދަ ކެމްޕެއިނެއް ފެނިގެން ދެއެވެ. އެހެން ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް މި ފަހަކަށް އައިސް އެމްޑީޕީ ވަނީ ދެ ބަޔަކަށް ބެހިފައެވެ. މި ދެ ފެކްޝަން ބެހިގެން ވަނީ ޕާޓީގެ އެންމެ އިސް ދެ ބޭފުޅުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު (އަންނި)ގެ މައްޗަށެވެ. އަންނަ މަހު ބާއްވާ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި ވެސް އޮތީ މި ދެ ފެކްޝަންގެ ކޯޅުމެވެ. ޗެއާޕާސަން ކަމަށް ކުރީގެ ރައީސް އަދި ގިނަ ދުވަސްތަކެއް ވަންދެން ޕާޓީގެ އިސް މަގާމުތައް ފުރުއްވި ނަޝީދު ގެންދަވަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ، އަނެއްކޮޅުން ވާދަކުރައްވަނީ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަން ދެ ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ މީކާއީލް އަހްމަދު ނަސީމެވެ. ބުނެވޭ ގޮތުގައި ރައީސް ސޯލިހު ފެކްޝަންގެ ކެންޑިޑޭޓަކީ މީކާއީލްއެވެ. ދެ ބޭފުޅުންނަކީ ވެސް އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ޕާޓީ އަށް ގިނަ ގުނަ ހިދުމަތްތަކާއި ގުރުބާނީތަކެއް ވަމުން އަންނަ ދެ ބޭފުޅުންނެވެ.

މާޒީގެ ހަނދާންތަ!

advertisement

ކެމްޕެއިންގެ ތެރޭގައި އެންމެ ފޯރިގަދަކޮށް ދެކެވެމުން އަންނަނީ މާޒީގެ ވާހަކަތެކެވެ. އެމްޑީޕީ އަށް ޖެހިޖެހިގެން ދެ ވަނަ ދައުރެއް ނުލިބުނީ ރައީސް ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުންގެ ސަބަބުން ކަމަށް އެއްބަޔަކު ދަނީ ބުނަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު އުފެދުނު ހިޔާލު ތަފާތުވުންތައް ވިހަވެ، އެންމެ ފަހުން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވީ އެމްޑީޕީ “ރޫޅާލާނެ” ކަމުގެ އިންޒާރާ އެކުގައެވެ. އެ ގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓިކް ޕާޓީން ރަސްމީ ސިފައެއްގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ނުކުރި ނަމަވެސް ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ލިބިވަޑައިނުގަތުމުގެ މައިގަނޑު ސަބަބަކީ ޑިމޮކްރެޓުންގެ ތާއީދު ނުލިބުމާއި އެމްޑީޕީ ބައިބައިވުމެވެ. 

ދަ ޑިމޮކްރެޓްސް ޕާޓީ ހިނގާ ގޮތް ނުވެ އެންމެ ފަހުން ރައީސް ނާޝީދާ އެކު އެ ޕާޓީގެ އިސް ބޭފުޅުން ވަނީ އެނބުރި އެމްޑީޕީ އަށް ވަޑައިގެންފައެވެ. އަދި ޕާޓީގެ ލަގަން އަލުން ހޯއްދެވުމަށް ރައީސް ނަޝީދު މަސައްކަތް ފެއްޓެވުމާ އެކު މާޒީގެ ވާހަކަތައް ދެ ފަރާތުން ވެސް ދަނީ ދައްކަމުންނެވެ. ޕާޓީ ރޫޅާލުމަށް ދިން އިންޒާރާއި ދެ ވަނަ ދައުރެއް ނުލިބުމާއި މިހާރު ޕާޓީގެ އާންމު މެންބަރުންނަށް ޖެހިފައިވާ ހާލުގެ ޒިންމާ ބައެއް ފަރާތްތަކުން އަޅުވަމުން ގެންދަވަނީ ރައީސް ނަޝީދުގެ އިސްތަށިފުޅުގައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ މާޒީގެ ވާހަކަ ދައްކައިގެން ލިބޭނެ ކުރިއެރުމެއް އަދި ހޯދޭނޭ މާދަމާއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބަށް އެންމެ ބޮޑު ހިޔަންޏެއް އެޅިފައި ވަނީ ވެސް މާޒީގެ ސަބަބުންނެވެ.

ހަމައެކަނި ޗެއާޕާސަންގެ ކެމްޕެއިނެއް ނޫން!

Former President Mohamed Nasheed (L) and former Chairperson of MDP, Fayyaz Ismail, on a campaign event on March 31, 2026 | Photo: MDP

ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނމިކުފާނާ އެކުގައި ތިއްބެވި ބައެއް ބޭފުޅުން މި ވަގުތު ތިއްބެވީ ކޮޅު ބަދަލުކުރައްވައި ރައީސް ނަޝީދާ އެކުގައެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. އިކޮނޮމިކް މިނިސްޓަރުގެ ގޮތުގައި ހުންނަވައި ޗެއާޕާސަން ކަމަށް ވާދަކުރެއްވި އިރު ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން އެންމެ ބޮޑަށް ފާޑު ވިދާޅުވީ  ވެސް ފައްޔާޒަށެވެ. އެ އިންތިހާބުގައި ރައީސް ނަޝީދުގެ ފަރާތުން އޭރުގެ މާފަންނު އުތުރު މެންބަރު އިމްތިޔާޒު ފަހުމީ ވާދަކުރެއްވި އިރު ވަރަށް ގިނަ ފާޑުކިޔުންތައް ފައްޔާޒަށް ރައްދުވިއެވެ. ކޮރަޕްޝަންގެ އެތައް ތުހުމަތެއް އެޅުވިއެވެ. “ބްރޯ” ހެދިގެން އުޅޭ ކަމަށް ބުނެ، އެތައް ވާހަކަތަކެއް ދެއްކިއެވެ. 

އެ ހުރިހާ ކަމެއް އެހެން ހުރި ނަމަވެސް ސުވާލަކީ ރައީސް ނަޝީދުގެ ފަޅި އަށް ފައްޔާޒު އެރުއްވީ ކީއްވެ ހެއްޔެވެ؟ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަދި ފެންނަން ހުރި ކަންކަމަށް ބަލާއިރު އޭގެ މައިގަނޑު ސަބަބަކީ 2028ގެ ރިޔާސީ އިންތިހާބެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން “ބޮޑު ބަދަލު”ގެ ނަމުގައި މި ދެ ބޭފުޅުން ދޫކޮށްލެއްވި ހިޔާލުތަކަށް ބަލާއިރު ގާނޫނު އަސާސީގެ ތެރެއިން ގެނެވޭ އިސްލާހުތައް ބައްޓަންކޮށްފައި ވަނީ ސަރުކާރު ހިންގުމުގެ ބާރު ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ގޮތަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

އަނެއްކޮޅުން ރައީސް ސޯލިހް ވެސް ހުންނެވީ ދޫދެއްވާ ގޮަތަކަށް ނޫންކަން އެ މަނިކުފާނުގެ އަމަލުތަކުން ހާމަވެއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީ ސިފައެއްގައި އިއުލާންނުކުރެއްވި ނަމަވެސް އެމަނިކުފާނުގެ ޝައުގުވެރިކަން ބޮޑުކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. އަދި ވާދަނުކުރައްވާ ހާލަތެއްގައި ވެސް ކެންޑިޑޭޓަކު ދައްކަވާނެކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން ރައީސް ސޯލިހްގެ ބަދަލުގައި ރައީސް ނަޝީދު ފަޅިއަށް ފައްޔާޒު އެރުއްވި މައިގަނޑު ސަބަބު ގުޅިފައި ވަނީ ވެސް މި ޝައުގުވެރިކަމުގެ މައްޗަށެވެ.

Press conference by MDP’s National Executive Committee on April14, 2026 | Photo: Screenshot from RaajjeTV’s livestream

ދެ ފަރާތުގެ ބަހުގެ ހަމަލާތައް ވަރުގަދަ!

މާޒީގެ ވާހަކަތައް ދައްކައިގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް ކެމްޕެއިންގެ ތެރޭގައި އެންމެ ފޯރިގަދަކޮށް ދައްކަނީ އެ ވާހަކަތަކެވެ. ނަޝީދުގެ ވާދަވެރިންނަށް ވެސް އެއި “ރަންގަނޑެއް” ފަދައެވެ. ޕާޓީ ރޫޅާލާނެ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުންތަކާއި އެ ޖަލްސާތަކުގެ މަންޒަރުތަކާއި މަޖިލީހުގައި ސަރުކާރަށް އޭރު ކިޔާފައިވާ ފަޑުކިޔުންތައް އެއީ ކިތަންމެ ބޭނުން ނުވިޔަސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނެ ތަކެތިކަން ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް ވިސްނެން ޖެހެއެވެ. އަނެއްކޮޅުން އޭރު ހިނގައިދިޔަ ކަންކަމަކީ ގޯހުން ކުރެވުނު ކަމެއްގެ ގޮތުގައި ރައީސް ނަޝީދުގެ ސަޕޯޓަރުން ވެސް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ނަތީޖާއަކަށް ވެފައި ވަނީ ދެ ފަރާތުގެ ބަހުގެ ހަމަލާތައް އިހުނަށް ވުރެ ވެސް ފޯރިގަދަވެފައި ވުމެވެ. 

މާޒީގެ ހަނދާންތައް ފިލައި ނުދާނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ ހުދު ފައްޔާޒަށް ވެސް އެއީ ދަތިކަމަކަށް ވެފައި ވުމެވެ. ރައީސް ނަޝީދާ އެކުގައި މި ވަގުތު މަސައްކަތް ކުރެއްވި ނަމަވެސް މާޒީގެ ވާހަކަ ތިލަވާ ހިސާބުން ފައްޔާޒުގެ “ހިތުގައި” ވެސް “ރިހުން” އުފެދޭކަން ދާދި ފަހުން މި ވަނީ ހާމަވެފައެވެ. ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދުވާފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޕޯސްޓަކަށް ފައްޔާޒު ވަނީ ވަރަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. 

އެކްސްގައި ވައްޑެއް ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރުންގެ 95 ޕަސެންޓުން އުފެދުނު ސަރުކާރުން 60 ޕަސެންޓް ދިނީ ކޯލީޝަނަށް ކަމަށާއި މަޖިލީހުގެ 55 ޕަސެންޓް ދޭން އުޅުނު ކަމަށާއި ދައުރު ނިމުނު އިރު (ރައީސް ސޯލިހް) އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކޮށްނުލައްވާ ކަމަށެވެ. އެމްޑީޕީގެ ބޮޑު ވައުދުތައް ނުފުއްދާ ކަމަށާއި އެމްޑީޕީ ބަލިކަށިކުރީ ކާކުތޯ ވައްޑެއް ސުވާލުކުރައްވާފައި ވެއެވެ. މިހާރު ނަގާފައިވާ އެ ޕޯސްޓަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ބަލިކަށިކުރި އެެއް ބޭފުޅަކީ ވައްޑެ ކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ރައީސް ސޯލިހާއި ފައްޔާޒުގެ އިތުރުން އޭރު އޮތް ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ ވައްޑެ އެވެ.

“ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް . އެހެނަސް އެވީތަދުގެ ރިހުން އެބަހުރި، ހަނދާން އެބަހުރި. ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން. އެކަން ކުރެވެން އަންނަނީ،” ފައްޔާޒު ވިދާޅުވިއެވެ. 

މި ވާހަކަތަކާ އެކު ރައީސް ނަޝީދުގެ ޓީމުގެ ބައެއް ބޭފުޅުން ވަނީ ފައްޔާޒާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އަމިއްލަ ޓީމުގެ މެންބަރުންނަށް ފައްޔާޒު ފާޑުކިޔަކީ ކީއްވެތޯ ވެސް ސުވާލު ކޮށްފައި ވެއެވެ. 

މީގެ އިތުރުން ރައީސް ނަޝީދުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މީކާއީލް އަށް ރައްދުވާ ގޮތަށް ބައެއް ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ރައީސް ސޯލިހްގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި މާރިޔާ ދީދީ ފާހަގަކޮށްލެވެއެވެ. މާރިޔާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި މީކާއިލް ވަނީ ރައީސް ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ބަދުބަސްތައް ނުބުނުމަށް އެދިވަޑައިގެންފައެވެ. އަދި ޗެއާޕާސަންގެ އިންތިހާބަށް ފަހު 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރަންޖެހޭނީ އެކުގައި ކަން ހަނދާންކުރަންޖެހޭ ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.

ކޯޅުމުގެ އަސަރު 2028 އަށް!

އެއްބަޔަކު ދެކޭ ގޮތުގައި ޗެއާޕާސަންގެ އިންތިހާބާ އެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެސް ނިންމަންޖެހެއެވެ އެއީ މިހާރު އުފެދިފައިވާ ކޯޅުންގަނޑު މައިތިރިވާން ދުވަސްތަކެއް ނަގާނެތީއެވެ. ރިޔާސީ އިންތިހާބާ ކައިރިކޮށްފައި ޕްރައިމަރީ ބާއްވައިފި ނަމަ ޕްރައިމަރީގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގެ އަސަރު ރިޔާސީ އިންތިހާބަށް ކުރާނެ ކަމަށާއި އެހެންކަމުން ވީހާ ވެސް އަވަހަކަށް ކެންޑިޑޭޓަކު ދައްކައި ރިޔާސީ އިންތިހާބަށް މަސައްކަތް ފެށުން ބުއްދި ވެރިކަމަށް އެ ފަރާތްތަކުން ދެކެއެވެ. 

އެހެން ނަމަވެސް މިހާރު ކުރިއަށްދާ ވާދަވެރިކަމުގެ އަސަރު ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރާނެ އެވެ. އެއްކޮޅުން ޕްރައިމަރީގައި ފައްޔާޒު ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އިރު އަދި ރައީސް ނަޝީދުގެ ތާއީދު އެކަމާށް އޮތްކަން ފާޅުކުރައްވާފައިވާ އިރު ކުރިއަށް އޮތީ ވެސް ދެ ފެކްޝަނުގެ ކޯޅުމެކެވެ، އެހެން ނަމަވެސް އެއްބަޔަކު ދެކޭ ގޮތުގައި މިއީ އަދި މުޅިން ފައިނަލް ކަމެއް ނޫނެވެ. ރައީސް ނަޝީދަށް ޗެއާޕާސަންކަން ލިބިވަޑައިގެންފި ނަމަ ރިޔާސީ ޕްރައިމަރީ އަށް ބޮޑެތި ބަދަލުތަކެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބަކީ ހަމައެކަނި ޕާޓީ ހިންގުމުގެ އިސްމަގާމަކަށް މީހަކު ހޮވުމުގެ އިތުރުން، ޕާޓީގެ މުސްތަގުބަލާއި ފަލްސަފާ ކަނޑައަޅާނެ ‘ރިފަރެންޑަމް’ އެކެވެ. އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ހަމައަކަށް އެޅެން އަދި ދުވަސް ނަގާނެ އެވެ. އޭގެ އަސަރު ރިޔާސީ އިންތިހާބާ ހަމައަށް ވެސް ފޯރާނެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި 2028 އެމްޑީޕީ އަށް ކާމިޔާބުކުރެވެން އޮތީ ދެ ފެކްޝަންގެ ކޯޅުންތައް ނިމުމަކަށް ގެނެވިގެންނެވެ. ސުވާލަކީ އެކަން ކުރަން ޕާޓީގެ ލީޑާޝިޕާ ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ތިއްބެވި ދެ ބޭފުޅުންނަށް އެކަން ކުރެވިދާނެ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0