“ބޮޑު ބަދަލު”ގައި އިހުގެ އޮއްޓަރެއް ނެތް!

8 އޯގަސްޓް 2026 - 16:54

ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު ބަދަލުތަކެއް ފެނިގެން ދިޔައީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައެވެ. ގާނޫނު އަސާސީ އަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް ވާދަކުރާ އިންތިހާބަށް ވުމާ އެކު ވަކިވަކި ޕާޓީތަކުގެ ޕްލޭންތަކާއި މެނިފެސްޓޯ އާންމު މީހާ އަށް ވިސްނައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. އޭގެ ތެރެއިން އެމްޑީޕީން ޕްރޮމޯޓްކުރަމުން ދިޔައީ ދިވެހިން ކުރިން އަޑުއަހާފައި ވެސް ނުވާ ނުވަތަ އުންމީދު ވެސް ނުކުރާ މެނިފެސްޓޯއެކެވެ. އެ މެނިފެސްޓޯ ބިނާވެފައި އޮތީ އޭގެ ކުރިން ވެސް އެ ޕާޓީން ވަކާލާތުކުރަމުން އައި އަސާސީ ހައްގުތަކުގެ މައްޗަށެވެ. އާންމު މީހާގެ ދިރިއުޅުން ތަރައްގީވާނެ ކަންކަމުގެ މައްޗަށެވެ.

އެހެން ވެސް ޕާޓީތަކުގެ އެހީތެރިކަމާ އެކު 2008 ވަނަ އަހަރު މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން އެމްޑީޕީގެ މެނިފެސްޓޯ ކުރިއަށް ނެރުއްވިއެވެ. އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ގިނަ ބަދަލުތަކެއް ގެނެވުނެވެ. އިޖުތިމާއީ ރައްކާތެރިކަމާޢި ލާމަރުކަޒީ ނިޒާމާއި، ދައުލަތަށް އާމްދަނީ ހޯދުމުގެ ނިމާއި ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އެއްބަޔަކަށް މި ބަދަލުތައް ހަޖަމްކުރަން އުނދަގޫވި ނަމަވެސް އެމްޑީޕީގެ އެ ބަދަލުތަކަކީ ހިތްވަރުގަދަ ނިންމުންތަކެކެވެ.

advertisement

އަނެއްކާ ވެސް ބަދަލުތަކެއްގެ ވާހަކަ!

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސީދާ ރައީސް ކަމަށް ވާދަނުކުރެއްވި ނަމަވެސް ސިޔާސީ ރޭހުގައި މި ވަގުތު އިދިކޮޅުގެ ހުންގާނުގައި ހުންނެވީ ރައީސް ނަޝީދެވެ. ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ލަގަން ގެއްލިފައި ވަނިކޮށް ރައީސް ނާޝީދާއި އެމަނިކުފާނުގެ ޓީމުން އެނބުރު ޕާޓީގެ ލީޑާޝިޕަށް އައީ އަނެއްކާ ވެސް ބަދަލުތަކެއްގެ ވާހަކައާ އެކުގައެވެ. މި ފަހަރު “ބޮޑު ބަދަލު” ގެ ނަމުގައެވެ. އެހެން ނަމަވެސް ކުރިއާ ހިލާފަށް މި ފަހަރުގެ ބަދަލުގައި އިސްވެފައި ވަނީ ރައްޔިތުންގެ ހައްގުތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބަދަލު ސިފަކުރެވެނީ ގެއްލިފައިވާ ބާރުވެރިކަމާއި ހައިސިއްޔަތު ހޯއްދެވުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައެވެ. 

ރައްޔިތުންގެ އަސާސީ ހައްގުތަކާއި އާންމު ދިރިއުޅުމާ ގުޅިފައިވާ އިންގިލާބީ ވިސްނުމެއްގެ ބަދަލުގައި، ފެންނަނީ އާދައިގެ، އޮއްޓަރެއް ނެތް ލޮނުމަޑު ވާހަކަތަކެކެވެ. އޭގެ ބަދަލުގައި ފެންނަނީ ދައުލަތުގެ ނިޒާމަށް އިސްލާހު ގެނައުމުގެ ބަދަލުގައި ޕާޓީގެ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ. ސިފަކުރެވެނީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ބަރުލަމާނީ ނިޒާމުގެ ސިފަތައް އެހެން ނަމެއްގައި ވެރިކަމުގެ ނިޒާމުގެ ތެރެއަށް ގެންނެވުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައެވެ. ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ވަޑައިގެންނެވުމަށް އޮތް މަގު ހަނިކަމަށް ގަބޫލުކުރެއްވޭތީ އެ ނޫން އެހެން ގޮތަކުން ވެސް ދައުލަތް ހިންގުމުގެ ބާރުތައް މުށުތެރެއަށް ޖަމާކުރެއްވުމުގެ ވިސްނުންފުޅެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

ހައްގުތަކަށް އިސްކަމެއް ނެތް!

ރައްޔިތުންގެ ދިރިއުޅުމަށް ހަގީގީ ބަދަލެއް ގެނެސްދޭނެ ސާފު ރޯޑްމެޕެއްގެ ކޮޅުމަތި ވެސް މި “ބޮޑު ބަދަލު”ގެ ތެރެއިން ފެންނާކަށް ނެތެވެ. މުޖުތަމައުގައި މިހާރު ހުރި މައްސަލަތަކަށް އެ ބަދަލުގައި އޮތް ހެއްލެ ނުފެނެއެވެ. ޑޮލަރުގެ އަގު އުފުލުމަށް ގެނެވޭނެ ހައްލުތަކާއި ދައުލަތުގެ އާމްދަނީ އިތުރުކުރާނެ ގޮތްތަކާއި އުފުލެމުންދާ ތަކެތީގެ އަގު ކޮންޓްރޯލްކުރާނެ ގޮތްތަކެއް މި ބަދަލުގެ ތެރެއަކުން ނުފެނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އާއި މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންގެ ދާއިމީ އެޑްރެސްގެ މައްސަލައާއި، ވޯޓުލުމުގެ ނިޒާމަށް ގެންނަންޖެހޭ އަސާސީ އިސްލާހުތަކާ މެދު ގާނޫނުތަކާއި ގާނޫނު އަސާސީގެ ތެރެއިން ގެނެވޭނެ ބަދަލުތަކެއް މި ސިޔާސަތުގައި ފެންނާކަށް ނެތެވެ. މަޑުމަޑުން ގެނގެމުން ދާ ދައުލަތުގެ ދަރަނީގެ ދަންމަޅިން ސަލާމަތްވެ އަމިއްލަ ފައި މައްޗަށް ތެދުވާނެ އިގްތިސާދީ ފޯމިއުލާތަކެއް މި ބަދަލުގެ ތެރޭގައި ފެންނާކަށް ނެތެވެ. ދަރަނި ޖީޑީޕީގެ 129 އިން އަދި މެދުރާސްތާގައި 140 ޕަސެންޓަށް މައްޗަށް ގޮސްފައިވާ މައްސަލަ އަށް މި ބަދަލުގެ ތެރޭގައި އޮތީ ކޮން ހައްލެއް ކަމެއް އެނގޭކަށް ނެތެވެ. ދައުލަތުގެ ރިޒާވް އިތުރުކުރާނެ ގޮތްތަކެއް މި ރޯޑްމެޕަކުން ނުފެނެއެވެ. 

 މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ބަޔަކު ހިތްހަމަނުޖެހުނު ނަމަވެސް މުސާރަތައް ކުޑަކުރުމާއި ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން ގެންނެވި ބަދަލުތަކަކީ ގައުމަށް އޭގެ ސަބަބުން އެތައް ފައިދާތަކެއް ލިބުނު ބަދަލުތަކެކެވެ. ނަމަވެސް މި ފަހަރު  ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ފެންނަނީ އިހުނަށް ވުރެ ވެސް ހަރަދު ބޮޑު ނިޒާމެއްގެ ކޮޅުމައްޗެވެ.

ނިޒާމީ ބަދަލެއް!

ބޮޑު ބަދަލުގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނިވައި ވަނީ ނިޒާމު ބަދަލުތަކެއްގެ ވާހަކައެވެ. އޭގެ ތެރޭގައި ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރުމާއި ރީކޯލް ވޯޓާއި ސުޕްރީމް ކޯޓާއި ކޮމިޝަންތަކުގެ މެންބަރުން ވަކިކުރުމުގެ ވޯޓާއި ޝަރުއީ ދާއިރާއަށް އޮންނަ ނުފޫޒު ކުޑަކުރުމާއި ފެންނަ ނުފެންނަ ވޯޓުގެ ޓައިމްލައިންތަކެވެ. 

އެއް ބަޔަކު ދެކޭ ގޮތުގައި “ބޮޑު ބަދަލު” އެއީ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަޝީދާއި އެ މަނިކުފާނުގެ ޓީމުން ކޮށާ މަގެކެވެ. ނަމަވެސް އެހެން ނަމެއްގައެވެ. ދާދި ފަހުން އޮތް ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމެއް ދެން ރާއްޖެއަކު ނުހިންގޭނެއެވެ. އެ ގޮތުން ގާނޫނު އަސާސީ އަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ތިން ބާރު ވަކިކުރުން ކަމަށް ވިޔަސް އެ ގާނޫނު އަސާސީ އާށް އަމަލުކުރަމުން އަންނަތާ 18 އަހަރުވި އިރު އެ މަގުސަދު ހާސިލުކުރެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިނުކުރެވޭނެ ކަމަށެވެ. ކުދި ގައުމުތަކުގެ ތެރެއިން ދިވެހި ރާއްޖެ ނޫނީ “މިބުނާ ޒާތުގެ” ރިޔާސީ ނިޒާމެއް ނޯންނަ ކަމަށާއި  ފާއިތުވި ހަތަރު ދައުރަށް ބަލާއިރު ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބުކުރޭވޭތީ ހުރިހާ ބާރުތަކެއް އެއްކުރުމަށް މަގުފަހިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

“ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުނީމާ މިނިވަން މުއައްސަސާތައް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް އެދިޔައީ. ރައްޔިތުންގެ މަޖިލީހުގެ އެހާ ބޮޑު އަގުލަބިއްޔަތެއް ލިބުނީމާ ޝަރީއަތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް އެބަދޭ،” އެއްވެސް އެއްޗަކީ ތާއަބަދު އެއްގޮތަކަށް ހުންނާނެ ކަމެއް ނޫންކަމާއި ގާނޫނު އަސާސީއާ މެދު އަލުން ވިސްނަންޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދުގެ މި ވާހަކަތަކުން ވެސް އެނގިގެން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ޓީމުގެ މައިގަނޑު އަމާޒަކަށް އޮތީ ނިޒާމީ ބަދަލުތަކެއް ގެނައުން ކަމެވެ. ނަމަވެސް ނަޝީދު ސިފަކުރައްވާ ގޮތުން “ބޮޑު ބަދަލު”ގެ ސަބަބުން އަތްލެވޭ ބަދަލުތަކެއް ގެނެވޭނެއެވެ. އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނީ އެ ބަދަލުތަކުގެ ތެރެއިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ގާނޫނު އަސާސީ އަށް އަންނަ ބަދަލަކުން އާއިލާތަކުގެ އާމްދަނީ އަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރސަން. އަޅުގަނޑަށް ފެނިފަ އެބަހުރި، އަޅުގަނޑަށް އެނގިފަ އެބަހުރި، ތަޖުރިބާކުރެވިފަ އެބަހުރި ގާނޫނު އަސާސީ އަށް މި ގެނެވުނު ބަދަލުތަކުގެ ސަބަބުން އާމްދަނީ އިތުރުވެގެން ދިޔަތަން،” ރައީސް ނަޝީދު ވިދާޅުވިއެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ތަފްސީލީ މެނިފެސްޓޯއަކަށް ނުވާތީ ހުރިހާ ކަމެއް “ބޮޑު ބަދަލު”ގެ ތެރޭގައި ހިމެނިފައި ނެތީއެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހިތް ފަތަހަކުރަން ބޭނުން ނަމަ މިވަގުތު އިސްކުރަން ޖެހެނީ ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް އޮތް މަގެއް ނޫނެވެ. އަދި ނިޒާމީ ބަދަލުތަކުން ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ގޮތްކާއި މިވަގުތު ކުރިމަތިވެފައި އޮތް މައްސަލަތަކަށް ހައްލެއް ހޯދޭނޭ ގޮތްތަކެއް ކުރިއަށް ނެރެގެން ނޫނީ ގިނަ ބަޔަކަށް އެ ވާހަކަތައް ގަބޫލުކުރަން ފަސޭހައެއް ނުވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0