ނިޒާމުގެ ފެއިލްވުމެއް! އެތައް ބަޔަކު މަގުމަތީގައި!
6 ނޮވެމްބަރ 2026 - 20:04
އިހަށްދުވަހު ރަސްފަންނު ސަރަހައްދުން ފެނުނީ ބަލަން އުނދަގޫ، ހިތްދަތި މަންޒަރެކެވެ. ޖޯލިފައްޗެއްގައި ނިދާފައި އޮތް މީހެއްގެ ކުރިމައްޗަށް ހުއްޓިގެން ހުރި މެދު އުމުރުގެ ފިރިހެނަކު، އަޑުގެ ނެތް ކޮޅަށް ހުތުރު އެއްޗެހި ގޮވަމުން ދިޔައީއެވެ. ޖޯލީގައި އޮތް މީހާގެ ދަބަސް ބިންމައްޗަށް ޖަހައި ވައްޓާލުމަށް ފަހު، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ސަބަބުން މުޖުތަމަޢު ހަލާކުވެ، އެމީހުންގެ ދުއްތުރާ ބޮޑުވެފައިވާ ކަމަށް ބުނެ ހަޅޭއްލަވަމުން ދިޔައެވެ. އެ މަންޒަރު ބަލަން ކައިރީގައި މޫދުން އަރައިގެން އައި ކުޑަކުދިން ތިއްބެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއް ނެތް އެ އަމަލުތައް ފެނުމުން ހިތަށް އެރިއެވެ؛ މިފަހަރު މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދައިލީ އަސްލު ކާކު ހެއްޔެވެ؟ ފަރުދީ ޒިންމާ އަދާނުކުރެވުނު ފަރުދުން ހެއްޔެވެ؟ ނުވަތަ މަސްތުގެ ހާލަށް ގެއްލި ބިކަވެ، އަޅާލުން ބޭނުންވެފައިވާ ފަރާތްތަކަށް ފަރުވާއެއް ހޯދައިނުދެވުނު ދޯހަޅި ނިޒާމު ހެއްޔެވެ؟
މި ފަހުން މާލޭގެ ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ހިނގައިދިޔަ ހާދިސާއިން ވެސް އެނގި ހާމަވީ ރާއްޖޭގެ އިޖުތިމާއީ ވިއުގަ ފެއިލްވެފައިވާ މިންވަރެވެ. އެހީ ފޯރުކޮށްދޭ ފަރާތްތަކުން ފެށިގެން މައްސަލަ ބަލައި ފިޔަވަޅު އަޅާ ފަރާތްތަކާއި ނިޒާމުގެ ފެއިލްވުމެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު މަސްތުވެގެން އާންމުންނަށް ކުރަމުންދިޔަ ދުއްތުރާ ނުހުއްޓުވިގެން، އާންމު ރައްޔިތަކު ހެންވޭރު ޕޮލިސް ސްޓޭޝަން ބޭރުގައި ކުރި 35 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި އެވެ. އެމީހާ މަސްތުގެ ހާލަތުގައި ހުރެގެން މަގުމަތިންދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓާލުމާއި، ގޭގެއަށް ކުނި އެޅުމާއި، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް އިންޖީނު ތެލާއި ފެން އުކުން ފަދަ އެތައް ކަމެއް ކުރަމުން ދިޔައެވެ. ދަންވަރު ވަގުތު އެހެން މީހުންގެ ނިދި ނަގާލައި، އަޑުގެ ނެތް ކޮޅަށް ހަޅޭއްލަވަނީއެވެ. ކުޑަކުދިންގެ ކުރިމަތީގައި ހަޔާތް ގޮވަނީއެވެ.
މި މައްސަލަތަކާއި އޭގެ ވީޑިއޯ ހެކިތައް ސޯޝަލް މީޑިއާގައި އާންމުކުރުމުގެ އިތުރުން، ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެތައް ފަހަރަކު އެކަމުގެ ޝަކުވާ ރަސްމީ އިދާރާތަކަށް ވެސް ހުށަހެޅިއެވެ. ނަމަވެސް، ފުލުހުންނާއި، އެންޑީއޭ އާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި، ޕީޖީ އޮފީހުން ދެއްކީ ބަހަނާތަކެކެވެ. ދެއްކީ އިހުތިސާސާއި، ކްލިނިކަލް މިންގަނޑުތަކާއި، ގާނޫނީ ހެކި ހޯދުމުގެ ހުރަސްތަކުގެ ވާހަކައެވެ. އެންމެ ފަހުން ހަޅުތާލުކުރަމުން ދިޔަ ސަރަހައްދަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވަޑައިގެން، މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް އާއި ބައެއް އެހެން ކަމުވޮށިގެންވާ ބޭފުޅުން ވެސް އެތަނަށް ޒިޔާރަތްކުރެއްވިއެވެ. ޖެހިގެން އައި ދުވަހު ފެނުނީ އެ މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި ތަނެވެ.
އެހެންނަމަވެސް، އެއީ ހަގީގީ ހައްލު ހެއްޔެވެ؟ އެ ސުވާލުގެ ހިތި ޖަވާބު ލިބުނީ މާ ގިނަ ދުވަހެއް ނުވެއެވެ. ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަވާން އެންމެ 24 ގަޑިއިރަށް ވެފައި ވަނިކޮށް، ހިންމަފުށީ އެންޑީއޭ ސެންޓަރަށް ފަރުވާއަށް ގެންދިޔަ އެ މީހާ ވަނީ އެތަނުގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލާފައެވެ. ސަލާމަތީ ބާރުތަކާއި، ފަރުވާގެ ނިޒާމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ފޫނުބެދޭ ދޯހަޅިކަން މިއަށްވުރެ ބޮޑަށް ހާމަވާނީ ކޮން ކަމަކުން ހެއްޔެވެ؟ އޭނާ ފިލުމުން ފުލުހުން ބުނީ އެއީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހިންގާ ތަނެއް ނޫން ކަމެވެ. ދެއްކީ ބަހަނާއެކެވެ.
މިހާރު ވެސް ފަރުވާގައި އެތައް ބަޔަކު!
ޑްރަގް ކޯޓުން ޝާއިއުކުރި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޯޓު އަމުރުގެ ދަށުން އެކި މަރުހަލާތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1,100 އަށް ވުރެ މައްޗަށް އަރައިފިއެވެ. ހިސާބުތަކުން ހާމަވާ ގޮތުގައި ޖުމްލަ 1,118 މީހަކު މި ވަގުތު ވެސް ކޯޓުގެ ފަރުވާގެ އަމުރުގެ ދަށުގައި އެބަ ތިއްބެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް، ނުވަތަ 629 މީހުން ފަރުވާ ހޯދަމުންދާތާ އަދި އެއް އަހަރު ނުވެއެވެ. އަދި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގައި 375 މީހަކު ފަރުވާ ފުރިހަމަކުރަމުން ދެއެވެ.
މީގެ އިތުރުން، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި ފަރުވާ ހޯދަމުންދާ 88 މީހަކު ތިބިއިރު، ފަރުވާގެ އަމުރުގެ ދަށުގައި ހުންނަތާ 5 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 26 މީހަކު ވެސް ހިމެނެއެވެ. މި އިން އެނގެނީ ފަރުވާގެ ނިޒާމުގެ ތެރޭގައި އެތައް އަހަރެއް ވޭތުކުރަން ޖެހި، މުޖުތަމައަށް އަނބުރާ ރުޖޫއަނުވެވި، ތާށިވެފައި ތިބި މީހުންގެ އަދަދު ވެސް މަދު ނޫން ކަމެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާ އަހަރީ ތަފާސްހިސާބުތަކާ ވެސް މި ހިސާބުތައް ގުޅެއެވެ. ޕީޖީ އޮފީހުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 932 މީހެއްގެ މައްސަލަ ޑްރަގް ކޯޓަށް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ހެރޮއިން އަދި ކެނަބިސްގެ މައްސަލަތަކެވެ. ރިޕޯޓުން ދައްކާ ގޮތުގައި ދައުވާ ލިބުނު މީހުންގެ ތެރެއިން 930 މީހުންނަކީ 18 އަހަރުން މަތީގެ ބޮޑެތި މީހުންނެވެ. އަދި ދެ މައްސަލައެއްގައި ކުޑަކުދިން ހިމެނެއެވެ. ޖިންސުގެ ނިސްބަތަށް ބަލާއިރު 95 އިންސައްތައަކީ ފިރިހެނުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 2,193 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، މައްސަލަތައް މަދުވުމުގެ ބަދަލުގައި ފެންނަނީ އެއްވަރެއްގައި ހިފެހެއްޓިފައިވާ މަންޒަރެވެ.
ނިޒާމުގައި ފޫނުބެދޭ އެތައް ބާގަނޑެއް: އަބޫޗާގެ މައްސަލަ!
ރާއްޖެއަށް 98.6 ކިލޯގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށް ސާބިތުވެ، މިދިޔަ އަހަރުގެ މެއި މަހު ޖަލަށްލި އަބްދުﷲ އިބްރާހީމް (އަބޫޗާ) ޕެރޯލް ގާނޫނުގެ ދަށުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިނިވަންވި ހާދިސާއަކީ މުޅި ނިޒާމުގެ އިތުބާރު ގެއްލުވާލި ކަމެކެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ޕެރޯލް ލިބުމުގެ ޝަރުތު ހަމަވަނީ ވަކި ހާއްސަ މިންގަނޑުތަކެއް ފުރިހަމަވުމުންނެވެ. ޕީޖީން އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަކުން 50 އަހަރުގެ ޖަލު ހުކުމް، އިއުތިރާފުގެ އެއްބަސްވުމަކުން 25 އަހަރަށް ކުޑަކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަނޑައި، ދެ ހުކުމަށް ތަންފީޒުކުރަން އޮތީ 21 އަހަރެވެ. ނަމަވެސް ޕެރޯލް ބޯޑުން މުއްދަތު ގުނުމުގައި ހެދި ގޯހަކުން، މަސްތުވާތަކެތީގެ އެފަދަ ބޮޑު ނެޓްވޯކެއްގެ އިސް މީހަކު މުޖުތަމައުގެ ތެރެއަށް ދޫވެގެން ދިޔައީއެވެ. ޕެރޯލް ބޯޑުން ހިސާބު ހެދީ ކޮންމެ ހުކުމެއް ވަކިވަކިން ބަލައިގެންނެވެ. އޭނާ އަލުން ޖަލަށް ގެންދަން ޖެހުނީ ވެސް ހޯމް މިނިސްޓަރުގެ ސީދާ އަމުރަކަށެވެ.
ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ހިމެނޭ މީހުންނަށް ޕެރޯލްގެ ފުރުސަތު ނުދިނުމެވެ. މިހާރު އެކަން ވަނީ ގާނޫނުގައި ވެސް ހިމަނާފައެވެ. އެހެން ނަމަވެސް އަބޫޗާގެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތުން ސަރުކާރުން ވަނީ ފޫބެއްދުމަށް މުޅި ޕެރޯލް ބޯޑު އެއްކޮށް އުވާލައި އެ މައްސަލަ ބަލަން ފަށާފައެވެ. ނަމަވެސް ނިޒާމުގެ އެ ބާގަނޑު ފޫބެއްދުމަށް އަޅާ ފިޔަވަޅުތަކެއް ފެންނާކަށް ނެތެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މިކަން ވެސް ކަރުދާސްގަނޑެއްގައި ލިޔެފައި ބާއްވާނީއެވެ.
މި ހުރިހާ ކަމަކުން ވެސް ހާމަވަނީ، އިދާރީ ގޮތުން މީހުން ވަކިކުރުމަކީ މުއައްސަސާތަކުގެ މިފަދަ ބޮޑެތި ފެއިލިއަރތަކަށް އޮތް ހައްލެއް ނޫން ކަމެވެ. މީހުން ބަދަލުވިޔަސް، ނިޒާމަކީ އޭގެ ޒާތުގައި މިފަދަ ކަންކަން ތަންފީޒުކުރުމުގައި ނުކުޅެދިފައިވާ އެއްޗެއް ނަމަ، އެއަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ.
ހަރުކަށި ގާނޫނުތަކާއި ހަގީގީ ތަންފީޒު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށާއި، ޕެރޯލް ނުލިބޭ ގޮތަށް އުމުރު ދުވަހުގެ ޖަލު އަދަބު ތަންފީޒުކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވަނީ މިއަހަރުގެ މާރޗު މަހު ވަރުގަދަ އިސްލާހުތަކެއް ގެނެސްފައެވެ. ބޮޑެތި ކުށްވެރިންނަށް ލުއި ދިނުމާއި އިއުތިރާފުގެ އެއްބަސްވުން ހެދުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ. ގާނޫނުތައް ކިތަންމެ ހަރުކަށި ނަމަވެސް، ތަންފީޒީ މަރުހަލާ އާއި ޝަރުއީ ދާއިރާގައި އޮތީ ފޫނުބެދޭ ބާގަނޑުތަކުން ފުރިފައެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހި، މަގުމަތިވެފައިވާ މީހުންނަކީ ހަމައެކަނި “ބަންދުކޮށްލައިގެން” ނުވަތަ “ޖަލަކަށް ލައިގެން” އިސްލާހުކުރެވޭނެ ބައެއް ނޫން ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި އެމީހުންގެ ސަބަބުން މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، ކުށެއް ނެތް އާންމު ރައްޔިތުން އެތައް ތަކުލީފަކާ ކުރިމަތިލާންޖެހޭއިރު، އިދާރާތަކުން އިހްތިސާސް ފަހަތަށް ވަދެ ފިލާތިބުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިކަމުގެ ސަބަބުން އަސަރުކުރާ ފަރާތްތަކުން ދެކެއެވެ.
މި ހުރިހާ ކަމެއްވެސް ގުޅިފައިވަނީ ދިރިއުޅުމުގެ ހާލަތާއެވެ. ތޮއްޖެހިފައިވާ ހަނި ގޮޅިތަކުގައި ދިރިއުޅެން ޖެހުމާއި، ނަފްސާނީ އެހީތެރިކަން ލިބޭނެ ދޮރުތައް ބަންދުވެފައި ހުރުމާއި، ވަޒީފާއާއި އިގްތިސާދީ ނާއުންމީދުކަމަކީ މި ވަބާއަށް ޒުވާނުން ގެނބިގެންދާ މައިގަނޑު ސަބަބުތަކެވެ. އެހެންކަމުން، މުޖުތަމައުގެ އަޑި ނޭނގޭ ފުން ވަޅުގަނޑުން މިގައުމު ސަލާމަތް ކުރެވޭނީ، ހަމައެކަނި ގާނޫނުތައް ހަރުކަށިކޮށް ޖަލުތައް ފުރާލައިގެންނެއް ނޫނެވެ. އިންސާނީ ކަރާމާތް އިސްކޮށް، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ހަގީގީ މާނައިގައި ފަރުވާ ލިބޭނެ ހަރުދަނާ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަމުގެ ނިޒާމެއް ބިނާކޮށްގެންނެވެ.
މަސްތުގެ ހާލުގައި ޖެހިފައިވާ މީހެއްގެ ސަބަބުން އާންމު ފަރުދަކު ހަޅުތާލުކުރާ ހިސާބަށް ދިޔަ އިރު އެ މީހަކު އެހެން މަގުމަތީގައި އުޅޭތާ ވެސް ވިއްސަކަށް އަހަރު ވެއްޖެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގަ އާއި އާންމު އުނދަގުލަކަށް ވެގެން ވެސް އެތައް ފަހަރަކު ކަމާ ބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ސިކުނޑީގެ އުނިކަމެއްގެ ސަބަބުން ކުށްވެރި ނުވާ ނަމަ އެ ފަދަ މީހުންގެ ސަބަބުން އާންމުންނަށް އުނދަގޫވާތީ ދެން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުނީ ކީއްވެ ހެއްޔެވެ؟ އޭނާ އެ ގޮތުގައި އުޅެ އުޅެ ހުއްޓާ މި ގައުމަށް ޑޮމޮކްރަސީ އައިސް، އެތައް ވެރިންނެއް ބަދަލުވެގެން ހިނގައްޖެއެވެ. ނިޒާމުތަކަށް ބަދަލު ގެނެވިއްޖެއެވެ. އާ ގާނޫނުތައް ވުޖޫދުކުރެވި އާ އިދާރާތައް އުފަންކުރުވިއްޖެއެވެ. ނަމަވެސް މި މައްސަލަ އަށް ހައްލެއް ނުހޯދުނީ ގައިމު ސަބަބުތަކެއް އޮތީތީ ނޫން ހެއްޔެވެ؟
އާންމު ފަރުދެއްގެ ހަޅުތާލުން ވެސް ހާމަވަނީ ނިޒާމުގެ ތެރޭގައި އޮތް އެތައް ޒަމާންވީ ގޯސްތަކެވެ؟ އެއީ އެންމެ މީހެއްގެ ހަޅުތާލެއް ނޫނެވެ. އަދި އެއީ އެހެން އުޅޭ އެންމެ މީހެއްގެ މައްސަލައެއް ވެސް ނޫނެވެ. އެއީ ނިޒާމެއްގައި ހުރި ބާގަނޑުތަކާއި ގޯސްތައް ހާމައަށް ދައްކުވައިދޭ، ޒަމާންވީ ބާގަނޑުތައް ހާމަކޮށްދޭ މައްސަލައެކެވެ. އެފަދަ އެތައް ބަޔަކު މި މުޖުތަމައުގެ ތެރޭގައި އެބަ އުޅެއެވެ. މަގުމަތީގައި ދިރިއުޅޭ އެތައް ބަޔަކު އެބަ އުޅެއެވެ. މަގުތަކަށް ބިއްޖެހިފައި ތިބި އެތައް ބަޔަކު އެބަ ފެނެއެވެ. މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށް ކައިބޮއި ނިދާ ހަދާ ބަޔަކު އެބަ ތިއްބެވެ. ނަމަވެސް އެމީހުން ތިބީ ނިޒާމުގެ ބާގަނޑުތަކުން ދޫވެފައެވެ.




