ރިސޯޓް ކުލި ކުޑަކުރަންޖެހޭތަ؟

11 އެޕްރީލް 2022 - 14:41

ރާއްޖޭގައި އެންމެ ފައިދާ ބޮޑު އެއް ވިޔަފާރިއަކީ ޓުއަރިޒަމްގެ ވިޔަފާރިތަކެވެ. ރިސޯޓްތަކާއި އެއާ ގުޅުން ހުރި ވިޔަފާރިތަކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓުއަރިސްޓުން އައުން ހުއްޓުމުން އެންމެ ފުރަތަމަ އިނދަޖެހުނު ބަޔަކީ ވެސް އެ ފަރާތްތަކެވެ. ފެނުނީ އުމުރު ދުވަހު ހޯދި ފައިދާ އެއްވެސް އެއްޗަކަށް ނުވިތަނެވެ. މަދު ރިސޯޓަކަށް ނޫނީ ތިން ހަތަރު މަހު މުސާރަ ދީގެން މުވައްޒަފުން ހިފަހައްޓާލާނެ ވަރު ވެސް ނުވިއެވެ. މުވައްޒަފުންތައް ބިކަކޮށްލީއެވެ. ބޯޑަރު ހުޅުވާލައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ބައެއް ރިސޯޓްތަކުން އަދިވެސް ކޮވިޑްގެ ކުރިން ދެމުން އައި މުސާރަ އަށް ރުޖޫޢަ ނުވާ ކަމަށް ވެއެވެ.

ރިސޯޓު އޯނަރުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ވެސް ހީވީ އެހެން ފަދަ ކަމެއްހެންނެވެ. ތަފާތު ސްޓިމިއުލަސް ޕެކޭޖްތައް އިއުލާންކުރިއެވެ. ލޯނުތައް ދޭން ފެށިއެވެ. ކުލި ދެއްކުން ފަސްކޮށްދިނެވެ. ޖޫރިމަނާ ނާރާނެ ގޮތަށެވެ. މިހެން ގޮސް ކޮވިޑުން ރިސޯޓުތަކަށް ލިބިދާނެހެން ހީވާހާ ގެއްލުމެއްގައި ސަރުކާރުން ކޮނޑާ ކޮނޑު ވިއްދިއެވެ. އެއީ އެކަން ވާނެ ވެސް ގޮތެވެ. ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި ވަނީ ޓުއަރިޒަމުން ލިބޭ އެއްޗެއްގެ މައްޗަށެވެ. އެހެންކަމުން ދައުލަތުގެ އާމްދަނީ އަށް ކުރާ އަސަރު ކުޑަކުރެވެން އަންނަނީ ވެސް ރިސޯޓްތަކަށް ކުރާ އަސަރު ކުޑަކުރެވިގެންނެވެ. އެކަމުގައި އެއްވެސް ދެބަސްވުމެއް ނެތެވެ.

advertisement

ކޮވިޑްގެ ސަބަބުން މުޅި އާމްދަނީ ހުއްޓުމަކަށް އައި ނަމަވެސް ރިސޯޓްތަކުގެ ކުއްޔަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ކުރިއަށް ނެރެފައެއް ނެތެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތަކަށްވީ ކުލި ކުޑަކުރުމުގެ ބަދަލުގައި ފަސްކޮށްގެން ވިޔަސް ދައުލަތުން ލަފާކުރާ އާމްދަނީ ބަޖެޓްގެ ތެރެއަށް ވެއްދުމެވެ. އެކަން ހާސިލް ވެސް ވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން

ކޮވިޑުގެ ތަދުމަޑުކަމުން ރަނގަޅަށް އަރައިނުގަނެވި އުޅެނިކޮށް ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް އިއުލާންކުރި މިނިމަމް ވޭޖްގެ ސަބަބުން ރިސޯޓް އޯނަރުންގެ ކަންބޮޑުވުން އިތުރުވިއެވެ. އެކަމަށް ހައްލެއް ހޯދުމަށް އެތައް މަސައްކަތްތަކެއް ފާޅުގަޔާއި ސިއްރުގައި އެ ފަރާތްތަކުން ދިޔައީ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި އެ ފަރާތްތަކުގެ ޝަކުވާތަކާ އެއްގޮތަށް ދީއްލާލަން ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ.

މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅިގެން ޓުއަރިޒަމް ދާއިރާއަށް ކުރާ އަސަރު ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ ޓުއަރިޒަމް ގާނޫނަށް އިސްލާހުތަކެއް މަޖިލީހަށް ފޮނުވާފައެވެ. މި ބިލުގައިވާ ގޮތުން ބިމު ކުލި ކަނޑައެޅުމުގައި ޒޯންތަކަކަށް ވަނީ ބަހާލާފައެވެ. މި ބަދަލާއެކު ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ކުރިން އަކަމީޓަރަކަށް އަހަރަށް ނަގަމުން އައި 5 ޑޮލަރުގެ ބަދަލުގައި ނަގާނީ 4 ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ކުރިން އަކަމީޓަރަކަށް 8 ޑޮލަރު، މިހާރު އަކަމީޓަރަކަށް 6 ޑޮލަރެވެ. ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ކުރިން އަކަމީޓަރަކަށް އަހަރަކު 6 ޑޮލަރު، މިހާރު 5 ޑޮލަރެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދެއްގެ ގޮތުގައި އޮތީ މިނިމަމް ވޭޖް ތައާރަފްކުރުމުން ރިސޯޓްތަކަށް މާލީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ބިމު ކުއްޔަށް ބަދަލު ގެނައުމެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ވެސް މި ސަބަބާ ހުރެއެވެ. މިނިމަމް ވޭޖްގެ ސަބަބުން ރިސޯޓު އޯނަރުންގެ ކުލި ކުޑަކުރާ ނަމަ މިނިމަމް ވޭޖަކީ ސަރުކާރުން ހަރަދުކޮށްގެން ދޭ އެއްޗަކަށް ބަދަލުވީއެވެ. އަނެއްކޮޅުން މިނިމަމް ވޭޖް ކަނޑައެޅީ ހަމައެކަނި ޓުއަރިޒަމް ދާއިރާއަކަށް ނޫނެވެ. ދައުލަތުގެ އިދާރާތަކުގެ ވަޒީފާތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ މަސައްކަތްތެރިން ހިމެނޭހެންނެވެ. މިނިމަމް ވޭޖާ ގުޅިގެން ކަންބޮޑުވުން އޮތީ ހަމައެކަނި ޓުއަރިޒަމް ދާއިރާގައި އެކަންޏެއް ނޫނެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ވެސް ދެކޭ ގޮތުގައި އެއީ އެ ފަރާތްތަކަށް ވެސް ބުރައެކެވެ. ތަފާތު ނަންނަމުގައި ނަގާ ބޭކާރު ފީތަކަށް ލުޔެއް ލިބުމަކީ އެ ފަރާތްތަކުގެ ވެސް އެދުމެކެވެ. އެހެން ކަމަށްވާ ނަމަ އޭގެ ނޭދެވޭ އަސަރުކުރާނީ ހަމައެކަނި ޓުއަރިޒަމް ދާއިރާއަކަށް އެކަންޏެއް ނޫނެވެ. މިނިމަމް ވޭޖްގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ މަގުސަދު އޮތް ނަމަ ރާއްޖޭގައި ފީއެއް ނަގާ ނަމަ އެ ހުރިހާ ފީއަކުން އެއް ވަރަކަށް ކުޑަކުރަންވީއެވެ.

ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެނެސް ޓުއަރިޒަމް ދާއިރާ އަށް ހެޔޮ ބަދަލު ގެނައުމަކީ މައްސަލައެއް ނޫނެވެ. އަދި ނަގާ ފީތައް ކުޑަކޮށް ދާއިރާ ފުޅާކޮށް އާމްދަނީ އިތުރުވާނެ މަގުތައް ހޯދުމަކީ ވެސް މައްސަލައެއް ވެސް ނޫނެވެ. އެއީ ކުރަން ވެސް ޖެހޭ ކަމެކެވެ. ޓުއަރިޒަމް ދާއިރާ އަށް ހޯދައިދޭ ލުއި ގޮތްތަކުގެ ސަބަބުން މުޅި ގައުމުގެ އާމްދަނީ އާއި އުފެއްދުންތެރިކަން އިތުރުވާ ނަމަ އެއީ ކޮންމެހެން ކުރަން ވެސް ޖެހޭ ކަމެކެވެ. ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގައި އެފަދަ ކަންތައްތަކެއް ހިމެނޭ ވެސް މެއެވެ. އޭގެ ތެރޭގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް، ރަށްރަށުގެ ހިއްސާގެ އަގު ކަނޑައެޅުމާއި މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދޭނެ ފަރާތަކީ ކައުންސިލްތައް ކަމަށް ހެދުމަކީ ވެސް ބިލުގެ މަގުސަދެކެވެ. މިހުރީ މުޅި އިންޑަސްޓްރީ އަށް ބަލާއިރު ރަނގަޅު ކަންކަމެވެ. ނަމަވެސް މިނިމަމް ވޭޖްގެ ބޮލުގައި އަޅުވާފައި ކުލިތައް ކުޑަކުރާ ނަމަ އެއީ ގޯހެކެވެ. އަދި އެއީ ތަފާތުކުރުމެކެވެ.

ރިއެކްޝަންސް
0
0
0
1
0
0
0