މިއަދުން ފެށިގެން އަތޮޅުތަކުގެ 60 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ފަށަނީ
February 16, 2021
އަތޮޅުތެރޭގައި ޢުމުރުން 60 އަހަރުން މަތީގެ މީހުނަށް މިއަދުން ފެށިގެން، ވެކްސިން ދޭން ފަށާނެކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމްގެ ފަރާތުން ވާހަކަދައްކަވަމުން މުޙައްމަދު ހަމްޒަތު ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ވެކްސިން ދިނުމުގެ ކަންކަން ފުޅާކުރަމުން އަންނަކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އައްޑޫ ސިޓީއާއި ކުޅުދުއްފުށީގެ އިތުރުން މިވަގުތު ވެކްސިން ދިނުމުގެ ކަންކަން އަތޮޅު ތެރޭގައި ހަމަޖެހިފައިވާ ސެންޓަރުތަކުން ޢުމުރުން 60 އަހަރުން މަތީގެ މީހުނަށް ވެކްސިން ދެމުންގެންދާނެކަމަށެވެ.
އެންމެ ފުރަތަމަ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދޭންފެށިނަމަވެސް މިހާރު ވެކްސިންދޭ މީހުންގެ ކެޓަގަރީތައް އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން މިހާރު ގޭގެއަށް ގޮސްގެން އެނދުމަތި ވެފައިވާ މީހުންނަށާއި ޢުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ފަރާތްތަކަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ. އަދި 45 އަހަރުން މަތީގެ މީހުންނަށްވެސް މިހާރު ވެކްސިން ދޭންވަނީ ފަށާފައެވެ.
ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ވެކްސިން ދޭން ފަށާފައިވާއިރު މިހާތަނަށް ސާޅީސް ތިންހާހަށްވުރެ ގިނަ މީހުނަށްވަނީ ވެކްސިން ދީފައެވެ.



