އަމިއްލަ ހިޔާލު: ދުންފަތާ ދެކޮޅަށް ކުރާ “ހަނގުރާމަ” ކާމިޔާބުވެދާނެތަ؟

10 ޑިސެމްބަރ 2024 - 14:34

ދުންފަތް ކޮންޓްރޯލްކުރުމަށް މިހާރު ވެސް ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި އެބަ ހުއްޓެވެ. އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ޖޫރިމަނާތައް އެބަ ހުއްޓެވެ. ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ވެސް އެބަ ހުއްޓެވެ. އެ އުސޫލާ ހިލާފަށް އަމަލުކުރާ ނަމަ އެކަމަށް އަދަބުތައް ވެސް ކަނޑައަޅާފައި އެބަ ހުއްޓެވެ. ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ނުވިއްކަން ވެސް ގާނޫނާއި ގަވާއިދުތަކުގައި ލިޔެފައި އެބަ ހުއްޓެވެ. ވަކިވަކިން ސިނގިރޭޓް ވިއްކުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް ސުވާލަކީ މިއިން އެއްވެސް ކަމަކުން ދުންފަތް ކޮންޓްރޯލް އެބަ ކުރެވޭ ހެއްޔެވެ؟ ނުވަތަ މިއިން އެއްވެސް ގާނޫނެއް ގަވާއިދެއް ތަންފީޒުކުރެވޭ ހެއްޔެވެ؟

ނޫނެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުމަށް މިހާތަނަށް އެޅި ފިޔަވަޅުތަކުން ނަތީޖާއެއް ފެންނާކަށް ނެތެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައި ހިމަނާފައި ހުރި ފިޔަވަޅުތައް ތަންފީޒުކުރެވޭ ތަނެއް ވެސް ނުމެފެނެއެވެ. ކެފޭ ރެސްޓޯރެންޓްތަކުގައި ބޯޑުތައް ޖަހާފައި ހުރެއެވެ. އެހެން ނަމަވެސް އެއަށް އަމަލެއް ނުކުރެއެވެ. އަމަލުނުކޮށްގެން އެއްދުވަސްވަރެއްގައި ޖޫރިމަނާކުރި ނަމަވެސް މިހާރު އެކަމާ މީހަކު އަޅާއިނުލާތާ ވެސް އަހަރުތަކެއް ވެއްޖެއެވެ.

advertisement

ދުންފަތުން ނަގާ ޓެކްސް އެތައް ފަހަރަކު ބޮޑުކޮށްފިއެވެ. މީގެ އަހަރުތަކެއް ކުރިން ކުރިން 12ރ. އަށް ލިބުނު ސިނގިރޭޓް ފޮށި އެކި އަހަރުތަކުގައި އެކި ފަހަރު މަތިން ބޮޑުކުރި ޓެކްސްތަކާ އެކު މިހާރު ލިބެނީ 250ރ. އިން މަތިންނެވެ. ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް ދުންފަތް އެތެރެކުރާ މިންވަރު މަދެއް ނުވެއެވެ. އަހަރުން އަހަރަށް އެ އަދަދު ދަނީ މަތިވަމުންކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރުކާރަށް އެކަމުން ލިބޭ އާމްދަނީ މިލިއަނުން އަންނަނީ އިތުރުވަމުންނެވެ.

ވޭޕް ބޭނުންކުރުން މަނާ ކުރި ނަމަވެސް އެކަން ހުއްޓުވޭނެތަ؟

ދުންފަތް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން އަސަރެއް ނުފެނުނަސް ފަހަކަށް އައިސް ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އާލާތްތަކަށް ކޮންމެވެސް ވަރަކަށް ޑިމާންޑް އުފުލުނެވެ. އެ ގޮތުން ސިނގިރޭޓްގެ ބަދަލުގައި ވޭޕް އާއި އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރު އިތުރުވިއެވެ. އަދި ސިނގިރޭޓްގެ ވިޔަފާރީގެ ބޮޑު ބައެއް އެފަދަ އާލަތްތަކަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އެއީ ދުންފަތަށް ވުރެ ސިއްހީ ގޮތުން ވަކި ނުރައްކާ ކުޑަ ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރުން ނިންމީ ވޭޕް އާއި އީ-ސިނގިރޭޓް ވަގުތުން މަނާކުރާށެވެ. ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެ އަށް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި މި މަހުގެ 15 އިން ފެށިގެން އެ ތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ވެސް މަނަލެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރާނެއެވެ. ނަމަވެސް ސުވާލަކީ ދުންފަތް ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށް ވީގޮތް މި ފަހަރު ނުވާނެބާ އެވެ؟

އެއްބަޔަކު ދެކޭ ގޮތުން ދުންފަތާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުނުކުރިޔަސް ވޭޕްއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ސަރުކާރުން ތަންފީޒުކުރާނެއެވެ. ސަބަބަކީ އެކަން އެއީ މިހާރު ސިޔާސީ ކަމަކަށް ވެފައި ވުމެވެ. އެހެންކަމުން ވޭޕް ފަދަ ތަކެތި ބޭނުންކުރޭތޯ އެތަކެތީގެ ފަހަތުން ފުލުހުން ނެރޭނެ ކަމަށް ބެލެވެއެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާތައް ވެސް ކުރާނެއެވެ.

ދުންފަތް އެތެރެކުރުމާއި ބުއިން މަނާ ނުކުރި ނަމަވެސް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަނެއްކާ ވެސް މި ވަނީ ހަރުކަށިކޮށްފައެވެ. އެ ގޮތުން ދުންފަތް ގަނެވޭނީ 21 އަހަރުން މަތީގެ މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ދުންފަތުގެ ޓެކްސް ބޮޑުކުރުމާ އެކު އެހެން ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް މިހާރު ވަނީ އިތުރުވެފައެވެ. މީގެ ކުރިން ވަކިވަކިން ސިނގިރޭޓް ވިއްކަނީ މަދު ތަނަކުން ކަމަށް ވިޔަސް މި ފަހަކަށް އައިސް ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނާއި ގިނަ އަދަދެއްގެ ފިހާރަތަކުން ވަކިން ސިނގިރޭޓް ވިއްކުން ވަނީ އިތުރުވެފައެވެ. އަދި ބިޑި ގޮތަށް ކަރުދާހުގައި އޮޅައިގެން އެއްވެސް ލޭބަލެއް ނެތި ބޮނޑި ހަދައިގެންނާއި ވަކިވަކިން ވިއްކާ ފަރާތްތައް ވެސް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ބިދޭސީންގެ މެދުގައި މި ފަދަ “ބިޑި” އަށް އޮތް ޑިމާންޑް ބޮޑެވެ. އަދި މީގެ ކުރިން ސިނގިރޭޓް ބޭނުންކުރި ގިނަ ބަޔަކު އަމިއްލަ އަށް ދުންފަތް ގަނެގެން އޮޅައިގެން ބޯމިންވަރުން އިތުރުވެ، “ބިޑި އެނބުރުން” ނުވަތަ ބުއިން ވަނީ ފެޝަނަކަށް ވެފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ގާނޫނާއި ގަވާއިދުތައް އިތުރަށް ވަރުގަދަކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ މަސައްކަތް ފަށާފައެވެ. އެ ގޮތުން މިހާރު އިސްލާހުކުރަން ހުށަހާފައިވާ ގާނޫނުން އިތުރު ބާރުތަކެއް ހެލްތު މިނިސްޓްރީއަށާއި ތަންފީޒީ އިދާރާތަކަށް ދިނުމަށް ވަނީ ހިމަނާފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި ނުވަތަ ހުއްދައާ ހިލާފަށް އަމަލުކޮށްފި ނަމަ އެ ފަރާތެއްގެ އިތުރުން އެތަނަކަށް ވެސް ފިޔަވަޅު އެޅުން ހިމެނެއެވެ. އޭގެ ތެރޭގައި އެ ތަނެއްގެ ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުން ހިމެނެއެވެ. އަދި ޖޫރިމަނާ ނުދައްކައިފި ނަމަ އަޅާނެ ފިޔަވަޅުތަކެއް ވެސް އާ ގާނޫނުގައި ހިމަނާނެއެވެ. މިއީ މިހާރު އޮތް ގާނޫނާއި ގަވާއިދުތަކުގައި އުނިވާ ބައެކެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް މިހާރު ގާނޫނުތަކާއި ގަވާއިދުތަކުގައި ހިމަނާފައިވާ ކަންކަން ތަންފީޒު ނުކުރެވޭ އިރު އަލުން އިތުރު ކަންތައްތަކެއް ހިމެނިކަމުގައި ވިޔަސް ދުންފަތް ބޭނުންކުރާ މިންވަރު މަދުކުރެވިދާނެ ހެއްޔެވެ؟ އެކަށީގެންވާ ގޮތުގައި މިހާރު ވެސް ތަންފީޒުނުކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު މިނިސްޓްރީން ވެސް ގަބޫލުކުރެއެވެ. އެހެންކަމުން އާ ބަދަލުތައް ތަންފީޒުކުރެވިދާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0