
ތާރީހުގެ ތެރެއިން: ފުރަތަމަ ޖުމުހޫރިއްޔާގެ ނިމުމާއި އައު ގާނޫނު އަސާސީ
2 ފެބުރުއަރީ 2025 - 18:02
ފުރަތަމަ ގާނޫނު އަސާސީ އާއި ރަދުން އަޒުލްކުރުން
ދިވެހި ތަޢުލީމުގެ ޒަމާންތަކުގެ ތެރެއިން ޞަލާޙުއްދީނު ދައުރު (1900 އިން 1934 އަށް) ނިމުނު އިރު، ޝަމްސުއްދީނު ރަދުންގެ ޒަމާންވީ ރަސްކަންވަނީ ނިމުމަކަށް އައިސް، އޭނާ ޢުމުރުދުވަހަށް އަރުވާލުމަށް ޙުކުމް ކޮށްފައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް އެކުލަވާލައި އަމަލުކުރެވެން ފެށީ މި ވެރިކަމުގެ ތެރޭގައެވެ. އެއީ މީލާދީން 1932 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. އެ ގާނޫނު އަސާސީ އެކުލެވިގެން ވަނީ 92 މާއްދާއެއްގެ މައްޗަށެވެ.
އެހެން ނަމަވެސް އެ ގާނޫނު އަސާސީ މާ ގިނަ ދުވަހު ދެމިއެއް ނޯތެވެ. ތަސްދީގުކުރެވުނުތާ 10 މަހާއި 27 ދުވަސް ފަހުން އޭރުގެ ރަދުންނާ ދެކޮޅަށް ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ގާނޫނު އަސާސީ ވީދާލީއެވެ. މި ކަންކަމާ ގުޅިގެން މަޝްހޫރު “މޯޓަރު ގަޑުބަރު” ހިނގާ ދިޔައެވެ. އޭގެ ފަހުން ރަދުން ވަނީ ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެންނަވައި އަލުން ތަސްދީގުކުރައްވާފައެވެ.
ޝަމްސުއްދީން ރަދުން އެންމެ ފަހުން އަޒުލްކުރެވުނީ އެ ގާނޫނު އަސާސީއާ ހިލާފުވެގެންނެވެ.
އިލްމީ އިޖުތިމާއި އަދި ތާރީހީ ކަންކަން ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ޑރ. ހަސަން ހަމީދު (މުޙައްމަދު އަމީން، 1951)އާ ހަވާލާދެއްވައި ލިޔުއްވާފައިވާ ގޮތުން 2 އޮކްޓޯބަރ 1934 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުން ޝަމްސުއްދީން ރަދުން ޢަޒުލް ކުރުމާ ގުޅިގެން، ދެން ގައުމު ހިންގެވީ އޭރު އޮތް 68 މީހުންގެ ”ރައްޔިތުންގެ މަޖިލިހަކުން” އެކުލަވައިލި ވަޒީރުންގެ މަޖިލީހަކުންނެވެ. އެއީ؛
- މުޙައްމަދު ފަރީދު: ވަޒީރުލްއައުޡަމް ކަމާއި އަސްކަރިއްޔާގެ ވަޒީރުކން
- ޙަސަން ފަރީދު: ދާޚިލިއްޔާ އާއި ޚާރިޖިއްޔާ އާއި މާލިއްޔާގެ ވެރިއަކަށް
- މުޙައްމަދު އަމީން: މަޢާރިފާއި ވިޔާފާރިއާއި ޞިއްޙަތާ ބެހޭ ވަޒީރު
މުޙައްމަދު އަމީންގެ ބައްޕާފުޅު، އަޙްމަދު ދޮށިމޭނާ ކިލެގެފާނަކީ ޢަބްދުލްމަޖީދާ އެއްބަފާ ބޭބޭފުޅެވެ. އެހެންކަމުން ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނަކީ މުހައްމަދު އަމީންގެ ބޮޑު ބޭބެފުޅެވެ.ވަޒީރުން މި މަޤާމުތަކަށް ޢައްޔަނު ކުރެވުނީ 24 ޑިސެމްބަރު 1933 ގައެވެ.
މުހައްމަދު އަމީންއާ ބެހޭ ގޮތުން 5،000 އަށް ވުރެ ގިނަ ސަފްހާ ވިދާޅުވެ އަދި އެމަނިކުފާނު ފެނިދެނިވި އުޅުއްވި ހަތް ބޭފުޅަކާ އިންޓަވިއުކުރައްވާ ޑރ. ހަސަން ހަމީދުގެ ވެބްސައިޓްގައި ޟާއިއުކުރައްވާފައިވާ ލިޔުމުގައިވާ ގޮތުން ސަރުކާރު ހިންގާނެ ވަކި ވެރިއަކު ނެތި ހަތަރު މަހެއްހާ ދުވަސް ވަންދެން ހުސްކަމެއްގެ ތެރޭގައި އޮތެވެ. ކަންކަން ހިންގަމުން ގެންދިޔައީ މިދެންނެވިވަޒީރުންގެ މަޖިލީހުންނެވެ. މުހިއްމު ތިން ވަޒީރުންގެ ގޮތުގައި ތިއްބެވީ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދެ ބޭފުޅުންނެވެ.
“ހަތަރު ފަސް މަހެއް ވަންދެން ވަޒީރުންގެ މަޖިލިހުގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގެ ކަންތައްތައް ހިނގަމުން ދިޔައެވެ. ދެން އަލުން ރަސްކަލަކު އިންތިޚާބު ކުރެވުނީ ޤާނޫނު އަސާސީގައި އޮންނަ މަޖިލިހެއް އެއްކޮށްގެންނެވެ. އެ މަޖިލިސްގެ ރައީސަކީ ވަޒީރުލްއަޢުޡަމް މުޙައްމަދު ފަރީދެވެ. ރަސްކަލަކަށް އިންތިޚާބު ކުރުމަށް މި މަޖިލިހުގެ އިއްތިފާޤުން ނިންމީ މުޙައްމަދު މުޢީނުއްދީނު II ގެ މަނިއްޕުޅު (ދަރިކަލުން) އެވެ. ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސް ވަންދެން ރަސްކަން ކުރެއްވި އެއް ބޭފުޅަކީ މުޙައްމަދު ޢިމާދުއްދީނު IV އެވެ. 48 އަހަރު ވަންދެން ރަސްކަން ކުރެއްވުމަށްފަހު، މި ރަދުން ނިޔާވީ 1882 ވަނަ އަހަރު ޖަނަވަރީ މަހު 10 ގައެވެ. އޭނާގެ ފިރިހެން ދެ ބޭފުޅުން ތިއްބެވިއެވެ. އެއް ބޭފުޅަކީ ލޯފަން ޙަސަން ޢިއްޒުންދީނެވެ. ރާއްޖޭގެ އާދަކާދަ ޤާނޫނު އޮންނަ ގޮތުން ފަސް ޙިއްސު ހަމައަށް ނެތް ފަރާތަކަށް ރަސްކަން ނުކުރެވޭތީ، ޙަސަން ޢިއްޒުއްދީނަށް ރަސްކަމަކަށް ކުފޫހަމަވެގެން ނުވެއެވެ. ރަދުންގެ އަނެއް ބޭފުޅަކީ އިބްރާހީމް ނޫރައްދީނެވެ. ދުވަސްވީ ޢިމާދުއްދީނު IV ފުރައުއްތަވާން ގާތްވިއިރު، ރަދުންގެ މުސްކުޅިފުޅުކަމުން، ދަރިކަލުން، އަދި ވަލީއަހުދެއްކަމަށް ޢައްޔަނު ކުރައްވާފައިވާ އިބްރާހީމް ނޫރައްދީނު ރަސްކަން ހިންގަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ދެން ފަހެ، މި ނޫރައްދީނު ރަސްކަމަށް އިސްކުރެވިއްޖެއެވެ. އިބްރާހީމް ނޫރައްދީނުގެ ރަސްކަމަށް ހަތަރު އަހަރުވީ ތަނާ، 1886 ވަނަ އަހަރު، ރަސްކަމުން ”އަމިއްލަފުޅަށް އިސްތިޢުފާ” ދެއްވައި، ލޯފަން ޙަސަން ޢިއްޒުންދީނުގެ ދޮށީ ދަރިކަލުން (މުޢީނުއްދީނު II ގެ ނަމުގައި) ރަސްކަމަށް އިސްވިއެވެ. މިހެން މިކަން މެދުވެރިވީ މި އިބްރާހީމް ނޫރައްދީނު މާލޭގައި ތިބި ބޯރާ ވިޔަފާރިވެރިންނަށް ދަރާ ވިކުމުން ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ. މުޢީނުއްދީނު II އަށް ރަސްކަން ކުރެއްވުނީ ދެ އަހަރު ވަންދެންނެވެ. އޭގެ ފަހުން 1935 ގައި، ރަސްކަމަށް މި އިންތިޚާބު ކުރެވުނީ މި މުޢީނުއްދީނު ރަދުންގެ އެންމެ ދޮށީ ދަރިކަލުން ޙަސަން ނޫރައްދީނެވެ.
[މި ރަސްކަލުންނާއި ރަސްކަމުގެ މުއްދަތު ބެލް (1940) ގައި 43 ވަނަ ޞަފުޙާއިން ފެށިގެން ވެއެވެ].” ހަސަން ހަމީދު ވިދާޅުވެފައި ވެއެވެ
ދެވަނަ ގާނޫނު އަސާސީ

ޑރ. ހަސަން ހަމީދު ލިޔުއްވާފައި ވެއެވެ؛
ކުރިން ދެންނެވި ފަދައިން، މުއީނުއްދީނު II ގެ ދަރިކަލުން ރަސްކަމަށް އިންތިޚާބުކުރުމަށް ދައުލަތް ހިންގާ މަޖިލިހުން ނިންމެވީ 10 ޛުލްޤަޢިދާ 1353ހ (14 ފެބްރުއަރީ 1935) ގައެވެ. 1936 ވަނަ އަހަރު ފަހުކޮޅު ޢަބްދުލްމަޖީދު މިޞްރުގައި ހުންނަވާފައި ދެތިން މަހަށް މާލެ ވަޑައިގެން ޤާނޫނު އަސާސީ އާއި އަޙްކާމް ޢާއްމާ އިޞްލާޙު ކުރައްވައި، އަދި ދައުލަތް ހިންގަވާން ތިއްބެވި ބޭފުޅުންނަށް ނަޞޭޙަތް ދެއްވައި މި މަޢުލޫމާތު ޗާޕުކުރައްވައި ބެއްސެވިއެވެ. އަދި މި ދަތުރުގައި ޞަލާޙުއްދީނަށް ފަޑިޔާރުކަމަށް ކޮލިލައްވައި، ބޮޑުފެންވަޅުގޭ ސީދީ އަށް މަޢާރިފުގެ ވަޒީރުކަމަށް ކޮލިލެއްވިއެވެ (މުޙައްމަދު އަމީން، 1951، ޞ. 181). އެހާ ހިސާބުން މުޙައްމަދު އަމީންއަށް ކުރިން އޮތް މަޢާރިފުކަން (އެޑިޔުކޭޝަން މިނިސްޓަރުކަން) ނެތުނީއެވެ.
ޙަސަން ނޫރައްދީނަށް ކޮލިލެއްވުން ބޭއްވުނީ 21 ޖުލައި 1937 ގައި ޢަބްދުލްމަޖީދުގެ އެންގެވުމަކަށެވެ (މުޙައްމަދު އަމީން، 1951). މިކަން އޮތީ ކޮލިލުމަށްޓަކައި ބިނާ ކުރެވުނު ޚާއްޞަ ދަރުބާރުގެއެއް ގައެވެ (150’×70’×23.9’). އަބޫނާ އަކީ ޙަސަން ފަރީދެވެ. މި އިޙްތިފާލުގައި ބައިވެރިވެ ވަޑައިގަތުމަށް ސިލޯނުގެ ގަވަރުނަރުގެ ވަފުދެއް މާލެއައެވެ. ރަދުންގެ ކޮލީ ނަންފުޅަކީ އައްސުލްޠާނު ޙަސަން ނޫރައްދީނު (އައްޘާނީ) ބިން އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނު (އައްޘާނީ) އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ކޮލިލެއްވުމާ ގުޅިގެން ރަދުން ނެރުއްވި ނަޞީޙަތްތަކެއް ޗާޕުކޮށް ރާއްޖެތެރެއަށް ބަހާ ހެދުނެވެ.
ޝަމްސުއްދީނު ގެ ދުވަސްވީ ރަސްކަން ނިމުމަށްފަހު، އާދެ! 2 އޮކްޓޯބަރ 1934 ގެ ފަހުން، ރާއްޖޭގެ ވެރިކަން ކުރި ފަރާތެއް ކަމަށް ކިޔާ އުޅެނީ ޙަސަން ފަރީދެވެ. ޙަސަން ފަރީދަކީ ވަޒީރުއްދާޚިލިއްޔާ އެވެ. މިހާރުގެ ގޮތުންނަމަ، މިނިސްޓަރ އޮފް ހޯމް އެފެއާރޒް އެވެ. ޙަސަން ފަރީދު ވެރިކަން ކުރެއްވިކަމަށް ތާރީޚީ ފޮތްތަކުގައި ލިޔެފައިވަނީ އޭނާގެ ޝަޚްޞިއްޔަތުގެ ވަރުގަދަ ކަމުންނެވެ. އޭނާއަކީ މުސްތަޝާރުލްއަޢުޡަމް (ޗީފް އެޑްވައިޒަރ) ޢަބްދުލްމަޖީދުގެ ތިން ދަރިކަލުން ކަމުގައިވާ މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި ވަރަށް ތުއްޕުޅު އިބްރާހީމް ފަރީދުގެ ތެރެއިން މެދު ދަރިކަލެވެ. މުޙައްމަދު ފަރީދު ހުންނެވީ ވަޒީރުލްއަޢުޡަމްގެ މަޤާމުގައެވެ. އެއީ އިނގިރޭސި ބަހުންނަމަ، ޕްރައިމް މިނިސްޓަރެވެ. ޕްރައިމް މިނިސްޓަރަށް ވުރެ ހަނގު ކޮއްކޯފުޅު، ހޯމް މިނިސްޓަރު ގެ ބާރާއި ނުފޫޒު ގަދަވާނީ ޕްރައިމް މިނިސްޓަރުގެ ހަރުދަނާ ޝަޚްޞިއްޔަތެއް ނެތުމާއެކު ހޯމް މިނިސްޓަރުގެ ޝަޚްޞިއްޔަތުގެ ގަދަ ކަމުންނެވެ.
ޑރ. ހަސަން ހަމީދު ލިޔުއްވާފައިވާ ގޮތުން އަލުން ގާނޫނު އަސާސީއާ “ކުޅެވެން” ފެށީ ރަދުން އައްޔަން ކުރެވުނުތާ މާ ގިނަ ދުވަހެއް ނުވެއެވެ. ޑރ ހަސަން ހަމީދު ލިޔުއްވާފައި ވެއެވެ.
“މިގޮތުން ޙަސަން ފަރީދު ހުށަހަޅުއްވައިގެން ގެނައި އެއް ބަދަލަކީ 1355ހ ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 26 [އާމިނަތު ފާއިޒާ (1997) ބަޔާންކުރާގޮތުން 16 ޖުލައި 1936] ވަނަ ދުވަހު، މަދްރަސަތުއްސަނިއްޔާގައި ބޭއްވި ޖަލްސާއެއްގައި ގެނައި ބަދަލެކެވެ. މިބަދަލުން، ޤާނޫނު އަސާސީ އިޞްލާޙް ކުރުމަށްޓަކައި، ކުރިން އޮތް އުޞޫލު (ރާއްޖެތެރެއިން މެންބަރުން އިންތިޚާބު ކޮށްގެން ގެނައުމުގެ އުޞޫލު) ކެނޑިގެން ދިޔައެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި މާލޭގެ ޢިލްވެރިންނާއި ޢިއްޒަތްތެރިންގެ ވަކި މަޖިލިހެއް އެއްކޮށްގެން ޤާނޫނު އަސާސީ ބަދަލުކުރެވޭ ގޮތަށް ނިމިގެން ދިޔައެވެ.
ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ދެން ގެނެވުނީ 1358ހ ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ 17 ވަނަ ދުވަހު މަދްރަސަތުއްސަނިއްޔާގައި ބޭއްވުނު ޚާއްޞަ މަޖިލިހަކުންނެވެ. މިދުވަސް މީލާދީ ގޮތުން ދިމާވަނީ 5 ޖުލައި 1938 އާ އެވެ. މި ޖަލްސާގައި ޤާނޫނު އަސާސީގެ ގިނަ މާއްދާތަކަކަށް ބަދަލު ގެނެވުނެވެ. ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް މާއްދާއަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޢަދަދު 33 އަށް މަދުކުރުމާއި ހުރިހާ މެންބަރުންވެސް ޢައްޔަނު ކުރާ ގޮތަށް ހަމަޖެހިގެން ދިއުމެވެ. ރަދުންނަށް ޢައްޔަނު ކުރެއްވެނީ 6 މެންބަރެވެ. ދެން ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ވެރިއަކު 28 މެންބަރެވެ. މި ރައްޔިތުންގެ ވެރިމީހާ ހޮވާ ގޮތް، ޤާނޫނު އަސާސީގައި ކަޑައެޅިފައި ވެއެވެ. މިއީ ރަސްކަލަކާ އެއް ފެންވަރުގެ މަޤާމެކެވެ.”
ރާއްޖޭގެ ދެ ވަނަ ގާނޫނު އަސާސީ އެކުލަވައިލެވުނީ 1942 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އޭރުގެ ރަދުން އައްސުލްޠާން ޙަސަން ނޫރައްދީން (އައްޘާނީ) ސިރީ ބަވަނާ ދީއްތަ މަހާރަދުންގެ ރަސްކަމުގައެވެ. އެ ގާނޫނު އަސާސީގައި ހިމެނެނީ 17 މާއްދާއެވެ. އެ ގާނޫނު އަސާސީ މަޝްހޫރުވެފައި ވަނީ “ކުޑަ ގާނޫނު އަސާސީ” ގެ ގޮތުގައެވެ. އެހެން ނަމަވެސް އަހަރު ނުވަނީސް 1943 ވަނަ އަހަރުގެ އޭޕްރީލް މަހު މި ދެންނެވި ހަސަން ނޫރައްދީން ރަދުން ރަސްކަމުން އެކަހެރިވެވަޑައިގެންނެވިއެވެ. އޭގެ ފަހުން ރާއްޖޭގެ ތަހުތު ހުރީ ހުހަށެވެ. ރައްޔިތުން އެދުނީ ޢަބުދުލްމަޖީދު ރަންނަ ބަނޑޭރިކިލެގެފާނު އިސްވެވަޑައިގަތުމަށެވެ. ކިލެގެފާނު ހުންނަވަނީ ރާއްޖޭން ބޭރުގައެވެ. ވެރިކަން ހިންގަނީ ވަލީ ކޮމިޓީންނެވެ.
ފުރަތަމަ ޖުމްހޫރިއްޔާ އުފެދުމާއި އައު ގާނޫނު އަސާސީ އުފަންވުން

ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ރާއްޖެއަށް ވެރިވީ ތަދުމަޑު ކަމެވެ. ކާނެ ބޯނެ އެއްޗެއް ނެތި އުނި އޮރިޔާން ނިވާނުވާ ހާލކަތަށް ކަންކަން ދާން ފެށިއެވެ. ބައެއް ރަށްރަށުން މީހުން މަރުވާން ވެސް ފަށައިފިއެވެ.
ޑރ. ހަސަން ހަމީދު ލިޔުއްވާައި ވެއެވެ؛
“އާދެ! 18 ޑިސެމްބަރ 1941 ވަނަ ދުވަހު، ރަދުން އެންގެވި ކަމެއްގެ ވާހަކަ އެއްގެވުމަށް އެއްކުރެވުނު މަޖިލިހެއް ބޭއްވުނެވެ. މި މަޖިލިހުގައި، ވަޒީރުލް އަޢުޡަމްގެ قائم مقام (ޑެޕިއުޓީ) އަށް [ރާއްޖެ ބެލެހެއްޓުމުގެ އެންމެ މަތީ ދަރަޖައިގެ ވެރިކަމާއި ދައުލަތުގެ މަތީދަރަޖައިގެ ވެރިކަމާއި، ދައުލަތުގެ މަތީ ދަރަޖައިގެ ކަންކަމަށް އިސްކުރާ މީހުންނަށް ފަތް ދިނުމަށާއި، އެމީހުންނަށް ނަޞީޙަތްތެރިވެ ލަފާދިނުމަށް، ވަޒީރުލްއަޢުޡަމްކަން، އަލްއަމީރު މުޙައްމަދު ފަރީދު ދީދީ އާ މަތިކުރެއްވި ކަމުގެ ފަތްކޮޅު] އެއްވެފައިވާ މީހުންނަށް އިއްވިއެވެ. އޭގެ ކުރިން 1 ޖަނަވަރީ 1940 ގައި، ޙަސަން ފަރީދަށް ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީ އޮތުމަށް ފެނިގެން އެގޮތަށް ވަނީ ނިންމާފައެވެ. ވަޒީރުލްއަޢުޡަމްކަމުގައި ހުންނެނީ މުޙައްމަދު ފަރީދެވެ. އެންމެ މަތީ ވަލީ އޮތީ ޙަސަން ފަރީދަށް ކަމަށް ވަނީ ކުރީގެ ޖަލްސާއަކުން ނިންމާފަ އެވެ. މިވަނީ ކިހިނެއްތޯއެވެ؟ އާދެ، ދެން ރަދުން އަނެއްކާވެސް ކުރިން ގެންގުޅުނު (އުވާލާފައިވާ) ޤާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ކަޑައެޅިގެންވާ ޚާއްޞަ މަޖިލިސް އެއްކުރައްވައި، ޙަސަން ފަރީދު ފޮނުއްވި ސިޓީފުޅެއް އިއްވެވިއެވެ. އަދި މިޞްރުގައި ހުންނެވި ޢަބްދުލްމަޖީދަށް ފޮނުއްވި ސިޓީފުޅެއްވެސް އިއްވެވިއެވެ. އެއް ސިޓީގައި ވަނީ، އެންމެ މަތީ ވަލީ ޙަސަން ފަރީދު ޤަބޫލުފުޅު ނުކުރެއްވި ވާހަކަ އާއި އެ ވަލީ އޮތީ ރަދުންއަށް ކަމަށް ދައުލަތް ހިންގާ މަޖިލިހަށް ފެނުނު ހިނދު، ރަދުންނަށް ފެނިވަޑައިގަންނަވައިގެން ރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވަލީ، ވަޒީރުލްއަޢުޡަމް އާ މަތި ކުރެއްވި ވާހަކައެވެ.
ޑރ. ހަސަން އިތުރު ތަފްސީލް ކުރައްވަމުން ލިޔުއްވާފައި ވެއެވެ؛
“ދެން 12 ޖަނަވަރީ 1942 ގައި، ޙަސަން ފަރީދު، ވަޒީރުންގެ ޖަލްސާއެއްގައި، ‘ޗުއްޓީއަކަށް’ އެދިވަޑައިގަތެވެ. ހަނގުރާމަ އެންމެ ބޮޑުވެފައި ވަނިކޮށެވެ. ވަޒީރުންގެ ޖަލްސާއިން ޙަސަން ފަރީދު ކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތައް ޙަވާލުކުރެއްވީ މުޙައްމަދު އަމީނުއާއެވެ. އާދެ! މިއީ ޙަސަން ފަރީދުގެ ނުރަސްމީ ވެރިކަމުގެ ނިމުމެވެ. އޭނާއަށް ނުރަސްމީ ސިފައެއްގައި ވެރިކަން ކުރެވުނީ އެންމެ ފުރަތަމަ ދާޚިލިއްޔާ މަހަކުމާ ޙަވާލުކުރެވުނު ދުވަހުން ކަމުގައިވާ ނަމަ، އެއީ 2 އޮކްޓޯބަރ 1934 އިން ފެށިގެން 12 ޖަނަވަރީ 1942 އަށެވެ.”
ހަސަން ނޫރައްދީން ރަސްކަމުން އިސްތިއުފާ ދެއްވުމާ އެކު ވެރިކަމުގެ ކޮއިލުގެ ތެރޭގައި ހަލަބޮލިކަން އުފެދިގެން ދިޔައެވެ. ތާރީހީ ލިޔުންތަކުން ފެންނަން އޮތް ގޮތުން ނަމަ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރީ ރައްޔިތުން އެކަމަށް އެދިގެންނެވެ. ރައްޔިތުން ތިބީ ވެރިކަމުގެ ނިޒާމުތަކާ ބެހޭ ގޮތުން ރޯފިލާފައެއް ވެސް ނޫނެވެ. ރައްޔިތުން އޭރު ގަބޫލުކުރަމުން ދިޔައީ ވިލާތުން ތައުލީމު ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކެކެވެ. ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަން ދެމިގެން އައީ ދަރިކޮޅުތަކުގެ ތެރެއިންނެވެ.
ކަން މިހެން އޮއްވައި 1942 ވަނަ އަހަރު ކަނޑުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއްގައި އަމީރު ހަސަން ފަރީދު އަވަހާރަވުމުން ވެރިކަމުގެ ބަރުތައް އަމީންގެ އަތްޕުޅަށް ފުރޮޅިގެން ދިޔައެވެ. ނަމަވެސް ކުރިން ވެސް ފާހަގަކުރި ގޮތަށް ވެރިކަމަކީ ދަރިފަސްކޮޅުން ދެމިގެން އަންނަ ކަމަކަށް ވާތީ އަމީން އަށް ރަސްކަން ލިބޭނެ މަގެއް ހަމަޖެހިފައެއް ނެތެވެ. އެހެންކަމުން ވެރިއެއް ނެތުމުން އެތައް ފޫބެއްދުމަށް އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ރަސްކަމަށް އިންތިޚާބުކުރެވުނެވެ.
ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމާއި ރައީސް ކަމަށް ސުއްމުއްވުލް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އިސްކުރެވުނު ގޮތާ ގުޅޭ ގޮތުން ލިޔުންތެރިއެއް ކަމަށްވާ ޑރ. އަބްދުލްޣަފޫރު އަބްދުއްރަހީމް ލިޔުއްވާައި ވެއެވެ؛
“އޭރުގެ ރަސްކަމަކީ ވިރާސީ ރަސްކަމަކަށް ވެފައި، މިކިލެގެފާނަކީ ވިރާސީ ގޮތުން ރަސްކަމަށް ވަޑައިގެންނެވޭނޭ ބޭފުޅަކަށް ނުވުމުން، ގާނޫނީ ހައިސިއްޔަތުން، ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގެންނެވޭނޭ ގޮތެއް ނުވިއެވެ. މިއީ އެކަމުގެ ފަހު ބަސް އޭރު ބުނަން އޮތް ފަރާތުން ދުށް ގޮތެވެ. އާދެ، އެދުވަސްވަރަކީ ރާއްޖެ އިންގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރެއް ކަމުން، މި ކަމުގެ ފަހު ބަސް ބުނުން އޮތީ އިނގިރޭސިންގެ އަތްމަތީގައެވެ. ދެން، ރަސްކަން އަމީރު މުހައްމަދު އަމީނާ ވެސް ހަވާލުކުރަން މަސައްކަތް ކުރެވުނެވެ. ނަމަވެސް، ހަމަ މިނަންގަތް މައްސަލަކުރިމަތިވާނެކަން އެނގިވަޑައިގެން، އަމީރު މުހައްމަދު އަމީނަށް ވެސް ރަސްކަން ގަބޫލުފުޅުކުރެއްވޭ ގޮތެއް ނުވިއެވެ. ނަމަވެސް، އެމަނިކުފާނުވެސް ރާއްޖޭގެ ވެރިކަން ބޭނުންފުޅުވެވަޑައިގެން، އަދި، އޭރުގެ ރައްޔިތުންގެ މަޖުލީހުގެ ތާއީދު ވެސް އޮތުމާއެކު، ވެރިކަމުގެ މައްސަލަ ހައްލުކުރެވެން އޮތީ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްގެންނެވެ. އެހެންވެ، ރަސްކަންއުވާލައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް، 1953ގައި ރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމުކުރެވިގެން ދިޔައީއެވެ،”
އާ ޖުމްހޫރިއްޔަތާ އެކު އާ ގާނޫނު އަސާސީއެއް އުފަންވިއެވެ. އާ ގާނޫނު އަސާސީ ރައީސް އަމީން ތަސްދީގުކުރެއްވީ 1 ޖެނުއަރީ 1953 ގައެވެ.
ފުރަތަމަ ޖުމްހޫރިއާގެ ނިމުމާއި އަލުން ރަސްކަމަށް ބަދަލުވުން
ރައީސް އަމީން ވެރިކަމަށް ވަޑައިގަތް ނަމަވެސް އެތެރެކޮއިލުގައި އޮތް ކޯޅުންތައް އެގޮތުގައި އޮތެވެ. ވެރިކަމަށް ދަހިވެތިވެފައި ތިބި އެތައް ބަޔަކު ދިޔައީ ރައްޔިތުންނަށް ސިއްރިއްޔާތުގައި ވަސްވާސްތައް ދެމުން ރޭވުންތައް ރާވަމުންނެވެ. އަދި ވެރިކަމުގެ ކަންކަން ހިނގާދިޔައީ ރައްޔިތުން އުންމީދުކުރި ގޮތަކަށް ނޫނެވެ. ވެރިކަމުގެ ނިޒާމު ބަދަލުވި ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ދަތިކަން އިހުނަށް ވުރެ ވީ ބޮޑެވެ. ދައުލަތުގެ ތެރޭގައި ފަސާދަ އާއި ހިޔާނާތްތައް ވެސް ވީ އިތުރެވެ. ރައީސް އަމީން ތައާރަފްކުރައްވަމުން ގެންދެވި “ޒަމާނީ” ކަންކަން ދިވެހިންނަށް ހަޖަމުކުރާކަށް ފަސޭހައެއް ވެސް ނުވިއެވެ. ދުންފަތް މަނާކުރުމާއި އަންހެނުން ބާރުވެރިކުރުވުން ފަދަ ބައެއް ކަންކަން ތާރީހީ އިލްމުވެރިން ސިފަކޮށްފައި ވަނީ އީސާއީ ދީނުގެ އާދަކާދަތައް ފެތުރުން ކަމުގައެވެ.
ރައީސް އަމީންގެ ވެރިކަން ނިންމަން ގުޅަކުޅޭ ފަސްގަނޑަށް އެއްވި މީހުން ގޮވަމުން ދިޔަ ގޮވެލިފަތީގެ ހުލާސާގައި ވެއެވެ؛
“އަޅުގަނޑުމެން މިނުކުތީ ގޭގައި ނުތިބެވިގެންނެވެ. ސަބަބަކީ ކާނެ އެއްޗެއްނެތި ފަތްކާންޖެހިފައިވާކަމެވެ. ވޮށު އަލިކުރެވޭނޭ ގޮތެއް ނެތި އަނދިރީގައި ތިބެން ޖެހިގެންނެވެ. ކާންބޯން މަސައްކަތެއް ކުރާނޭ ފުރުސަތެއް ނެތި ރަށްވެހިކަމުގެ ނަމުގައި ކެނޑިނޭޅި ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހިފައިވާ ކަމެވެ. އޮރިޔާން ހާލު ބޮޑުވެގެން ގެއިން ބޭރަށް ނުނިކުމެވޭ ދަރަޖައަށް އޮރިޔާންވަމުންދާ ކަމެވެ. އަޅުގަނޑުމެންގެ މާތް އިސްލާން ދީނުގެ އެކިއެކި ކަންތައްތަކަށް ހުރުމަތް ކުޑަވަމުންދާކަމާއި އީސާއީ ދީނުގެ އެކިއެކި ކަންތައްތައް ހިފެމުން އަންނަކަމެވެ. އަދި އެކިބާވަތުގެ އަދަބުތައް ބޮޑުވަމުން ގިނަވަމުން އަންނަކަމެވެ.،”
ގުޅަކުޅޭ ފަސްގަނޑަށް އެއްވި މީހުން ރައީސް އަމީން އެތަނަށް ނެރުއްވައި ބޮޑެތި އަނިޔާތައް ދީ އެ ވެރިކަން ވެސް ނިމުމަކަށް ގެނައެވެ. އަދި ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް އައިސް އަލުން އެނބުރި ރަސްކަމަށް ދާން ނިންމި ހިސާބުން ތިން ވަނަ ގާނޫނު އަސާސީ ވެސް ނިމިދިޔައީއެވެ. ރާއްޖެ އަލުން ރަސްކަމަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އާ ގާނޫނު އަސާސީއެއް ފާސްކުރީ 1954 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުއެވެ.
ނޯޓް: ލިޔުން ބިނާކޮށްފައި ވަނީ ޑރ. ހަސަން ހަމީދު އާއި ޑރ. އަބްދުލްޣަފޫރު އަބްދުއްރަހީމް ލިޔުއްވާފައިވާ ބައެއް ލިޔުންތަކާއި ތާރީހީ ބައެއް އެހެން ލިޔުންތަކުން