
އަމިއްލަ ހިޔާލު: މާލެ ތޮއްޖެއްސުން، ސިޔާސަތެއް ނޫން، އެކަމަކު!
3 ފެބުރުއަރީ 2025 - 15:28
މާލެ ތޮއްޖެއްސުމަކީ އެއްވެސް އިރެއްގައި އެއްވެސް ވެރިކަމެއްގައި ސިޔާސަތެއް ނޫން ކަމަށް ބުނެއެވެ. އެހެން ނަމަވެސް މާލެ ނޫން އެހެން ތަނަކަށް ދައުލަތުގެ ފޯކަސް ބަދަލުވާތަނެއް ނުފެނެއެވެ. މާލެ އަށް ވުރެ އެހެން ރަށެއް ކުރިއަރައިގެން ދާފަދަ އެއްވެސް ކަމެއް ނުކުރެއެވެ. ތާރީހުން ފެންނަން އޮތީ އެ ފަދަ ކަމެއް ކުރާ ނަމަ ވެސް ވެރިކަމުގެ ބާރުން އެކަމެއް ހުއްޓުވާފައި އޮތް މަންޒަރެވެ. ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ދެކުނުގެ އަތޮޅުތަކުން މުދާ އެތެރެކޮށް އަމިއްލަ އިގްތިސާދެއް ގާއިމުކުރަން ފެށުމުން ގދ. ތިނަދޫ އަށް ހެދި ގޮތް މިސާލަކަށް ފުދެއެވެ. ފުވައްމުލަކާއި އައްޑޫ އަށް ވީ ގޮތް އެނގޭ މިންވަރަކުން ތާރީހީ އިލްމުވެރިން ލިޔުއްވާފައި އެބަ ހުއްޓެވެ. ފެންނަން އޮތީ “މާލޭ ސަރުކާރަށް” ކަންކަން ހަޖަމް ނުވާ ތަނެވެ.
މިއުޅެނީ ރާއްޖެތެރޭ މީހުންނާ މެދު “މާލޭ ސަރުކާރުން” އަމަލުކުރާ ގޮތްތަކުގެ ވާހަކަ ދައްކާކަށް ނޫނެވެ. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން ވެރިކަން ކުރާ ރަށަށް ކުރާ ހޭދަ އާއި މާލެ ސަރަހައްދު ތޮއްޖެއްސުމަށް ގެންގުޅޭ ސިޔާސަތުގެ ވާހަކަ ދައްކާށެވެ. އެހެން ރައީސުންނެކޭ އެއްގޮތަށް މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒުގެ ވެސް ސިޔާސަތަކީ ރާއްޖެ ސަރަހައްދުތަކަށް ބަހައި ތަރައްގީ ކުރުމެވެ. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓް އާންމުންނާ ހަމަ އަށް އަންނަ އިރު މި ސިޔާސަތެއް ނުފެނެއެވެ. ފެންނަން އޮތީ މާލެ ސަރަހައްދަށް މީހުން ޖަމާވާނެ ފަދަ މަޝްރޫއުތަކެވެ.
މާލެ އަށް މީހުން ޖަމާކުރަން ސަރުކާރުން ބޭނުމެއް ނުވޭ

ރައީސް މުއިއްޒު ވިދާޅުވަނީ މާލެ ސަރަހައްދަށް މީހުން ޖަމާކުރުމަކީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށެވެ. އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަަހައްދަށް މީހުން ހިޖުރަކޮށް މާލެ ތޮއްޖެހުމަކީ މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ސަރަހައްދީ ތަރައްގީއާ އެކު ރަށްތަކަށް ވެސް އޭގެ މަންފާ ލިބުން ކަމަށެވެ. އަދި މި ސަރުކާރުން ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގަނީ ވެސް އެ ސިޔާސަތު ގަބޫލުނުކުރާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހުރިހާ އެންމެން މާލެ އަށް ޖަމާކޮށް، ހުރިހާ އެންމެން މާލެ ސަރަހައްދުގައި އުޅުމަކީއެއް ނޫން މިކަން އޮންނަންޖެހޭ ގޮތަކީ، “ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ މާލެ ފަދައިން އެންމެ އުތުރުގައި ވެސް އަދި އެހެން ސަރަހައްދުތަކުގައި ވެސް ކަންކަން ހަމަޖެހިފައި ހުރުން ކަމަށެވެ. ރައީސް އެ އިޝާރާތްކުރައްވަނީ މި ސަރުކާރުން އިއުލާންކޮށްފައިވާ ހަތް އާބަން ސަރަހައްދުގެ ވާހަކައަށެވެ. ރާއްޖޭގެ ހަތް ސަރަހައްދެއް އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅައި އެ ސަރަހައްދުތަކުގައި މާލެއެކޭ އެއްފަދައިން ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީކުރަން މި ސަރުކާރުން އިއުލާންކޮށްފައި ވެއެވެ. އެހެން ނަމަވެސް މި އަހަރުގެ ބަޖެޓްގައި ވެސް އެ ސިޔާސަތު ތަންފީޒުކުރުމަށް ވަކި ހާއްސަ ކަންތައްތަކެއް ހިމަނާފައެއް ނުވެއެވެ.
“އަޅުގަނޑުމެން ގަބޫލްކުރާ ސިޔާސަތަކީ، މާލެ ސަރަހައްދު ގޮތަށް އެންމެ އުތުރުގައި ވެސް ކަންކަން ހުންނަންޖެހޭނީ އެންމެ ފުރިަހމަ އަށް ހުރިހާ ހިދުމަތެއް ގާއިމުކުރެވިފައޭ. އެންމެ ދެކުނުގައި ވެސް އަދި ރާއްޖޭގެ ހަތް ސަރަހައްދުގައި ވެސް. މީގެ ބޭނުމަކީ ދުރު ރާސްތާއަށް އަޅުގަނޑުމެން ގައުމު ތަރައްގީގެ ދުވލީގައި ބާރު ސްޕީޑްގައި މަގުފަހުކުރުން،” ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކަން ހިނގަނީ ސިޔާސަތާ ދެކޮޅަށް

ސިޔާސަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް މި ސަރުކަރުގެ އަމަލުތައް ވެސް ހުރީ މާލެ ސަރަހައްދަށް މީހުން ޖަމާކުރުވާ މަގަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މާލޭގެ ދެކުނުން އޮތް ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ އެވެ. އެއީ މާލެ އަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި 65،000 ހައުސިން ޔުނިޓް ހިމެނޭ ގޮތަށް ތަރައްގީކުރާ ތަނެއް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މާނައަކީ މިއީ ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުންގެ އާބާދީއަކަށް އަމަޒުކޮށްގެން އިގްތިސާދީ އެތައް ކަމެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކުރާ ތަނެއް ކަމެވެ.
މާލެ ސަރަހައްދުގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 260،000 އެވެ. އެހެންކަމުން ފުށިދިއްގަރުފަޅާ އެކު މާލެ ސަރަހައްދުގެ އާބާދީއަކީ ގާތްގަނޑަކަށް 500،000 މީހުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ އެކު ޖުމްލަ އާބާދީއަކީ ވެސް ގާތަގަނޑަކަށް އެ ވަރެވެ. އެހެންކަމުން އެހާ ބޮޑު އާބާދީއަކަށް އަމާޒުކޮށް ރަސްމާލެ ހިއްކާ އިރު ރާއްޖޭގެ އެހެން ސަރަަހައްދުތަކުގައި ދިރިއުޅޭ މީހުން މާލެ ސަރަހައްދަށް ޖަމާނުވާނެ ގޮތަކީ ނެތް ގޮތެކެވެ.
މާލެ އަށް ތޮއްޖެސުމަކީ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވި ނަމަވެސް ރައީސް މުއިއްޒު މިހާތަނާ ޖެހެންދެން ކުރެއްވި ހުރިހާ ސިޔާސީ މަސައްކަތެއް އަމާޒުވެފައި ހުރީ މާލެ އަށް މީހުން ޖަމާކުރުމަށެވެ. ދެ ދައުރެއްގައި ހައުސިން މިނިސްޓަރުކަން ހަތް އަހަރުގެ މުއްދަތެއްގައި ކުރެއްވި އިރު އެ މުއްދަތުގައި ހިންގެވި ގިނަ މަޝްރޫއުތައް ވެސް ހުރީ މާލެ އަށް މީހުން ޖަމާވާ ގޮތަށެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ތިން އަހަރެއްހާ ދުވަހުގެ ވެރިކަމުގައި ވެސް ގިނަ މަޝްރޫއުތަކެއް އަމާޒުވެފައި ހުރީ މާލެ އަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީގެ މައިގަނޑު މަޝްރޫއުތައް ވެސް އަމާޒުވެފައި ހުރީ މާލެ ސަރަހައްދަށެވެ. އެ ގޮތުން މިހާތަނަށް ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ހިޔާ ފްލެޓްގެ މަޝްރޫއު ކުރިއަށް ގެންދެވީ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. ހިޔާގައި ދިރިއުޅޭ އާބާދީ އަށް މިހާރު ބެލުމުން ވެސް އެނގިގެން ދަނީ އެ މަޝްރޫއާ އެކު ރަށް ދޫކޮށް މާލެ ސަރަހައްދަށް ބަދަލުވި މީހުންގެ އަދަދު އިންތިހާ އަށް ގިނަ ކަމެވެ.
އާބާދީ އެސްފަސްކުރުމާއި ހަތް އާބަން ސެންޓަރުގެ ވާހަކަ އާއި މާލެއެކޭ އެއްގޮތަށް ރަށާ ކައިރިން ހިދުމަތްތަކާއި ވަޒީފާތައް ލިބޭނެ ކަމަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައެވެ. ހާއްސަކޮށް އެ ވާހަކަ ވެފައި އޮންނަނީ ސިޔާސީ ފަރާތްތަކުން ރަށްރަށަށް ކުރާ ދަތުރުތަކުގައި ރައްޔިތުންގެ ހިތް ފަތަހަކުރަން ދައްކާ ވާހަކައެއްގެ ގޮތުގައެވެ. ރައީސް މުއިއްޒު ވެސް އެ ވާހަކަ އެ ދެއްކެވީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާންމު ރައްޔިތުންގެ ހިތް ފަތަހަކުރުމަށާއި މީޑިއާތަކުގައި ސުރުހީއެއް އެޅުމުގެ ބޭނުމުގައެވެ. މާލެ ތޮއްޖެއްސުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ނުވިޔަސް އަމަލުތައް ހުރީ ދިމާ އިދިކޮޅަށެވެ.
“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.