
ގާނޫނު އަސާސީ ބަދަލުކުރުން — އެންމެ ފަހު ބަސް ބުނަންވާނީ ރައްޔިތުން!؟
24 ފެބުރުއަރީ 2025 - 15:31
ގަނޫނު އަސާސީގައި މުތުލަގަށް ލިޔެފައި އޮވެއެވެ. ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ވެސް މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެފައި އޮވެއެވެ. ހަމަ އެ ގާނޫނު އަސާސީގައި ތިން ބާރު ވަކިވެފައިވާ ގޮތް ވަކިވަކި މާއްދާތަކުން ބަޔާންކޮށްދީފައި ވެއެވެ. ގާނޫނު އަސާސީ އާއި ގާނޫނުތައް ހެދުމުގެ ބާރު އޮތީ ރައްޔިތުންނަށް މަތިކޮށްފައެވެ. މައުނައީ އެކަންކުރާނީ ރައްޔިތުން ހޮވާފައިވާ މަޖިލީހަކުން ކަމެވެ. ސުވާލަކީ އެކަން އެހެން ފަރާތަކަށް ކުރެވިދާނެ ހެއްޔެވެ؟
ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހުތައް
ފެހި ގާނޫނު އަސާސީ އަށް މީގެ ކުރިން ވެސް ދެ ބުރެއްގެ މަތިން އިސްލާހު ގެނައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އިސްލާހު ގެނެސްފައި ވަނީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވުމުން އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން އެންމެ ފުރަތަމަ ގާނޫނު އަސާސީ އަށް އިސްލާހެއް ގެނައީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަށް ގެނައި އިސްލާހެވެ. އެ ފަހަރު އިސްލާހު ގެނައި އޭރު ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަހްމަދު އަދީބު ނައިބު ރައީސް ކަމަށް އައްޔަންކުރެއްވުމަށްޓަކައެވެ. ނާއިބު ރައީސްގެ ވެސް ޝަރުތަކީ ރައީސްގެ ވެސް ޝަރުތުތަކެވެ. އޭރު ގެނައި ބަދަލަކީ ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރަކީ 35 އަހަރު ކަމަށް އޮތް މާއްދާ ބަދަލުކޮށް 30 އަހަރާއި 65 އަހަރާ ދެމެދު ކަމުގައި ކަނޑައެޅުމެވެ.
އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ވެސް ތާއީދާ އެކު 2015 ވަނަ އަހަރުގެ ޖޫން 24 ވަނަ ދުވަހު މަޖިލީހުން ގެނައި އެ އިސްލާހަށް ފަހު ހަމަ އެއާ އެކުއެކީގައި އިތުރު އިސްލާހެއް ވެސް ގެނައެވެ. އެ ފަހަރު ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ޖެހިގެން އައި ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އެ އިސްލާހު ވެސް ފާސްކުރީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ 10 މެންބަރެއްގެ ވޯޓާ އެކުގައެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި ފަހުން 2019 ވަނަ އަހަރު މަޖިލީހުން ވަނީ ބާތިލްކޮށްފައެވެ.
މި އިސްލާހުތަކުގެ އިތުރުން އެމްޑީޕީގެ ސަރުކާރު އޮތް އިރު ވެސް ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްފައި ވެއެވެ. އެއީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ގެނައި އިސްލާހެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި އިސްލާހު ތަސްދީގުކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން!
ފެހި ގާނޫނު އަސާސީގައި ބާރުތައް ވަކިކޮށްފައިވާ ގޮތަށް ބަލާ ނަމަ ގާނޫނު އަސާސީ އިސްލާހުކުރުމާއި ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ. އަދުލު އިންސާފުގެ ބާރު ނުވަތަ ކޯޓުތަކަށް ލިބިގެންވާ ބާރަކީ އެ މަޖިލީހުން ހަދާ ގާނޫނުތަކަށް އަމަލުކުރާ އެކު ފާރަވެރިވުމެވެ. އޭގެ ތެރޭގައި ހިމެނެނީ ގާނޫނުތައް ހަދަނީ ގާނޫނު އަސާސީގައި ކަނޑާއަޅާފައި ހަމަތަކުގެ ތެރެއިންތޯ ކަށަވަރުކުރުމާއި މާނަކުރުމެވެ. އެފަދަ ގާނޫނެއް އުފަންކޮށްފި ނަމަ އެ ގާނޫނެއް ބާތިލްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ވެއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަންދޫބުން ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ގާނޫނު އަސާސީ އަށް ގެންނަ ބަދަލެއް ބާތިލްކޮށް ނުވަތަ ބަދަލުކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވެއެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އިރު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލައާ މެދު ދައުލަތުން ދެކެނީ އެގޮތަށެވެ. އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށްގެން، ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުތަކާ ބެހޭ މައްސަލަތައް ރާއްޖޭގެ އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުަގައި ކަމަށްވާ އިރު މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުން މި ގޮތަށް ވަކާލާތުކުރި ނަމަވެސް އަދި އެ މައްސަލަ ބާތިލުކޮށްދިނުމަށް އެދި އިޖުރާއީ އއުތިރާޒެއް ނެގި ނަމަވެސް އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން އެ ވަނީ ނިންމާފައެވެ. އެކަމުގައި ދެން އިތުރަށް ކުރާނެ ބަހުސެއް ނެތެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކީ އެކަމާ މެދު ދެބަސްވުމެއް ނެތް ސިއްކަ ޖެހިފައިވާ ނިންމުމެކެވެ. އެހެން ނަމަވެސް މައިގަނޑު މައްސަލަ އަދިވެސް އޮތީއެވެ. ގާނޫނު އަސާސީގެ މާއްދާއެއް ސުޕްރީމް ކޯޓަށް އުވާލެވިދާނެ ހެއްޔެވެ؟ ނުވަތަ ބަދަލު ކުރެވިދާނެ ހެއްޔެވެ؟ އެ ސުވާލަށް ޖަވާބެއް ލިބޭނީ މިހާރު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމުމުންނެވެ.
އިސްލާހުކުރި މާއްދާތައް ބާތިލްކުރުމަށް އެދެނީ ކީއްވެ؟
އަލީ ހުސައިން ހުށަހެޅި މައްސަލާގައި ބުނަނީ 24 ގަޑިއިރަށް ވުރެ ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިގެން 73 ވަނަ މާއްދާ އަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ ހިލާފު އިސްލާހެއް ކަމަށެވެ. އެ ގޮތުން ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ މާއްދާ އާއި އަދި އަށް ވަނަ މާއްދާ، 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފުވާކަން އަލީ ހުސައިން އާއި އެ މައްސަލަ އަސް ތާއީދުކުރައްވާ ގާނޫނީ ވަކީލުން ވިދާޅުވެއެވެ. އޭގެ ތެރޭގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ވެސް ހިމެނެއެވެ.
މިއީ މި ބާވަތުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި ބަލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޯޓާ ހަމައަށް ގޮސްފައި ވަނީ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ގާނޫނު އަސާސީ ނުވަތަ ގާނޫނު އަސާސީގެ މާއްދާއަކާ ހިލާފުވެއްޖެ ކަމަށް ބުނެއެވެ. އެފަދަ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމާ މެދު ދެބަސްވުމެއް ނެތެވެ. ގާނޫނު އަސާސީގައި ވެސް އޮތީ އެފަދަ މައްސަލަތައް ބެލޭނެ ކަމަށެވެ. ނަމަވެސް މިފަހަރު ސުވާލު އުފެދިގެން މިއުޅެނީ ގާނޫނު އަސާސީއާ މެދު މަޖިލީހުން ނިންމި ނިންމުމެކެވެ. ގާނޫނު އަސާސީ އަށް ގެނެވޭ އިސްލާހަކީ ވެސް ގާނޫނު އަސާސީގެ ބައެކެވެ. އެހެންކަމުން އެ އިސްލާހު ބާތިލްކުރުން ނުވަތަ ބަދަލުކުރުމަށް ސުުޕްރީމް ކޯޓުން އެއްވެސް ކަމެއް ކޮށްފި ނަމަ އެކަން ވެގެންދާނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ކުޅުމަށެވެ. އެއީ ކުރެވިދާނެ ކަމެއް ކަމަކަށް ދައުލަތުން ގަބޫލެއް ނުކުރެއެވެ.
ދައުލަތުގެ ވާހަކަ އަށް ބާރު ލިބޭ ކަންކަން!
މި މައްސަލައިގެ ތެރެއަށް ތަދައްހުލުުވުމަށް އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ހުށަހެޅިއެވެ. ދަ ޑިމޮކްރެޓިކްސްގެ ކުރީގެ ވެރިން ވަނީ މަޖިލީހުން މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމާ ދެކޮޅަށް ވާހަކަ ވެސް ދައްކާފައެވެ. އެހެން ނަމަވެސް މައްސަލައިގެ އަޑުއެހުން ފެށުނު އިރު އޭރު އެ ޕާޓީގައި ތިއްބެވި އިސް ބޭފުޅުން މިޙާރު ތިއްބެވީ އެމްޑީޕީގައެވެ. މިހާރު ދަ ޑިމޮކްރެޓްސްގެ ރައީސްއަކަށް ހުންނެވި އަދި ކުރިން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ގާނޫނީ ވަކީލް އިމްތިޔާޒު ފަހުމީގެ ނަޒަރުގައި ވެސް އަދި އެ ޕާޓީގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ވެސް ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށެވެ. މިއީ މުޅި ޕާޓީގެ ސްޓޭންޑް ކަމެއް ނުވަތަ އެ ބޭފުޅުންގެ އަމިއްލަ ނިންމެވުމެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މައްސަލަ އަށް ތަދައްހުލުވާން އެދި ޑިމޮކްރެޓުންގެ ފަރާތުން ލިޔެކިޔުންތައް ހުށަހަޅާފައެއް ނުވެއެވެ.
އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށެވެ. އަދި ގާނޫނު އަސާސީ ބަދަލުކުރާ ނަމަ އެކަން ކުރަންޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވެސް ރައީސް ނަޝީދުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
Alhugandah lafaa kurevifa onnanee QA islaah kurumuge baaru othee Majlis ah kamah. QA ge nazarugai, QA badhalu kuraanama fenna nufenna vote eh nagaan jehey kamah. Adhi QA badhalu kurumuge baaru onnanee seedhaa rayyithunnah kamah.— Mohamed Nasheed (@MohamedNasheed) February 19, 2025
ޕާޓީގެ ރައީސް އިންތިގެ އަމިއްލަ ހިޔާލު ފާޅުކުރައްވަމުން އެކްސްގައި ވިދާޅުވެފައި ވަނީ ގާނޫނު ހެދުމާއި ގާނޫނަށް އިސްލާހު ގެނައުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އިންތި ވަނީ އެމެރިކާގެ ގާނޫނު އަސާސީ އަށް ގެނައި 18 ވަނަ އިސްލާހު ފާހަގަކުރައްވާފައެވެ. އެ އިސްލާހުގައި ބުނަނީ ބަނގުރާ މަނާ ކަމަށެވެ. އެއީ ފަރުދީ މިނިވަން ކަމަށް އެޅޭ ހުރަހެއް ކަމަށް ބައެއް ރައްޔިތުން ގަބޫލުކުރި ނަމަވެސް އެ އިސްލާހު އެ ގޮތުގައި ދެމި އޮތް ކަމަށާއި އެކަން ބަދަލުވީ ގާނޫނު އަސާސީ ފަހުން އިސްލާހުކޮށްގެން ކަމަށް އިންތި ފާހަގަކުރެއްވިއެވެ. އެކަމުގައިު ސުޕްރީމް ކޯޓުގެ ދައުރެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
“މާނައަކީ ގާނޫނުތައް ހެދުމާއި ގާނޫނު އަސާސީ އިސްލާހުކުރުން މަތިކޮށްފައި ވަނީ ރައްޔިތުން ތަމްސީލްކުރާ ގާނޫނު ހަދާ މަޖިލީހަށް އެކަނިކަން،” އިންތި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓްގައި ވެއެވެ.
The 18th Amendment to the U.S. Constitution made alcohol illegal.
Some citizens felt it limited their freedom,but it remained in effect as it was part of the Constitution.
Later,the 21st Amendment repealed the ban,making alcohol legal again.
The SC had no role in the matter.— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 17, 2025
މިއީ ދުސްތޫރީ މައްސަލައެއްތަ؟
އަލީ ހުސައިން އާއި އޭނާގެ ވަކީލް އަދި އެމްޑީޕީ ތަމްސީލްކުރައްވާ ވަކީލުން ވެސް ވިދާޅުވަނީ މިއީ ދުސްތޫރީ މައްސަލައެއް ކަމަށެވެ. މި ބާވަތުގެ ދުސްތޫރީ މައްސަލަތަކުގައި ގޮތް ކަނޑައެޅުމުގެ އަދި ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށާއި މިއީ ދުސްތޫރާ ގުޅޭ މައްސަލައެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
“ސިޔާސީ ސުވާލެއް ނޫން އަޅުގަނޑުމެން އުފައްދަނީ. އިގްތިސާދީ ސުވާލެއް ނޫން އަޅުގަނޑުމެން އުފައްދަނީ. އިޖުތިމާއީ ސުވާލެއް ނޫން އަޅުގަނޑުމެން އުފައްދަނީ. އަޅުގަނޑުމެން އުފައްދަނީ ގާނޫނީ ސުވާލެއް، ދުސްތޫރީ ސުވާލެއް. އެއީ ދުސްތޫރީ ސުވާލަކަށް ވަނީ ރައްޔިތުން ނިންމާފައި އޮތް ނިންމުމެއް އެއީ އަސާސީ ގޮތުން ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ނިންމުމެއް. އެއީ ދިވެހި ރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމެކޭ،” ކޯޓުގެ އަޑު އެހުމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
އިތުރަށް ތަފްސީލް ދެއްވަމުން އަލީ ހުސައިން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ ހެދުމަށް އެކުލަވައި ހާއްސަ މަޖިލީހުގައި ވެސް ރިޔާސީ ނިޒާމެއްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިނިވަން ބައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
“ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި އަމަލުކުރާ އުސޫލްތަކަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ ރިޔާސީ ނިޒާމެއްގައި ރައްޔިތުން މަޖިލީހުގެ މެންބަރުން މިނިވަން ވެގެން ވުން އެއީ ރިޔާސީ ނިޒާމެއް ދެމެހެއްޓުމަށްޓަކައި، ހިންގުމަށްޓަކައި ކޮންމެހެން ބޭނުން އަސާސީ އޮނިގަނޑެއްކަން، އަދި އޭގެ އަސާސީ އުންސުރެއް ކަން،” އަލީ ހުސައިން ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުން އެ ވިސްނުމާ ދެކޮޅެވެ. ދައުލަތުން ބުނަމުން ދަނީ މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭނެ ކަމަށެވެ. ބަންޑާރަ ނައިބު އޮފީހުން ދެކޭ ގޮތުގައި ދުސްތޫރީ މައްސަލަތަކުގެ ގޮތުގައު ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނު އަސާސީ މާނަކުރުމުގެ މައްސަލަތަކެވެ. ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ދެކެއެވެ.
ނިޒާމު ގަޑުބަޑު ކުރުންތަ؟
އަލީ ހުސައިންގެ ވަކީލް މަހްފޫޒް ރަޝީދު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އަށް ގެނައި މި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ހައްގު ވަނީ ކުޑަވެފައެވެ. އަދި މަޖިލީހުގެ މެންބަރުން މަސައްަކަތް ކުރަންޖެހޭނީ އެއްވެސް ފަރާތެއް ނުފޫޒެއް ނެތި ކަމަށާއި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ވެސް ނުހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޓިކެޓާއި ވިޕާއި ޕާޓީ ލައިނަކީ ގާނޫނު އަސާސީ ދަންނަ ލަފްޒުތަކެއް ނޫން ކަމަށާއި ދައުލަތުގެ ބާރުތައް ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރެއް ހައިސިއްޔަތެއް އޮތުމަށް ގާނޫނު އަސާސީ ބާރު އަޅާފައި ނެތް ކަމަށެވެ. އަދި ސަރުކާރެއް އެކުލަވައިލުމުގައި ސިޔާސީ ޕާޓީތަކަށް ބާރު ދީފައި އޮތުމަކީ ބަރުލަމާނީ ސިފައެއް ކަމަށާއި ރިޔާސީ ނިޒާމުގައި އެކަން އޮންނަނީ އެހެން ނޫން ކަމަށް ވެސް މަހްފޫޒް ވިދާޅުވިއެވެ.
“ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމަކަށް ވެފައި މިހާރު ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ނުވާ ގޮތަށް އެ މައްސަލަ ހައްލުކުރާނަމަ ގެނެވޭނޭ އެއް ބަދަލަކީ މެންބަރު އޭނާގެ ޒިންމާއާ ހިލާފުވެއްޖެ ހިނދެއްގައި، އޭނާ އެ މަގާމުގައި ދެމި ހުރުމާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމުގެ ނިޒާމެއް އެކަށައެޅުން،” މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒު ސިފަކުރެއްވި ގޮތުގައި ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުން ނިޒާމު ގަޑުބަޑުވެގެން ދެއެވެ. އެހެންކަމުން އެއީ ބާތިލްކުރަންޖެހޭ އިސްލާހެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އަލީ ހުސައިން ވެސް ވަކާލާތުކުރައްވަނީ އެއް މޭރުމަކުންނެވެ. އޭނާގެ މައްސަލަ ބައްޓަންކޮށްފައި ވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ހަމަ އެ ގާނޫނު އަސާސީގެ އެހެން ބައެއް މާއްދާތަކާ ފުށުއަރާކަމުގެ މައްޗަށެވެ. ސުވާލު އުފެދެނީ މިހިސާބުންނެވެ. ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުތައް ނުހެދޭނެ ކަމާއި އަދި އެފަދަ ގާނޫނެއް ނުވަތަ އިސްލާހެއް ގާނޫނަކަށް ގެނެސްފި ނަމަ އެކަން ބާތިލްކުރުމުގެ ފުރިހަމަ ބާރު ހަމަ އެ ގާނޫނު އަސާސީ ސުޕްރީމް ކޯޓަށް ލިބިދެއެވެ. މަހްފޫޒް އެކަން ސާފުކޮށްދެއްވަމުން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހަކީ ވެސް ބިލެއް ކަމަށެވެ. އެހެން ކަމުން އެއީ ވެސް ގާނޫނެއް ކަމަށާއި އެފަދަ ގާނޫނެއް ގާނޫނު އަސާސީއާ ހިލާފު ވާ ނަމަ އެކަން ބެލުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް އޮންނަން ޖެހެއެވެ.
ދައުލަތުގެ ވަކީލުން ނެންގެވި ނުކުތާ އަށް ފަނޑިޔަރުން ގޮތް ނިންމެވުމުގެ ކުރިން ގިނަ ސުވާލުތަކެއް ވެސް އަމާޒުކުރެއްވިއެވެ. މައިގަނޑު ގޮތެއްގައި ސުވާލުތައް ބައްޓަންކުރައްވީ މަހްފޫޒު ވެސް ނެންގެވި ޕޮއިންޓްގެ މައްޗަށެވެ. ގާނޫނު އަސާސީ އަށް ގެނައި އިސްލާހަކީ ގާނޫނެއްތޯ ނުވަތަ ނޫންތޯގެ މައްޗަށެވެ. ފާހަގަކުރެވުނު ކަމަކީ ފުރަތަމަ އަޑު އެހުމުގައި ވެސް ދައުލަތުގެ ވަކީލުންގެ ދޫ އޮޅޭ ގޮތް ވުމެވެ. ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުދެވި، ދައުލަތުގެ ވަކީލުން ތިއްބެވީ އެ ބޭފުޅުން ނިންމަވައިގެން ވަޑައިގެންނެވި ނުކުތާގެ މަތީގައެވެ.
ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ބެލުމަށް އޮތް އިހްތިސާސްއާ މެދު ސުވާލެއް ނެތެވެ. ނަމަވެސް ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ނަމަ އެއީ ގާނޫނު އަސާސީ ބަދަލުކުރުން ކަމުގައި ވާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އޭގެ ބަދަލުގައި މި މައްސަލާގައި ސުޕްރީމް ކޯޓުން ބަލަންޖެހޭނީ އެ ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތުގެ މައްޗަށެވެ. އަލީ ހުސައިން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެފަދަ ބޮޑު ކަމެއް 24 ގަޑިއިރަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮށް ނިންމާލުމަކީ އިޖުރާއަތްތަ ފުރިހަމަކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.
މިއީ ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅިފައިވާ މައްސަލައެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވެސް ފާހަގަކުރައްވާ ގޮތުގައި މި މައްސަލައިގެ ތެރެއިން ސުޕްރީމް ކޯޓުގެ އިހްތިސާސްތައް ނުވަތަ ބާރުތައް ހަނިވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ހަމަ އެއާ އެކު އެ ކޯޓުގެ ބާރުތައް ތަންމިނަށް ހުޅުވިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ދެން އޮތް ސުވާލަކީ ގާނޫނު އަސާސީ އަށް ގެނައި މި އިސްލާު ގާނޫނު އަސާސީގެ މާއްދާތަކަކާ ހިލާފުވާ ނަމަ އެކަމާ މެދު ނިޔާ ކަނޑައަޅާނީ ކޮންތާކުން ހެއްޔެވެ؟ އެއީ ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟ ނުވަތަ އެކަން ކުރަންޖެހޭނީ ރައްޔިތުން ހެއްޔެވެ؟
ފެހި ގާނޫނު އަސާސީ އިސްލާހުކުރުމަށް އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަދި މިހާރު ވެސް މަޖިލީހުގައި މާމިނގިލީ ދާއިރާ ތަމްސީލްކުރައްވާ ގާސިމް އިބްރާހީމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީ އަށް ބަދަލެއް ގެންނަ ނަމަ ހާއްސަ މަޖިލިސް އެއްތަން ވާންޖެހެއެވެ. އަދި އެއީ އެހާ ފަސޭހައިން ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ގާސިމް ވިދާޅުވި އެވެ.
“ވަރަށް ފަސޭހައިން، 75 ޕަސަންޓު ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދަދުން ލިބޭ ވޯޓަކުން ގާނޫނުއަސާސީ ބަދަލުކުރެވޭ ގޮތަށް ވަންޏާ އޭގެ ހުރި ނުރަނގަޅު ކަންތައްތަކެއް އަންނާނެ ކަމާ މެދުގައި ވެސް ވިސްނާލަން ޖެހޭނެ. އަދި އަޅުގަނޑު މި ދަންނަވަނީ ޚާއްސަ މަޖިލިސް އޮތަސް ވެސް އެހެން ދިމާވެދާނެ. އެކަމަކު އެކަން ކުރުމަށްޓަކާ އަޅަން ހުރި ފިޔަވަޅުތަކާ ގިރާކުރަން ހުރި ހަރުފަތްތައް ގިނަގުނަ.”