ތާރީހުގެ ތެރެއިން ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމް

2 މާޗް 2025 - 12:53

އަދުލު އިންސާފުގެ ދިގު ތާރީހެއް

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދުގެ “ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު” ފޮތުގައި ވެއެވެ. 

“އިސްދޫ ލޯމާފާނުގައި ފަނޑިޔާރަކާއި އުތުޕެޑިޔާރެއްގެ ވާހަކަ ބަޔާންކުރެވިފައި ވެއެވެ. ދަނބިދޫ ލޯމާފާނުން އުތުޕެޑިޔާރަކާއި ސަތިސިރި ޕެޑިޔާރެއް ރާއްޖޭގައި ތިބިކަން އެނގެއެވެ. ހިޖުރައިން 592 ވަނަ އަހަރު އަދި މީލާދީން 1195 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގަ އާއި މީލާދީން 1196 ވަނަ އަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނުން (ދަނބިދޫ ލޯމާފާނުގެ 16 ވަނަ ފޮތީގެ ދެ ވަނަ ފުށް) ފަނޑިޔާރުންގެ މަގާމުގެ ވާހަކަ ބަޔާންކުރެވިފައި އޮތުމުން އެނގެނީ މީގެ ގާތްގަނޑަކަށް 1000 އަހަރު ކުރިން ވެސް ދިވެހި ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި އޮތްކަމެވެ. އިސްދޫ ލޯމާފާނުން އެނގޭ އެއްކަމަކީ ފަނޑިޔާރުމަނިކުފާނަކީ މިނިވަން ފަރާތެއް ކަމާއި ދައުލަތް ހިންގުމުގެ ހަރަކާތްތަކުގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިނުގަންނަވާ ކަމެވެ. ފަނޑިޔާރު މަނިކުފާނު ކުރައްވާ ނިޔާތައް ހިންގެވުމަށް “ދަނޑަނާޔަކަ” ގެ މަގާމުގައި ބޭފުޅަކު ހުންނަވާކަން ވެސް އިސްދޫ ލޯމާފާނުން އެނގެއެވެ. ދަނޑަނާޔަކަގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ވާޖިބަކީ ޝަރުއީ އަމުރުތަކާއި ހުކުމްތައް ތަންފީޒުކޮށް ހެދުމެވެ.”

advertisement
advertisement
advertisement
advertisement

ހުސްނުއް ސުއޫދު ވެސް ވިދާޅުވެފައިވާ ގޮތުން ދިވެހި ތާރީހުގެ ވަރަށް ބޮޑު ބައެއް ވަނީ ނޭނގުމުގެ ތެރޭގައި ފޮރުވިފައެވެ. ދިވެހި ރާއްޖެ އިސްލާމްވުމުގެ ކުރީގައި ދިވެހި ރާއްޖޭގައި ވެރިކަންކުރަމުން އައި ގޮތާއި އަދުލު އިންސާފު ގާއިމުކުރުމުގެ ކަންތައް ވެރިކަމުގެ އޮނިގަނޑުގެ ތެރޭގައި ހަމަޖެހިފައި އޮތް ގޮތުގެ ތަފްސީލީ މައުލޫމާތު ލިބޭކަށް ނެތެވެ. 

ލޯމާފާނުތަކުގެ އިތުރުން މަޝްހޫރު އިބްނު ބަތޫތާގެ ލިޔުންތަކުން ވެސް އެނގެން އޮތް ގޮތުގައި އެތައް ޒަމާނެއް ކުރިން ފެށިގެން ވެސް ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރާނެ ނިޒާމެއް އޮތީ ކަނޑައެޅިފައެވެ. އިބްނު ބަތޫތާ ރާއްޖެ ވަޑައިގަތީ މީލާދީން 14 ވަނަ ގަރުނުގެ ތެރޭގައެވެ. އަދި ދެފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންނެވި އިރު 14 މަސް ދުވަސް ވަންދެން ފަނޑިޔާރުކަން ވެސް ކުރައްވާފައިވާކަން ތާރީހުން އެނގެއެވެ. އެ ލިޔުންތަކުން އެނގޭ ގޮތުގައި އެ ދުވަސްވަރު ވެސް އަދުލު އިންސާފު ގާއިމުކުރުމަށް ދިވެހި ދައުލަތުގައި މިނިވަން މުއައްސަސާއެއް ގާއިމުކުރެވިފައިވާ ކަމާއި ދައުލަތުގެ އެހެން މުއައްސަސާތަކުން ފަނޑިޔާރުންގެ ނިންމެވުންތަކަށް އިހްތިރާމްކުރެއެވެ.

އަދުލު އިންސާފުގެ މިނިވަންކަން

ރާއްޖޭގައި ފެށުނީއްސުރެ އޮތް އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު އޮތީ މިނިވަން ގޮތެއްގައި ކަމަށް ތާރީހީ ފަތްފުށްތަކުން ހާމަވެއެވެ. އެހެން ނަމަހީ ވެސް އަދުލު އިންސާފުގެ ތެރެއަށް ވެރިން އަތް ބޭނުމާއި އެ ނޫން ވެސް ނުފޫޒުތައް ފޯރުވުމަކީ އޮތް ކަމެކެވެ. ނިޒާމެއް އޮތެއް ކަމަކު އެ ނިޒާމު ގަޑުބަޑުކުރުމަކީ އޮންނަ ކަމެކެވެ. 

ދިވެހި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ވުޖޫދު ވެގެން އައީ 1932 ގައެވެ. އެ އަސާސީގެ 80 ވަނަ މާއްދާގައި ވަނީ “ޝަރީއަތް ހިންގާ މީހުންނީ ޝަރީއަތް ހިންގުމުގައި ގާނޫނާ ހިލާފު ނުވާހައި ހިނދަކު މިނިވަންވެގެންވާ ބައެކެވެ. އެ މީހުން ހިންގާ ޝަރީއަތުގެ ތެރެއަށް އެހެން ބަޔަކަށް ނުވަދެވޭނެ އެވެ،” މިހެންނެވެ. ފުރަތަމަ ގާނޫނު އަސާސީއާ އެކު އަދަުލު އިންސާފުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެ ގޮތުން އެ ގާނޫނު އަސާސީގެ ދަށުން “ވަޒީރުލް ހައްގާނިއްޔާ” އުފެދުނެވެ. އެއީ ގިނަ ޒިންމާތަކެއް އުފުއްލަވާ ފަރާތެކެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުޅައުމާއި މަހްކަމަތުއް ޝަރީއާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ޝަރީއަތާ ބެހޭ އެންމެހާ ކަންކަމުގައި ދައުލަތަށް ލަފާދިނުން ހިމެނެއެވެ. 

ފުރަތަމަ ގާނޫނު އަސާސީ އުވާލައި 5 ޖުލައި 1934ގައި އަމަލުކުރަން ފެށި ދެ ވަނަ ގާނޫނު އަސާސީގައި ވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ފުރިހަމަ މިނިވަންކަން ފަނޑިޔާރު މަނިކުފާނަށް ދީފައި ވެއެވެ. އެ ގާނޫނު އަސާސީގެ 72 ވަނަ މާއްދާގައި ވެއެވެ.

“ދިވެހި ރާއްޖޭގައި އިސްލާމް ދީނުގެ އެންމެހައި ޝިއާރުތައް ފާޅުކޮށް، މީސްތަކުންގެ މަދުގައި އަދުލު އިންސާފު ގާއިމުކޮށް، ހައްދު ތައުޒީރު ޖަހައި ޝަރީއަތުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ވަލީ މަތިކުރައްވާފައިވާ މީހަކީ ފަނޑިޔާރު ބޭކަލެކެވެ،”

ފުރަތަމަ ގާނޫނު އަސާސީން ފެށިގެން ވެސް އަދި އޭގެ ކުރިން ވެސް އަދުލު އިންސާފު ގާއިމުކުރުމުގައި މިނިވަންކަން އިސްކުރުމަށް ބާރު އަޅާފައި އޮތެވެ.

ފަހުގެ އަދުލު ނިޒާމް

ދިވެހި ރާއްޖޭގެ ވެރިކަން 1968 ވަނަ އަހަރު ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް ބަދަލުވުމާ ގުޅިގެން އަމަލުކުރަން ފެށި އައު ގާނޫނު އަސާސީއާ އެކު ދައުލަތުގެ ހިންގުމުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމުގައި ސަރުކާރުގެ ވުޒާރާއެއް ވުޖޫދުވިއެވެ.  ވަޒީރަކަށް އައްޔަންކުރެވުނީ އަލްއުސްތާޒު މޫސާ ފަތުހީއެވެ. އަދި ޖަސްޓިސް މިނިސްޓްރީގެ ދަށުން ޑިވިޒަންތަކެއް އުފެއްދިއެވެ. ޖެހިގެން އައި އަހަރު އަތޮޅު ކޯޓުތަކެއް އުފެއްދިއެވެ. 

ޝަރުއީ ދާއިރާ އަށް ބޮޑު އިންގިލާބީ ބަދަލެއްގެ ފެށުން އަންނަން ފެށީ 1978ގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައެވެ. ފުރަތަމަ ބަދަލަކީ 11 ފެބްރުއަރީ 1979ގައި “ފުލުސް ކޯޓު” އުފެއްދުމެވެ. މި ކޯޓު ހުންނަނީ ސިފައިންގެ ތެރޭގައެވެ. އެހެން ނަމަވެސް މި ކޯޓުގެ ބޭނުމާ މެދު އާންމުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން 1989ގައި އެ ކޯޓު އުވާލެއްވީއެވެ. ދެ ވަނަ ބަދަލެއްގެ ގޮތުގައި ފެނިގެން ދިޔައީ ރަށު ކޯޓުތައް ވުޖޫދުކުރުމެވެ. އަތޮޅު ކޯޓުތައް އުވާލައި 17 ޖުލައި 1979 ގައި ކޮންމެ ރަށެއްގައި ރަށު ކޯޓެއް ގާއިމުކުރިއެވެ. މި ކޯޓުތައް ހިންގަނީ ސީދާ ޖަސްޓިސް މިނިސްޓްރީގެ ދަށުންނެވެ. އަދި 1980ގައި ޑިވިޝަންތައް ކޯޓު ނަންބަރުން 1 އިން ފެށިގެން 8 ހަމައަށް ބަދަލުކުރިއެވެ. އެހެން ނަމަވެސް 1997ގައި މި ކޯޓުތައް އަލުން ތަރުތީބުކުރެވި ހަތަރު ކޯޓަށް ބަދަލުކުރިއެވެ. އެ ގޮތުން ދެން އުފެއްދި ކޯޓުތަކަށް ކުޔަނީ މަދަނީ ކޯޓާއި ޖިނާއީ ކޯޓާއި އާއިލާއާ ބެހޭ ކޯޓާއި ކުޑަކުދީންނާ ބެހޭ ކޯޓެވެ. އޭގެ ކުރިން 1980 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައި ކޯޓެއް އުފެއްދިއެވެ. އެ އަހަރުގެ އޮކްޓޫބަރު 6 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަލްއުސްތާޒު މޫސާ ފަތުހީއެވެ. އެ ކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގަވާއިދުގެ ދަށުންނެވެ. އެހެން ނަމަވެސް ދަށު ކޯޓުގެ އެއްވެސް ކަމެއްގެ މައްޗަށް އުއްތަމަފަނޑިޔާރުގެ ބާރެއް ނޯވެއެވެ. ގާނޫނު މާނަކުރުމާއި ގަވާއިދުތައް ހެދުމުގައި ހުރިހާ ބާރެއް އޭރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. ހައި ކޯޓުން ނިންމާ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރެވޭ ނިޒާމެއް އޭރު އޮތެވެ. އެހެން ގޮތަކަށް ބުނާ ނަމަ ސުޕްރީމް ބާރު އޭރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. 

ޝަރުއީ ދާއިރާ އަށް ދެން ބޮޑެތި ބަދަލުތަކެއް އަނެއްކާ ވެސް އައީ 1 ޖެނުއަރީ 1998ގައި އަމަލުކުރަން ފެށި ނޫ ގާނޫނު އަސާސީއާ އެކުގައެވެ. އެ އަސާސީއަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ހިމެނޭ އަސާސެކެވެ. އެ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ވެއެވެ.

“މި ގާނޫނު އަސާސީގައި ބަޔާން ވެގެންވާ ގޮތުގެ މަތިން ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ވަޒީރުންގެ މަޖިލީހަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ ހާއްސަ މަޖިލީހަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތަކަށެވެ.” 

އެހެން ނަމަވެސް ނޫ ގާނޫނު އަސާސީގައި ވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައި ވެއެވެ. ބައެއް އިލްމުވެރިންނާއި ތާރީހް ދިރާސާކުރައްވާ ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާ އަށް ލިބިދީފައި ވުމުން އަދުލު އިންސާފުގެ މުސްތަގިއްލުކަން ދިވެހި ތާރީޚްގައި ދުވަހަކު ވެސް ނުދެކޭ މިންވަރަކަށް ގެއްލިގެން ދިޔައެވެ.

ސުޕްރީމް ކޯޓް

ދިވެހި ރާއްޖެ މިހާރު މިދެކޭ ޝަރުއީ މިނިވަން ކަމަށް ޖާގަ ހުޅުވިގެން ދިޔައީ 2008 ވަނަ އަހަރު ވުޖޫދުކުރި އާ ގާނޫނު އަސާސީއާ އެކުގައެވެ. އެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓެއް އުފެދިގެން އައެވެ. ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓު އުފެއްދީ 18 ސެޕްޓެމްބަރު 2008 ގައެވެ. އެ މާއްދާގެ ދަށުން ފުރަތަމަ އުފެއްދީ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ އިންތިޣާލީ ސުޕްރީމް ކޯޓެކެވެ. ސުޕްރީމް ކޯޓު އުފެއްދުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތީ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ގާނޫނަކުންނެވެ. ފަނޑިޔާރުންގެ ވަކި އަދަދެއް ގާނޫނު އަސާސީގައި ބުނެފައެއް ނުެވެއެވެ. ހަމައެކަނި ބުނެފައި ވަނީ އެ އަދަދު ވާންޖެހޭނީ އޮނަހިރި އަދަދަކަށެވެ. 

ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް ނަމަވެސް އަދުލު އިންސާފުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި މިހާތަނާ ޖެހެންދެން ވެސް ލިބިދީފައެއް ނުވެއެވެ. އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ޝަރުއީ ދާއިރާގެ ފުރިހަމަ ކޮންޓްރީލް މަޖިލީހަށް ލިބިދީފައި ވުމެވެ. މިހާރު ނިޒާމް އޮތް ގޮތުން ފަނޑިޔާރު ކަނޑައެޅުމުގެ ބާރު އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަނަށެވެ. ނަމަވެސް އެ ކޮމިޝަން އެކުލެވިފައި ވަނީ ސިޔާސީ ފަރާތްތަކަށް ބާރު ފޯރުވޭ ގޮތަށެވެ. އޭގެ ނަތީޖާއަކަށް ވެފައި ވަނީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މަތީ ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް އައުމެވެ. 
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ވެސް އެކި ފަހަރު މަތިން އެކި ބަދަލުތައް އައިސްފައި ވެއެވެ. އެ ގޮތުން އިންތިޣާލީ މަރުހަލާ ނިމި ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވައިލަން ބެލިއިރު އޭރު ވެރިއަކަށް ހުންނެވި މުހައްމަދު ނަޝީދަށް މަޖިލީހުގެ ކޮންޓްރޯލެއް ނެތެވެ. އެހެންކަމުން އޭރު ފަނޑިޔާރުން ކަނޑައެޅުއްވީ އިދިކޮޅުގައި އޮތް ޑީއާރުޕީއާ އެކު “ޑީލެއް” ހަދައިގެންނެވެ. ޑީއާރުޕީ އަށް ތިން ސްލޮޓް ރައީސް ނަޝީދަށް ތިން ސްލޮޓް އަދި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އަށް އެއް ސްލޮޓްއެވެ. ޖުމްލަ ހަތް ފަނޑިޔާރުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ ރައީސް ކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ޝަރުއީ ދާއިރާގެ ކޮންޓްރޯލް ބޭނުންފުޅުވުމުން ސުޕްރީމް ކޯޓުގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރެއްވިއެވެ. އެހެން ނަމަވެސް އެމްޑީޕީން އަލުން ވެރިކަމަށް އައިސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަލުން ހަތަކަށް ބަދަލުކުރެއްވީއެވެ. މިއަދު އަނެއްކާ ވެސް މި ވަނީ އެ އަދަދު ފަހަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައެވެ.

މިލިޔުމަށް މައުލޫމާތު ހޯދާފައިވަނީ:

ފަނޑިޔާރު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދުގެ “ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު” ފޮތުންނާއި ބައެއް ތާރީހީ އެހެން ލިޔުންތަކުން

ރިއެކްޝަންސް
0
0
0
0
0
0
0