
ގެދޮރުވެރިޔާ ސްކީމް: ހައްލު އޮތީ އަލުން ހުޅުވާލައިގެން!
4 މާޗް 2025 - 14:23
ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު އާންމުންގެ ގިނަ ޝަކުވާތަކެއް އެބަ ހުއްޓެވެ. ހިލޭ ބިން ދިނުމާއި ފްލެޓްތަަކަށް ޝަރުތު ހަމަވި ފަރާތްތައް ކަނޑައެޅުމުގައި ވެސް ބޮޑެތި މައްސަލަތައް ފެންމަތިވިއެވެ. ނަމަވެސް މި ސަރުކާރުން ނިންމީ ހަމައެކަނި ފްލެޓް ލިސްޓް މުރާޖައާޖުރަންށެވެ. ހިލޭ ދިން ބިންތަކާ މެދު އާންމުންގެ ގިނަ ޝަކުވާތަކެއް އޮތް ނަމަވެސް އެ މުރާޖައާކުރާކަށް ނޫޅެއެވެ. ސުވާލަކީ އެކުއެކީގައި ކުރިއަށް ގެންދިޔަ ދެ މަޝްރޫއަކާ މެދު ދެ ގޮތަކަށް އަމަލުކުރީ ކީއްވެ ހެއްޔެވެ؟ އަދި މި ކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟
އަމާޒު ރަނގަޅު، މިސްރާބު ގޯސް

އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށީ އެ ކަމަށް ބޭނުންވެފައިވާ އެންމެނަށް ފުރުސަތު ލިބޭނެ މަގެއް ހޯދުމުގެ ނިޔަތުގައެވެ. އެ ގޮތުން އެކަމަށް ހާއްސަ ޕޯޓަލްއެއް ގާއިމުކުރިއެވެ. އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ދެން އެފަދަ މަޝްރޫއުތަކަށް ކޮންމެ ފަހަރަކު ފޯމް ހުށަހަޅަން ނުޖެހި، އޭގެ ބަދަލުގައި މައުލޫމާތު އަޕްޑޭޓްކުރެވޭ ގޮތަށެވެ. އަދި ދައުލަތުގެ އިދާރާތަކުން ލިބޭ މައުލޫމާތުތައް ވެސް އެ ޕޯޓަލްއާ ގުޅިލާމެހި އިވެލުއޭޓްކުރުމަށް ފަސޭހަވާނެ ކަމަށް ވެސް އޭރު އެ ސަރުކާރުން ބުންޏެވެ. ފުރުސަތު ހުޅުވައިލުމުން ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވި އެންމެންނަށް ގޯއްޗާއި ފްލެޓް ދޭން ސަރުކާރުން ނިންމިއެވެ. އެ ގޮތުން ފްލެޓަށް އެދި 20،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހެޅި އިރު 15،046 މީހެއްގެ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅިއެވެ. އަދި ގޯއްޗަށް އެދިވެސް 20،000 އާ ގާތްކުރާ އަދަދަކަށް ފޯމް ހުށަހެޅި އިރު 18،955 މީހަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވެއެވެ. އެއީ ހުޅުމާލެ ދެ ވަނަ ފިޔަވަހިންނާއި ހުޅަނގު ފަރާތު ފަޅު ހިއްކައިގެން ތިން ވަނަ ފިޔަވަހި އަދި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ދޫކުރާ 9،000 އަށް ވުރެ ގިނަ ގޯއްޗަށެވެ.
ނެތް ފްލެޓްތަކެއް އަދި ނުހިއްކާ ބިންތަކެއް ލިޔެކިޔުމުން ބަޔަކަށް ދީ ނިންމާލުމުން ގިނަ ބައެއްގެ ފަޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުން ނިންމީ ފްލެޓްތައް އަޅައި ނިމޭވަރަކުން އަދި ބިންތައް ހިއްކައި ނިމޭވަރަކުން އެ ތަންތަން ހަވާލުކުރަމުން ގެންދިއުމަށެވެ. ގޯތިތަކުގެ ރެޖިސްޓްރީ ދައުރު ނިމެނިކޮށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެމްޑީޕީގެ ސަރުކާރުން ދެ ބަޔަކާ ހަވާލުކޮށްގެން އަޅަން ފެށި 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންނާއި އެ މީހުންނަށް ލިބޭނެ ފްލެޓް ނަންބަރު ކަނޑައަޅައި އެންމެ ފަހު ވަގުތު އޮންލައިންކޮށް އެއްބަސްވުމެއް ވެސް ފޮނުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން ނިންމީ އެއީ ބާތިލް އެއްބަސްވުންތަކެއް ކަމަށެވެ. އަދި އެ ލިސްޓް އިވެލުއޭޓްކުރަން ނިންމިއެވެ. ނަމަވެސް ގޯތިތަކުގެ މައްސަލާގައި މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުން ކަނޑައެޅި ގޮތަށް ގޯތިތައް ދީ ނިންމަށެވެ. ގުރުލާފައިވާ ގޮތަށް މި ވަގުތު ދެވެން ހުރި ހުރިހާ ގޯއްޗެއް މިހާރު ވަނީ ދީ ނިންމާފައެވެ. އަދި ނުހިއްކައި ހުރި ބިންތައް ހިއްކައި ނިމުމުން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ފަރާތްތަކަށް ބާކީ ބިންތައް ހަވާލުކުރަން މި ސަރުކާރުން ވަނީ ނިންމާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާތީ ގޯތިތަކަށް ބަދަލު އައި ނަމަވެސް ރެޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް ގޯތިތައް ދޭނެ ކަމަށް މި ސަރުކާރުން ބުނެފައި ވެއެވެ.
އިވެލުއޭޓްކުރުމުގައި ތަފާތުކުރުން
ގޯތިތައް ދޭނެ ފަރާތްތައް އިވެލުއޭޓް ނުކުރި ނަމަވެސް 4،000 ފްލެޓް ލިބުނު ލިސްޓް ވަނީ އިވެލުއޭޓްކޮށްފައެވެ. އެކަމަށް އަހަރެއްހާ ދުވަސް ނެގި އިރު 4،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރަށް ފެނުނީ 1،820 މީހުންގެއެވެ. ކުރީ ސަރުކާރުން އިއުލާންކުރި 4000، މީހުންގެ ތެރެއިން ބާކީ ތިބި މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ބިންވެރިޔާ ސްކީމް ވެސް އަލުން އިވެލުއޭޓްކުރި ނަމަ މި މައްސަލަތައް ނުފެންނާނެ ހެއްޔެވެ؟
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މި ފަހަރު ފްލެޓްތައް ކަނޑައެޅުމުގައި 4،000 ފޯމް އިވެލުއޭޓްކުރި ނަމަވެސް ބާކީ 2،180 ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ ކުރީ ސަރުކާރުން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 20،000ގެ ތެރެއިން ބާކީ ހުރި 15،000 އަށް ވުރެ ގިނަ ފޯމް އިވެލުއޭޓް ކުރުމަށް ފަހުގައެވެ. ސުވާލަކީ މުޅި ލިސްޓާ މެދު ޝަކުވާ އޮތް އިރު 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ފޯމް ހުށަހެޅި މީހުންގެ ތެރެއިން މަދު އަދަދެއްގެ ފޯމްތައް އިވެލުއޭޓްކުރީ ކީއްވެ ހެއްޔެވެ؟
މިދިޔަ ސަރުކާރުން ފެށި 4،000 ފްލެޓްގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ އިރު އަނެއްބައި ފްލެޓްތަކުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމައި ހަވާލުކުރުމެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު ވެސް ތިބީ މި ތަންތަން ލިބޭނެ ކަމުގެ އިންތިޒާރުގައެވެ.
ޝަކުވާތައް އަދިވެސް ގިނަ
ސަރުކާރުން ފަހުން ނެރުނު ލިސްޓްގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހެން ކަމުން މި ލިސްޓަށް ވެސް އަދި ބަދަލުތަކެއް އައުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ މުޅި ލިސްޓް އިވެލުއޭޓްނުކުރާ މައްސަލައިގައެވެ. އަދި ފްލެޓްތަކުގެ ލިސްޓްތައް އިވެލުއޭޓްކުރާ އިރު ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ ލިސްޓް އިވެލުއޭޓްނުކުރާތީއެވެ. މިއީ ވެސް ބޮޑެތި ގޯސްތަކެއް ހުރި ލިސްޓެއް ކަމަށް މި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ފާހަގަކުރައްވާފައި ވެއެވެ.
މިނިސްޓަރ މުއްތަލިބް ވިދާޅުވެފައި ވަނީ ހައްގު ނޫން ގޮތެއްގައި ފްލެޓެއް އަދި ގޯއްޗެއް ވިޔަސް ހޯދާފައިވާ ނަމަ އެ ތަންތަން އަތުލާނެ ކަމަށެވެ. ނަމަވެސް ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތީތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ވެސް މިހާރު އެ ވަނީ ފަށާފައެވެ. އިމާރާތެއް ކުރުމަށް ފަހު އެ ތަނެއް އަތުލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި ޑރ. މުއްތަލިބް މިހެން ވިދާޅުވި ނަމަވެސް މި ދެ ސްކީމާ މެދު ސަރުކާރުން ތަފާތު ދެ ގޮތަކަށް އަމަލުކުރާކަން އެ އޮތީ ހާމައަށް ފެންނަށެވެ.
ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމްގެ ފެށުން ވެސް ގޯސް

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ބިންވެރިޔާ ސްކީމަކީ ފެށުމުގައި ވެސް ބާތިލް ސްކީމެކެވެ. މައިގަނޑު ސަބަބަކީ އެއީ ވަކި ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ސްކީމަކަށް ވުމެވެ. މާލޭގައި އެތައް އަހަރެއް ވަންދެން ވަޒަންވެރިވެފައި ތިބި މީޙުން ބާކީވާ ގޮތަށް އެ ސްކީމް ގެންދިއުމަކީ އިންސާފުން އެއްކިބާވެފައިވާ ކަމުގެ މައިގަނޑު އެއް ހެއްކެވެ. ގެދޮރުވެރިޔާ ސްކީމް ނުވަތަ ފްލެޓްތަކުގެ ސްކީމް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އެކަމުގައި ގިނަ ބަޔަކަށް މަކަރު ހެދޭ ގޮތަށެވެ. އެ ގޮތުން މާލޭގައި ދިރިއުޅޭ ކަމަށް ދެއްކުމަށް ކައުންސިލް ފަދަ ތަންތަނުން ލިޔުންތައް ހުށަހަޅައި އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވެފައި ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އިހަކަށް ދުވަހު މާލެ ބަދަލުވި މީހުންނާއި މާލޭގައި ދިރިނޫޅޭ މީހުން ވެސް ހިމެނެއެވެ. އޭގެ އެއް މިސާލަކީ ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރުގެ ދެމަފިރިންނަށް މި ސަރުކާރުގެ ލިސްޓުން ވެސް ފުރުސަތު ލިބުމެވެ. ނަމަވެސް މި ސަރުކާރު އައުމާ ހަމައަށް މި ދެމަފިރިންނަކީ ވެސް އެތައް އަހަރުތަކެއް ވަންދެން ގައުމުން ބޭރުގައި އަދި އެހެން ގައުމެއްގެ ރައްޔިތުކަމުގައި ތިބި ފަރާތްތަކެވެ. މީގެ އިތުރުން ވެސް މާލޭގައި ދިރިނޫޅޭ މީހުންނާއި ސޯޝަލް ހައުސިން ސްކީމްތަކުން ބޯހިޔާވަހިކަން މީގެ ކުރިން ކިބިފައިވާ މީހުން ވެސް މި ފަހަރުގެ ލިސްޓްގައި ވެސް އެބަ ތިބިކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން މި ލިސްޓް އިސްލާހުކުރެވޭނީ މާލޭގައި ވަޒަންވެރިވެފައިވާކަން ކަށަވަރުވާނެ އިންތިޒާމްތަކެއް ހަމަޖައްސައިގެންކަން އެނގެއެވެ.
މި ކަމަށް އޮތީ ކޮން ހައްލެއް ހެއްޔެވެ؟ ބޯހިޔާވަހިކަމާ ގުޅޭ ލިސްޓެއް ނެރޭ ކޮންމެ ފަހަރަކު މި ޝަކުވާތައް ފެންމަތިވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކުރީ ސަރުކާރުން ނެރެފައިވާ ހުރިހާ ލިސްޓެއް ބާތިލްކޮށް އަލުން އެ މަޝްރޫއުތަކަށް ހުޅުވާލަން ޖެހެއެވެ. ހައުސިން މިނިސްޓްރީންގެ އަލިފާނުގެ ހާދިސާތަކުގައި އިމާރާތް އެނދި ކަމުގައި ވިޔަސް ޕޯޓަލް މެެދުވެރިކޮށް ހުށަހަޅާފައި ހުރި ފޯމްތަކަކަށް ވުމުން އޭގެ ޑާޓާތައް ސަރުކާރުަގައި ހުންނަންޖެހޭނެއެވެ. އަދި ކުރިން ފޯމް ހުށަހަޅާފައި ހުރި ފަރާތްތަކަށް ފޯމްގެ މައުލޫމާތު އަޕްޑޭޓްކުރުމުގެ ފުރުސަތު ވެސް ލިބެންޖެހެއެވެ. ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ އެއްވެސް ކަމެއް ކުރިއަށް ގެންދާ ނަމަ އަލުން ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދަންޖެހެއެވެ. ހުރި މައްސަލަތައް ދެނެގަނެ އެކަންކަމަށް ހައްލެއް ހޯދައިނުދޭހާ ހިނދަކު ލިސްޓާ މެދު އަދިވެސް ޝަކުވާތައް ގިނަ ވާނެއެވެ.