
އަމިއްލަ ހިޔާލު: ވޯޓު ލާންވީމާ ދާއިމީ އެޑްރެސް، ކުރިމަތިލާ އިރު ނުބަލަނީ ކީއްވެ؟
9 މާޗް 2025 - 15:19
އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެކެވެ. ޝަރުތު ހަމަވާ ނަމަ ކޮންމެ މީހަކު ވެސް ކުރިމަތިލާންވީއެވެ. ވަކި ދާއިރާތަކަކަށް ހާއްސަ މަގާމުތަކަކަށް ވިޔަސް ކޮންމެ މީހަކަށް ވެސް ކުރިމަތިވެއެވެ. ރަށްރަށުގެ ކައުންސިލްތަކުން ފެށިގެން ގޮސް މޭޔަރުކަމާއި މަޖިލީހުގެ މެންބަރު ކަމަކީ ވެސް ވަކި ދާއިރާތަކަކަށް ހާއްސަ މަގާމު ތަކެކެވެ. އެހެން ނަމަވެސް ކޮންމެ ތަނަކަށް ނިސްބަތް ވިޔަސް ދިވެއްސެއް ނަމަ އެ މީހަކަށް ކުރިމަތިލުމަކަށް މާ ބޮޑު ހުރަހެއް ނެތެވެ. އެހެން ނަމަވެސް އޭނާ އަށް ވޯޓު ލެވޭނީ ވަކި ބަޔަކަށެވެ. ނުވަތަ އެ ދާއިރާއެއްގައި ދާއިމީ އެޑްރެސް އޮތް މީހުންނަށެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟
އަހަރުތަކެއް ކުރިން މަޖިލީހުގެ މެންބަރުންނަށް ވެސް މާލޭގެ “ބޭފުޅުން”

ރައްޔިތުންގެ މަޖިލިސް އެކުލެވިގެން ވަނީ ދާއިރާތަކަށް ނިސްބަތްވާ ގޮތަށެވެ. އަދި އެ މަޖިލީހުގައި އެ ދާއިރާއެއް ތަމްސީލްކުރަނީ އެ ދާއިރާއެއްގެ މެންބަރެވެ. މާނައަކީ އެ ރަށެއް ނުވަތަ އެ ރަށްތަކެއް ހިމެނޭ ދާއިރާގެ އަޑު މަޖިލީހާ ހަމައަށް ގެންގޮސްދެނީ އެ މެންބަރެކެވެ. ދާއިރާތަކުން މެންބަރުން ނެގުމުގެ މައިގަނޑު ބޭނުަކީ ވެސް ދާއިރާތައް ތަމްސީލްކުރުމެވެ. އެހެން ނަމަވެސް މީގެ އަހަރުތަކެއް ކުރިން އަދި މިހާރު ވެސް އެކަން އޮތީ އެހެނެކޭ ބުނެވޭކަށް ނެތެވެ. ހާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި މާލެ އަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް މަޖިލީހުގައި ތިއްބެވިއެވެ. ހާއްސަކޮށް މާލޭގެ ނުފޫޒު ގަދަ ނުވަތަ “ބޭފުޅުން” މަޖިލީހުގައި ތިއްބެވިއެވެ. އެ ގޮތުން ވަޒީރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް މަޖިލީހުގައި ބައެއް ރަށްރަށުގެ ގޮނޑިތައް ފުރުއްވިއެވެ. ހާއްސަކޮށް ބައެއް ގޮނޑިތަކަކީ މާލޭގެ ކަމުވޮށިގެންވާ ބޭބޭފުޅުންނަށް ހާއްސަވެފައިވާ ގޮނޑިތަކެވެ. އެ ދާއިރާތަކާއި އެ މީހުންނާ ކޮންމެހެން ގުޅުމެއް ވެސް އޮތީކީ ނޫނެވެ.
ކުރިން އަތޮޅު މެންބަރުންގެ ގޮތުގައި މަޖިލީހުގައި ދާއިރާތައް ތަމްސީލްކުރި އިރު ވެސް މިކަން އޮތީ މިހެންނެވެ. ހާއްސަކޮށް ރައީސް މައުމޫނުގެ އާއިލާ ބޭފުޅުންނާއި އަރިސް މީހުންނަށް މަޖިލީހުން ޖާގަ ލިބެއެވެ. އޭރު ނިޒާމު އޮތީ ދައުލަތުގެ ދެ މަގާމުގައި ވެސް ހުރެވޭ ގޮތަށް ކަމުން ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުން ވެސް މަޖިލީހުގައި ތިއްބެވިއެވެ.
މިހާރުގެ މަޖިލީހުގައި ވެސް ދާއިރާ އަށް ނިސްބަތްނުވާ އެތައް މެންބަރުންނެއް!

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީގައި ވެސް ދާއިރާގައި ދާއިމީ އެޑްރެސް ނެތް ގިނަ މެންބަރުންތަކެއް އެބަ ތިއްބެވިއެވެ. އެ ގޮތުން 93 ދާއިރާގެ ތެރެއިން 17 މެންބަރުންނަކީ އެ މެންބަރަކު ތަމްސީލްކުރާ ދާއިރާގައި ދާއިމީ އެޑްރެސް ނެތް ބޭފުޅުންވެ. މީގެ ތެރޭގައި ތުލުސްދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އާއި ނިލަންދޫ ދާއިރާ ފާތިމަތު ސައުދާ، ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހީމް، ކުރެންދޫ ދާއިރާގެ މުހައްމަދު ޝާމިން ވިލިމާލެ ދާއިރާގެ މުހައްމަދު އިސްމާއީލް. މުލަކު ދާއިރާ އިބްރާހީމް ނައުފަލް އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ފަދަ ބޭފުޅުން ހިމެނެއެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ މީގެ ކުރިން އެހެން ބައެއް ދާއިރާތައް ވެސް ތަމްސީލްކުރައްވާފައިވާ ބޭފުޅުންނެވެ. އަދި ގިނަ ބޭފުޅުންނަކީ ސީދާ މާލެއަށް ނިސްބަތްވާ މެންބަރުންނެވެ. އެހެން ނަމަވެސް މީގެ ތެރެއިން ބައެއް މަދު މެންބަރަުންނަކީ އެ ދާއިރާތަކަށް އުފަން އަދި އެ ދާއިރާތަކަށް ނިސްބަތްވާ ނަމަވެސް ފަހުން ދާއިމީ އެޑްރެސް މާލެ އަށް ބަދަލުކޮށްފައިވާ މެންބަރުންނެވެ. މިސާލަކަށް މާމިނގިލީ ދާއިރާ ތަމްސީލްކުރައްވާ ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްއަކީ މާމިނގިލީ ބޭފުޅެކެވެ. ނަމަވެސް ދާއިމީ އެޑްރެސް އޮންނަނީ މ. މާފަންނު ވިލާގައެވެ.
ވޯޓު ލެވެނީ ދާއިމީ އެޑްރެހަށް!
ރަށު ކައުންސިލްތަކާއި މަޖިލީހަކީ ވަކި ދާއިރާތަކަކަށް ހާއްސަ މަގާމުތައް ކަމަށް ވިޔަސް އެހެން ދާއިރާތަކަށް ނިސްބަތްވާ އަދި ދާއިމީ އެޑްރެސް އެހެން ދާއިރާތަކުގައި އޮތް މީހުންނަށް ވެސް ކުރިމަތިލުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް އެ މީހަކު މަގާމަށް ހޮވުމަށް ވޯޓު ލެވެނީ ހަމައެކަނި އެ ދާއިރާތަކުގައި ދާއިމީ އެޑްރެސް އޮންނަ މީހުންނަށެވެ. މާލޭގެ މޭޔަރު ކަމަށް ހދ. ކުޅުދުއްފުށީ މީހަކު ވެސް ކުރިމަތިލާންވީއެވެ. ތާއީދު އޮތް ނަމަ ހޮވޭނެއެވެ. ނަމަވެސް އެ މީހަކު އެ މަގާމަށް ހޮވަން ވޯޓު ދެވޭނީ މާލޭގައި ދާއިމީ އެޑްރެސް އޮތް މީހުންނެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ބޭނުން ދާއިރާއަކަށް ކުރިމަތިލެވޭ ނަމަ ކޮންމެހެން ވޯޓުލުމުގެ ޝަރުތުތަކުގެ ތެރޭގައި ވެސް ދާއިމީ އެޑްރެސް ހިމެނިގެން ނުވާނެއެވެ. އެ ދާއިރާއެއްގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އެ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބެންޖެހޭނެއެވެ. ހާއްސަކޮށް ލާމަރުކަޒީކޮށް ހޮވާ މަގާމުތައް ނުވަތަ ކައުންސިލްތަކާއި މަޖިލީހަށް މެންބަރުން ހޮވުމުގައި ދާއިރާއެއްގައި ދިރިއުޅޭ މީހުން ތަމްސީލްކުރެވޭނެ ގޮތެއް އޮންނަންޖެހެއެވެ. މާލޭގައި 200،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. ނަމަވެސް އޭގެ ތެރެއިން މާލެ އަށް ނިސްބަތްވާ ދާއިރާތަކަށް ވޯޓު ލެވޭ މީހުންނަށް ވުރެ ގިނައީ ރަށްރަށަށް ވޯޓުލާ މީހުންނެވެ.
ދާއިމީ އެޑްރެސް އުވާލައި ރަށްވެހިކަމުގެ ދަފްތަރެއް!

ރަށްރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ ކުޑަވުމުން އެ ރަށްތަކުގެ ރަށްވެހިންގެ އަދަދުތައް ބެލެހެއްޓުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ޔަގީން އަދަދެއްގެ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ނެތެވެ. ބޯހިމެނުމުގެ ތެރެއިން އަދަދުތަކެއް ހާމަކުރި ނަމަވެސް ހަގީގަތުގައި މާލޭގައި ވަޒަންވެރިވެގެން އުޅޭ މީހުންގެ ރަޖިސްޓްރީއެއް ގާއިމުކުރެވިފައެއް ނެތެވެ. އެކަން ނުކުރަންވީ ކީއްވެ ހެއްޔެވެ؟ ކުދިކުދި ކަންކަމުގައި ދާއިމީ އެޑްރެހަށް ބެލުމުގެ ބަދަލުގައި މާލޭގައި ދިރިއުޅޭ މީހުންގެ ސައްހަ އަދަދެއް ބެލުމަށް ރަށްވެހިކަމުގެ ދަފްތަރު ނިޒާމެއް ގާއިމުކުރަން ޖެހެއެވެ. މާލޭގައި ދިރިއުޅޭ ނަމަ ދަފްތަރުގައި ޖެއްސުމުގެ އިންތިޒާމު މިހާރު ވެސް އޮވެއެވެ. އެހެން ނަމަވެސް އެއީ ވަރަށް އުނދަގޫ ނިޒާމެކެވެ. އަދި އިހްތިޔާރަށް ދޫކޮށްލެވިފައި އޮތް ކަމެކެވެ. އޭގެ ބަދަލުގައި އެ މީހަކު ދިރިއުޅޭ ތަނެއް ކަމާ ބެހޭ އިދާރާތަކަށް އަބަދު ވެސް އެނގޭނެ ގޮތަކަށް ނިޒާމު ހަރުދަނާ ކުރަންޖެހެވެ. ބައެއް ގައުމުތަކުގައި ކޮންމެ ތިން މަހަކުން އެ މީހަކު ދިރިއުޅޭ ތަނަކާ ބެހޭ މައުލޫމާތު ކަމާ ބެހޭ އިދާރާ އަށް އަޕްޑޭޓްކުރަންޖެހެއެވެ. މިފަދަ ޕޯޓަލްއެއް ނުވަތަ ދަފްތަރެއް ރާއްޖޭގައި ވެސް ހެދިދާނެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ލައްކައަކަށް ވުރެ ގިނައެވެ. އެހެން ނަމަވެސް ދާއިމީ އެޑްރެސް އޮތް 18 އަހަރުން މަތީގެ އާބާދީއުޅެނީ 10،000 ގައެވެ. ހުޅުމާލޭގައި ދައުލަތުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެތައް ބަޔަކަށް ފްލެޓް ލިބިފައި ވެއެވެ. އެހެން ނަމަވެސް އެ ފްލެޓްތަކުގެ ވެރިންނަކީ ކޮންމެ ވެސް ރަށެއްގައި ދާއިމީ އެޑްރެސް އޮތް މީހުުންނެވެ. އެ މީހުން ދިރިއުޅޭ ތަނާއި އެ ފްލެޓްތަކާ ގުޅޭ މުނިސިޕަލް ކަންކަމާ ގުޅޭ ގޮތުން ބަސް އިއްވައި ގޮތް ނިންމަން ތިބި ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގެ ހައްގު އެ މީހުންނަކަށް ނުލިބެއެވެ. އެހެން ނަމަވެސް ހުޅުމާލެ ތަމްސީލްކުރަން ކައުންސިލަށާއި މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު އެ މީހުންނަށް އެބަ އޮތެވެ.
އަނެއްކޮޅުން އެ ފްލެޓްތަކާއި ގެތަކުގައި ދިރިއުޅެނީ ކޮން ބައެއްކަން ސިޓީ ކައުންސިލަކަށް ވެސް ނޭނގެއެވެ. އަދި ހުޅުމާލޭގެ ބިންތައް ބަލަހައްޓާ ކުންފުނި އެޗްޑީސީއަކަށް ވެސް އޭގެ ސައްހަ މައުލޫމާތެއް ލިބޭނެ އިންތިޒާމެއް ނެތެވެ. ހިޔާ ފްލެޓް ފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓްތައް ލިބިފައިވާ މީހުންގެ ނަންނަމުގައި ފްލެޓްތައް ރަޖިސްޓްރީކުރި ނަމަވެސް އެ މީހުންގެ ދާއިމީ އެޑްރެސް އެ ތަންތަނަށް ބަދަލުކުރާކަށް އެޗްޑީސީއަކުން ވެސް މަސައްކަތެއް ނުކުރެއެވެ. އެ އިންތިޒާމު ހަމަޖެހިފައި އޮތް ނަމަވެސް އެ ކަމަށް ބާރު އަޅާތަނެއް ނުފެނެއެވެ.
ރަށްރަށުގެ ކައުންސިލްތައް ހޮވަނީ އެ ރަށްެއްގެ މުނިސިޕަލް ހިދުމަތްތަކާއި އެ ރަށެއްގެ ކަންކަމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް ނިޒާމްތައް ގާއިމުކޮށް ހިންގުމަށެވެ. އެހެން ނަމަވެސް އެ މަގާމުތަކަށް މީހުން ހޮވުމަށް ވޯޓު ދިނުމުގެ ހައްގު އެކަމާ ގުޅުން ނެތް އެތައް ބަޔަކަށް ވެސް އެބަ ލިބެއެވެ. މިސާލަކަށް ނ. މަނަދޫ ކައުންސިލަށް މެންބަރުން ހޮވުމުގެ ހައްގު މިއިން ޒަމާނެއްގައި މަނަދޫ އަށް ނުދާ ނުވަތަ އެ ރަށުން އެއްވެސް ހިދުމަތެއް ނުހޯދާ މީހާ އަށް ވެސް ލިބެއެވެ. ހަމައެކަނި އޭނާގެ ދާއިމީ އެޑްރެސް އެ ރަށެއްގައި އޮތުމުންނެވެ. އުމުރު ދުވަހު މާލޭގައި ނުވަތަ އުމުރުގެ ބޮޑުބައި މާލޭގައި ދިރިއުޅުނު ނަމަވެސް މާލޭގެ ކަންކަމުގައި ބަސް ބުނުމުގެ ހައްގެއް މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކަށް ނެތެވެ. އެ މީހުންގެ ދާއިމީ އެޑްރެސް އެހެން ރަށެއްގައި އޮތުމުންނެވެ. ދިރިއުޅޭ ތަނުގެ ނުވަތަ ރަށްވެހިވެގެން އުޅޭ ރަށުގެ ކަންކަމުގައި ބަސްބުނުމުގެ ހައްގު ނުލިބުނަސް ސިޔާސީ ޕްލެޓްފޯމްތަކުގައި އެ ތަނެއް ތަމްސީލްކުރުމަށް ހޮވާ މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު އެ މީހަކަށް ލިބެއެވެ. މިއީ ހަމަޖެހޭ ކަމެއް ހެއްޔެވެ؟
“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.