
ރިޕޯޓް – ޖެނެރޭޝަން ބޭން: ރަނގަޅު ފެށުމެއް!
20 އެޕްރީލް 2025 - 15:17
ވަކި އުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުނުކުރެވޭ ގޮތަށް “ޖެނެރޭޝަން ބޭން”ގެ އުސޫލްތައް ތައާރަފްކޮށް ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ވާހަކަތައް ގައުމުތަކުން ދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި މި އުސޫލް ތަންފީޒުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ އެ ގައުމުތަކަށް ވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ވެސް މިފަދަ އުސޫލެއް އެކަށައެޅުމުގެ މަސައްކަތް މިޙާރު ވަނީ ފަށާފައެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި އުސޫލް އެންމެ ކުރީގައި އުޅެނީ އިނގިރޭސި ވިލާތުގައެވެ. އެ ގޮތުން 2009 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވާ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާ ބެހޭ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މި ގާނޫނު ދަށުން އެ ޖީލުގެ ފަހުން އުފަންވާ އެއްވެސް ކުއްޖަކަށް ދުންފަތް ވިއްކުމާއި ގަތުމާއި ބޭނުންކުރުން މަނާވާނެއެވެ. ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ވޭޕް ވެސް ހިމަނާފައި ވެއެވެ. މި ގާނޫނު ދަށުން މި އުމުރުފުރާ އަހަރުން އަހަރަށް މަތިކޮށް ދުންފަތުގެ އިސްތިއުމާލުނުކުރާ ޖީލެއް އުފެއްދުމަކީ މައިގަނޑު މަގުސަދެވެ.
ހިޔާލު ހޯދުމުގެ ވޯޓު
ރާއްޖޭގައި ވެސް ޖެނެރޭޝަން ބޭން ނުވަތަ ވަކި އުމުރުފުރާއަކުން ފެށިގެން މަތީގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލުނުކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް މި ވަނީ ފަށާފައެވެ. އެކަމަށް އިސްނަންގަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިޔާލު ހޯއްދަވާފައެވެ. އެ ހިޔާލު ހޯދުމުގެ ވޯޓަށް ރައީސް ދޫކޮށްލެއްވީ ތިން އުމުރުފުރާއެކެވެ. އެއީ؛
If a generational ban on smoking were to be implemented in the Maldives, to protect the health of our youth and future generations from the harmful effects of smoking, which of the following would be the most appropriate starting point?— Dr Mohamed Muizzu (@MMuizzu) April 3, 2025
- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން
- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން
- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން
މި ވޯޓުގައި ބައިވެރިވި ގިނަ މީހުން ތާއީދުކުރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ. ނަމަވެސް ކެބިނެޓުގައި މަޝްވަރާކުރެއްވުމަށް ފަހު ރައީސް ނިންމެވީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށާއި އަދި މީގެ ފަހުން އުފަންވާނެ ފަރާތްތަކަށް ދުންފަތް މަނާކުރުމަށެވެ.
ރައީސްގެ ނިންމެވުން

“ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާންމު ފަރާތްތަކުގެ ހިޔާލަށް އިހްތިރާމްކުރައްވާ ކަމަށާއި ނަމަވެސް ޖެނެރޭޝަން ބޭން އުމުރެއް ކަނޑައެޅުމުގައި ވަރަށް ގިނަ ގޮތްގޮތަށް ވިސްނެވި ކަމަށެވެ. އަދި ކަމަކަށް މަޖުބޫރުކުރުވާ އިރު އެކަމެއް ކުރަންވާނީ ތަންފީޒުކުރެވޭނެ ގޮތަކަށް ވިސްނާފައި ކަމަށާއި ގޮތެއް ނިންމެވުމުގެ ކުރިން އަމިއްލަފުޅަށް ވެސް ޒުވާނުންގެ ހިޔާލު ހޯއްދެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަތީޖާ ހާސިލްކުރެވޭނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތީ ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ވޯޓު ދިން ގޮތް ކަމަށާއި ރާއްޖޭގެ އާބާދީގެ 30 ޕަސެންޓަކީ 2007 އިން ފެށިގެން އުފަންވެފައިވާ ޒުވާނުން ކަމަށެވެ. އެ އާބާދީ އެކަނި ވެސް ދުންފަތާ ދުރުކުރެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“ވަރަށް ވަރަށް ބޮޑު ކާމިޔާބީއެއް އެއީ. ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު މިގޮތަށް އަޅުގަނޑުމެންނަށް ސަލާމަތްުރެވިއްޖެއްޔާ އެއީ ރައްޔިތުންގެ ހެލްތަށް، ސިއްހަތަށް ކޮށްދެވޭ އިންވެސްޓްމަންޓެއް. ސަބަބަކީ، އެންމެ ބޮޑަށް ފެތުރޭ، ގައިންގަޔަށް ނާރާ ބަލިތަކުގެ އެއް ސަބަބަކަށް ވަނީ ހަމަ ދުންފަތުގެ އިސްތިއުމާލުކުރުން،” ރައީސް ޑރ. މުހައްމަދު މުއިއްޒު
ހަރުކަށި ފިޔަވަޅުތަކެއް
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އެކި ސަރުކާރުތަކުން އެކި ފިޔަވަޅުތައް އަޅާފައި އެބަ ހުއްޓެވެ. އެ ގޮތުން އާންމު ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި ރެސްޓޯރެންޓް ފަދަ ބަންދުވެފައި ހުންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި ކެފޭ ފަދަ ތަންތަނުގައި އެކަމަށް ހާއްސަ ޖާގަ ކަނޑައެޅުން ފަދަ ކަންކަން މީގެ ކުރިން ވެސް ގަވާއިދުތަކުގައި ހިމަނާފައި އެބަ ހުއްޓެވެ. ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެއީ ހަމައެކަނި ގަވާއިދުތަކެއްގައި ހުރި ކަންކަމެވެ. ތަންފީޒެއް ނުކުރެވެއެވެ. މިފަދަ ގޮތަކަށް ކަން އޮތް އިރު ސުވާލަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ނުވަތަ ސަރުކާރުން ނިންމާފައިވާ ގޮތަށް 2007ގެ ޖެނުއަރީ1 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާކުރުން ތަންފީޒުކުރާނީ ކިހިނެއް ހެއްޔެވެ؟
ދުންފަތާ ދެކޮޅަށް އެންމެ ވަރުގަދަ ނިންމުންތަކެއް ނިންމާފައި މި ވަނީ މި ސަރުކާރުންނެވެ. އެ ގޮތުން ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވޭޕްގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ވޭޕް މަނާކޮށްފިއެވެ. ވޭޕް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ދަނީ ނަގަމުންނެވެ. ނަމަވެސް މި ގާނޫނާއި ގަވާއިދު ވެސް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ކެފޭ އާއި މަގުމައްޗާއި އާންމު ތަންތަނުގައި ވޭޕް ބޭނުންކުރާ މަންޒަރު އާންމުކޮށް ފެނެއެވެ. ޖޫރިމަނާކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް މާ ބޮޑު އަސަރެއް ނުކުރެއެވެ. ވިއްކުން މަނާކޮށްފައި އޮތް ނަމަވެސް “ބްލެކް މާކެޓް”ގައި ވަރަށް ފަސޭހައިން ވޭޕްގެ ބާވަތްތައް ވެސް އެބަ ލިބެ އެވެ.
އަނެއްކޮޅުން ވޭޕް އެތެރެކުރުން މަނާކޮށްފައި އޮތް ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އެތަކެތި އެތެރެކުރެވެއެވެ. އަދި ދިވެހިން ވެސް ދަބަސް ފަދަ ތަކެތީގައި އެތެރެކުރުމަކަށް މާ ބޮޑު ހުަރަހެއް ނެތެވެ. ރާއްޖެ އެތެރެވާ އިރު އެކަންކަމަކަށް ނުބަލައެވެ. އެހެންކަމުން ރާއްޖެ ޒިޔާރަތްކުރާ ޓުއަރިސްޓުން ވެސް ކެފޭތަކާއި މަގުމަތީގައި ވެސް ފާޅުގައި އެކަން ކުރެއެވެ. ދިވެހިން ވެސް މަދެއް ނޫނެވެ.
ތަންފީޒުކުރުން ބޮޑު ގޮންޖެހުމަކަށް

އެންމެ ފަހުން ތަންފީޒުކުރަން ފެށި ގާނޫނަށް ވެސް އަމަލުނުކުރެވި އޮތް އިރު އުމުރު ދެނެގަތުމަކީ ކިހާ އުނދަގޫ ކަމަކަށް ވާނެ ހެއްޔެވެ؟ ސަރުކާރުގެ ވިސްނުމަކީ މަޖިލީހަށް ބިލް ހުށަހަޅައި މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމެވެ. ނަމަވެސް ސުވާލަކީ މިހާރު ވެސް ނުބެލެހެއްޓޭ ކަމެއް ފަހުން ބަލަހައްޓާނީ ކިހިނެއް ހެއްޔެވެ؟
އުމުރުން 18 އަހަރު ނުވާ ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މިހާރު ވެސް މަނާ ކަމެކެވެ. ނަމަވެސް ވިއްކާ ފަރާތްތަކުން ދުންފަތުގެ ބާވަތްތައް ވިއްކުމުގައި އުމުރު ޗެކްކުރާ ތަނެއް ނުފެނެއެވެ. ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަން ބޭންއާ އެކު ދުންފަތް ވިއްކާ އިރު އުމުރު ކަށަވަރުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ސުވާލަކީ މިކަން ބެލޭނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
ދުންފަތުގެ ބާވަތްތަކުން ޖެހޭ ބަލިތައް ރާއްޖޭގައި އިންތިހާ އަށް ބޮޑެވެ. މަރުވާ މީހުންގެ 80 ޕަސެންޓަކީ ގައުންގަޔަށް ނާރާ ނުވަތަ ދިރިއުޅުމުގެ އާދަތަކާ ގުޅުން ހުރި ބަލިތަކެވެ. މިފަދަ ގިނަ ބަލިތަކާއި ދުންފަތާ ވަރަށް ބޮޑަށް ގުޅުން އެބަހުއްޓެވެ. އެހެން ކަމުން ރައީސް ވެސް ވިދާޅުވާ ގޮތަށް ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައުއެއް ބިނާކުރުމަކީ މުޅި ގައުމަށް ލިބޭނެ ވަރަށް ބޮޑު ކުރުއެރުމެކެވެ. ނަމަވެސް މިކަން ހާސިލްކުރަން އޮތް މަގު ވަރަށް ދިގެވެ. އަދި އުނދަގުލާއި ގޮންޖެހުން ބޮޑެވެ. ހާއްސަކޮށް ތަންފީޒުކުރުމެވެ. ގަވާއިދުތަކާއި ގާނޫނުތައް ކިތަންމެ ގިނައިން ވެސް ހެދިދާނެއެވެ. ނަމަވެސް ދުންފަތާ ގުޅިގެން މިހާތަނަށް ހެދި ގިނަ ގާނޫނުތަކާއި އުސޫލްތައް ހުރީ ހަމައެކަނި ކަރުދާހުގައެވެ. މިފަހަރު ވާނީ ކިހިނެއްބާ އެވެ؟