
އަމިއްލަ ހިޔާލު: ކުޑަ ވަގަށް ބޮޑު އަދަބު، ބޮޑު ވަގަށް އިނާމު!
22 އެޕްރީލް 2025 - 12:50
ފިހާރައަކުން ދެ ފުޅި ބޮޑީ ސްޕްރޭ ވަގަށް ނެގި މީހަކު ތިން އަހަރާއި ހަމަހަށް ޖަލަށް ލީ އެވެ. ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހަކު ހަ އަހަރަށް ޖަލަށް ލާން ހުކުމް ކުރި ވާހަކައެވެ. ފިހާރައަކުން ވައްކަން ކުރަން އުޅުނު މީހެއްގެ ބޯ ބޭލީއެވެ. ވަގެއް ހިފަހައްޓައި އަނިޔާކުރީއެވެ. ދާދި ފަހުން ތިލަވިީ ކ. ހިންމަފުށީގައި ވައްކަން ކުރަން އުޅުނު މީހެއްގެ ގަޔަށް ކުލަ ފާޓާއެއް އޮއްސާލި ވާހަކައެވެ.
މި ވާހަކަތަކާ އެކު ވަރުގަދަ ބަހުސެއް ފެށެއެވެ. ވައްކަން ވާނީ ވައްކަމަށެވެ. އެ ކަމަށް އަދަބު ވެސް ދޭންޖެހެއެވެ. އެހެން ނަމަވެސް ބަހުސްކުރެވެނީ ކުދި ވައްކަންތަކަށް ނުވަތަ “ކުޑަ ވަގުންނަށް” ބޮޑު އަދަބު ދޭ މައްސަލާގައެވެ. އަދި ދައުލަތުގެ ފައިސާ އިން ބޮޑެތި ވައްކަންތައް ކުރާ މީހުންނާއި ތަފާތު ނުފޫޒުތައް ބޭނުންކޮށްގެން ނާޖާއިޒު ފައިދާތައް ހޯދާ މީހުން މިނިވަން ކަމާ އެކު އެއްވެސް ފިޔަވަޅެއް ނޭޅި ބޮޑެތި މަގާމުތަކުގައި ދެމި ތިބޭ ވާހަކައެވެ. އަދި ވައްކަމުގެ ތުހުމަތުކުރެވުމުން އެއް އިދާރާ އިން އަނެއް އިދާރާ އަށް ނުވަތަ އެއަށް ވުރެ ބޮޑު މަގާމަކަށް ބަދަލުކުރާ ވާހަކައެވެ. މިއީ މިހާރަ އެކަނި ހިނގާ ކަމެއް ނޫނެވެ. ހުރިހާ ސަރުކާރެއްގައި ވެސް މިކަން އޮތީ މިހެންނެވެ.
ހިޔާނާތުގެ ބޮޑެތި މައްސަލަތައް ނުބެލޭ
ރާއްޖޭގައި މިހާތަަށް ދައުލަތުގެ ތެރެއިން ހިންގި އެންމެ ބޮޑު އެއް ވައްކަމަކީ އެމްއެމްޕީއާރުސީ މެދުވެރިވެގެން ހިންގި ހިޔާނާތެވެ. ފަޅު ރަށްތަކާއި ފަޅުތަކާއި ފިނޮޅުތަކާއި ބިންތައް ވިއްކައިގެން ދައުލަތަށް ވަންނަންޖެހޭ އެތައް މިލިއަން ޑޮލަރެއް ވަނީ ގެއްލިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައި ދިޔަ މި ވައްކަމުގައި އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އަދަބު ލިބުނީ މަދު ބަޔަކަށެވެ. އަދި އަދަބު ލިބުނު މީހުން ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިނިވަން ވެއްޖެއެވެ. އެ ވައްކަމުން މުއްސަނދިވި މީހުން އެ މުއްސަނދިކަމުގައި އެބަ ތިއްބެވެ. ދައުލަތަށް ލޯ ލާރިއެއް ވެސް ނުދައްކައި ހޯދި ފަޅުތައް ހިއްކައިގެން ބައެއް މީހުން ރިސޯޓްތައް ހަދަފިއެވެ. ރަށްތައް ކުއްޔަށް ދީ އަދި ވިއްކައި މުއްސަނދި ވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރު އެކަންޏެއް ނޫނެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ހިޔާނާތުގެ ބޮޑެތި މައްސަލަތައް ފެންމަތިވިއެވެ. ނަމަވެސް ދެން އައި ސަރުކާރުން ވެސް އެކަން ނުބަލައެވެ. ރައީސް ޔާމީން ވެރިކަމަށް އައީ އެ މައްސަލަތައް ބައްލަވާނެ ކަމުގެ ވައުދަކާ އެކުގައެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ކުރިއަކަށް ނުދެއެވެ. އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ސަރުކާރުން ކުރި ވައްކަންތައް ބަލައި އެ ފައިސާ ދައުލަތަށް ހޯދައިދެއްވާނެ ކަމުގެ ވައުދަކާ އެކުގައެވެ. އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި ނަމަވެސް ލޯ ލާރި ވެސް ނުހޯދުނެވެ. އޭގެ ބަދަލުގައި އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހުނެވެ. ޝަރުއީ ދާއިރާ މެދުވެރިކޮށް އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއެވެ. ރައީސް ޔާމީނާއި އެ ސަރުކާރުގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީގެ މޭސްތިރިއެއްގެ ގޮތުގައި ތުހުމަތުކުރެވުނު އަހްމަދު އަދީބު އަތުން ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ ފިޔަވައި އިތުރު އެއްޗެއް ނުލިބުނެވެ.
ކޮވިޑްގެ ތެރޭގައި ވެންޓިލޭޓަރުތައް ގަތުމަށް އެޑްވާންސްކޮށް ދެއްކި ފައިސާގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުން ދައްކައެވެ. އެހެން ނަމަވެސް ސަރުކާރަށް ދޮޅު އަހަރު ވެގެން ދާއިރު ވެސް އެއިން މައްސަލައެއް ބެލުނު ކަމަކަށް ނުވިއެވެ. ކުރީގެ ސަރުކާރުން ދައުވާނުކުރަން ނިންމީ އެކަށީގެންވާ ހެކި ނެތިގެންނެވެ. ނަމަވެސް އެ ފައިސާ ހޯދޭނެ ގޮތެއް އޮންނަންވާނެތާއެވެ.
މި ސަރުކާރުގައި ވެސް ބޮޑެތި މައްސަލަތަކެއް
މި ސަރުކާރަށް ދެ އަަހަރު ނުވެއެވެ. ނަމަވެސް ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރެއިން ގަވާއިދާ ހިލާފަށް ގޯތިތަކެއް ވިއްކައިފިއެވެ. އެމްޑީއަކަށް ހުންނެވި ފަޒުލް ރަޝީދު މަގާމުން ދުރުކޮށް ބައެއް އެހެން އިސްވެރިންނަށް ފިޔަވަޅު އެޅިއެވެ. އެމްޑީ ދިރިއުޅުއްވާ ތަނުން މިލިއަނުން ނަގުދު ފައިސާ ފެނުނު ކަމަށް ބުންޏެވެ. ނަމަވެސް ފަހުން އެކަން ވެސް ބަދަލުވެގެން ދިޔައީއެވެ. އެ މައްސަލަ ވެސް އޮތީ އުމަގު ވެފައެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެރެއިން ތެލުން ވައްކަން ކުރި ކަމުގެ ތުހުމަތުކުރެވި އެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ. އެ ތުހަމަތާ އެކު އިސްތިއުފާ ދެއްވި އެމްޑީ އިސްމާއީލް ސުހައިލް އަށް ސަރުކާރުން ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފިއެވެ.
އިމިގްރޭޝަންގެ ތެރެއިން ހިޔާނާތުގެ މައްސަލަ ފެންމަތިވެ ވެރިއަކަށް ހުންނެވި ކޮންޓްރޯލާ ޝައްމާން ވަހީދު ހައްޔަރުކޮށް މައްސަލަ ނިމެންދެން ބަންދުކުރުމުން ވަރަށް ގިނަ ބަޔަކު އެކަން ފާހަގަކުރިއެވެ. ހާއްސަކޮށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބިފަރާތްތަކުން އެކަން ވަރަށް ޕްރޮމޯޓް އެބަ ކުރެއެވެ. އެހެން ނަމަވެސް ޝައްމާނު ހައްޔަރުކުރި އިރު މިފަދަ އެހެން މައްސަލަތަކުގައި އެގޮތަށް އަމަލުނުކުރެވެނީ ކީއްވެތޯ އިދިކޮޅު ފަރާތްތަކުން ސުވާލު ކުރެއެވެ.
މިފްކޯގެ ތެރޭގައި ވެސް ވައްކަމާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ ބަޔަކު ވަކިކުރި އެވެ. ނަމަވެސް ފަހުން އެ ފަރާތްތަކަށް ވެސް ވަޒީފާތައް ދީފިއެވެ. އެންމެ ފަހުން ތިލަވީ ގޭސް ކުންފުނީގެ ތެރޭގައި ވައްކަމުގެ ބޮޑެތި މައްސަލަތަކެއް އުޅެ ކަމެވެ. މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ މި ކަމުގެ ވަރަށް ތަފްސީލީ މައުލޫމާތު ދެއްވާފައެވެ. ގޭސް ގަތުމަށް އެޑްވާންސްކޮށް ދެއްކި ފައިސާ އާއި ގޭސް ވެސް އަނބުރާ ނުލިބިވާކަން ވަނީ ފަޅާ އަރާފައެވެ. ނަމަވެސް އެ ކުންފުނީގެ އެމްޑީ އަދިވެސް ހުންނެވީ މަގާމުގައެވެ. ކުރީގެ ސަރުކާރުތަކުގައި އެ ކުންފުނީގެ ވެރިންގެ ގޮތުގަައި ތިއްބެވި ވެރިންނަށް ވެސް މިފަދަ ތުހުމަތުތައް ކުރެވެއެވެ. ބައެއް ވެރިންގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ. ނަމަވެސް އިންސާފެއް ލިބޭނެ ދުވަހެއް ނޭނގެއެވެ. އަދި ދައުލަތުން ގެއްލުނު ފައިސާއެއް ލިބޭނެ ކަމަށް އުންމީދުކުރުމަކީ ވެސް މޮޔަކަމެކެވެ.
ޕޮލްކޯ އާއި ސިފްކޯގެ ފްލެޓްތައް އެޅުމުގެ ތެރެއިން ތުހުމަތުކުރެވޭ ވައްކަމުގެ މައްސަލައަކީ އެތައް ސަރުކާރުތަކަކަށް ދެމިގެން ގޮސްފައިވާ މައްސަލައެކެވެ. ނަމަވެސް އެކަން ބަލަން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރާ ތަނެއް ނުފެނެއެވެ.
އޭސީސީ ކޮބާ؟

ދައުލަތުގެ ފައިސާ އަށް ހިޔާނާތްވާ މީހުންގެ މައްސަަލަތައް ބެލުމަށް މިނިވަން މުއައްސަސާއެއް އޮވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޒިންމާއަކީ ދައުލަތުގެ ތެރޭގައި ހިންގާ މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމެވެ. އެފަދަ މުއައްސަސާއެއް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ވެސް ދައުލަތުގެ ތެރޭގައި ހިންގާ މިފަދަ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި އެކަންކަން ހުއްޓުވުމެވެ. އެހެން ނަމަވެސް ދައުލަތުގެ އިދާރާތަކުގެ ތެރެއިން އަދި ހާއްސަކޮށް މިނިވަން މުއައްސަސާތަކުގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވާ އެއް އިދާރާއަކީ އޭސީސީއެވެ. ދައުލަތުގެ ތެރޭގައި ބޮޑެތި ވައްކަންތައް ނުވަތަ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ހިންގާ އިރު އޭސީސީ އަބަދު ވެސް ފެންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއް ރުއްސުމަށް އުޅޭ ތަނެވެ.
ހިޔާނާތުގެ މައްސަލަތައް ފެންމަތިވުމާ އެކު އެ މައްސަލައެއް ބަލާ ކަމަށް އޭސީސީން ބުނެއެވެ. އެހެން ނަމަވެސް ތަހުގީގުކުރާ ތަނެއް ނުފެނެއެވެ. އަދި ނަތީޖާއެއް ނެރެވޭ ތަނެއް ވެސް ނުފެނެއެވެ. އޭގެ ބަދަލުގައި އެ އިރެއްގައި އޮންނަ ސަރުކާރަކުން ސިޔާސީ ބޭނުމަށް ހިންގާ ތަހުގީގުތައް ވަރަށް ހަލުވިކަމާ އެކު ހިންގާތަން ފެނެއެވެ. މިދިޔަ ސަރުކާރުގައި ވެސް އެކަން އޮތީ އެހެންނެވެ. މި ސަރުކާރުގައި ވެސް ކަން ހިނގަނީ އެ ގޮތަށެވެ. “ސިޔާސީ ކުލަ” ޖެހިފާ ތަހުގީގުތަކުގައި އޭސީސީން އުޅެނީ ވަރަށް އަވަދި ނެތިއެވެ. އެހެން ނަމަވެސް ނަތީޖާ ހަމަ ސުމެކެވެ.
ރިހާކުރި ފުޅި ވަގަށް ނަގައިގެންނާއި ބޮޑީ ސްޕްރޭ ފުޅި ވަގަށް ނަގައިގެން ވެސް އަދަބު ދޭންވީއެވެ. އެއީ ވެސް ވައްކަމެވެ. ނަމަވެސް ދައުލަތުގެ ތެރެއިން މިލިއަނުން ކުރާ ވައްކަންތަކަށް ވެސް އަދަބު ދެވެންޖެހެއެވެ. އެ ފައިސާ ދައުލަތަށް ހޯދެން ޖެހެއެވެ. އެހެން ނަމަވެސް މިހާތަނަށް އެކަން އޮތީ ނުވެއެވެ. ނުވަތަ ބަޔަކު އެކަމަކާ ނޫޅެއެވެ. އެއް ބަޔަކު އައިސް ކައިގެން ދިޔައިމާ އަނެއް ބަޔަކު އައިސް އަނެއްކާ ވެސް ކެވުނު ވަރަކަށް ކަނީއޭ ހީވާ ކަހަލައެވެ.
“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.