ރިޕޯޓް: ފުލުހުންގެ މުއައްސަސާއަށް 92 އަހަރު، ބޮޑުތަނުން އިތުބާރު ގެއްލިފައި!

25 އެޕްރީލް 2025 - 19:33

އެއްވެސް އިރެއްގައި އިތުބާރެއް ނެތް!

އިއްޔެއަކު މިއަދު ނޫނެވެ. މީގެ އެތައް އަހަރެއް ކުރީއްސުރެ ނުވަތަ ފެށުނީއްސުރެ ދިވެހި ފުލުހުންނާ މެދު އާންމު މީހާގެ ހިތުގައި ޝައްކާއި ވަހުމް އޮވެއެވެ. ސަބަބުތައް ބައިވަރެވެ. ވަކިވަކި ހާދިސާތައް ކިޔަންވެއްޖެ ނަމަ ކޮޅުން ނުލާނެއެވެ. ރާއްޖެ އަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފްވެގެން އައި އިރު ފުލުހުންގެ ތަސައްވުރާ ދޭތެރޭ ސުވާލު އުފެދޭނެ އެތައް ކަމެއް ހިނގާފައި ވެއެވެ. މައިގަނޑު އެއް ސަބަބަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ސިޔާސީ ބޭނުންތައް ފުއްދުމަށް ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާއި ސިފައިން ބޭނުންކޮށްފައި ވުމެވެ. މިއީ ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނެވެ. ފުލުހުންނާ މެދު ޝައްކުގެ ނަޒަރުން ދެކޭ ދެކުން ބަދަލުވާތަނެއް އަދި މަންޒަރެއް ނުފެނެއެވެ.
“ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ ހިދުމަތެއް ނޫން. ދިވެހި ފުލުހުންނަކީ އަނިޔާވެރިވާނެ ބައެއް ނޫން،”  ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ޓްރެކް ދަނޑުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިއެވެ. 

އެހެން ނަމަވެސް މާޒީ އޮތީ ކޮމިޝަނަރު އެ ވިދާޅުވާ ގޮތަކަށް ނޫނެވެ. ސިޔާސީ ފަރާތްތަކުން އަދި ސަރުކާރުކާރުތަކުން ފުލުހުން ހިދުމަތް އާންމު މީހާ އަށް ދައްކައިދީފައި އޮތީ އެ މަގަކުން ވެސް ނޫނެވެ. އޭގެ ބަދަލުގައި އެ އިރެއްގައި އޮންނަ ސަރުކާރުން ވެސް އަދި އިދިކޮޅު ފަރާތްތަކުން ވެސް ފުލުހުންނާއި ސިފައިންގެ ހިދުމަތް ސިފަކޮށްދިނީ ރައްޔިތުންނަށް އަނިޔާވެރިވާ ބައެއްގެ ގޮތުގައެވެ. ޖަލުތަކުގައި މީހުންނަށް ކުރި އަނިޔާގެ ހާދިސާތަކުގެ ވާހަކަތައް އަދިވެސް ކަންފަތުގައި ހަރުލާފައި އެ ހުރީއެވެ. މިއަދުގެ “ޖެން ޒީ” ނުވަތަ ޒުވާން ޖީލަށް ފަހަރުގައި ނޭނގިފައި އޮތް ނަމަވެސް އީވާން ންސީމްގެ މަރުގެ މައްސަލައާ ބެހޭ ކޮންމެ ފޮޅުވަތަކުން އެނގިގެން ދަނީ ސަލާމަތީ ހިދުމަތްތަކުގެ އަނިޔާވެރިކަމެވެ. މާލޭގައި ކުރި ބޮޑެތި މުޒާހަރާތަކުގެ މަންޒަރުތައް ބަލައިލުމުން ފެންނަނީ އެ ކަމެވެ. 

advertisement
advertisement
advertisement
advertisement

ރިޓަޔަޑް ކާނަލް އަހްމަދު ނާޒިމްގެ ބޯލާ ބާލިސް ދޮށުން ފިސްތޯލަ ފެނުނު ހާދިސާ އާއި ބަޑި ގުދަނުގެ ތަޅުދަނޑި އާއި ހިބަޅިދޫގެ މައްސަލަ އާއި ފެބްރުއަރީ 7 ފަދަ ކަންކަމަކީ ސަލާމަތީ ހިދުމަތްތަކުގެ މާޒީގައި ޖެހިފައި ހުރި ބޮޑެތި ލައްގަނޑުތަކެވެ. މިތަނުގައި އެ ކަންކަމުގެ ތަފްސީލްތައް ނުހިމެނި ކަމުގައި ވިޔަސް އިންޓަނެޓާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގަ އާއި ބައެއް ފޮތްފޮތުގައި އެ ވާހަކަތައް އެ ހުރީ ރައްކާކުރެވިފައެވެ.

ތަފާތުރުކުން ބޮޑު!

މިއަދު ފެންމަތިވެގެން މިއުޅޭ މައްސަލާގައި ވެސް ފުލުހުންނާ ދެކޮޅަށް ޒުވާނުންނާއި އާންމުން އަޑު އުފުލަންޖެހުނީ ކުރިން ވެސް މި ފާހަގަކުރި ކަންކަމުގެ އަސްލު އެ ގޮތުގައި ފުލުހުންގެ ތެރޭގައި ދެމި އޮތީމައެވެ. ފުލުހުންނަށް އިތުބާރު ނެތީ ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އެ އިރެއްގައި އޮންނަ ވެރިކަމެއްގެ ދިފާއުގައި ނުވަތަ ވެރިންގެ ދިފާއުގައި މަސައްކަތްކުރާ މިންވަރު ބޮޑުވުމުންނެވެ. އޭރު ވެސް މިހާރު ވެސް އެކަން އޮތީ އެހެންނެވެ. 

ހެންވޭރު ގެއެއްގެ ފެންލައިޓަކުން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލުކުރި ގޮތުން ފުލުހުންނާ ދެކޮޅަށް އެތައް ހާސް ޒުވާނުންނެއް ކޮންމެ ރެއަކު އެ ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ މައުލޫމާތު ހާމަކޮށްފައި އެ ހާދިސާގައި ތުހުމަތުކުރެވޭ މީހުން ހިމާޔަތްކުރަން މަސައްކަތް ކުރިކަން އެއީ ހާމަވާން އޮތް ހަގީގަތެކެވެ. އަނިޔާ ލިބުނު އަންހެން ކުއްޖާގެ ވަނަވަރު ބުނެފައި އެ ކަމުގައި ދެން ހިމެނޭ މީހުންގެ ނަންތައް ސިއްރުކުރުމުން ވެސް މި މައްސަލާގައި އިންސާފު ލިބިދާނެ ކަމާ މެދު ޝައކު އުފެދުނެވެ. އާންމު ގޮތެއްގައި ކުދިކުދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ އާއި ވަނަވަރު ވެސް މީގެ ކުރިން އާންމުކޮށްފައި އެބަ ހުއްޓެވެ. އަދި އަނިޔާ ލިބޭ ކުޑަކުދިންނާއި އަންހެނުންގެ ވަނަވަރު ސިއްރުކޮށްފައި ވެސް އެބަ ހުއްޓެވެ.  ސުވާލަކީ ފުލުހުން މި މައްސަލާގައި ތަފާތު  ގޮތަށް އަމަލުކުރީ ކީއްވެ ހެއްޔެވެ؟

ހުކުރު ދުވަހުގެ ރޭ ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން މައްސަލަ އިތުރަށް ގޯސްވެއްޖެއެވެ. އެ ކަމާ ގުޅޭ ވީޑިއޯތައް އެންމެ ފުަރަތަމަ ފުލުހުން ދެއްކީ ފޯނާއި ރެކޯޑްކުރެވޭނެ އެއްވެސް އާލަތެއް ނުވައްދައި ހަމައެކަނި ނޫސްވެރިންނަށެވެ. އެ ދުވަހު އާންމުކުރީ އަންހެން ކުއްޖާގެ ނަން އެކަންޏެވެ. ނަމަވެސް އެ މައްސަލާގައި ދައުލަތުގެ ސިޔާސީ މަގާމުތަކެއްގައި ތިބި ޒުވާނުންތަކަކާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ އާއިލީ ގުޅުން ހުރި ފަރާތްތަކެއް ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި އޭރު ވެސް ދިޔާއީ ވާހަކަ ދެކެވެމުންނެވެ. އަދި އެ ރޭ އެ ޒުވާނުން ޕާޓީކުރީ އަމީން އާއި އަމީންގެ އާއިލީ ބޭފުޅުން ދިރިއުޅުއްވާ ގޭގައި ކަމަށް ދިޔައީ ވާހަކަ ދެކެވެމުންނެވެ.

ސިޔާސީ ނުފޫޒު!

މި ވާހަކަތަކުގެ އަޑު ގަދަވެ ޒުވާނުން މުޒާހަރާ އާށް ނުކުތުމުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ އެކު މި ކަންކަން ކަށަވަރުވެގެން ދިޔައެވެ. އަންހެން ކުއްޖާއާ އެކު އެ ދުވަހު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، އަކީ އަމީން އަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އެ ނޫސްވެރިންގެ ބަދަލުވުމުގައި ވެސް ފުލުހުން ކަންކަން އޮޅުވާލުމަށް މަސައްކަތްކުރިއެވެ. އެހެންކަމުން މި ތަހުގީގު އިންސާފުވެރިވާނެ ކަމާ މެދު ގިނަ ބަޔަކު މިހާރު ވެސް ޝައްކު ކުރެއެވެ.

އެ ރޭ ޕާޓީކުރުމުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއްގައި ތިބި ބަޔަކު ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އިރު އެ މީހުންނާ މެދު ސަރުކާރުން ފިޔަވަޅު އެޅީ ވެސް ހަފުތާއެއްހާ ދުވަސް ފަހުން ބުރާސް ފަތި ދުވަހު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ބައެއް މީހުން ސިޔާސީ މަގާމުތަކުން ވަކިކޮށް ބައެއް މީހުން މުސާރަ ނުލިބޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފައެވެ. އަންހެން ކުއްޖާއާ އެކު އެ ދުވަހު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރުކޮށްފައި ވަނީ ވެސް ކޯޓު އަމުރެއްގެ ދަށުން އިއްޔެއެވެ. އަންހެން ކުއްޖާ ފެނުނު ދުވަހު ފުލުހުން އޭނާގެ ބަޔާން ނަގައި ޓެސްޓްތައް ހެދި އިރު މަސްތުވާތަކެއްޗަށް ޕޮސިޓިވް ވިއެވެ. އެހެން ނަމަވެސް އޭނާ ދޫކޮށްލީއެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުންނަ މީހަކު ޕޮސިޓިވް ވީ ނަމަވެސް އޭނާގެ އަތުން މަސްތުވާތަކެތި ނުފެންނަ ނަމަ ހައްޔަރުކުރުމަކީ އޮންނަ އުސޫލު ނޫން ކަމަށެވެ. ނަމަވެސް ފަހުން ރައުދު ހައްޔަރުކުރަން ކޯޓު އަމުރެއް ހޯދީ އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުންޏެވެ،

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންެގ ބައްދަލުވުމުގައި ކޮމިޝަނަރު ޝުޖާއު ވިދާޅުވީ އަނިޔާ ލިބުނު އަންހެން ކުއްޖާގެ ނަން ފުރަތަމަ ހާމަކުރެވުނީ އޮޅުމަކުން ކަމަށެވެ. އެއީ އުސޫލު ހަމަޖެހިފައި އޮތް ގޮތް ނޫން ކަމަށް އެއްބަސްވެ ވަޑައިގަތެވެ. ފުލުހުން ބުނީ ވީޑިއޯތަކާއި ތުހުމަތުކުރެވޭ މީހުންގެ ތަފްސީލް ހާމަކުރަންޖެހުނީ އާންމުންގެ ޕްރެސަރު ބޮޑުވެގެން ކަމަށެވެ. 
ފުލުހުން ދެން އެންމެ ބޮޑަށް މަސައްކަތްކުރީ މި މައްސަލާގައި އެއްވެސް ނުފޫޒެއް ނެތް ކަން ދެއްކުމަށެވެ. ނަމަވެސް ނުފޫޒެއް ނެތް އިރު ތުހުމަތުކުރެވޭ ތަންތަން އެ ދުވަހު ބަލައި ފާސްނުކުރީ ކީއްވެ ހެއްޔެވެ؟ އެއީ ވަޒީރެއްގެ ގެއަކަށްވާތީ ހެއްޔެވެ؟ ފުލުހުންގެ ޖަވާބެއްގެ ގޮތުގައި ފުލުހުން ދެއްކީ އޮންނަ އުސޫލުގެ ވާހަކައެވެ. ސިޔާސީ ނުފޫޒެއް ނެތް ކަމަށް ޝުޖާއު ވިދާޅުވުމުން އެ މައްސަލާގައި މިނިސްޓަރު އަމީން ގުޅުއްވިތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރިއެވެ. އެކަމަށް ފުލުހުން ދެކޮޅު ހެދި ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އިންނަވަނިކޮށް ވެސް އަމީން ގުޅުއްވި ކަމަށް ތުހުމަތުކުރެވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ސެކިއުރިޓީ ފޫޓޭޖް ދައްކަމުން ދަނިކޮށް ލައިވްގެ 31:20 ވަނަ ސިކުންތުގައި މީހަކު ވައި އަޑުން “”މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް” ބުނާ އަޑު އިވެއެވެ. އޭރު ފޯނުގެ ވައިބްރޭޝަންގެ އަޑު ވެސް އިވެއެވެ. އަޑު ނަގާފައި ހުރީ ޕްރެސް ދޭން ތިބި ފުލުހުން ވާހަކަ ދައްކަން ޖަހާފައި ހުރި މައިކުންނެވެ.

މި ފަހަރު ވެސް އޮޅުވާލުންތަކެއް!

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދިން ބައެއް މައުލޫމާތު ވެސް ދިމާ ނުވެއެވެ. އެ ގޮތުން ހ. ފެންޓެނޯއީގޭގައި ކެމެރާ ހަރުކޮށްފައި ހުރި ކަމަށް ފުލުހުން ބުނި ފަންގިފިލާތައް ވެސް ދިމައެއް ނުވެއެވެ. ފޫޓޭޖް ދައްކަމުން ފުލުހުން ބުނެފައި ވަނީ ކެމެރާ ހުރީ ހަތް ވަނަ އަދި އަށް ވަނަ ފަންގިފިލާގައި ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ދައްކާފައި ވަނީ ހަތް ވަނަ އަދި ނުވަ ވަނަ ފަންގިފިލާގައި ހުރި ކެމެރާތަކެއްގެ ފޫޓޭޖެވެ. އަށް ވަނަ ފަންގިފިލާގައި ކެމެރާއެއް ނެތެވެ. ނަމަވެސް މީގެ ކުރިން ފުލުހުން ތަކުރާރުކޮށް ބުނެފައި ވަނީ ކެމެރާ ނެތީ ނުވަ ވަނަ ފަންގިފިލާގައި ކަމަށެވެ. 

ނޫސްވެރިންގެ ބައްދަލުވުން ފަށަމުން ފުލުހުން ބުނެފައި ވަނީ ހާދިސާ ހިނގި ގެއަށް ބައެއް ނޫސްވެރިން ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ފަހުން ބުނީ އެ ގޭގެ ވެރިން އެ ކަމަށް ހުއްދަ ނުދިން ކަމަށެވެ. އެހެން ނަމަވެސް އިއްޔެ އާއި ރޭގެ ވަގުތުތަކުގައި ވެސް އެތައް ނޫސްވެރިއަކު އެ ގެއަށް ވަދެ ފޮޓޯ އާއި ވީޑިއޯ ނަގައި މައުލޫމާތު ހޯދާފައިވެއެވެ. އަދި އެ ގޭގެ ވެރިންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނީ ނޫސްވެރިން ވަނުމުގެ ހުއްދަ ފުލުހުން ނުހޯދާ ކަމަށާއި އެކަން މަނާ ނުކުރާ ކަމަށެވެ.

މި ފަހަރުގެ ހާދިސާ އިން ވެސް ޝައްކުކުރެވޭ އެތައް ކަމެއް މި ވަނީ ފެންމަތިވެފައެވެ. ފުލިުހުންނަށް ޒަމާނުއްސުރެ ކުރެވެމުން ދާއ ތުހުމަތަކަށް އަނެއްކާ ވެސް ބާރު ލިބޭ އެތައް ކަމެއް މި ވަނީ ތިލަވެފައެވެ. މި ފަހަރު ވެސް “ބޮޑުން”ގެ ހިމާޔަތުގައި ނުވަތަ ވަކި ބަޔަކު ހިމާޔަތްކުރަން ފުލުހުން މަސައްކަތްކުރާ ކަމުގެ ޝައްކު މި ވަނީ ބޮޑުވެފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތައް ގިނަ

އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމުގައި ވެސް ސަލާމަތީ ހިދުމަތްތަކުގެ ދައުރު ބޮޑެވެ. އޭރު އިދިކޮޅު ޑީއާރުޕީން ކުރަމުން ދިޔަ މުޒާހަރާތަކަށް ފުލުހުންގެ ތެރެއިން ބަޔަކު ވާގިވެރިވާ ކަމަށް އޭރު ވެސް އާޑު ފެތުރުނެވެ. އަދި ފުލުހުންނާއި ސިފައިންގެ ބައެއް ފަރާތްތަކަށް އިދިކޮޅުން ފައިސާ ދިންކަމުގެ ތުހުމަތުތައް ކުރެވުނެވެ. އެ ތުހުމަތުތައް އެ ގޮތުގައި އޮއްވައި 7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ފުލުހުންނާއި ސިފައިން ވެސް ވެރިކަމާ ދެކޮޅަށް މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގުމެވެ. 

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެކި ބަދަލުކުރުމާއި އެފަދަ ފަރާތްތަކާ ފުލުހުންނާ ގުޅުންތައް އޮންނަކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ. ދެކެވޭ ވާހަކަތަކަށް ބާރު ލިބެނީ އެފަދަ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ އިހްމާލުން ސަލާމަތްވާ މީހުން ގިނަވުމެވެ.

ފުލުހުންނަށް ހާއްސަކޮށްގެން ފްލެޓްތައް އެޅުމުގައި ވެސް އޮތީ ކޮރަޕްޝަނެވެ. އޮޑިޓް ރިޕޯޓްތަކުން އެކަންކަން ފެންނަން އެ ހުރީއެވެ. މަޖިލީހުން އެ ދަނީ މައްސަލަ ބަލަމުންނެވެ. ދިހަވަރަކަށް އަހަރަށް ދެމިގެން ދިޔަ މަޝްރޫއުގެ ތެރެއިން އެއްބަޔަކު ބިމާއި ފްލެޓާއި އަގު ބޮޑު މުދާ ގަނެފައިވާކަން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. މުޅި މަޝްރޫއަށް ހޭދަކުރި މިންވަރު އަސްލު އަގަށް ވުރެ 300 އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރު ކަމަށް މަޖިލީހުގެ ހޯދުންތަކުން ދައްކައެވެ. އެ ފަރާތްތަކުގެ އަތުން އެ ބިންތަކާއި ފްލެޓްތައް އަދި ފައިސާތައް ދައުލަތަށް ނެގުމަށް އެންގުމަށް މަޖިލީހުގެ ރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.

ސިޔާސީ މީހުން ވެސް އިތުބާރެއް ނުކުރޭ!


މަގުތަކަށް އެއްވެސް ޒުވާނުން ގޮވަމުން އެ ދަނީ މީގެ ކުރިން އެ އިރެއްގައި އިދިކޮޅުގައި އޮންނަ ސިޔާސީ ފަރާތްތަކުން ވެސް ހަމަ ގޮވަމުން ދިޔަ ވާހަކަތެކެވެ. އެމްޑީޕީން އިދިކޮޅުގައި އޮތް އިރު އަދި މިހާރު ވެސް ގޮވަމުން ދަނީ އިންސާފު ގާއިމުކުރުމަށެވެ. ނުފޫޒުން އެއްކިބާ ވުމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮތް އިރު އިދިކޮޅުގައި އޮތް ޕީޕީއެމް އާއި ޕީއެންސީ އަދި މިހާރު ވެރިންނަށް ތިބި ބޭފުޅުން ވެސް ގޮވަމުން ދިޔައީ ހަމަ އެ ވާހަކަތަކެވެ. ފުލުހުންގެ މުއައްސަސާ މިނިވަންކުރުމަށެވެ. އޭރު ހުންނެވި ޕޮލިސް ކިމިޝަނަރު އިސްތިއުފާ ދެއްވުމަށެވެ. ޒުވާނުން މިހާރު ގޮވަނީ މިހާރު ހުންނެވި ޕޮލިސް ކޮމނިޝަނަރުޝުޖާއުގެ އިސްތިއުފާ އަށެވެ.

ދިވެހި ފުލުހުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށް ކިތަންމެ އަޑަށް ބާރުލައްވާފައި ކޮމިޝަނަރު ވިދާޅުވި ނަމަވެސް މާޒީން ފެންނަނީ އެހެން މަންޒަރެކެވެ. ދިވެހި ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކުގެ ވާހަކަ އެތައް ބަޔަކު ދައްކައެވެ. އަދި އިންސާފަށް އުންމީދުކުރާ މީހުން މަދެވެ. ތަހުގީގުތަކާ މެދު ސުވާލު އުފައްދާ މީހުން ގިނަ އެވެ. ހާއްސަކޮށް ސިޔާސީ ކަމަކާ ނުވަތަ ސިޔާސީ މީހަކާ ގުޅޭ މައްސަލައެއް ނަމަ ފުލުހުންނަށް ކުޑަ ނަމަވެސް އިތުބާރެއް ނުކުރަނީ އެވެ. 

“ފުލުހުންގެ މުއައްސަސާ އަކީ ވަރަށް ގިނައިން އަނިޔާވެރިވި ބައެއް. އެއްވެސް ދައުރެއްގަ ފުލުސް އޮފީހަަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނެ. އަދިވެސް އެއީ އެ އިތުބާރު ނެތް މުއައްސަސާ. އަނިޔާއަކީ ހަމަ އެކަނި މުގުރުން ވާ އެއްޗެއް ނޫން. އިތުބާރު ހިފޭ އިންސާފުވެރި ފުލުސް އޮފީހެއް ބިނާ ނުކުރެވެންޏާ އެއީވެސް އަނިޔާ. ކޮންމެ ރަަށެއްގަ ފުލުސް އޮފީހެއް އެޅުމަށް ވުރެ އެ މަސައްކަތް މާ މުހިންމު،” ކުރިން އެމްޑީޕީ އެކްޓިވިސްޓެއްގެ ގޮތުގައި ހުރި އަދި މިހާރު މި ސަރުކާރު ޕްރޮމޯޓްކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރާ ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް) ސޯޝަލް މީޑިއާ އަށް ދޫކޮށްލި މެސެޖެއްގައި ބުނެފައި ވެއެވެ.

ތާރީހީ ގިނަ ލިޔުންތަކެއް ލިޔެފައިވާ ލިޔުންތެރިޔާ ބުނެފައި ވަނީ “އެ މަސައްކަތް ނުކުރެވުމުން އޭގެން އަނިޔާ ވަނީ އެންމެ އާންމު މީހާއަށް،” ލިބިފައި ކަމަށެވެ

“އާންމު މީހާއަށް އިންސާފު ނުލިބުމާއި ބޭއިންސާފުގެ ދިގު ޒަމާންތައް ރައްޔިތުން ދެކެން ޖެހިފައިވުން.ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާ ދެ މުއައްސަސާއިން އެއް ތަނަކީ ފުލުސް އޮފީސް. އެންމެ އިތުބާރު ކުޑަ ތަނަކީ ވެސް ފުލުސް އޮފީސް. ރަނގަޅު ނުކުރެވޭ ނަމަ ތަން އުވާލުން ދައުލަތަށް ލުއިވާނެ،”ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް)

ދިވެހި ފުލުހުންނަށް އަދި ސަލާމަތީ ހިދުމަތް ދޭ ތަންތަނާ މެދު ކުޑަ ވެސް އިތުބާރެއް ނުކުރަނީ ހަމައެކަނި މުޒާހަރާގައި އެ ތިބި ޒުވާނުން އެކަންޏެއް ނޫނެވެ. ސިޔާސީ ފަރާތްތަކަށް ވެސް އެއީ ފަސޭހަ ކަމެއް ނޫނެވެ. އިދިކޮޅުގައި ތިބި މީހުން ވިޔަސް އަދި ސަރުކާރު ހިންގަން ތިބި މީހުން ވިޔަސް އެކަން އޮތީ އެހެންނެވެ. ސަބަބަކީ މިހާރު އިދިކޮޅުގައި ތިބެގެން ދެއްކި ވާހަކަ މިހާރު ސަރުކާރު ހިންގަން ތިބި މީހުން އޭރު އިދިކޮޅުގައި ތިބެގެން ދެއްކި ކަމެވެ. ބަދަލުވީ ފުލުހުންގެ ވެރިންނެވެ. ހިދުމަތުގެ ތެރޭގައި އޮތް ކަންކަން އަދިވެސް އެ ގޮތުގައި އެބަ އޮތެވެ. ސިޔާސީ ނުފޫޒު ކެނޑިގެން ނުދެއެވެ. ރައްޔިތުންގެ އިތުބާރެއް ނުހޯދުނެވެ. 

ރިއެކްޝަންސް
0
0
0
0
4
0
2