
ތާރީހުގެ ތެރެއިން: ދާހިލީ މިނިވަންކަމަށް 77 އަހަރު!
28 އެޕްރީލް 2025 - 11:39
ބޮޑު ހުޅުގެ ވާހަކަ
ތާރީހީ ފަތްފުށްތައް އުކާލުމުން ފެންނަން އޮތް ހަގީގަތަކީ ދިވެހިންގެ މިނިވަންކަން ގެއްލުމުގައި އަމިއްލަ އެދުން ބޮޑު ދިވެހިންގެ ބައެއްގެ ބައިވެރިވުން އަބަދު ވެސް އޮތް ކަމެވެ. ރާއްޖެ އަށް އިނގިރޭސިން އަތްގަދަކުރުމުގައި ވެސް ބައެއްގެ އަމިއްލަ އެދުން ހިމެނެއެވެ. އަދި ރާއްޖޭގެ ނުފުޒު ގަދަ ފަރާތްތަކުގެ މެދުގައި އޮތް ދާހިލީ “ހަމަނުޖެހުން” އެއީ އިނގިރޭސި އިސްތިއުމާރުން ފައިދާ ނެގި ސަބަބެވެ.
އިލްމުވެރިންގެ ލިޔުންތަކުން އެނގޭ ގޮތުގައި އިނގިރޭސިން ރާއްޖެއަށް ވެރިވެގަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ 1800ގެ އަހަރުތަކުގެ ތެރޭގައި ހިނގައިދިޔަ ދާހިލީ ހަމަނުޖެހުންތަކެވެ. ހާއްސަކޮށް ނުފޫޒު ގަދަ ދެ އާއިލާ ކަމަށްވާ ކަކާގެ އާއިލާ އާއި އަތިރީގެ އާއިލާއާ ދެމެދު އޮތް ހަމަނުޖެހުމެވެ. ހަމަނުޖެހުމުގެ އަސްލަކަށް އޮތީ ވެރިކަމުގެ ތެރޭގައި ބާރާއި ނުފޫޒަށް އޮތް ދަހިވެތިކަމެވެ. އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ރަސްގެފާނާ އަރިސްވުމަށް ބޭނުންވުމެވެ. އަދި ބޮޑުވަޒީރުކަން ބޭނުން ވުމެވެ.
ބުނެވޭ ގޮތުގައި މި ހަމަނުޖެހުންތަކުގެ ތެރެއިން މާލޭގައި ވިޔަފާރިވެރިންގެ ފިހާރަތަކާއި ބައެއް ގެތަކުގައި ހުޅުޖަހާފައި ވެސް ވެއެވެ. ހަމަ ކުއްލިއަކަށް ތަންތަނުގައި ރޯވަނީއެވެ. ބޮޑު ހުޅުގެ ފަހަތުގައި އޮތީ ނުބައި ރޭވުމެކެވެ. ބައެއް މީހުން ސިފާކުރާ ގޮތުގައި ހުޅުޖަހަނީ މީހާ ކަސްފުވާ ގޮތަށް ސިހުރު ހަދައިގެން ތިބެއެވެ. ނަމަވެސް ތުހުމަތުގައި ކުރީގެ ބޮޑުވަޒީރު އަތިރީގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހިފާ ހައްޔަރުކޮށް އަދަބު ދެވުނެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާފާފުޅެވެ.
އިނގިރޭސިންގެ ރޭވުން

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަރުވާލެވުމާ އެކު އޭނާގެ އާއިލާ އިން އެކަމާ ދެކޮޅަށް މަސައްކަތް ފެށިއެވެ. ދަރިކަލުން އަހްމަދު ދޮށިމޭނާ ކިލެގެފާނު ސިލޯނަށް ވަޑައިގެން އިނގިރޭސިންގެ އަރިހުން އެހީތެރިކަމަށް އެދުނެވެ. ވޯރާ ވިޔަފާރިވެރިންނަށް ރައްކާތެރިކަން ނެތް ކަމަށާއި ރާއްޖޭގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް މައުލޫމާތު ދީ އިނގިރޭސިންގެ ބޮލަށް ސަވާރުވިއެވެ. އިނގިރޭސިން ވެސް ތިބީ ފުރުސަތަކަށް ބަލަބަލައެވެ.
ދުވަސްވަރަކީ އިސްތިއުމާރުންގެ ދުވަސްވަރެވެ. އަވަށްޓެރި ގައުމުތައް އޮތީ އިނގިރޭސިންގެ އަތްދަށުގައެވެ. ވޯރާ ވިޔަފާރިވެރިންނަށް ހިމާޔަތް ދެމުން އައީ ވެސް އިނގިރޭސިންނެވެ. އެހެންކަމުން މި ވާހަކަތަކާ އެކު ރާއްޖެ އިސްތިއުމާރުކުރުމަށް މިއީ ރަނގަޅު ދަނޑިވަޅެއް ކަމަށް ބަލައި އެ މަސައްކަތް އިނގިރޭސިން ފެށީއެވެ. ރާއްޖޭގެ ހަމަނުޖެހުންތައް ބަލަން ކަމަށް ބުނެ 26 އޮކްޓޫބަރު 1987ގައި އިނގިރޭސިންގެ މަނަވަރެއް ރާއްޖޭގައި ބަނދަރު ކުރިއެވެ. އޭރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހުންނެވީ އައްޑޫ އަށް އަރުވާލެވިފައެވެ. އިނގިރޭސިން ގަބޫލުކުރީ އެއް މައްސަލާގައި ހިމެނޭ މީހުންނަށް އަދަބު ދިނީ ތަހުގީގުކުރުމެއް ނެތި ކަމެވެ. އެހެންކަމުން އެ ފަރާތްތައް މިނިވަންކޮށް މާލެ ގެނައުމަށް އިނގިރޭސި ބާރު އެޅިއެވެ. އަދި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މާލެ ގެންނަވައި އަދި ފަހުން ލަންކާ އަށް ގެންދިޔައީއެވެ. އިނގިރޭސިން އޭރު އޮތީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް ބޮޑުވަޒީރުކަން ދިނުމަށް ރައްދުންނަށް ހުށަހަޅާފައެވެ.
އިނގިރޭސިންގެ ހިމާޔަތަށް ދިއުން

“ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ އަޅުވެތި ޙިމާޔަތުގެ ދަށަށް ގެންދިޔައީ މީލާދީން 1887ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) އާއި، އިނގިރޭސީންގެ ރާނީގެ ފަރާތްޕުޅުން އެއިރު ސްރީލަންކާގައި ހުންނެވި ގަވަރުނަރު ސަރ އޭ.އެޗް ގޯރޑްން އާ ދެމެދު “ބަދަލުކުރެވުނު” ކަމަށް ބުނާ ދެ ސިޓީފުޅަކުންނެވެ. މިއީ އެއްގޮތަކަށް ވެސް އެތަނެއްގައި ތިއްބަވައިގެން ދެ ޤައުމުގެ ވެރިން ކުރެއްވި އެގްރިމެންޓެއް ނޫނެވެ. ބޭރަށް ދައްކަން އިނގިރޭސީން މަސައްކަތްކުރީ ރާއްޖޭގެ ރަދުން އެދިވަޑައިގެން ސިޓީފުޅެއް އިނގިރޭސި ގަވަރުނަރަށް ފޮނުއްވީމާ ދިވެހިނަށް އިނގިރޭސީން ދޭ ހިމާޔަތެއްގެ ގޮތުގައެވެ. އެއީ އިނގިރޭސީން މިކަން ފަރުމާކޮށް ދައްކައިދީފައިވާގޮތެވެ. ރަސްމީ ލިޔެކިޔުން އުފައްދައި ކަންކޮށްފައިވާ ހީލަތްތެރި ގޮތެވެ.،” ތާރީހް ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދުﷲ ސައީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައި ވެއެވެ.
އެހާތަނާ ހަމައަށް އިނގިރޭސިންގެ ހިމާޔަތް ބޭނުންވެގެން ދިވެހިން މަސައްކަތް ކުރިކަމެއް ނުވަތަ އެ ފަދަ ކަމަކަށް ރަސްމީ ހައިސިއްޔަތަކުން އެދުނު ކަމެއް ވެސް އެނގޭކަށް ނެތް ކަމަށް ތާރީހް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އަބްދުﷲ ސައީދު އިތުރު ތަފްސީލް ލިޔުއްވާފައި ވެއެވެ.
“ދެވަނަ ފަހަރަށް އިނގިރޭސީން ރާއްޖެއައީ ކޮންމެ ގޮތަކުން ނަމަވެސް ރަދުންގެ ނަންފުޅުގައި އެ މީހުން ބޭނުންވާގޮތަށް ސިޓީއެއް ހޯދުމަށް ނިންމައިގެންނެވެ. މިކަން ހިނގާދިޔަގޮތް ވެސް އިނގިރޭސީންގެ ސިޓީއަކުން ފެންނަން އެބައޮތެވެ. އެކަމަކު އެސިޓީ ވިދާޅުވާއިރު އެއީ އިނގިރޭސީން ލިޔެފައިވާ ސިޓީއެއްކަން ހަނދުމަފުޅު ބަހައްޓަވަން ޖެހޭނެއެވެ. މި ދަންނަވާ ސިޓީއަކީ 1887 ޑިސެންބަރު 14 ވަނަ ދުވަހު ރާއްޖެއަށް އައި އެޗްއެމްއެސް އަލްޖެރީންގައި ރާއްޖެއައި ސްރީލަންކާގައި ހުންނަ އިނގިރޭސި ގަވަރުނަރުގެ އޭޑީސީ ލެފްޓިނަންޓް އަލްފްރެޑް ސީ. ކްރިސްޓޮފާ 22 ޑިސެންބަރު 1887 ގައި ގަވަރުނަރަށް ފޮނުވި ސިޓީއެކެވެ. މި ސިޓީއަކީ ރަދުންނާއި ރަސްކަމުގެ ބޮޑުން ދެނެވަޑައިނުގަންނަވާ ބަހަކު ލިޔެގެން ގެނައި ސިޓީއެއްގައި ގަދަބާރުން ބިރު ދައްކައިގެން ސޮއިކުރުވައި އެ ސިޓީ ހީރަސްކޮށް ގަވަރުނަރަށް ފޮނުވި ސިޓީއެވެ.
އެ ސިޓީން އެނގޭ ގޮތުގައި އޭގެ ކުރިން އިނގިރޭސި އެޑްމިރަލް ސަރ އެފް. ރިޗަޑްސް ރާއްޖެއަށް ވަޑައިގެންނެވިއެވެ. އެފަހަރު އިނގިރޭސިން ލިޔެގެން ގެނައި ސިޓީގެ ޑްރާފުޓްގައި ރަސްގެފާނު ލައްވައި ސޮއި ނުކުރެވުނުކަން އެ ސިޓީން އެނގެއެވެ. ކްރިސްޓޮފާ ލިޔުއްފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގެންނެވި ދުވަސްކަމުގައިވާ 1887 ޑިސެންބަރު 14 ވަނަ ދުވަހުގެ ހަވީރު އިނގިރޭސި ގަވަރުނަރުގެ ސިޓީފުޅު ރަދުންނަށް ރައްދުކުރެއްވިއެވެ. އަދި އެ ސިޓީގެ ޖަވާބު ރަސްގެފާނު ދެއްވީ 17 ޑިސެންބަރު 1887 ގައެވެ. ކްރިސްޓޮފާ ލިޔުއްވާފައިވާގޮތުގައި ރަދުންނާއި ވަޒީރުންނަކީ ލިޔަންކިޔަން ދަންނަބައެއް ނޫނެވެ. އެހެން ވިދާޅުވެފައި ކްރިސްޓޮފާ ލިޔުއްވަނީ ރަދުން ސިޓީ ލިޔުއްވާފައި ވަނީ ކުރިއާ ޚިލާފަށް އިނގިރޭސި ބަހުން ކަމަށެވެ. ކުރިން ދިވެހި ދައުލަތުން ސިޓީ ލިޔަމުން ގެންދިޔަ ފަދައިން ޢަރަބި ބަހުން ނޫން ކަމަށެވެ. ކިހާ ހެއްވާތޯއެވެ. މި ވާހަކަފުޅު ދެކޮޅު ޖެހޭތޯއެވެ. ލިޔަންކިޔަން ނުދަންނަ ބަޔަކު އަދި އަމުދުން އެ ބައި މީހުން ނުވެސް ދަންނަ ބަހަކުން ސިޓީއެއް ލިޔާނީ ކިހިނެއްތޯއެވެ؟”
ސައީދު ވިދާޅުވެފައިވާ ގޮތުން އަދި ބައެއް އެހެން އިލްމުވެރިން ވެސް ބުރަވާ ގޮތުން ނަމަ އެ ސިޓީފުޅުގައި ރަދުން ލައްވާ ސޮއިކުރުވީ ބަޑިން ބިރު ދައްކައިގެންނެވެ. އަދި ސޮއިނުކުރައްވައިފި ނަމަ މާލެ ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ދީގެންނެވެ. ދެން ގޮތެއް ނެތުމުން ރަދުން އޭގައި ސޮއިކުރެއްވީއެވެ.
މިނިވަން ކަމަށް ކުރި ދަތުރު
ބައިގަރުނަށް ވުރެ ގިނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތް އިރު މިނިވަންކަން ހޯދުމަށް އެކި އަހަރުތަކުގައި އެކި ފަރާތްތަކުން އެކި މަސައްކަތްތައް ކޮށްފައި ވެއެވެ. ކަނޑިޔާއި ބަޑި ހިފައިގެން ހަނގުރާމަ ނުކުރި ނަމަވެސް އިނގިރޭސިންގެ ހިމާޔަތުން ރާއްޖެ ސަލާމަތްވީ އެތައް ބައެއްގެ ބުރަ މަސައްކަތުން، އެތައް މަރުހަލާއެއް ކަޑައްތުކުރުމަށް ފަހުގައެވެ. އޭގެ ތަފްސީލްތަކަށް މި ލިޔުމުގައި އަލި އަޅުވައެއް ނުލާނަމެވެ. ނަމަވެސް ދިވެހިންގެ ދާހިލީ ކަންކަމާ ބެހުން މަނާކޮށް ދާހިލީ މިނިވަންކަން ރާއްޖެ އަށް ލިބުނު ދުވަހަކީ މުހިންމު ދުވަހެކެވެ. އަދި އެއީ ފުރިހަމަ މިނިވަންކަން ހޯދުމަށް ކޮށިގެންދިޔަ އަލިމަގެކެވެ.އެ އެއްބަސްވުމުގައި ސޮއިކުރީ 24 އޭޕްރީން 1948 ގައެވެ. އިނގިރޭސިންގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސި ހައިކޮމިޝަނަރު ސަރ ވޯލްޓަރ ހެންކިންސަންއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ރާއްޖޭގެ ކަންކަން ހިނގެވުމަށް އިސްކޮށް ހުންނެވި މުހައްމަދު އަމީން ދީދީ އާއި ސިލޯނުގައި ހުންނެވި ދިވެހި ދައުލަތުގެ ސަފީރު އަލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ. ރަސްމިއްޔާތުގައި އަލްއަމީރު ޢަބްދްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތާރީހް ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު ނާޖިހް (ނާޖިހް ދީދީ) ލިޔުއްވާފައި ވެއެވެ.
“1940 ގެ އަހަރުތަކުގައި ދިވެހި ސަރުކާރު ހިންގަވަން ހުންނެވި އަތިރީގޭ މުހައްމަދު އަމީން ދީދީއަށް ފެނިވަޑައިގަތީ ވެދުމާއި ޖިޒީގެ އޮޅުން ފިލުއްވައި ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަން ލިބިގެންވާ ދައުލަތަކަށް ހެއްދެވުމަށެވެ. އަދި ”ޖިޒީ“ ކަމުގައި އެމީހުން ބަލަމުން އައި ވެދުން މުޅީން ކަނޑާލުމަށެވެ. އެގޮތުން އިނގިރޭސީންނާއި ދިވެހީންނާ ދެމެދުގައި އޮތް ހިމާޔަތުގެ އެއްބަސްވުން އައުކުރެވުނެވެ. މިކަމެއް ހިނގާފައިވަނީ 24 އޭޕްރީލް 1948 ގައި މާލޭގައެވެ. އާދެ، މިއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އެޅިގެން ދިޔަ އެންމެ މުހިއްމު އެއް ފިޔަވަޅެވެ.
އާދެ، އޭގެ އެންމެ ބޮޑު ބޭނުމަކަށްވީ އިނގިރޭސީންނަށްވުރެ ބޮޑަށް ސިލޯނަށް އަރާފައި އޮތް އޮޅުން ފިލުވުމެވެ. އަދި ފަހުން ސިލޯނުން ދިވެހިރާއްޖޭގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު ނުދިނުމެވެ. 4 ފެބްރުއަރީ 1948 ގައި ސިލޯނަށް މިނިވަންކަން ލިބުމަށްފަހު ސިލޯނު ސަރުކާރުން ގަބޫލުކުރީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ސިލޯނަށް ޖިޒީދައްކަމުން އައި އެގައުމުގެ ”ޓްރިބިއުޓަރީ“ ދައުލަތެއް ކަމުގައެވެ. މިކަމުގެ ހެތްކަކީ 8 މާޗު 1957 ގައި ސިލޯނުގެ ބޮޑުވަޒީރު ސޮލޮމަން ބަންޑާރަނައިކެ ދިވެހިރާއްޖޭގެ މައްޗަށް ދައުވާކުރައްވާފައިވާކަމެވެ. މި ދައުވާގައި ދިވެހިރާއްޖޭގެ މައްޗަށް ސިލޯނުގެ ސިޔާދަތީ ބާރުވެރިކަން ގެނައުމަށްޓަކައި އިނގިރޭސީންނާއެކު މަޝްވަރާކުރައްވާނެ ކަމަށްވެސް އޭނާ އިޝާރާތްކުރެއްވިއެވެ. މި ވާހަކަ އޭރުގެ ބައެއް ނޫސްތަކުގައި ވެސް ޖެހިއެވެ.
ވީމާ މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި 24 އޭޕްރީލް 1948 ގައި ޖިޒީ ކަނޑާލަން އިނގިރޭސީންނާއެކު ވެވުނު އެއްބަސްވުމަކީ ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިޒަމާނުގެ ދުނިޔޭގައި އޮތުމަށްޓަކައި އެޅިގެން ދިޔަ އެންމެ މުހިއްމު އެއް ފިޔަވަޅެކެވެ.”
#DhivehiArchives
ހަނދާނާއި ތާރީޚުގެ ތެރެއިން މިއަދު – 24 އޭޕްރީލް
އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރީ 24 އޭޕްރީލް 1948 ގައި. ފޮޓޯތަކަކީ އެ ދުވަހުގެ ރަސްމިއްޔާތުގެ ފޮޓޯތަކެއް. މި އެއްބަސްވުމުގައި… pic.twitter.com/raqDO1HZlk— Dhivehi Archives by Naajih Didi (@NaajihDidi) April 24, 2025
ދާހިލީ މިނިވަންކަމުގެ އެއްބަސްވުމުން ރާއްޖެ އަށް ލިބުނު އެންމެ ބޮޑު މިނިވަން ކަމަކީ އިނގިރޭސިންނަށް ދައްކަމުން ދިޔަ ޖިޒީ ކެނޑިގެން ދިއުމެވެ. އަދި ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް ބަސްބުނުން ވެސް ނިމުމަކަށް އައީއެވެ. އެހެން ނަމަވެސް އިތުރު 100 އަހަރު ދުވަހު ރާއްޖޭގައި ގާއިމުވެ ތިބުމަށް އިނގިރޭސިން މަސައްކަތްކުރިއެވެ. އަދި ރާއްޖެއިން ދެކުނުގެ އަތޮޅުތައް ވަކިކޮށް ވަކި ދައުލަތެއް އުފެއްދުމަށް މަކަރުވެރި ރޭވުންތައް ރޭވިއެވެ. ނަމަވެސް ދިވެހިން ދެއްކި ހިތްވަރާއި އޭރުގެ ވެރިންގެ މަސައްކަތުން ދާހިލީ މިނިވަން ކަމަށް ފަހު 26 ޖުލައި 1965ގައި އިނގިރޭސިންގެ އަތުން މުޅިން މިނިވަންވީއެވެ.