ރައީސުލްޖުމްހޫރިއްޔާ މިމަހު ޤަތަރާއި ބަނގްލަދޭޝްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
March 11, 2021
ރައީސުލްޖުމްހޫރިއްޔާ ޤަތަރާއި ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. މިދަތުރުފުޅަކީ ރާއްޖެއާ ޤަތަރާއެކު އަލުން ގުޅުން ޤާއިމްކުރުން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް ވަނީ ވިދާޅުވެފައެވެ. ތިން އަހަރަށް ފަހުން ރާއްޖެއިންވެސް ޤަތަރާއިއެކު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް ނިންމައި އެކަން އިއުލާންކުރީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ.
ޤަތަރަށް ކުރައްވާ ދަތުރުފުޅަށްފަހު މިމަހުގެ 15 ގައި ރައީސުލްޖުމްހޫރިއްޔާ ބަނގްލަދޭޝްއަށްވެސް ދަތުރުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ބަންގްލަދޭޝްއަށް ރައީސް ވަޑައިގަންނަވަނީ 1975 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.



