އަމިއްލަ ހިޔާލު: އަބަދުމެ މަސްތުވުމާއި ކަންނެތްކަމުން ޒުވާން އާބާދީ މިންޖުކުރަންޖެހޭ

6 މެއި 2025 - 10:50

އުމުރުން 21 އަހަރުގެ ޒުވާނަކު އިމާރާތަކުން ވެއްޓި، ބޮޑެތި ޒަހަމްތަކަކާ އެކުގައި ފެނުނު ހާދިސާއާއާ އެކު އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް އެ ހާދިސާ އަށް މަގުފަހިވި ކަންތައް އެއަށް ވުރެ ވެސް ގޯހެވެ. އެ ހާދިސާ ހިނގީ އެ ރޭ މާލޭގައި އޮތް ޕާޓީއެއްގެ ތެރޭގައި ބަޔަކު މަސްތުވެގެން މަގުމައްޗަށް “ދޫވެގެން” އުޅުމުގެ ތެރޭގައެވެ. ވީކެންޑްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕާޓީތައް ބޭއްވުމަކީ މިހާރު އާންމު ކަމަކަށް ވަނީ ވެފައެވެ. އަދި ޕާޓީތަކުގައި ތަފާތު އެކި ބާވަތްތަކުގެ ނުރައްކާތެރި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހާމަކުރަމުންނެވެ. 

މާލޭގައި ބާއްވާ މި ފަދަ “މަސްތު”ގެ ޕާޓީތައް ވެސް ހުއްޓުވަންޖެހެއެވެ. މިފަދަ ކަންކަން ކުރުމަށް ހާއްސަކޮށްފައި ހުރި ކަރޯކޭ ރޫމްތަކާއި ކެފޭތަކާއި އެ ނޫން ވެސް ތަންތަން ބަލައި ފާސްކޮށް ފިޔަވަޅު އަޅަންޖެހެއެވެ. އަދި މަސްތުގެ ހާލަތުގައި ހުންނަ މީހާ ހަމަ އެކަނި ޓެސްޓްކޮށްފައި ދޫކޮށްލުމުގެ ބަދަލުގައި މުޖުތަމައު އަށް ހިދުމަތްކުރުން ފަދަ ލުއި އަދަބުތަކެއް ހިމެނޭހެން ކޮމިއުނިޓީ ޕްރޮގްރާމްތައް ތައާރަފްކުރަންޖެހެއެވެ. މިފަދަ ޑުރަގު އަދި ޖުވާގެ ޕާޓީތަކަކީ ޖީލެއް ނެތިގޮސް ގައުމު ފުނޑިގެންދާނެ އެތައް ނުބައި ކަމެއްގެ އަމަޔެވެ. އަދި ބާރުގަދަ ނުަރައްކާތެރި ޑްރަގުތަކުން ޒުވާނުންގެ ސިކުނޑި ތަރައްޤީވުން ހުއްޓި ގަމާރުކަމާއި ނަފުސާނީ ބަލިތަކުގެ ސިކާރަޔަކަށް ވަމުންދާކަމީ ފެންނަން ހުރި ހަގީގަތެވެ. ފެނިގެން މިދަނީ އެންމެންގެ ކުރިމަތީގައި މަސްތުގެ ނުރައްކާތެރި ވަބާއި ބީތާކަމާއި، ކަންނެތްކަމާއި މުޑުދާރުކަމުގެ ސަގާފަތަކުން ގައުމުން ނެތި ހަފުސްވާ މަންޒަރެވެ.

advertisement
advertisement
advertisement
advertisement

ވަޒީފާ ނެތީތަ؟

ރާއްޖޭގެ އާބާދީގައި ޒުވާނުންގެ އަދަދު ގިނަ އެވެ. ހަމަ އެހެން މަސްތުވާތަކެތީގެ އާބާދީގައި ވެސް ޒުވާނުން ގިނައެވެ. އަދި އަލަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަ ކުޑަ ކުދިން ވެސް އިތުރުވާކަން ރިޕޯޓްތަކުން ދައްކައެވެ. މި ކުދިންގެ ތެރޭގައި އެއްވެސް ވަޒީފާއެއް އަދާނުކުރާ ނުވަތަ ދިރިއުޅުމަށް “މަސައްކަތެއް” ނުކުރާ ޒުވާނުން ވެސް ނުހަނު ގިނައެވެ. 

އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންގެ ތެރެއިން 23 ޕަސެންޓަކީ ތައުލީމް ނުވަތަ ތަމްރީން ހޯދުމުގައި ނޫޅޭ އަދި އާމްދަނީ ލިބޭ މަސައްކަތެއްގައި ވެސް ނޫޅޭ މީހުންނެވެ. އެއީ 117،000 ވުރެ ގިނަ ޒުވާނުންނެވެ. އަދި ދެ ޖިންސަށް ބަލާއިރު އަންހެނުންގެ ނިސްބަތް 34 ޕަސެންޓަށް އަރައެވެ. ފިރިހެނުންގެ ނިސްބަތަކީ 12 އެވެ. 

ވަޒީފާގެ ބާޒާރުގައި ވަޒީފާ އާއި މަސައްކަތްތައް ނެތީއަކީ ނޫނެވެ. ނަމަވެސް އެހެން ހުރި ވަޒީފާތަކާއި މަސައްކަތްތަކަށް އެ  ޒުވާނުން ކުރިމަތިލާކަށް ބޭނުންމެއް ނުވެެއެވެ. ނުވަތަ ފުރުސަތު ހަނީއެވެ. ބައެއް ކަހަލަ ވަޒީފާތަކަކީ ދިވެހި ޒުވާނުން އަދާކުރަން ބޭނުންވާ ވަޒީފާތަކެއް ނޫނެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ޓުއަރިޒަމް ދާއިރާގެ ބައެއް މަސައްކަތްތައް ހިމެނެއެވެ. އަދި މާލެ އާއި ރާއްޖޭގެ އެތައް ގެސްޓް ހައުސްއަކާއި ސިޓީ ހޮޓާތައް ހިންގާ އިރު އެއީ ވެސް އެތައް ހާސް ވަޒީފާއެކެވެ. އެހެން ނަމަވެސް އެ ވަޒީފާތަކުން ދިވެހި ޒުވާނުން ނުފެނެއެވެ. ފެންނަނީ ބިދޭސީންނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ބައެއް ޒުވާނުން ދެކޭ ގޮތުގައި އެފަދަ ވަޒީފާތަކަށް ކުރިމަތިނުލަނީ ހަރަދު ބޮޑު މާލޭގައި ދިރިއުޅެވޭ ވަރުގެ އާމްދަނީއެއް ވަޒީފާތަކުން ނުލިބޭތީއެވެ. އަދި ހާއްސަކޮށް ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަންޖެހޭ ވަގުތާ ބަލާފައި އެ ވަޒީފާތަކުން އެކަށީގެންވާ މުސާރައެއް ނުވަތަ އާމްދަނީއެއް ނުލިބެއެވެ. އެއީ ބަޔަކު ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި ވެސް އެ ޒުވާނުން ތުހުމަތުކުރެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިފަދަ ވަޒީފާތައް އުފައްދަނީ ވެސް ސީދާ ބިދޭސީންނަށް އަމާޒުކޮށްގެންނެވެ. ވިޔަފާރިތަކަށް ފައިދާ ބޮޑުކުރަން މުވައްޒަފުންނަށް ކުރާ ހަރަދު ވީހާ ވެސް ކުޑަކުރެވޭތޯ ބަލައެވެ. އެހެންކަމުން އެފަދަ ވަޒީފާތަކަށް ކަނޑައަޅަނީ އާންމުކޮށް ދިވެއްސަކު ނުދާނެ ފަދަ މުސާރައެކެވެ. އެއީ ސީދާ ގަސްތުގައި ބިދޭސީން ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި އެ މީހުން ފާހަގަ ކުރެއެވެ.

އާމްދަނީ ލިބޭނެ އެހެން ގޮތްތައް!

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާމްދަނީ ލިބޭނެ އެހެން ގޮތްތައް ޒުވާނުން މިހާރު އަންނަނީ ހޯދަމުންނެވެ. އޭގެ ތެރޭގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޖުވާކުޅުމާއި ޓްރޭޑިން އާއި ކްރިޕްޓޯ ކަރަންސީގައި އިންވެސްޓްކޮށްގެން ފައިސާ ހޯދުން ޒުވާނުންގެ ތެރޭގައި ވަނީ އާންމުވެ ދެވި ހިފާ ކަމަކަށް ބަދަލުވެފައެވެ. އެތައް ޒުވާނުންނެއް އެ ކަމުގެ ތެރޭގައި އެބަ އުޅެއެވެ. އަދި ބޮޑެތި ކުށްތަކަށް އަރައިގަތުމުގައި މި ފައިސާ އިންވެސްޓްކުރެއެވެ. 

މަސްތުވާތަކެތި ހޯދުމަށް ފައިސާ ބޭނުން ވެއެވެ. މީގެ ކުރިން އެ ފައިސާ ހޯދަނީ މައިންބަފައިން އަތުން ނުވަތަ ކޮންމެވެސް ގޮތަކުން ވައްކަމެއްކޮށް ނުވަތަ އެ ނޫން ވެސް ޣައިރު ގާނޫނީ ކަމެއްގެ ތެރެއިންނެވެ. ޒަމާނީ ޓެކްނޮލޮޖީއާ އެކު މިކަން ވެސް ދަނީ ބަދަލުވަމުންނެވެ. އޮންލައިން ގޭމިން އާއި ޖުވާ އާއި ޓްރޭޑިންގެ ތެރެއިން މި ކަންކަމަށް ބޭނުންވާ ފައިސާ ހޯދައެވެ. މީހުން އަތުން ލޯނު ނަގައިގެން ހިންގާ މިފަދަ “ރެކެޓްތައް” އެބަ ހުއްޓެވެ. އަދި ބަޔަކު ދަނީ ޒުވާނުން ބޭނުންކޮށްގެން މިކަމުގައި ވެސް ބޮޑު ވިޔަފާރިއެއް ކުރަމުންނެވެ. ޅަސިކުނޑިތައް ވަނީ މަސްތެއްގެ ތެރޭގައެވެ. 

ހަފުތާ ބަންދުގެ މަސްތުގެ ޕާޓީތަކާއި ޖުވާގެ އައްޑާތައް!

ހަފުތާ ބަންދުގެ ތެރޭގައި “މަސްތުގެ ޕާޓީތައް” ބޭއްވުން އާންމުވަމުން ދާއިރު ނުރައްކާތެރި ޑުރަގުގެ ބާވަތްތަކުން ހިދުމަތް ދޭ، ބަންދުވެފައިވާ ތަންތަނުގައި ވެސް މިފަދަ އަމަލުތައް ދަނީ ހިންގަމުންނެވެ. ދިވެހިންގެ މެދުގައި ޖުވާ ކުޅުމުގެ މުޑުދާރު ސަގާފަތް އާންމުވަމުންދާ އިރު އެކަމުގެ ތެރޭގައި ނުރައްކާތެރި ބާވަތްތަކުން މަސްތުވުން ދަނީ އިތުރުވަމުނެވެ.

މާލޭގެ އިމާރާތެއްގެ މަތިން އަންހެން ކުއްޖާ ވެއްޓުނު ރޭ އެ ކުދިން ވެސް އައީ އެފަދަ ޕާޓީއަކުން ކަމަށް ފުލުހުންގެ މައުލޫމާތުތަކުން އެނގެއެވެ. އަދި އެ ޕާޓީގައި ބައިވެރިވި ޒުވާނުންގެ ވަނަވަރު ފުލުހުން އާންމުކޮށް، އެ ތަންތަން ބަލައި ފާސްކޮށްފައި ވެސް ވެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި މަންޒަރުތަކުން އެކަން އެ ކުދިންގެ ތެރޭގައި އޮތް މިންވަރު ހާމަކޮށްދެއެވެ. މިކަމުގައި ދެ ޖިންސުގެ ޒުވާނުން ހިމެނެއެވެ.

ފިޔަވަޅެއް ނޭޅޭ!

އިމާރާތުން އަންހެންކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި ބައެއް މައުލޫމާތުތަކުން އެނގިގެން ދިޔައީ މިފަދަ ކަންކަމުގައި ވަރަށް ބޮޑަށް ދޫދޭ ކަމެވެ. ފުލުހުން ބުނީ މަސްތުގެ ހާލަތުގައި މީހަކު ހުއްޓައި ފެނުނަސް ނުވަތަ ޝައްކުރެވުނަސް އޭނާގެ އަތުން ނުވަތަ އެ ތަނަކުން މަސްތުވާތަކެތި ނުފެންނަ ނަމަ އެ މީހަކު ހައްޔަރުނުކުރާ ކަމެވެ. 

އެނގިފައިވާ ގޮތުން ފުލުހުން މި ގޮތަށް އަމަލުކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މައިގަނޑު ސަބަބަކީ ލޭގައި މަސްތުގެ އަސަރު ހުރި ކަމަށް ޓެސްޓްތަކުން ދެއްކި ނަމަވެސް މަސްތުވުމުގެ ކުށް ސާބިތުކުރަން ފަސޭހަ ނުވުމެވެ. އެހެންކަމުން ފުލުހުން އާންމު ގޮތެއްގައި އެ ފަދަ ހާލަތެއްގައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މަސްތުގެ ހާލަތް ހަމައަކަށް އެޅޭވަރުވުމުން ދޫކޮށްލަނީއެވެ. 

މަސްތުގެ ހާލަތުގައި ހުއްޓަސް އެޅޭނެ މާބޮޑު ފިޔަވަޅެއް ނެތްކަން ޒުވާނުންނަށް ވެސް އެނގެއެވެ. އެހެންކަމުން ބިރަކާ ނުލައި މަޖާކޮށްލުމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި އެ މީހުން ވެސް ނުދެކެނީއެވެ. އަދި މިފަދަ މައްސަލަތަކުގައި އަދަބު ނުލިބޭނެކަން އެނގޭތީ މަސްތުގެ ހާލަތުގައި މަދުމައްޗަށް ނުކުންނަން ވެސް ޖެހިލުން ނުވަނީއެވެ. 

އަނެއްކޮޅުން މިފަދަ ގިނަ ޕާޓީތަކަކީ ވަރަށް ބޮޑަށް ނުވަތަ ރޭވިގެން ހިންގާ ކަންކަމެވެ. އެ ޕާޓީތައް ބާއްވަނީ އެކަމުގައި އުޅޭ މީހުންގެ ތެރޭގައި އެކަނި މައުލޫމާތު ބަދަލުކޮށްގެންނެވެ. އަދި “ހިމާޔަތް” ލިބޭނެ ފަދަ ގޮތަކަށް އިންތިޒާމުކުރެވިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަދަ ތަނެއް ރެއިޑްކުރާ ހާލަތެއްގައި ރެއިޑްކުރުމުގެ ކުރިން އެ ބަޔަކަށް އެކަން އޮންނަނީ އެނގިފައެވެ.

ޒުވާނުންނަށް އާ ފުރުސަތުތަކެއް ބޭނުންވޭ!

ޒުވާނުން މިހާރު ތިބި ހާލަތުން އެހެން ހާލަތަކަށް ގެންދިއުމަށް ގައުމީ ލެވެލެއްގައި މަސައްކަތްތަކެއް ކުރަންޖެހެއެވެ. މި ސަރުކާރުން އެފަދަ މަސައްކަތްތަކެއް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ވަޒީފާ އަށް ނުގޮސް ތިބި ޒުވާނުންނަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެފަދަ ޒުވާނުންނަށް ތަފާތު ދާއިރާތަކުން ތަމްރީން ދިނުަމަށް ނިންމާފައި ވެއެވެ. ހާއްސަކޮށް ތައުލީމީ ގޮތުން ދަށް ނަތީޖާތައް ލިބޭ ޒުވާނުން ބައިވެރިކޮށްގެން ހިންގާ މި ޕްރޮގްރާމަށް އެލަވަންސެއް ވެސް ދޭން ނިންމާގފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައި ވެއެވެ. އަދި މި ޕްރޮގްރާމް ނިންމާ ޒުވާނުން ފުލުހުންގެ ހިދުމަތަށް ނުވަތަ ސިފައިންގެ ހިދުމަތަށް ނެރުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ. 

މިއީ މުހިންމު ފިޔަވަޅެކެވެ. މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާ އިރު އަހްލާގީ ގޮތުން ރަނގަޅު ޒުވާނުންތަކެއް ބިނާކުރުމަކީ ވެސް މުހިންމު ކަމެވެ. މި ޕްރޮގްރާމްގައި ވެސް މިބައި ވަރަށް ބޮޑަށް ހިމެނެއެވެ. މީގެ އިތުރުން މަސްތުގައި ޖެހިފައިވާ ޒުވާނުން މުޖުތަމައު އަށް އަނބުރާ ގެނައުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހެއެވެ. 

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
1
0
3
1
0
0
0