
ތާރީހުގެ ތެރެއިން: 7 މެއި، 14 އަހަރުގައި ރަސްކަމަށް
12 މެއި 2025 - 16:00
ސުލްތާން މުހައްމަދު ޝަމްސުއްދީން (ތިން ވަނަ)ގެ ރަސްކަން
އައްސުލްތާން މުހައްމަދު ޝަމްސުއްދީން ނުވަތަ މުލީގޭ މަނިއްޕުޅަކީ ހުރާގޭ ދަރިކޮޅުން ރަސްކަމަށް ކޮއިލު ލެވުނު ބޭފުޅެކެވެ. ނިސްބަތް ވަނީ އެ ދަރިކޮޅުގެ ބިޔަ ބޮޑު އާއިލާއެއް ކަމަށްވާ މުލީގެއަށެވެ. ވެރިކަން ދެމިގެން އައީ ބައްޕާފުޅު އައްސަުލްތާން އިބްރާހީމް ނޫރައްދީންގެ ކިބައިންނެވެ. މަންމާފުޅަކީ އަލްއަމީރު ވެޔޮގޭ (ވެޔޮދޮށުގޭ) މަނިއްޕުޅުގެ ދަރިކަނބަލުން ކަކާގޭ ގޮމާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 ޒުލްގައިދާ 1296 (20 އޮކްޓޫބަރު 1879) އެވެ. ވިރާސީ ރަސްކަން އެންމެ ފަހުން ދެމިގެން އައި ހުރަވީ އާއިލާގެ 11 ވަނަ ރަދުންނަކީ މި ރަސްގެފާނެވެ.
ތިން ފަހަރެއްގެ މަތިން ކައިވެނި ބައްލަވައިގެންނެވިއެވެ. ފުރަތަމަ ކައިވެނި ބައްލަވައިގަތީ ނެވިގޭ ޙަސަންފުޅުގެ މާވެޔޮދޮށުގޭ ދީދީއާއެވެ. އޭގެ ފަހުން ކަޅުހުރާގޭ ބޮޑު ސީދީގެ ސިއްތިއާއެވެ. އޭގެ ފަހުން މެދުގަނޑުވަރު މަނިއްޕުޅުގެ ދޮށީ ގޮމައާ ކައިވެނި ބައްލަވައިގެންނެވިއެވެ. އަވަހާރަވުމާ ހަމައަށް އަނބިކަނބަލުންގެ ގޮތުގައި އިންނެވީ މި ދޮށީ ގޮމާއެވެ. އެ ތިން ކައިވެނިން ފިރިހެން ބޭކަލަކާއި ތިން ބޭކަނބަލުން ލިބިވަޑައިގަތެވެ. ރަސްކަމުގެ ދަރިފަސްކޮޅު ދެމިގެން ދިޔައީ ސިއްތިގެ ބަނޑުފުޅުން ލިބިވަޑައިގަތީ އަލްއަމީރު ޙަސަން ޢިއްޒުއްދީންއަށެވެ. އަނެއް ތިން ކަނބަލުން ލިބިވަޑައިގަތީ ދޮށީ ގޮމާއަށެވެ.
ދެ ބުރަށް ރަސްކަން ކުރެއްވުން
މުހައްމަދު ޝަމްސުއްދީން ފާހަގަކުރެވިފައި ވަނީ ދިވެހި ރަސްކަމުގައި ދެ ބުރެއްގެ މަތިން ކޮލި ލެވުނު ރަސްކަލެއްގެ ގޮތުގައެވެ. ފުރަތަމަ ރަސްކަމުގެ ކޮލި ލެވުނީ އުމުރުފުޅުން 14 އަހަރުގައެވެ. އެއީ 20 ޝައްވާލު 1310 (7 މެއި 1893) ގައެވެ. އެހެން ނަމަވެސް މި ތާރީހާ މެދު ބައެއް ލިޔުންތަކުގައި އޮޅުންތަކެއް އެބަ ހުއްޓެވެ. ބައެއް ލިޔުންތަކުގައި އެއީ 7 މެއި 1883 ކަމުގައި ވެސް އެބަ ހުއްޓެވެ. ނަމަވެސް ތާރީހްތައް ލިޔެފައި ހުރި ގޮތުން ނަމަވެސް އެއީ 1893 ކަމުގައި ބުރަވެވެއެވެ.
ފުރަތަމަ ތަހުތުގައި އިންނެވުނީ ތިން މަހެއްހާ ދުވަހެވެ. އޭގެ ފަހުން އެމަނިކުފާނުގެ ބަދަލުގައި ރަސްކަން ކުރެއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) އެވެ. އެއީ ހުރާގޭ ހާންދާނުގެ 9 ވަނަ ރަސްކަލުންނެވެ. އެ ރަދުން ވެރިކަން ކުރެއްވީ ކޮލި ލެއްވުމެއް ނެތިއެވެ. ވިހި ވަނަ ގަރުނު ފެށުނު އިރު ވެސް ރަސްކަމުގައި އިންނެވީ އެ ރަދުންނެވެ. އެ ރަދުންގެ ރަސްކަން ނިމުނީ ރާއްޖެ ދޫކުރައްވައި މިސްރުގައި ހުންނަވަނިކޮށް 13 ޒުލްހިއްޖާ 1320 (11 މާޗް 1903) ގައެވެ. އެއީ އެ ރަސްގެފާނު އަޒުލްކުރެއްވުމުންނެވެ. އަވަހާރަވުމާ ހަމައަށް ދިރިއުޅުއްވީ މިސްރުގައެވެ. އެއީ 29 ޖުމާދިލް އޫލާ 1351 (30 ސެޕްޓެމްބަރު 1932) ހަމައަށެވެ.
ދެ ވަނަ ފަހަރަށް ޝަމްސުއްދީން ރަދުން ކަމަށް ވަޑައިގަތީ ހިޖުރައިން 1320 ނުވަތަ މީލާދީން 1904ގައެވެ. ކޮލީ ނަންފުޅަކީ ސިރީކުލަ ސަދައިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންނެވެ.
މުހިންމު ކަންކަން
ދިވެހި ތާރީހްގައި މުހައްމަދު ޝަމްސުއްދީން ރަދުން ފާހަގަކުރެވިފައި ވަނީ 20 ވަނަ ގަރުނުގެ ބަދަލުތައް ރާއްޖެ އަށް ގެންނަވަން ފެއްޓެވި ރަސްގެފާނުގެ ގޮތުގައެވެ. ތަހުޒީބީ އެތައް ކަމެއްގެ ބިންގާ އެ ރަސްގެފާނު އަޅުއްވައިދެއްވިއެވެ. ފުރަތަމަ ފަހަރަށް ލިޔެވިގެންވާ ގާނޫނީ ދުސްތޫރެއް ލިބިގެންދިޔައީ ވެސް މި ރަސްކަމުގައެވެ. އެއީ 22 ޑިސެމްބަރު 1932ގައެވެ. އަދި ފާހަގަކުރެވޭ އެތައް ކަމެއް ހިނގައިދިޔައެވެ. މޯޓަރު ގަޑުބަޑުގެ ތެރޭގައި މި ގާނޫނު އަސާސީ ވީދައިލެވުނެވެ.
އިނގިރޭސިންގެ ފަރާތުން ދިވެހި ރަސްކަލަށް ފުރަތަމަ ފަހަރަށް އިއްޒަތް އެރުވިގެން ދިޔައީ ވެސް ޝަމްސުއްދީން ރަދުންނަށް ކަމަށް ތާރީހީ ފޮތްކުގައި ވެއެވެ. މާލެ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަން ފެއްޓެވީ މި ރަދުންނެވެ. އެ ގޮތުން މާލޭގެ މަގުތައް ހައްދަވަން ފެއްޓެވުމާއި އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް މި ރަސްކަމުގެ ތެރޭގައި ފެށިގެން ދިޔައެވެ. އަދި ތައުލީމަށް ނުހަނު އިސްކަމެއް ދެވިގެން ދިޔައެވެ.
ޝަމްސުއްދީން ރަދުން 32 އަހަރު ރަސްކަން ކުރެއްވިއެވެ. ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރެއިން ރަސްކަމުން އަޒުލްކުރެވުނީ 27 ޖުމާދިލް އާޚިރް 1353 (7 އޮކްޓޫބަރު 1934) ގައެވެ. އަވާހަރަވީ 24 ރަޖަބް 1366 ގައެވެ.