އަަމިއްލަ ހިޔާލު: ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ކުރާ ޒިޔާރަތް ވެސް ޚަބަރަކަށް!

14 މެއި 2025 - 13:47

ސަރުކާރުގެ އޮފީސްތަކާއި ސަރުކަރުގެ ހިއްސާވާ ކުންފުނިތަކުގެ ސޯޝަލް މީޑިއާގައި ހަދާފައިވާ ޕޭޖްތައް ހާވަލައިލީމެވެ. ގިނައިން ފެންނަން ހުރީ ސަރުކާރުގެ މިވެނި އޮފީހެއްގެ މިވެނި ބަޔަކާ ބައްދަލުކުރި ވާހަކައެވެ. ނުވަތަ އެ ބައްދަލުވުންތަކުގެ ފޮޓޯތަކެވެ. ބައެއް ޕޯސްޓްތަކުން ވާއެއް ނުވާއެއް ސާފެއް ނުވެއެވެ. ފެންނަނީ ކޮންމެ ވެސް ބަޔަކާ ބައްދަލުކުރިކަމުގެ ފޮޓޯތަކެވެ. މިއީ މި ފަހަކަށް އައިސް އޮފީސްތަކުން އެ މީހުން މަސައްކަތްކުރާކަން ދެއްކުމަށްޓަކައި ގެންގުޅޭ އުކުޅެކެވެ. ރައްޔިތުންނަށް މާ ގިނަ ހިދުމަތްތަކެއް ނުދޭ ނުވަތަ މަސައްކަތްތަކެއް ނެތް އިދާރާތަކުގެ ވެސް ސޯޝަލް މީޑިއާ ބަލާލައިފި ނަމަ ހަމަ ހައިރާންވާހާ ވެއެވެ. ބައްދަލުވުންތައް އެހާ ގިނައެވެ.

އެއް އޮފީހުން އަނެއް އޮފީހަށް ކުރާ ޒިޔާރަތްތަކާއި ބައްދަލުވުންތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހަނދާނަކަށް ރައްކާކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ޕީއާރު ސްޓަންޓެއްގެ ގޮތުގައި ބޭނުންކުރުމަކުން ވެސް މައްސަލައެއް އޮތީކީ ނޫނެވެ. އެހެން ނަމަވެސް މިއިން ކޮންމެ ފޮޓޯއަކާ އެކު ނުވަތަ ކޮންމެ ބައްދަލުވުމަކާ އެކު މެއިންސްޓްރީމް މީޑިއާތަކުގައި ޚަބަރު ޖެހުމަކީ އާންމު ކަމަކަށް ވުމަކީ ގޯހެކެވެ. އަދި އެއީ ހަމައެކަނި ޕީއާރު ސްޓަންޓެއްގެ ގޮތުން ގެންގުޅޭ އުކުޅަކަށް ވުމަކީ ވެސް ފާޑުކިޔުން އަމާޒުވާނެ ކަމެކެވެ.

advertisement
advertisement
advertisement
advertisement

ކަން ދެއްކުން!

މަސައްކަތުގެ ދާއިރާގެ ގޮތުން ގުޅުން ހުރި ދެ އިދާރާއެވެ. އެހެން ނަމަވެސް ދެ އިދާރާގެ މުވައްޒަފުން އެކުގައި ސައެއް އިންތިޒާމުކުރިޔަސް އެ ވާހަކަ ވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެބަ ޕްރޮމޯޓްކުރެއެވެ. ތަނުގެ ވެރިން ވެސް އެކަން އެ ގޮތަށް ކުރަން އަންގާފައި އޮންނަތީ ކުރަނީ އެވެ. މާ ބޮޑު މައުލޫމާތުތަކެއް ހިއްސާ ކުރުމެއް ނެތި ވެސް  މިފަދަ ފޮޓޯތަކާއި ބޮޑެތި ސުރުހީތައް ޖަހާފައި ޚަބަރުތައް އެބަ ދޫކޮށްލައެވެ. އަދި އެ ފޮޓޯތަކާއި އެ ސުރުހީތައް ބަލައިގެން ބައެއް މީޑިއާތަކުން ޚަބަރުތައް ވެސް އެބަ ހަދައެވެ. 

ހަމައެކަނި ދޭދޭ އޮފީސްތަކުގެ ބައްދަލުވުންތައް އެކަންޏެއް ނޫނެވެ. އޮފީހުގެ އެތެރޭގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް މި ބީދައިން ސޯޝަލް މީޑިއާ އަށް އެބަ އަރައެވެ. އެއް ޑިޕާޓްމެންޓުން އަނެއް ޑިޕާޓްމަންޓާ ބައްދަލުކުރިޔަސް ރަސްމީ ޕޭޖްގައި އެކަމުގެ ފޮޓޯތަކެވެ. ގަވާއިދުން އޮންނަ ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް މިހެން ޕްރޮމޯޓް އެބަކުރެއެވެ. ބައެއް މިނިވަން މުއައްސަސާތަކުގެ ސޯޝަލް މީޑިއާ ހާވައިލުމުން މުޅިން ވެސް ފެނަންނަ ހުރީ މި ބާވަތުގެ ފޮޓޯތަކެވެ. ކޮންމެ ހަފުތާއަކު ކޮމިޝަނުން ގަވާއިދުން ބާއްވާ ބައްދަލުވުންތަކާއި އެތެރޭގެ ކޮމިޓީތަކާއި ތަފާތު އެކި ފަރާތްތަކާ އެކު ބާއްވާ ބަދަލުވުންތައް ފިޔަވައި ރައްޔިތަކަށް ފައިދާވާނެ ކަމެއް ކުރާހެން ހީނުވާ ވަރަށް ސޯޝަލް މީޑިއާ އަށް ފޮޓޯތައް ޕޯސްޓްކޮށްފައި އެބަ ހުއްޓެވެ. 

ވެރިން ޕްރޮމޯޓްކުރުމުގައި!

ބައެއް  އޮފީސްތަކާއި ކުންފުނިތަކުން ހަދާފައިވާ މިފަދފަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމުގައި ވެސް ވަނީ ހައްދު ފަހަނަ އަޅާފައެވެ. ގިނައިން ހުންނަނީ އެތަނެއްގެ ވެރިންގެ ތަފާތު ހަރަކާތްތަކެވެ. ރާއްޖޭގެ ހުރިހާ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިން ހާޒިރުވާ ގައުމީ ހަފުލާތަކުގައި އެ އޮފީސްތަކުގެ ވެރިން ބައިވެރިވެވަޑައިގަތުމުން އެކަން ވެސް ފާހަގަކޮށްފައި އެބަ ހުއްޓެވެ. 

ބައެއް ކުންފުނިތަކުގައި ވެރިން ޕްރޮމޯޓްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެއެވެ. އަދި އެކަމަށް ބަޖެޓް ހަދައިގެން ހަރަދުކުރާ ކަމަށް ވެސް ވެއެވެ. އެމްޑީންގެ ޕީއާރު އަށް ހާއްސަ މުވައްޒަަފުން ތިބޭ ކުންފުނިތައް ވެސް އެބަ ހުއްޓެވެ. އެ މުވައްޒަފުންގެ ކަމަކަށް އޮންނަނީ އެމްޑީންގެ މޫނުމަތި ރީތިކުރުމެވެ. ކުންފުންޏަށް ވުރެ އިސްކަން ދީފައި ހުންނަނީ ވެސް އެމްޑީން ޕްރޮމޯޓްކުރުމަށެވެ. 

 މީގެ އިތުރުން ކުންފުނިތަކުގެ ވެރިންގެ ޕީއާރު މަސައްކަތްކުރަން ކުންފުނީގެ އޮނިގަނޑުގެ ބޭރުން ވަކިން މީހުން ހަޔާކޮށްގެން މަސައްކަތްކުރާ ފަހަރު ވެސް މަދެއް ނޫނެވެ. ބައެއް މިނިސްޓްރީތަކުގައި ވެސް މިކަން އޮތީ މިހެންނެވެ. މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ކޮމިނިކޭޝަން ޑިރެކްޓަރުންގެ ގޮތުގައި އެތައް ބަޔަކަށް ސިޔާސީ މަގާމުތައް ދީފައިވާ އިރު މި ފަރާތްތަކުގެ މައިގަނޑު ދައުރަކީ ވަޒީރުންގެ މޫނުމަތި ރީތިކުރުމެވެ. ހަމައެކަނި ސިޔާސީ މަގާމުތަކެއް ނޫނެވެ. ސިޓީ ކައުންސިލްގައި ވެސް މިކަން އޮތީ މިހެންނެވެ. މާލޭ ސިޓީ ކައުންސިލްގައި ވެސް ކޮންސަލްޓެންޓުންގެ ގޮތުގައި ބޮޑު މުސާރަ ދީފައި މީޑިއާ ދާއިރާގެ މީހުން ގެންގުޅެއެވެ.

ދޭދޭ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބާއްވާ ކުދިކުދި ބައްދަލުވުންތައް ބޮޑެތި ކަންތައްތަކުގެ ގޮތުގައި ދެއްކުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ހައްގުގައި އެ ތަންތަނުން ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށް ދެއްކުމެވެ. ބޮޑު ޚަރަދުކޮށްގެން ޕީއާރު މަސައްކަތްތައް ކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް އެއީއެވެ. މަންޒަރު ބަލަން ތިބޭ މީހުންނާ ހަމައަށް އެ ވިސްނުން ފޯރުކޮށްދެވެއޭ ވެސް ބުނެވިދާނެއެވެ. އަދި އޭގެ ފައިދާ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކަށް ކުރެއޭ ވެސް ބުނެވިދާނެއެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
1
0
0
0
0