އަަމިއްލަ ހިޔާލު: އިންސާފާއި އެހީ ހޯދަން ސޯޝަލް މީޑިއާ އަށް!

19 މެއި 2025 - 12:51

ޖުމްލަކޮށް ބުނާ ނަމަ ރައްޔިތުން މުޅި ދައުލަތަށް ކުރާ އިތުބާރު ވެސް ކުޑައެވެ. ތަފާތު އެކި މުއައްސަސާތަކާ މެދު ރައްޔިތުން ދެކެނީ އެއީ ވަކި ބަޔަކަށް ހިދުމަތްކޮށްދޭން އުފައްދާފައިވާ ތަންތަނުގެ ގޮތުގައެވެ. ކޮރަޕްޓް ތަންތަނުގެ ގޮތުގައި އެވެ. އޭގެ ނަތީޖާއަކަށްވެފައި ވަނީ ކަމެއް ދިމާވާ އިރު އެ ކަމެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިހާރު އިންސާފު ލިބެނީ ވެސް ސޯޝަލް މީޑިއާ އިންނެވެ. 

ބޮޑެތި ބަލިތަކަށް އެހީ ހޯދުން!

advertisement
advertisement
advertisement
advertisement

ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިލޭ ބޭސްފަރުވާގެ އިންތިޒާމު ހަމަޖައްސާފައި އޮވެއެވެ. އެހެން ނަމަވެސް މިއީ ވަކި ނިޒާމެއްގެ ތެރެއިން ހިނގާ ކަމަކަށްވާތީ ބައެއް ކަހަލަ ބޮޑެތި ބަލިތަކަށް އެކަށީގެންވާ ފަރުވާއެއް އެ ބަޖެޓްގެ ތެރެއިން ހަމަޖެހިގެން ނުދެއެވެ. ކެންސަރާއި ކިޑްނީގެ ބަލިތަކާއި މިހެން ގޮސް ދާއިމީކޮށް ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ފަހަރުތަކުގައި އާސަންދަ އާއި އެންސްޕާގެ ތެރެއިން ލިބޭ އެހީއަކުން ނުފުދެއެވެ. ނަތީޖާއަކަށްވަނީ މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ސޯޝަލް މީޑިއާގައި ސަލާންޖަހަން ޖެހުމެވެ. ސޯޝަލް މީޑިއާ އާއި އަދި ބައެއް މެއިންސްޓްރީމް މީޑިއާތަކުން ވެސް ވަރަށް ގިނަ ބަޔަކަށް އެހީ ފޯރުކޮށްދެއެވެ. އެފަދަ މީހުންގެ ހާލަތު ބަޔާންކޮށްދީ މީޑިއާތަކުން ގެނެސްދޭ ލިޔުންތަކާއި ފޯޓޯތަކުން ބޮޑެތި އެހީތައް ލިބިފައި ވެސް އެބަ ހުއްޓެވެ. އެހެންކަމުން މިފަދަ ކަންކަމުގައި އެހީ ހޯދުމަށް މެންބަރު ނުވަތަ ސިޔާސީ މީހަކު ވެރިކޮށް އާސަންދަ ނުވަތަ އެންސްޕާގައި ސަލާންޖެހުމުގެ ބަދަލުގައި ބައެއް މީހުން އިހްތިޔާރުކުރަނީ ސޯޝަލް މީޑިއާއެވެ. ގުޅުމެއް އޮތް ނަމަ ކޮންމެ ވެސް އޮންލައިނެއް މެދުވެރިކޮށް ރިޕޯޓެއްގެ ސިފައިގައި އެހީ އަށް އެދެނީއެވެ.

މިފަދަ މީހުން ސޯޝަލް މީޑިއާ އަށް އިސްކަންދޭ މައިގަނޑު ސަބަބަކީ އެންސްޕާގެ އެހީއަކީ “ސިޔާސީ” ކަމަކަށް ވުމުން އެ އެހީ ކޮންމެ ކޮންމެ މީހަކަށް ނުލިބުމެވެ. މިސާލަކަށް ދާއިރާގެ މެންބަރު މެދުވެރިކޮށް އެހީ ހޯދާ މީހާ އާއި އާންމު އުސޫލުން އެހީ ހޯދާ މީހާ އަށް ލިބޭ އެހީގެ މިންވަރު ތަފާތުވެއެވެ. ސިޔާސީ މީހާކު މެދުވެރިކޮށް އެހީ ހޯދަން އުޅެފި ނަމަ އެހީ ލިބޭލެއް އަވަހެވެ. އަދި ބައެއް ހާލަތްތަކުގައި އާންމު މީހާ އަށް ވުރެ އިތުރަށް ވެސް ލިބެއެވެ.

އޮފީސްތަކުން ހިދުމަތް ހޯދުން!

އާންމު ގޮތެއްގައި ވެސް ސަރުކާރުގެ އިދާރާއަކުން ކަމެއް ކުރުމަކީ ބޮޑު ބޮލުގެ ރިހުމެކެވެ. ގާތް މީހަކު ނުވަތަ ގުޅުމެއް އޮތް މީހަކު އެ އޮފީހެއްގައި ނެތް ނަމަ ކަންކުރަންވީ ގޮތް ވެސް އާންމު މީހާ އަށް އޮންނަނީ ނޭނގިއެވެ. އެހެން ކަމުން އާދައިގެ ކުދި ކުދި ކަންކަމުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަވެގެން ދެއެވެ. މިސާލަކަށް އައިޑީކާޑު ހެއްދުން ފަދަ ކަންކަން މިހާރު އޮންލައިންކޮށް ކުރެވެއެވެ. އެހެން ނަމަވެސް އަދިވެސް އެތައް ބަޔަކު ކޮންމެ ދުވަހަކު ފޯމު ހުށަހަޅަން ވެސް ވެލާނާގެ ކިޔުގައި ތިބެއެވެ. އޮންލައިންކޮށް އެ ހިދުމަތް ލިބޭކަން އެ މީހުންނަށް ވެސް ނޭނގެނީއެވެ. 

މިފަދަ އެތައް ހިދުމަތެއް މިހާރު އޮންލައިންކޮށް ލިބެއެވެ. މިސާލަކަށް ކުށުގެ ރެކޯޑް ހޯދުމަށް މިހާރު އިދާރާތަކަށް ދުވާކަށް ނުޖެހެއެވެ. އެފަދަ ރިޕޯޓެއް ބޭނުންވާ ކޮންމެ ފަހަރަކު ފުލުހުންގެ އިދާރާ އަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަކަށް ދާކަށް ނުޖެހެއެވެ. އެ ހުރިހާތަނަކުން ވެސް އޮންލައިންކޮށް އެ ހިދުމަތް ދެއެވެ. އެހެން ނަމަވެސް މިކަން ވެސް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ކުށުގެ ރެކޯޑް ފޯމް ހިފައިގެން ފުލުހުންގެ އިދާރާއަށް ގޮސް ކިޔުގައި ޖެހިގެން ތިބޭ މީހުން މަދެއް ނޫނެވެ. ހުރިހާ ވެސް މައްސަލަކީ ސަރުކާރުގެ މިފަދަ ކަންކަން އޮންނަ ގޮތް ނޭނގުމެވެ. ހޭލުންތެރި ކުރުވިފައި ނެތުމެވެ. މިފަދަ ކަމަކާ ރުޅި އައުމުން ވެސް ދެން މިޖެހެނީ ސޯޝަލް މީޑިއާ އަށް މައުލޫމާތު ތިލަކުރަންށެވެ. 

ސޯޝަލް މީޑިއާގައި ޖެހުމުން އަވަސްވޭ!

ބޭންކްތަކާއި ސްޓެލްކޯ ފަދަ އަސާސީ ހިދުމަތްތައް ދޭ ތަންތަނަށް ގުޅައިގެން ކަމެއް އޮޅުން ފިލުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. މުވާސަލާތީ ހިދުމަތް ދޭ ތަންތަނަށް ގުޅުމަކީ ވެސް ހަމަ މިފަދަ ކަމެކެވެ. ބައި ގަޑިއެއްހާ އިރު ވެސް ފޯނުގައި ހޭދަކުރަން ޖެހިދާނެއެވެ. އެހެން ނަމަވެސް މިހާރުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވަރަށް ފަސޭހައިން މިފަދަ ކަންކަމަށް ވެސް ހައްލު އެބަ ހުއްޓެވެ. އަދި އޮންލައިން މެދުވެރިކޮށް ޖަވާބު ލިބޭލެއް ވެސް އަވަހެވެ. 

އާންމު ހިދުމަތްތައް ދޭ މިފަދަ ގިނަ ކުންފުނިތަކުން މިހާރު އަންނަނީ އޮންލައިންކޮށް ލައިވް ޗެޓްކުރެވޭ ގޮތްތައް ތައާރަފްކުރަމުންނެވެ. ގުޅައިގެން މައްސަލަ ހައްލުކުރުމަށް ވުރެ ނުވަތަ އެ ތަނަކަށް ގޮސް ކިޔުގައި ޖެހިގެން މައުލޫމާތު ހޯދައި އަދި އެ މައްސަލަ ހުށަހަޅައިގެން ހައްލު ހޯދުމަށް ވުރެ ލައިވް ޗެޓްގައި ވާހަކަ ދައްކައިގެން އެ ކަމެއް ހައްލުކުރުަން ނުވަތަ އެ ހިދުމަތެއް ހޯދަން މާ ފަސޭހައެވެ. އެހެން ނަމަވެސް މިކަންކަން އާންމު މީހާ އަށް އޮޅުން ފިލުވައިދެވިފައިވާ މިންވަރު ކުޑައެވެ. ހޭލުންތެރިކަން ކުޑަވުމުން ކަމެއް ދިމާވާ ކޮންމެ ފަހަރަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލަން މަޖުބޫރުވަނީއެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ. މިސާލަކަށް ގުޅައިގެން ނުވަތަ ޝަކުވާ ހުށަހަޅައިގެން ހައްލު ނުލިބި ދިގުލައިގެން ގޮސްފައިވާ ހުރި މައްސަލަތައް ސޯޝަލް މީޑިއާގައި އެ ކުންފުންޏެއް ނުވަަތ އެ އޮފީހެއް ޓެގްކޮށްފައި ލިޔުމުން ވަގުތުން ޖަވާބު ލިބޭ ފަހަރު މަދެއް ނޫނެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ މީގެ މިސާލެކެވެ. ގުޅިގެން ނުވަތަ މެސެޖްކޮށްގެން ނުވަތަ އީމެއިލްކޮށްގެން ނުލިބޭ ހައްލުތައް ބޭންކް ޓެގްކޮށްފައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދޫކޮށްލުމުން ޖަވާބު ލިބިފައި އެބަ ހުއްޓެވެ. އެޓެންޑްވާލެއް އަވަސްކަން ފާހަގަކުރެވެއެވެ.

އިންސާފު ހޯދަން ވެސް ސޯޝަލް މީޑިއާ އަށް!

މިފަހަކަށް އައިސް ހިނގި ބޮޑެތި ކަންކަމަށް ބެލި ނަމަވެސް މިކަން ފާހަގަކުރެވޭނެއެވެ. އިމާރާތެއްގެ މަތިން ވެއްޓިފައި އޮތް އަންހެން ކުއްޖާގެ މައްސަލަ ވެސް ހޫނުވެގެން އައީ ސޯޝަލް މީޑިއާގެ ތެރެއިންނެވެ. ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އެ ހާދިސާ މަތިއަޅައި ފޮރުވަން ކުރި މަސައްކަތް ނާކާމިޔާބުވީ ސޯޝަލް މީޑީއާގެ ތެރެއިންނެވެ. އެކަމާ ގުޅުން ހުރި މައުލޫމާތުތައް ސޯޝަލް މީޑިއާގައި ފެތުރެމުން ދިޔުމުން އެ ކަމަށް ޖަވާބުދާރީވާން ކަމާ ބެހޭ އިދާރާތަކަށް ވެސް މަޖުބޫރުވީއެވެ. ޒުވާނުންގެ އެއް ތަނަކަށް އެއްވެ އަޑު އުފުލަން މެދުވެރިވީ ވެސް ސޯޝަލް މީޑިއާގެ ތެރެއިން ދެކެވެމުން ދިޔަ ވާހަކަތަކާ ގުޅިގެންނެވެ. 

މި ނޫން ވެސް އެތައް ކަމެއްގައި ދައުލަތުގެ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރަށް ވުރެ އެކަމެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ މަސައްކަތުން އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރެވޭ މިންވަރު ބޮޑެވެ. އަދި ރަސްމީ ފަރާތްތަކުގެ ސަމާލުކަމަށް އަންނަ މިނަވަރު ވެސް ބޮޑެވެ. ސިޓީތަކާއި އީމެއިލްތައް ހުށަހަޅައިގެން ނުލިބި ހުރި އެތައް ޖަވާބެއް ސޯޝަލް މީޑިއާ އަށް ތިލަވުމުން ލިބޭ ފަހަރު މަދެއް ނޫނެވެ.

ކޮރަޕްޝަންގެ މައްސަލަތައް ވެސް ސޯޝަލް މީޑިއާ އަށް!

ދައުލަތުގެ އެކި މުއައްސަސާތަކުގައި އިންތިހާ އަށް އޮތް ކޮރަޕްޝަންގެ މައްސަލަތަކަށް ވެސް އޮތް ހައްލަކީ އެކަމެއްގެ މައުލޫމާތު ވީހާ ވެސް ގިނަ ބަޔަކަށް އެނގުމެވެ. މިކަން ރައްޔިތުންނަށް ވެސް މިހާރު ވިސްނެއެވެ. އެހެން ކަމުން ކޮންމެ ވެސް ގޮތަކުން އެ ކަމެއް ސޯޝަލް މީޑިއާ އާށް ތިލަކުރެވޭތޯ ބަލައެވެ. ރަސްމީ އިދާރާއަކަށް ހުށަހަޅައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރެވެނީއެވެ. ނުވަތަ ވިސްލް ބްލޯކޮށްގެން އެ މީހެއްގެ އައިޑެންޓިޓީ ސިއްރުވާނެ ކަމަށް ގަބޫލުނުކުރެވެނީ އެވެ. މިސާލަކަށް ސަރުކާރުގެ އޮފީހެއްގައި ހިންގާ މިފަދަ ނާޖާއިޒު ކަމަކާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ނުވަތަ ތަހުގީގީ އިދާރާއަކަށް ސިއްރިއްޔާތުގައި މައުލޫމާތު ފޯރުކޮށްދޭން އާންމު މީހާ ޖެހިލުން ވަނީ އެފަދަ މައުލޫމާތު ފޯރުކޮށްދޭ މީހާ ސިއްރުނުވާތީ އެވެ. ކޮންމެ ވެސް ބާގަނޑެއްގެ ތެރެއިން އެއީ ކާކުކަން އެ ޝަކުވާ ރައްދުވާ މީހުންނަށް އޮންނަނީ އެނގިފައެވެ. ނުވަތަ އެނގިދާނެ ކަމުގެ ބިރު އޮންނަތީ އެކަން ކުރަން ޖެހިލުން ވަނީ އެވެ. 

އެފަދަ ފަރާތްތަކަށް ހިމާޔަތް ލިބިދޭ ގާނޫނެއް އޮތް ނަމަވެސް ތަހުގީގީ އަދި ތަންފީޒީ އިދާރާތަކުގެ ތެރެއިން އެ ހިމާޔަތް ލިބިދޭނެ ކަމާ މެދު އާންމު މީހާގެ ހިދުމަތް ޝައްކު ބޮޑެވެ. ސިއްރު ހެކިން ސިއްރު ނުވާ ފަހަރު ވެސް މަދެއް ނޫނެވެ. ކޯޓުތަކަށް ވެސް މި މައްސަލަ ކުރިމަތި ވެއެވެ.

ތެދު ނޫން އެތައް މައުލުމާތެއް!

ކަމެއް ހިނގިޔަސް މިހާރު ގިނަ މީހުން އެކަމެއްގެ މައުލޫމާތު ހޯދަނީ އެ މީހެއްގެ ފިކުރާ ދިމާވާ ޕޭޖަކުން ނުވަތަ ސޯޝަލް މީޑިއާގެ އެކައުންޓަކުންނެވެ. މިފަދަ މައުލޫމާތުތައް ވަރަށް އަވަހަށް ފޯރުކޮށްދޭ ޕޭޖްތަކާއި އެކައުންޓްތައް މިޙާރު ވަރަށް ގިނައެވެ. މެއިންސްޓްރީމް މީޑިއާތަކަށް ވުރެ މި މީހުން މާ ކުޅަދާނައެވެ. އެ މީހުންގެ ނެޓްވޯކް މާ ވަރުގަދައެވެ. މަގުމަތީގެ އެކްސިޑެންޓްތަކާއި ބޮޑެތި ޚަބަރުތައް ވެސް މި ޕްލެޓްފޯމްތަކުގައި މާ އަވަހަށް މާ ތަފްސީލްކޮށް ގެނެސްދޭ ފަހަރު ވެސް މަދެއް ނޫނެވެ. 

އެހެން ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ވެސް މި ފަރާތްތަކުން އެބަ ނަގައެވެ. ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް މިފަދަ ޕޭޖްތަކާއި އެކައުންޓްތައް މެދުވެރިކޮށް އެބަ ފަތުރައެވެ. ހާއްސަކޮށް އެކަންކަން ހިންގަން ތިބޭ މީހުންގެ ފިކުރާ އެއްގޮތަށް ފަތުރާ ދޮގު ޚަބަރުތައް ގިނައެވެ. ނުވަތަ ރަނގަޅު ނޫން އެތައް މައުލޫމާތެއް ވައިރޯޅިއެއް ފަދައިން ފަތުރާލައެވެ. އަދި އެ ވާހަކަތައް ގަބޫލުކޮށް އޭގެ ތެދު ހަގީގަތެއް ބެލުމެއް ނެތި އިތުރު އެތައް ބަޔަކަށް އެ މައުލޫމާތު އެބަ ޝެއާކުރެއެވެ. މަޝްހޫރު ނޫސް މީޑިއާތަކުގެ ލޯގޯ އާއި ޓެމްޕްލެޓް ބޭނުންކޮށްގެން ނުބައި ސުރުހީތަކާއި ދޮގު ޚަބަރުތައް ފަތުރާ މިންވަރު މަދެއް ނޫނެވެ. އެއް ދުވަސްވަރެއްގައި މިއީ ވަރަށް އާންމު ކަމަކަށް ވިއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގޭގައި ބަންދުވެފައި ތިބި ދުވަސްވަރު މިކަން އިންތިހާ އަށް ބޮޑުވިއެވެ. ނުބައި އެތައް މައުލޫމާތެއް ފެތުރިއެވެ. އޭގެ ޖާނާއިޒު ފައިދާ ބަޔަކު ނެގިއެވެ.

ނަމަވެސް މަޑުމަޑުން މި ކަން ކަމަށް މީހުން މިހާރު ހޭލުންތެރިވާން ފަށައިފިއެވެ. ނޫހެއްގެ ހެޑް ބޭނުންކޮށްގެން ފޮޓޯގަނޑެއް ފެތުރިޔަސް އޭގެ އަސްލު ލިންކް ނެތް ނަމަ އެ ޚަބަރެއް ފެތުރުން ކުރިއާ އަޅާބަލާއިރު މަދެވެ. އަދި ހަގީގަތް ބެލުމެއް ނެތި އެ މައުލޫމާތަށް އިތުބާރުކުރާ މީހުން މެދު މަދުވާން ފަށައިފިއެވެ. އެހެން ނަމަވެސް އަދި ވެސް މިފަދަ ކަންކަން ސޯޝަލް މީޑިއާގަ އާއި ތަފާތު އެކި ޕްލެޓްފޯމްތަކުގައި ފަތުރަމުން ގެންދެއެވެ. ބަޔަކަށް ނޭނގި ނަމަވެސް އެކަންކަން ގަބޫލު ވެސް ކުރެވއެވެ.

ސަމާލުކަން ލިބުން އަވަސް!

މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވަނީ ދައުލަތުގެ އިދާރާތަކަށް ވުރެ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވާ ނުވަތަ ހިންގާ “ހަސަންކުރުސީ” ފަދަ އެކައުންޓްތަކަށާއި ޕޭޖްތަކަށް އިތުބާރުކުރާ މީހުން ގިނަވުމެވެ. އެހެންކަމުން ވަރަށް ކުދިކުދިން ކަންކަން ވެސް ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމުގެ ބަދަލުގައި ކާކުކަން ނޭނގޭ ގޮތަށް ހުންނަ އެކައުންޓްތަކުން ސޯޝަލް މީޑިއާ އަށް ދޫކޮށްލަން އިސްކަންދެވެނީއެވެ. 

މައިގަނޑު ސަބަބަކީ ބޭނުންވާ ކަންކަން ހާސިލްކުރުމުގައި ދައުލަތުގެ އިދާރާތަކަށް އޮންނަ އިތުބާރަށް ވުރެ ސޯޝަލް މީޑިއާ އަށް ކުރާ އިތުބާރު ބޮޑުވުމެވެ. ނަތީޖާ ވެސް ފެންނަލެއް އަވަސްވުމެވެ. ދައުލަތުގެ ވެރިންގެ ސަމާލުކަމަށް އަންނަލެއް ވެސް އަވަސްވުމެވެ.  އޭގެ މިސާލަކީ ބޮޑެތި ނިއުސް ކޮންފަރެންސްތަކުގައި ވަޒީރުނާއި އަދި ގައުމުގެ ރައީސް ވެސް އެފަދަ ވާހަކަތަކަށް ރައްދު ދެއްވަމުން ގެންދެވުމެވެ. ސޯޝަލް މީޑިއާ އަށް ތިލަކުރުމުން އިންސާފު ލިބުން ވެސް އަވަސް ކަމަށް ގަބޫލުކުރެވެނީއެވެ. 

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0