
ތާރީހުގެ ތެރެއިން: އޮލިމްޕަސް ހުޅުވިތާ 66 އަހަރު
21 މެއި 2025 - 10:52
ޒަމާނީ ސިނަމާއެއްގެ ހިޔާލު
ގަލޮޅު ރަސްމީ ދަނޑު ކުރިމަތިން މަޖީދީ މަގުގައި ފެންނަން އެ ހުރި ބައިސްކޯފް ނުވަތަ ސިނަމާ ހޯލް ބިނާކުރުމާ ހަމައަށް މާލޭގައި ސިނަމާއެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ރާއްޖޭގެ ސިނަމާ ކުންފުނިން އޮޕަރޭޓްކުރަމުން އައި “ފަރީދީ ސިނަމާ” އެވެ. އެއީ މިހާރުގެ ރިޔާސީ ވެހިކަލް ގަރާޖުގައި ހިންގި ވަރަށް އާދައިގެ ބައިސްކޯފެކެވެ.
ފެންވަރު ރަނގަޅު ސިނަމާއެއްގެ ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ފަހުން އެކަމަށް އަމަލީ ސިފައެއް އައުމުގެ ކޮޅުމަތި ފެންނަން ފެށީ 1957ގައި ބޮޑުވަޒީރު އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ފަހު ދުވަސްކޮޅުގެ ތެރޭގައެވެ. ސިލޯނުގެ އެޗް.އެސް. އާޓިސަންސް ކިޔާ ކުންފުންޏަކާ ހަވާލުކޮގެން ހަމަ އެ އަހަރު އެކަމުގެ މަސައްކަތް ފެށިއެވެ.
އެ އިމާރާތް އެޅުމަށް ނިންމީ ގަލޮޅު ރަސްމީ ބޯޅަ ދަނޑު ކުރިމަތިން މަޖީދީ މަގުގައި ހުރި “އާގަރާ” ގޯތީގަ އެވެ. ގަސް ހެދި ވާވެފައި އޮތް އެ ސަރަހައްދު ސާފުކޮށް ބިޔަ ބޮޑު އިމާރާތެއް އެ ތަނުަގައި އެޅުމުގެ މައި މޭސްތިރިއަކަށް ހުންނެވީ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެއީ 11 ޑިސެމްބަރު 1957 ގައި އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޖެހިގެން އައި ދުވަހު ބޮޑުވަޒީރު ކަމަށް އައްޔަންކުރެއްވުމާ ހަމައިން ނާސިރު ވަރަށް ގާތުން ބައްލަވަމުން ގެންދެވި މަޝްރޫއެކެވެ.
ސިނަމާ ހުޅުވުން
ތާރީހީ ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު ޝާތިރު ލިޔުއްވާފައި ވެއެވެ.
“ދެ އަހަރު ދުވަހުގެ ތެރޭގައި އޭރުގެ އެ ބޮޑު މަސައްކަތް ނިންމައި ފުރިހަމަ ކުރި އެވެ. ސިނަމާއަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ވެސް އެކުލެވޭ ގޮތަށެވެ. އެ ދުވަސްވަރުގެ ޙާލަތަށް ބަލާއިރު އެއީ ވަރަށް އުނދަގޫ ކަންކަމެވެ. ދަތުރުފަތުރާއި މުވާސަލާތުގެ ގޮތުން ބެލިޔަސް އަދި އެހެނިހެން ގޮތްގޮތުން ބެލިޔަސް އެ ދުވަސްވަރު ކަންކަން ކުރާ ގޮތްތަކާއި، އެ ދުވަސްވަރު ކަންކަން ކުރެވެން ހުންނާނެ ގޮތްތައް ވަރަށް ތަފާތެވެ. އަވަހަށް ކަންކަން ކުރަން އުނދަގޫވާނެ އެވެ. އެހެން ނަމަވެސް މިފަދަ ކުރު މުއްދަތެއްގައި މި ބޮޑު މަސައްކަތް ފުރިހަމަ ކުރެވުނު ކަމީ، ތާރީހީ ލާމަސީލު މިސާލެކެވެ.”
ދިވެހި އެތައް ފަންނާނުންގެ މައި ޖަގަހައިގެ ގޮތުގައި އަދި މާލޭގެ އެންޓަޓެއިންމަންޓް ހަބެއްގެ ގޮތުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ “އޮލިމްޕަސް” ހުޅުވީ 21 މެއި 1959 ވަނަ ދުވަހުގެ ރެއެވެ. ބައިސްކޯފް ހުޅުވައިދެއްވީ އޭރުގެ ރަދުން ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންނެވެ. މި ތާރީޚީ އިޙްތިފާލްގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ބުނެވޭ ގޮތުގައި އެއީ އޭރު ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި ވެސްހުރި އެންމެ ރީތި ބިޔަ ބޮޑު ބިނާއެވެ. “ސިނަމާ” މަޖައްލާގެ ނަމުގައި ނެރެމުން އައި މަޖައްލާގެ 1959ގެ މެއި މަހުގެ އަދަދުގައި “އޮލިމްޕަސް” ސިފަކޮށްފައި ވެއެވެ.
“މީގެ ދެ އަހަރު ކުރިއެވެ؛ މަޖީދީ މަގުގައި ހުރީ އާގަރާ ގޯތީގައި ހުރީ ގޯނބިލި ގަހާއި ކުދި ވިނަގަސްތަކެކެވެ. އޭގެ ދެ އަހަރު ފަހެވެ. އެ ބިމުގައިވާ ބިޔަ ބޮޑު އިމާރާތަކީ މުޅި މަޖީދީ މަގު ފަޚުރުވެރިވާ ދިވެހިރާއްޖޭގެ ޢިމާރާތްތަކުގެ “ރަސްގެފާނެވެ”.
ސިނަމާގެ ހިންގުންތެރިން
ދެ އަހަރުގެ ތެރޭގައި މާލޭގައި އޭރު ނެތް ފެންވަރުގެ ބިޔަ ބޮޑު އިމާރާތެއް އަޅައި ސިނަމާއެއްގެ ގޮތުގައި ހެދުމުން އެ ތަން ހިންގުމާ ހަވާލުވީ ދިވެހިންނެވެ. ބައިސްކޯފް ހިންގެވުމުގައި އިސްކޮށް ތިއްބެވީ ފީބޯ އަލީ އުމަރު މަނިކެވެ. އޭގެ ފަހުން ޒަމާންތަކެއް ވަންދެން ސިނަމާ ކުންފުނީގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި އައްބާސް އިބްރާހީމް އަދި އިދާރީ ކަންކަމާއި ޓިކެޓް ވިއްކުމުގެ މަސައްކަތުގައި އިލްޔާސް އިބްރާހީމް އިސްކޮށް އުޅުއްވިއެވެ. އަދި މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީ އާއި ސައިކުރާ އަބްދުއް ރަޝީދާއި ސޭބޫ ތުއްތު މަނިކު ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ބޭފުޅުން އެ ތަން އޭރު ހިންގަވަމުން ގެންދެވީ އަމިއްލަ ގޮތުން ނުހަނު ޝައުގުވެރިކަމާއި ހާއްސަ އަހައްމިއްޔަތުކަމެއް ދީގެންނެވެ.
އެހެން ނަމަވެސް 1967ގައި އެ ކުންފުނި އުވާލުމާ ގުޅިގެން ނާސިރު އަމިއްލަފުޅަށް އެތަން ބައްލަވައިގެންނެވިއެވެ. ނާސިރު ބައްލަވައިގެންނެވުމަށް ފަހު އެ ތަނަށް ބައެއް ބަދަލުތައް ގެންނެވި އެވެ. ހަމައެކަނި ފިލްމު ސިނަމާއެއްގެ އިތުރުން މިއުޒިކް ފަންނާނުންގެ ޝޯތަކާއި ތަމްސީލްތައް ކުޅެވޭ ގޮތް ހެއްދެވިއެވެ.
ދިވެހި މުނިފޫހިފިލުވުމުގެ މައި މަރުކަޒު
އަހަރުތަކެއް ވަންދެން އެ ގޮތުގައި ކުރިއަށް ދަނިކޮށް ނާސިރު ގައުމު ދޫކުރައްވައި ވަޑައިގަތުމުން އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި ހުރި ތަންތަނާއި ތަކެތި ދައުލަތަށް ނެގީއެވެ. އެ ގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮލިމްޕަސް ވެސް ސަރުކާރުގެ ދަށަށް ބަދަލުކުރެވުނީއެވެ. އޭގެ ފަހުން މިހާތަނާ ޖެހެންދެން ދައުލަތުގެ އެކި އިދާރާތަކުގެ ދަށުން އޮޕިމްޕަސް ދެމިގެން އައީ ރާއްޖޭގެ މުނިފޫހިފިލުމުގެ އިންޑަސްޓްރީގެ “ރަސްގެފާނު”ގެ ގޮތުގައެވެ.
ހިންދީ އާއި އިނގިރޭސި ފިލްމްތަކުން ފެށި އެ ތިއޭޓަރުގައި ދެއްކީ ހަމައެކަނި ފިލްމެއް ނޫނެވެ. ފާއިތުވި 66 އަހަރުގެ ތެރޭގައި އެ ތަނުގައި އެތައް މިއުޒިކް ޝޯތަކެއް ވެސް ބާއްވައި ވެއެވެ. ސްކޫލް ކުދިންގެ ލަވަމުބާރާތާއި ޕްރީ ސްކޫލްތަކުގެ ޓެލެންޓް ޝޯތަކަކީ ވެސް އޮލިމްޕަހުން ޖާގަ ހޯދި ހަރަކާތްތަކެވެ. އަދި 1970ގެ އަހަރުތަކުގައި ދިވެހިންގެ މަގުބޫލުކަން ހޯދި “އޮލިންޕިއަންސް”ގެ މިއުޒިކް ބޭންޑްގެ އެތައް ޝޯތަކެއް ވެސް އޮލިމްޕަސް ފަޅު ފިލުވައިދިނެވެ. އެކި ދުވަސްވަރު ބައެއް އެހެން ސިނަމާތައް މާލޭގައި އުފެއްދި ނަމަވެސް އަދިވެސް ދިވެހި ފަންނާނުންގެ މައި މަރުކަޒަކީ އަދި ދިވެހި ފިލްމް އިންޑަސްޓްރީ އެ ތަނަކަށް ބަރޯސާވާ ތަކަނީ އޮލިމްޕަހެވެ.
އަލުން ހުޅުވުން
ފާއިތުވި އަހަރުތަކުގައި އޮލިމްޕަހުގެ މައި އިމާރާތަށް ބަދަލުތަކެއް ނައި ނަމަވެސް ސިނަމާ އަށް ބޮޑެތި ތަރައްގީތައް އައިސްފައި ވެއެވެ. ކުރީގެ ރައީސް މައުމޫންގެ ދައުރުގައި ވެސް އޮ؛ލިމްޕަހަށް ތަރައްގީތަކެއް ގެނެވިފައި ވެއެވެ. އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ވެސް އޮލިމްޕަސް ގިނަ ދުވަސްތަކަކަށް ބަންދުކޮށް ބޮޑެތި މަރާމާތުތައް ކުރެވި ބޮޑު ރަސްމިއްޔާތެއް ބާއްވައި އަލުން ހުޅުވިއެވެ.
އެހެން ނަމަވެސް ފަހުގެ ތާރީހެއްގައި އޮލިމްޕަސް ވަރަށް ބޮޑަށް މަރާމާތުކޮށް ޒަމާނީ ސިނަމާ އާއި ވަސީލަތްތަކާ އެކު ހުޅުވީ 4 ފެބްރުއަރީ 2023ގައެވެ. ވަރުގަދަ ހަފުލާއަކަށް ފަހު އޮލިމްޕަސް ހުޅުވައިދެއްވީ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
“އޮލިމްޕަހަކީ ދުވަސްވީ އިމާރާތަކަމަށް ވުމާ އެކު މަސައްކަތް ކުރީ އިމާރާތަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނައުމަށް. އޮލިމްޕަސް ހުޅިވެގެން ދިޔުމަކީ ފަންނުވެރިކަން އަލުން ދިރިގެންދާނެ ކަމެއް. މިފަހަރު އޮލިމްޕަސް ހުޅިވިގެން ދަނީ ޒަމާނީ ވަސީލަތްތަކާ އެކު،” ސިނަމާ އަލުން ހުޅުމުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭރުގެ އާރޓްސް އެންޑް ކަލްޗަރ މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެފައި ވެއެވެ.
މަރާމާތުކުރީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުގެ އިތުރުން އޭގެ އިތުރުން، ފިލްމާއި މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަންނާނުން ވެސް ބައިވެރިވި އެވެ . ސިނަމާ އަށް ގެނެވުނު ބޮޑެތި ބަދަލުތަކުގެ ތެރޭގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރު ބެހެއްޓުމާއި، ސްޓޭޖްގައި މިއުޒިކް އަދި ސްޓޭޖް ޑްރާމާތައް ބޭނުންވާ ސްޓޭޖް ލައިޓްތަކާއި ސައުންޑް ހިމެނެއެވެ. މީގެ އިތުރުން ޑޮލްބީ 7.1 ސަރައުންޑް ސައުންޑް ސިސްޓަމް ވެސް ގާއިމުކޮށްފައި ވެއެވެ.