
އެއާޕޯޓް އެޅުން: ވައްކަންކުރަން ފަސޭހަ މޮޅު ގޮތެއް!
25 މެއި 2025 - 10:47
ކޮންމެ 20 މިނިޓަކުން އެއާޕޯޓެއް!
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގައި ޓެކްސް ނިޒާމަށް އައި ބަދަލާ އެކު ދައުލަތަށް ވަންނަ އާމްދަނީ ހަމަ ކުއްލިއަކަށް އިތުރުވި އެވެ. ހަމައެއާ އެކު އިގްތިސާދީ ލޭންޑްސްކޭޕް ވަރަށް ބޮޑަށް ބަދަލުވާން ފެށިއެވެ. ކުރިން އެތައް އަހަރަކަށް ދެމިގެންދާ މަޝްރޫއުތައް ކުރު މުއްދަތެއްގައި ކުރެވޭނެކަން އެނގިގެން ދިޔައެވެ. އަދި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރެވި ރަށު ބަންދުން ރައްޔިތުން ސަލާމަތްކުރުމުގެ ނަމުގައި ކަނޑުމަގާއި ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުން އެމްޑީޕީ ސަރުކާރުން ޕްރޮމޯޓްކުރަން ފެށިއެވެ. އެހެން ނަމަވެސް އެއީ ހައްދުފަހަނަ އަޅައި ހިނގައިދާނެ ކަމެއްގެ ގޮތުގައި ބެލެވިފައެއް ނެތެވެ.
އެމްޑީޕީގެ ވެރިކަމުގައި ގާއިމުކުރަން ފެށި އެއާޕޯޓްތަކާ އެކު ދެން ޖެހިގެން އައި ސަރުކާރުން އުފަންކުރުވީ މާ ވަރުގަދަ ސިޔާސަތެކެވެ. ސްޕީޑް ލޯންޗްގައި ކޮންމެ 20 މިނިޓަކުން ދަތުކުރެވޭ ހިސާބެއްގައި އެއާޕޯޓެއް އޮންނަންޖެހޭ ކަމަށް ކުރީގެ ރައީސްއަބްދުﷲ ޔާމީންގެ ސަރުކާރުން ގަބޫލުކޮށް ރައްޔިތުންގެ ސިކުނޑި އަށް އެ ވިސްނުން ވެއްދިއެވެ. ނަތީއަކަށްވީ ސިޔާސީ ކެމްޕެއިންތަކުގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި އެއާޕޯޓްތައް ހިމެނުމެވެ. އަދި ރަށްރަށުގެ މީހުން ވެސް އެކަމަށް ޑިމާންޑްކުރުމެވެ. ހދ. ހަނިމާދޫގައި އެއާޕޯޓެއް ފެންނަ ހިސާބު ކައިރީގައި އޮއްވައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމާ އެކު އެއް އަތޮޅެއްގައި ދެ އެއާޕޯޓް އެޅުމަކީ ވެސް މާ ބޮޑު މައްސަލައެއް ކަމުގައި ނުވިއެވެ.
ބައެއް އަތޮޅުތަކުގައި މިހާރު ވެސް ދެ އެއާޕޯޓް އެބަ އޮތެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގައި ވެސް އެކަން އެބަ އޮތެވެ. ފ. މަގޫދޫގައި މިދިޔަ ސަރުކާރުން އެއާޕޯޓެއްގެ މަސައްކަތް ފަށައި ބޮޑު ބައި ނިންމާފައި ވަނިކޮށް މި ސަރުކާރުން ވަނީ އެއް ރަށް ދޫކޮށްފައި އޮތް ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް އިއުލާންކޮށްފައެވެ. އަދި އެކަމުގައި ފާޑުކިޔުމާއި ބޮޑެތި ބަހުސްތައް ކުރެވެމުންދާ އިރު ވެސް މި ސަރުކާރުން އެ ކަމަށް ދޫދިނުމެއް ވެސް ނެތެވެ. މި ބަހުސްގެ ތެރެއިން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެއާޕޯޓެއް ނާޅަންވީ ކީއްވެތޯ ވެސް މީހުން އެބަ ސުވާލުކުރެއެވެ. އެހެން ނަމަވެސް އެއީ ސަރުކާރުތަކުން ހަދާ ބޮޑު ގޯހެކެވެ.
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީ އަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ވެސް ދެރަކޮށް ކޮށްފައި އޮތް ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ގދ. ތިނަދޫ އާއި ރ. ފައިނުގައި އެއާޕޯޓް އެޅުން ވެސް ވާނީ ގޯހަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ހިންގާ ވަރުގަދަ މަޝްރޫއު ދެތިން މަހެއްގެ ތެރޭގައި ނިމުމުން ކުޅުދުއްފުށީ އެއާޕޯޓްގެ މާ ބޮޑު ބޭނުމެއް ނޯންނާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަދި ހަމައެހެންމެ ގދ. އާއި ރ. އަތޮޅުގައި މިހާރު ވެސް އެއާޕޯޓްތައް އެބަ ހުއްޓެވެ.
Dhathurufathuruge nizaamakun Raajjeyge rahthah gulhaalaa, Rayyithun rashu bandhun filuvumakee konmehen beynuntheri kameh. Ehenas Raajjeyge konme rashehgai airporteh elhumakee Raajjeyge tharaggee ah oiy nuhanu bodu huraheh. Kulhudhuffushi airport akee ves varah dherakoh kurevifai…— Mohamed Nasheed (@MohamedNasheed) May 20, 2025
ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ވަކި ބައެއްގެ ޖީބު ބަރުކުރުން!
ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ” ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލާ، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.” އެހެން ނަމަވެސް މާޒީން ފެންނަން އޮތީ އެ މަޝްރޫއުގެ ތެރެއިން ބޮޑެތި ގޯސްތައް ވެސް ހެދިފައި ހުރި ކަމެވެ. އޭގެ ފައިދާ ނަގައިގެން ވަކި ބަޔަކު މުއްސަނދިވެފައި ވެސް ވާ ކަމެވެ. ފެރީގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކުރުމުގެ ބަދަލެއްގެ ގޮތުން ރަށްރަށުން ބޮޑެތި ބިންތަކާއި ރިސޯޓް ހެދުމަށް ފަޅު ރަށްތައް ދީފައި އެބަ ހުއްޓެވެ. އާހިރުގައި އެ ނިޒާމު ފެއިލްވެ މުޅި ފެރީގެ ނިޒާމު ހުއްޓުމަކަށް އައި އިރު ބަޔަކު ވަނީ އެ ބިންތަކާއި ރަށްތައް ވިއްކައިގެން މުއްސަނދި ވެފައެވެ.
އެއާޕޯޓް އެޅުމުގެ ތެރެއިން ވެސް ފާހަގަކުރެވުނީ ހަމަ މި ކަމެވެ. އެއާޕޯޓް އެޅުމުގެ ބައެއް މަޝްރޫއުތައް ހިންގާފައި ވަނީ އެއާޕޯޓް އެޅުމުގެ ބަދަލެއްގެ ގޮތުން ފަޅު ރަށްތަކާއި ފަޅުތަކާއި ބިންތައް އެ ފަރާތްތަކަށް ލިބޭ ގޮތަށެވެ. މިހާރު ވެސް ބައެއް މަޝްރޫއުތައް ހިންގަނީ އެ ގޮތަށެވެ. ވަކި ސަރުކާރެއް ނޫނެވެ. އެއާޕޯޓް އެޅުމުގެ ތެރެއިން ބޮޑެތި ވައްކަންތައް އެބަ ކުރެއެވެ. އެހެންކަމުން މި ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް އެއާޕޯޓް އެޅުމުގެ ސިޔާސަތަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް ހައްދެއް ހުދޫދެއް ނެތި އެއާޕޯޓްތައް ދިޔައީ އިއުލާންކުރަމުންނެވެ. ކައިރި ކައިރީގައި އޮތް ރަށްތަކާއި އަތޮޅުތަކުގައި ވެސް އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށިއެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް އެ ސިޔާސަތަކަށް ބަދަލެއް ނުގެއެވެ. ކުރިން ފަށާފައި ހުރި މަޝްރޫއުތައް އެ ގޮތުގައި ކުރިއަށް ގެންދާ އިރު އިތުރު އެތައް ރަށެއް ވަނީ އެއާޕޯޓް އެޅުމަށް ހުޅުވާލާފައެވެ. އެހެން ނަމަވެސް މިއިން ކޮންމެ މަޝްރޫއަކުން ވެސް ފެންނަނީ އޮޅުވާލުމާއި މަކަރު ހެދުމެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ވެސް ކުރެވެއެވެ.
ދާދި ފަހުން ހުޅުވި މ. މުލީ އެއާޕޯޓަކީ ވެސް ރައީސް ސޯލިހްގެ ވެރިކަމުގައި 212 މިލިއަން ރުފިޔާ އަށް ހަވާލުކުރި މަޝްރޫއެކެވެ. އެހެން ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސް އެމްޓީސީސީން އެންމެ ފަހުން މަޝްރޫއު ނިންމި އިރު އޭގެ ދެ ގުނަ އެއާޕޯޓަށް ހޭދަވި ކަމަށް މި ސަރުކާރުން ބުނެފައި ވެއެވެ.
އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މުލީ އެއާޕޯޓަށް 540 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. މިއީ އެ ރަށުގެ އާބާދީ އާށް ބަލާއިރު ކޮންމެ ބޮލަކަށް ލައްކައެއްހާ ރުފިޔާގެ ހަރަދެކެވެ. ހަމައެކަނި މަސައްކަތް ލަސްވެގެން ހަރަދު ދެގުނަވީއެއް ނޫނެވެ. ބައެއްގެ އިހްމާލުން އެކަން އެ ގޮތަށް ވީއެވެ. އަދި އޭގެ ތެރެއިން ކޮންމެ ވެސް ބަޔަކު ނާޖާއިޒު ފައިދާ ވެސް ނުނަގައި އެހާ ބޮޑު ހަރަދެއް ނުހިނގާނެއެވެ.
ކޮންމެ އެއާޕޯޓަކާ އެކު ދައުލަތަށް ބޮޑު ގެއްލުމެއް!
އެއާޕޯޓްތައް އަޅަނީ ކޮންމެހެން އެއް ރަށް އަނެއް ރަށާ ގުޅާލުމުގެ ބޭނުމުގައެއް ނޫނެވެ. އޭގެ ބަދަލުގައި މާލެ ނުވަތަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެ ރަށްތަކާއި ގުޅުވާލުމަށެވެ. ފެންނަ ހިސާބުގައި އޮންނަ ރަށަކަށް މަތިންދާބޯޓުގައި ދާނެ ބޮޑު ހޭދަކޮށްގެން ދާނެ ބަޔަކު ނުތިބޭނެއެވެ. އެ އެއާޕޯޓްތަކަށް ދަތުރުކުރަނީ ރާއްޖެ އިން ބޭރުން އަންނަ ޓުއަރިސްޓުންނާއި އެކިއެކި ބޭނުންތަކުގައި މާލެ އަންނަ ދިވެހިންނެވެ.
މިއިން ކޮންމެ އެއާޕޯޓެއް ވެސް ބޭނުން ހިފެނީ އެއާލައިންތަކުން ދަތުރުތައް ކުރާ ނަމައެވެ. ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ އެއާޕޯޓްތައް އޮތް ނަމަވެސް ދަތުރުކުރަން އޮތީ ތިން އެއާލައިނެވެ. އަމިއްލަ ދެ އެއާލައިނުން ދަތުރުތައް ކުރަނީ ވަރަށް މަދު އެއާޕޯޓަކަށެވެ. އެހެންކަމުން މިހެން އަޅާ ކޮންމެ އެއާޕޯޓަކަށް ދަތުރުކުރަންޖެހެނީ ގައުމީ އެއާލައިނަށެވެ. ސަރުކާރުގެ ސިޔާސަތަކަށް ވާތީ ގައުމީ އެއާލައިނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެ އެއާޕޯޓްތަކަށް ދަތުރުކުރަން މަޖުބޫރު ވެއެވެ. ނަތީޖާއަކަށް ވަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުން ކިތަންމެ ބޮޑު ފައިދާއެއް ލިބުނަސް އަދި އެހެން އޮޕަރޭޝަންތަކުން ކިތަންމެ ބޮޑު ފައިދާއެއް ނެގި ނަމަވެސް މި އެއާޕޯޓްތަކަށް ކުރާ ދަތުރުތަކާއި މެނޭޖްކުރުމަށް އައިލެންޑް އޭވިއޭޝަނަށް ބޮޑު ހޭދައެއް ކުރަންޖެހި ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވުމެވެ.
އެއާޕޯޓެއް އެޅިޔަސް މާކެޓް ކުރުމަށް ހުރަސްތައް!
އަމިއްލަ ރަށުގައި އެއާޕޯޓެއް އޮތުމަކީ މާލެ ސަރަހައްދަށް ދާންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ފަސޭހައަކަށް ވާނެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއާޕޯޓާ އެކު ޓުއަރިޒަމް ވެސް ފުޅާވެގެންދާނެއެވެ. ހާއްސަކޮށް ލޯކަލް ޓުއަރިޒަމެވެ. އެހެން ނަމަވެސް ވަށައިގެން ހުރި ކަންކަމަށް ބަލާއިރު މިއީ ވެސް މުޅިއަކުން އަދި ރަނގަޅު ވާހަކައެއް ނޫނެވެ. އެއާޕޯޓެއް އެޅިޔަސް މާލެއާ ދުރު ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވުމަށް ސަބަކަށް ނުވެއެވެ.
ލޯކަލް ޓުއަރިޒަމްގެ ޕެކޭޖްތަކަށް ފްލައިޓް ޓިކެޓް ލުމުން އަގު އިންތިހާ އަށް ބޮޑުވެއެވެ. މިސާލަކަށް ހދ. ކުޅުދުއްފުށީ ގެސްޓް ހައުސްއެއްގައި ހަތަރު ރޭ ހޭދަކުރުމަށް ޕެކޭޖްގެ އަގަކީ ރެއަކަށް ޑަބަލް ރޫމެއް 60 ޑޮލަރު ކަމަށް ބެލިޔަސް 240 ޑޮލަރެވެ. އެހެން ނަަމަވެސް ދެމަފިރިންގެ ފްލައިޓް ޓިކެޓަށް އެކަނި ވެސް މަދުވެގެން 600 ޑޮލަރު އެބަ ހޭދަވެއެވެ. މާލެ ކައިރި ރިސޯޓެއްގައި އެއް ރޭ އަދި މީހުން ދިރިއުޅޭ ރަށެއްގައި ތިން ރޭ ހިމެނޭހެން ހުންނަ ޕޭކްޖްތަކަށް ހޭދަވާ އަގަށް ވުރެ ވެސް ބޮޑު އަގެއް ހަމައެކަނި ޓިކެޓަށް އެބަ ހޭދަވެއެވެ. އެހެން ކަމުން މާލެއާ ދުރު ހިސާބުތަކުގެ ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ނުހަނު ބޮޑު ދަތިތަކެއް ކުރިމަތި ވެއެވެ.
ރާއްޖޭގެ އެންމެ ރީތި ގޮނޑުދޮށެއް އޮތް ހއ. ކެލާ އެއް ދުވަސްވަރެއްގައި ވަރަށް މަޝްހޫރުވެގެން ދިޔައެވެ. އީދާ ދިމާކޮށް ދިވެހިންގެ އެތައް ބަޔަކު ދަތުރުކޮށް ސޯޝަލް މީޑިއާގައި ފޮޓޯތައް ފެތުރުމުން ކޮންމެ މީހެއްގެ ވެސް ޑްރީމް ޑެސްޓިނޭޝަނަކަށް އެ ރަށް ވިއެވެ. އެހެން ނަމަވެސް މާކެޓް ކުރުމުގައި އޮތީ ކުރިން ވެސް މި ފާހަގަކުރި ދަތުރުފަތުރުގެ އަގެވެ. އެ ރަށުގައި ހޭދަކުރާ ހަތަރު ރޭގެ ޕެކޭޖަސް ވުރެ ދަތުރަށް ދާ ހަރަދު ބޮޑެވެ. އެހެންކަމުން މާކެޓް ކުރުމަށް ހުރަސްތައް އެޅެނީއެވެ.
ފައިދާއެއް ނުވާ ގެއްލުން ބޮޑު ކަމެއް ކުރަނީ ކީއްވެ؟
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ބޮޑު ގެއްލުމެއް ކުރިމަތިވި ނަމަވެސް ސަރުކާރުތަކުން އެއާޕޯޓްތައް އަޅަނީ ސިޔާސީ ބޭނުމެއްގައެވެ. ހަމައެއާ އެކު އެކީގައި އެފަދަ މަޝްރޫއުތަކުގެ ތެރެއިން އެއިރެއްގައި އިސްކޮށްތިބޭ ފަރާތްތަކުގެ ޖީބަށް ކުރާ މަންފާއެއްގެ ސަބަބުންނެވެ. މިއީ ބޮޑު ތުހުމަތެކެވެ އެހެން ނަމަވެސް މި ކަމަށް ބާރު ދޭ އެތައް ކަމެއް މީގެ ކުރިން ވެސް ހިނގާފައި އެބަ ހުއްޓެވެ.
އެއާޕޯޓެއް އެޅުމަށް ކުރާ ކުޑަ ހޭދައެއްގެ ބަދަލުގައި ރިސޯޓް ހެދުމަށް ފަޅުތަކާއި ރަށްތައް ލިބުމަކީ ބޮޑު މަންފާއެކެވެ. އަދި އެއީ މުޅި އުމުރު ދުވަހު ވެސް މަންފާ ލިބިލިބި ހުންނާނެ ކަމެކެވެ. އެހެންކަމުން”މޭޒު ދަށުން” ވެރިންނަށް ހަދިޔާއެއް ދީފައި އެއާޕޯޓް އެޅުމުގެ ނަމުގައި ފަޅު ރަށްތައް ހޯދުމަކީ ކޮށް އުޅޭ ކަމެއްކަން އެނގެއެވެ. ސަރުކާރުތަކުން އެ ފައިސާ ބޭނުންކުރަނީ ސިޔާސީ ބޭނުންތަކަށެވެ. ކެމްޕެއިންތަކަށެވެ. އެހެންކަމުން އެއާޕޯޓް އެޅުން ވެފައި އޮންނަނީ “ވައްކަން ކުރަން” ފަސޭހަ މަގަކަށް ވެފައެވެ. އަދި އެއާޕޯޓް ދައްކާފައި އެކަމުގައި މަތިއަޅަން ފަސޭހަ ގޮތަކަށެވެ.