
އިމިގްރޭޝަންގެ ވަޒީފާ ކިޔު: ދިވެހި ޒުވަނުން ކަންނެތީކީ ނޫން!
28 މެއި 2025 - 10:45
“މި ގައުމުގެ ޒުވާނުން ވަޒީފާ ނެތިފަ އެއަށް ބޭނުންވެފަ ތިބޭވަރު ފެނިގެން މިދަނީ. ފެކްޓަރީއެއް ވިޔަސް އަލުން ހުޅުވުން ކިހިނެއްވާނެބާ. ރާއްޖޭގަ މޭވާހައްދާފަ ޖޫސް ހަދާ ފެކްޓްރީއެއް. ފަހާ ފެކްޓްރީއެއް. ކޮންމެވެސް ގިނައިން ވަޒީފާ އުފެއްދޭނެ ގޮތެއް ބަލަމާބަހީ ޢިލްމުވެރި ތަޖުރިބާކާރުންނޭ,” އިމިގްރޭޝަންގެ 50 ވަޒީފާއަކަށް މީހުން ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތުލުމާ ގުޅޭ ގޮތުން ލިޔުނު ޚަބަރަކަށް މީހަކު ކޮމެންޓް ކޮށްފައި ވެއެވެ.
އިމިގްރޭޝަނުން ގިނަ އަދަދެއްގެ ވަަޒީފާ ހުޅުވައިލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން އަންނާތީއެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމަށާއި އިންޓަވިއު ކުރުމަށް ހޮނިހިރު ދުވަހު ގަލޮޅު ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަވިއު ހަރަކާތަށް ހުޅުވައިލުމުން ފަސް ގަޑިއިރުގެ ތެރޭގައި ހާހަކާ ގާތްކުރާ އަދަދަކަށް ޒުވާނުން ކުރިމަތިލިއެވެ. އިމިގްރޭޝަނުން ބުނީ 876 މީހުން ކުރިމަތިލި އިރު 758 މީހަކު ޝަރުތު ހަމަވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 40 އަހަރުން ދަށުގެ މީހުންނެވެ. ގިނައީ ޒުވާނުންނެވެ.
ވަޒީފާ ނެތި އެތައް ބަޔަކު
ސަރުކާރު ޕްރޮމޯޓްކުރަން އުޅޭ ބަޔަކު މި މަންޒަރުތައް ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދިޔައީ މިއީ ވެސް ސަރުކާރަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ހަގީގަތުގައި މިއީ އެއްވެސް ސަރުކާރަކުން ފަހުރުވެރިވާންޖެހޭ ކަމެއް ނޫނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިކަމުން ހާމަވެގެން ދަނީ ވަޒީފާ ނެތިފައި ތިބި އެތައް ބަޔަކު، ހާއްސަކޮށް ޒުވާނުން އިންތިހާ އަށް ގިނަ ކަމެވެ. ގާތަގަނޑަކަށް ދިހަ ވަރަކަށް ހާސް ރުފިޔާ ލިބޭ މި ވަޒީފާތަކަށް ކުރިމަތިލާން އެތައް ބަޔަކު ކިޔު ޖެހެން ޖެހުނީ ވަޒީފާގެ ބާޒާރުގައި ވަޒީފާ ނެތުމުންނެވެ.
“900 އެއްހާ މީހުން ކިއު ލައިނުގައި ޖެހި ކުރިމަތިލާން ގޮސް މިތިބީ 10،500 އެއްހާ މުސާރައިގެ ވަޒީފާއަކަށެވެ. ހުޅުވާލީ އެންމެ 50 ސްލޮޓަށެވެ. ކަރަޕްޝަނާއި ފަސާދައިން ފާވެފަ އޮތް މިގައުމުގައި، ސިޔާސީ މަގާމުތަކޭ ކިޔާ ކަމެއް ނުކޮށް މީގެ ތިން ހަތަރު ގުނަ ބޮޑު މުސާރަ ނަގައިގެން ކޮފީތަކުގައި ތިބުން އާަންމު މިގައުމުގައި، ހަލާލު ގޮތުގައި ފައިސާ ހޯދަން މިހާ ގިނަ ބަޔަކު ( ހާއްސަކޮށް ޒުވާނުން) ކުރޮމަތިލާ ތިބިތަން ފެނި، މަސައްކަތް ކުރާތަން ފެނި އުފާކުރަމެވެ.،” މިފަދަ އިޖުތިމާއީ މައްސަލަތަކުގައި ވަކާލާތުކުރާ ފަރާތެއް ކަމަށްވާ މިދުއަމް ސައުދު އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ޒުވާނުން ކަންނެތީތަ؟
މިހާތަނާ ޖެހެންދެން ބައެއް ސިޔާސީ ފަރާތްތަކުން ޒުވާނުން ސިފަކުރަމުން އައިސްފައި ވަނީ މަސައްކަތްނުކުރާ ކަންނެތް ބައެއްގެ ގޮތުގައެވެ. އަދި މަސައްކަތެއް ނެތި “ހާވިޔާ” ދިރިއުޅުމެއް އުޅެނީ ވަޒީފާ ނެތިގެން ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.
“މިއަދު އަޅުގަނޑުމެންނަށް ވަޒީފާއަދާކުރާ ހުރިހާ ތަނަކުން ވެސް އިވެނީ ފަރުވާކުޑަކަން. ޒިންމާ އަދާނުކުރެވޭކަން. 8:30 އަށް އޮފީހަށް އައިއްސަ 9 ޖަހާއިރު ކޮފީއަށް، އަނެއްކާ 10 ޖަހާއިރު ކޮންމެސް ރައްޓެއްސަކާ ބައްދަލުކޮށްލަން. އެެހެން 8 ގަޑިއިރު މަސައްކަތްކުރާ އިރު ހަގީގަތުގައި ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ގިނަ ބޭފުޅުން ހޭދަކުރަނީ 8 ގަޑިއިރުގެ ތެރެއިން 3 ގަޑިއިރު،” ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް އިމިގްރޭޝަންގެ އިންޓަވިއު ކިޔުއަށް ބަލައިލުމުން ދޭހަވަނީ މުޅިން އެހެން މަންޒަރެކެވެ. ޒުވާނުން ކަންނެތީ ނުވަތަ ވަޒީފާ އަދާކުރަން ބޭނުން ނުވަނީކީ ނޫނެވެ. އެކަށީގެންވާ ވަރަށް ވަޒީފާ ވެސް ނެތީއެވެ. އިމިގްރޭޝަނުން ހުޅުވައިލި ވަޒީފާތަކަަކީީ އާދައިގެ ވަޒީފާ ތަކެކެވެ. ދިރިއުޅުމުގެ ހާލަތާ ބަލާއިރު މާ ބޮޑު މުސާރައެއް ވެސް ނުލިބޭނެއެވެ. އެހެން ނަމަވެސް އެ ވަޒީފާތަކަށް ދިވެހި ޒުވާނުން ތިބީ ފެންބުވައިގެންފައިކަން އެ ދުވަހު އެނގިގެން ހިނގައްޖެއެވެ.
ޒުވާނުންނަށް އާ ފުރުސަތުތަކެއް
ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާއެއް ނެތި އެބަ އުޅެއެވެ. އޭގެ ތެރޭގައި އެތައ ފަހަރަކު ވަޒީފާތަކަށް ކުރިމަތިލި ނަމަވެސް ވަޒީފާއެއް ނުލިބިފައި ތިބި އެތައް ޒުވާނުންނެއް ވެސް ހިމެނެއެވެ. އެކަން އެނގިގެން ދަނީ މިހެން ހުޅުވާލާ ކޮންމެ ފުރުސަތަކަށް ކުރިމަތިލާ ޒުވާނުންގެ އަދަދު އިންތިހާ އަށް ގިނައެވެ. މި ދުވަސްކޮޅަކީ އެފަދަ ވަޒީފާތައް އިތުރުވަމުން އަންނަ ދުވަސްވަރެކެވެ. އާ ޓާމިނަކާ އެކު އިމިގްރޭޝަންގެ އިތުރުން ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ އަށް ވެސް އެތައް ބަޔަކު އެބަ ހޯދައެވެ. އާ ޓާމިނަލްއާ އެކު އެތައް ވަޒީފާތަކެއް އިތުރުވާނެއެވެ. މި ވަޒީފާތަކަށް ބިދޭސީންގެ ބަދަލުގައި ކިޔުތަކުގައި މިޖެހޭ ޒުވާނުންނަށް ފުރުސަތު ދިނުން މުހިންމެވެ.
ބައެއް އަމިއްލަ ކުންފުނިތަކުން ދިވެހިންނަށް ވަޒީފާ ނުދެނީ ފަރުވާ ކުޑަކަމުން ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެއީ މުޅިން ހަގީގަތެއް ވެސް ނޫނެވެ. އަމިއްލަ ކުންފުނިތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ދިވެހިން އެބަ ތިއްބެވެ. ނަމަވެސް އެފަދަ ވަޒީފާތަކަށް ބިދޭސީން ނަގަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް ހަގީގަތަކީ ބިދޭސީއަކަށް ކުރަންޖެހޭ ހަރަދު ބޮޑުވާނެ އެވެ. އޭގެ އެއް މިސާލަކީ ބިދޭސީންގެ މުސާރަ ކުޑަ ނަމަވެސް އޭނާގެ އެހެން ހުރިހާ ކަމަކަށް ވެސް ހޭދަކުރަންޖެހެނީ ކުންފުނިން ކަމެވެ. ހުންނާނެ ތަނަކާއި ކެއިން ބުއިމާއި އެ މީހެއްގެ ވިސާގެ ހަރަދުތަކާއި ބަލިވުމުން ބޭސްފަރުވާއަކީ ވެސް ކުންފުނީގެ ބަޖެޓުން ކުރަންޖެހޭ ކަންކަމަށްވުމުން ދިވެއްސަކަށް ދޭ ހަމަ އެކަނި މުސާރަ އަށް ވުރެ ބިދޭސީއަކަށް ކުރަންޖެހޭ ހޭދަ ބޮޑުވާނެއެވެ.
ދިވެހިންނަށް ހާއްސަކޮށް ޒުވާނުން ވަޒީފާތަކަށް ނެރުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެ ގޮތުން ގައުމީ ހިދުމަތުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި މަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ އިރު މި ޕްރޮގްރާމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވެސް ވިދާޅުވެފައި ވެއެވެ. މި ޕްރޮގްރާމް އިއުލާންކުރައްވަމުން ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ މިއީ ދަށް ނަތީޖާތައް ލިބޭ ދަރިވަރުން ގައުމީ ހިދުމަތަށް ނެރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ސިފައިން ހިންގާ މި ޕްރޮގްރާމް ތެރެއިން މަސައްކަތަށް އަހުލުވެރިކުރުވުމާއި އަހްލާގު ރަނގަޅު ބަޔަކަށް ޒުވާނުން ހެދުމަށް ތަމްރީންތައް ދޭނެ އެވެ. އަދި އޭގެ ތެރެއިން ސިފައިންނާއި ފުލުހުންގެ ވަޒީފާތަކަށް ވެސް މީހުން ނަގާނެއެވެ.
“ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،” ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ އަށް ހައްލެއް
މި ވަގުތު ބިދޭސީން ގިނަ ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަކޮށް އެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭ ގޮތަށް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގޮތުން ރައީސް ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ގައުމީ ފެންވަރުގެ މަޝްރޫއެއް ފެށިގެން ކުރިޔަށްދާ ކަމަށާއި، އަންނަ އަހަރުން ފެށިގެން ދިހަ ވަރަކަށް ދާއިރާއަކުން ބިދޭސީން މަސައްކަތްކުރުން މަނާކުރާނެއެވެ.
- އޮޑިދޯނިފަހަރު ބަނުން
- ބިއުޓީޝަނުން
- ރިސޯޓު މިއުޒީޝަނުން
- ކަސްޓަމާ ސާވިސް
- ހައުސްކީޕިން މެނޭޖަރުން
- ފްރޮންޓް އޮފީސް މެނޭޖަރުން
- އެޗްއާރު މެނޭޖަރުން
- ޑައިވިން އިންސްޓްރަކްޓަރުން
- ޓުއަރ ގައިޑުން
މި ދާއިރާތަކަަކީ މިހާރު ގިނަ އަދަދަކަށް ބިދޭސީންތިބި ދާއިރާތަކެވެ. ހާއްސަކޮށް ރިސޯޓްތަކަށް ހާއްސަ ވަޒީފާތަކުގައި ބިދޭސީންގެ އަދަދު ވަރަށް ގިނަ އެވެ.
ދިވެހި ޒުވާނުން ވަޒީފާތަކަށް ފެންބުވައިގެންފައިވާ މިންވަރު މިއިން ކޮންމެ ކަމަކު ހާމަވެގެން އެބަ ދެއެވެ. އަދި ރަނގަޅަށް ތައުލީމު ހާސިލްކޮށްގެން ވެސް ވަޒީފާތައް ނުލިބި އެތައް ބަޔަކު އެބަ ތިއްބެވެ. އެ މީހުންގެ ޝަކުވާއަކީ ސަރުކާރުން ވަޒީފާތައް ދެނީ ވެސް ކޮރަޕްޝަންގެ ތެރެއިން ކަމެވެ. ސިޔާސީ ގޮތުން ގުޅުމެއް ނެތް ނަމަށް ކިތަންމެ ރަނގަޅަށް ކިޔަވައިގެން ހުރި ނަމަވެސް ވަޒީފާ ހޯދަން އުނދަގުލެވެ. ހާއްސަކޮށް ރަށްރަށުގަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދެނީ ސިޔާސީ ގުޅުންތަކުގެ ތެރެއިންނެވެ. އެހެންކަމުން ޒުވާނުން ވަޒީފާތަކަށް ނުދަނީކީ ނޫންކަން މި ކަންކަމުން ވެސް އެބަ އެނގެއެވެ. ވަޒީފާއަކަށް ހުޅުވާލުމުން ކުރިމަތިލާ އަދަދުތަކަށް ބެލުމުން ވެސް އެނގިގެން ދަނީ ވަޒީގާތަކަށް ބޭނުންވެފައި ތިބި އެތައް ޒުވާނުންނެއް އެބަ ތިބި ކަމެވެ.