ތާރީހުގެ ތެރެއިން: މުލިއާގޭގެ ބަރަކާތް ކެނޑުން

31 މެއި 2025 - 9:29

މުލީގެ

މުލީގެއަކީ ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި އައްސުލްޠާނުލްޣާޒީ ޙަސަން އިއްޒުއްދީން (ދޮންބަންޑާރައިން)ގެ މަންމަފަރާތުގެ ކާފާފުޅު، މުލަކު އަތޮޅު މުލީ ޚަތީބު މުޙައްމަދު މަނިކު މާލޭގައި ދިރިއުޅުއްވުމަށް ގެކޮޅު އެޅުއްވި ގޯއްޗެވެ. މުލީގެ އެ ގެއަށް ކިޔުނީ އެއީ މުލީ ބޭފުޅަކު މާލޭގައި ދިރިއުޅުއްވަން ފެއްޓެވި ގެކޮޅަށް ވުމުންނެވެ. ދޮންބަނޑާރައިން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ވެސް އަދި ބޮޑުވެ އަދި ހޮޅިންނާ ދެކޮޅަށް ހަނގުރާމަ އަށް ނުކުމެވަޑައިގަތީ ވެސް އެ ގެކޮޅުންނެވެ. 

advertisement
advertisement
advertisement
advertisement

ދަރިފަސްކޮޅަށް ދެމިގެން އައިސް އެންމެ ފަހުން އެ ގޮކޮޅު ހިބައިން ލިބުނީ  އެ ޢާއިލާގެ އައްސުލްޠާން އިބްރާހީމް ނޫރައްދީނަށެވެ. އަދި އޭގެ ފަހުން ވާރުތަވީ އެ ރަދުންގެ ދަރިކަލުން މުލީގޭ މަނިއްޕުޅު ނުވަތަ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.

ހެންވޭރު ގަނޑުވަރަށް ބަދަލުވުން

ޝަމްސުއްދީން ރަދުންނަށް މުލީގެ ލިބިވަޑައިގަތުމުން އެ ރަދުންގެ ރަސްކަމުގައި އެ ސަރަހައްދުގައި އޭރު ހުރި ފަސް ގޯއްޗަކަށް ބަދަލު ދެއްވައި އެ ބިމުގައި ގަނޑުވަރެއް ބިނާކުރެވުނެވެ. ހެންވޭރު ގަނޑުވަރުގެ ނަމުގައި އެ ގެކޮޅު ބިނާކުރެއްވުނީ އެ ރަދުންގެ ދަރިކަލުން ވަލީއަހްދު ހަސަން އިއްޒުއްދީނަށެވެ. ސިލޯނުގައި ކިޔަވައި ވިދާޅުވެ ރާއްޖެ ވަޑައިގަންނަވާ އިރު ދިރިއުޅުއްވާނެ ގަނޑުވަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. 

ބުނެވޭ ގޮތުގައި އެ ޒަމާނުގައި އޭރު މާލޭގައި ހުރި އެންމެ ރީތި ގެކޮޅަކީ އެއީއެވެ. ވާނީ ވެސް އެހެންތާއެވެ. އެއީ ރަދުންގެ ދަރިކަލުންނަށް އަޅުއްވައިދެއްވި ރީތި ގަނޑުވަރެވެ. މަޝްހޫރުވީ ހެންވޭރު ގަނޑުވަރުގެ ގޮތުގައެވެ.

ހެންވޭރު ގަނޑުވަރުގެ ނާޗަރަންގީ

ތާރީހް ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދުﷲ ސައީދު ލިޔުއްވާފައިވާ މަޒުމޫނެއްގައިވާ ގޮތުން ނާޗަރަންގީގެ ކުޅިވަރުތައް ހެންވޭރުގަނޑުވަރުގައި ފެށިގެން ދިޔައީ  ވަލީއަހްދު ހަސަން އިއްޒުއްދީންގެ އުމުރުފުޅުން ވިއްސަކަށް އަހަރަށް އެޅުނު ހިސާބުންނެވެ. ކައިވެނި ބައްލަވައިގެންނެވީ އުމުރުފުޅުން އެންމެ 12 އަހަރުގެ އަތިރީގޭ އާމިނާ ދީދީއެވެ. ބުނެވޭ ގޮތުގައި މިއީ ޝާހީ ގުޅުންތައް ވަރުގަދަކުރުމުގެ މަގުސަދުގައި ކުރެވުނު ކައިވެންޏެކެވެ. އެއީ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަނބަލެކެވެ.

“މިއީ އެ ދުވަސްވަރު ކުރެވުނު އެންމެ ޚާއްޞަ ކައިވެނިފުޅެވެ. ވާނީވެސް އެހެންނޫންތޯއެވެ. ގޮށްޖެހެމުން ދިޔައީ ރަސްކަމު ޢިއްޒަތާއި ދައުލަތް ހިންގެވުމުގައި އެންމެ ނުފޫޒު ގަދަ ބޮޑުވަޒީރުގެ ޢާއިލާއާއެވެ. އެންމެ ބޮޑު އެއް ތަފާތަކީ މި ކައިވެނި ޕާޓީއަށް 300 އަންހެނުންނަށް ދައުވަތު ދެއްވުމެވެ. އޭގެެ ތެރޭގައި ޕްރިންސްގެ ކައިވެނިފުޅަށް އެދިއެދި ތިއްބެވި މާލޭގެ ކަމުވޮށިވެގެންވާ ޢާއިލާތަކުގެ ރީތި، ޅަދޮނޅު ނަންހިނގާ ހުރިހާ އަންހެން ބޭފުޅުން ހިމެނިގެންދާނެތާއެވެ. އެ ކައިވެނި ކުރެވުނީ 1921 އެޕްރީލް 23 ވަނަ ދުވަހުގެ ރެއެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފެނިވަޑައި ނުގެން ތިއްބަވައި ކުރެއްވި މި ކައިވެނިފުޅަކީ ދެ އާއިލާގެ ދެމެދުގައި ހިނގި ‘އެރޭންޖް މެރިޖެ’ކެވެ. މިއީ ޝާހީ ރަސްކަމާއި، ސަރުކާރު ހިންގަވަމުން ގެންދެވި ބޮޑުވަޒީރުގެ ޢާއިލާއާ އިތުރަށް ގުޅުވާލުމުގެ ހިކުމަތް އެކުލެވޭ ހަނީމޫނެކެވެ. ބޮޑުވަޒީރު އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ޕްރިންސް ޙަސަން ޢިއްޒުއްދީނުގެ އަނބިކަނބަލުން އާގޭ ދީދީގެ ބައްޕަ ފަރާތުގެ ކާފާފުޅެވެ،” އަބްދުﷲ ސައީދު ސިފަކުރައްވާފައި ވެއެވެ. 

ކައިވެނިފުޅެއް ކުރެއްވި ނަމަވެސް ޕްރިންސް ހަސަން އުޅުއްވަނީ މަޖަލާއި ކުޅިވަރު ކުޅެއްވުމުގައެވެ. ވާނީ ވެސް އެހެންތާއެވެ. ވަޑައިގެން ހުންނެވީ ސިލޯނުން މިއުޒިކް ދަސްކުރައްވައިގެންނެވެ. އިރު އޮއްސިއްޖެ ނަމަ ގަނޑުވަރުގައި އޮންނަނީ ދެ ޖިންސުގެ ޒުވާނުން މަސްހުނިވެ މަޖާކުރުމެވެ. އަބްދުﷲ ސައީދު އިތުރަށް ސިފަކުރެއްވިއެވެ. 

“ޕްރިންސަކީ ސްރީލަންކާއިން މިޔުޒިކް ދަސްކުރައްވައިގެން ހުންނެވި ކުޅަދާނަ ފަންނާނެކެވެ. މޮޅު މިއުޒިޝަނެކެވެ. ރީތިކޮށް ލަވަ ވިދާޅުވާ ލަވަކިޔުންތެރިއެކެވެ. ނެށުންތެރިއެއް ވެސް މެއެވެ. ކުޅަދާނަކަމާއެކު ގިޓަޔާއި، ހަރުމޮނިޔަމާއި، ނަރުކޮއްޓި އާއި ބޭލާގެ އިތުރުން ބެރާއި، ތަބުޅާ ފަދަ އިންސްޓްރޫމަންޓް ކުޅުއްވައެވެ. ރޭގަނޑު އަވަހާރަފުޅު ލެއްޕެވުމެއް ނޯވެއެވެ. އޮންނަނީ ވިޔާނުދާ ކަންތައްތަކާއި އުފަލާއި މަޖަލެވެ. އަނބިކަމަނާ އިންނަވާކަމަށް ވަނީ ކޮޓަރިކޮޅެއްގައި ބަންދުކުރައްވާފައެވެ. ހިލޭ ފިރިހެނުުން އެ ދީދީގެ ގާތަށް ވައްދަމުން ގެންދެވި ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ.”

މި ވާހަކަތަކުގެ އަޑު އެންމެ ފަހުން ދީދީގެ ބައްޕާފުޅަށް އިވިވަޑައިގެން ދަރިކަނލުން އެ ގަނޑުވަރުން ނެރުއްވައި ގެކޮޅަށް ގެންނެވީއެވެ. އޭރު ޕްރިންސްގެ އަނިޔާތަކާ ގުޅިގެން ދީދީ އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާއެވެ. އެހާ ޅައުމުރުގައި އެފަދަ އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންެ އެންމެ ފަހު އެ އާލާސްކަންފުޅުގައި އުމުރުން 20 އަހަރުގައި ޓީބީ ބަލީގައި ނިޔާވީއެވެ. ބުނެވޭ ގޮތުގައި ދެ އާއިލާގެ މެދުގައި ރެނދުލައި ޝަމްސުއްދީންގެ ރަސްކަމުގެ ތެރޭގައި ވެސް މައްސަލަތައް ޖެހެން ފެށީ އެ ހިސާބުންނެވެ. 

އަބްދުﷲ ސައީދު ސިފަކުރައްވާފައިވާ ގޮތުގައި ހެންވޭރު ގަނޑުވަރުގައި ފާހިޝް އެތައް ކަމެއް އޭރު ހިނގަމުން ދިޔައެވެ. ދެ ޖިންސުގެ އިތުރުން އެއް ޖިންސުގެ މަސްހުނިވުމާއި މިއުޒިކާއި ބޭއަދަބީ އެތައް އަމަލުތަކެއް އެ ގަނޑުވަރުގެ ތެރޭގައި ހިނގަމުން ދިޔައެވެ. 

“ހެނދުނު އިރުއަރަންދެން ރަނޑު ފިރިހެނުން އަންހެން ހެދުން އަޅައިގެން (އަންހެނުންނަށް ހެދިގެން) ދިޔައީ ނާޗަރަންގީ ކުޅެމުންނެވެ. ޒުވާން ފިރިހެން ކުދީންގެ މޭމައްޗަށް އަންހެނުންގެ ސިފަގެނެސް ސާޅިއަޅައިގެން ދިޔައީ ނަށަމުންނެވެ. އަންހެނުން ވެސް ފިރިހެން ހެދުން އަޅައިގެން ނަށާއުޅުނެވެ. ފިރިހެނުންގެ ތެރެއިން އެންމެ މަޝްހޫރު ދެ މީހުންނަކީ ދޮންކަތްދަ އަޙްމަދުފުޅާއި ދޮންކަތްދަ ޙަސަންފުޅެވެ. އަންހެނުންގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ އުކުޅަހު ދޮންކަމަނައެވެ،” ސައީދު ލިޔުއްވާފައި ވެއެވެ.

ރަސްކަމަށް ކުފޫ ހަމަނުވާ ކަމަށް ކަނޑައެޅުން

މަޝްހޫރު ލިޔުންތެރިޔާ މީރުބަހުރު މުޙައްމަދު އިސްމާޢީލް ދީދީ ވިދާޅުވެފައިވެއެވެ. “ޢައްޔާޝީ މަޖަލާއި ޖިންސީ އުފަލުގެ ތެރެއަށް ވެދެވަޑައިގެންނެވިލެއް ބޮޑުކަމުންކަން ވެސް ނޭނގެއޭ، ދުވަސްކޮޅެއްވިއިރު، ނާރުފުޅުތަކުގެ ބާރުދެރަވެ، ޢަޞްބީ އާލާސްކަންފުޅެއް (ކިހުނު ބަލި) ހުށަހެޅިއްޖެއެވެ.” 

ތާރީހް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން މި އާލާސްކަންފުޅު ބޮޑުވެ ހަސަން އިއްޒުއްދީން ސިލޯނަށް ފަރުވާ އަށް ފޮނުވާލެވުނެވެ. ވަލީއަހްދުކަމުގައިވީ ނަމަވެސް ރަސްކަން ވާރުތަކުރަން އޭރު ގައުމުގެ ކަންކަމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ކަމަކު ނުދިޔައެވެ. މައިގަނޑު ސަބަބަކީ ހަސަން އިއްޒުއްދީންގެ އަހްލާގެވެ. އެ ބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި އެއީ ރަސްކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫނެވެ. 

ރަސްކަން އެހެން ބޭފުޅަކަށް ވާރުތަކުރުމުގެ މަގުސަދުގައި 1932 ވަނަ އަހަރު ގާނޫނު އަސާސީއެއް އެކުލަވާލައި ދޮންބަންޑާރައިންނަށް ކާފަ ވިދާޅުވާ ބޭފުޅަކަށް ވާރުތަވާ ގޮތަށް އޭގައި ލިޔުނެވެ. އެ ހިސާބުން ހަސަން އިއްޒުއްދީންގެ ވަލީއަހްދުކަން ކެނޑިގެން ދިޔައެވެ. 

ހަސަން އިއްޒުއްދީން މާލެ ވަޑައިގަތުމަށް ފަހު ހެންވޭރު ގަނޑުވަރުގެ ތެރޭގައި ހީލަތްތެރި ރޭވުންތައް ރާވައި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު އެ ގާނޫނު އަސާސީ ވީދައިލި ނަމަވެސް ފަހުން ވެސް އެކަން އޮތީ އެ ގޮތަށެވެ. ހެންވޭރު “ގަނޑުވަރު ބަގާވާތް” ނާކާމިޔާބުވެ، އެންމެ ފަހުން ހަސަން އިއްޒުއްދީނާއި ގަނޑުވައރުގައި ނާޗަރަންގީ ކުޅެން އުޅުނު އެކުވެރިންގެ ތެރެއިން ގިނަ ބަޔަކަށް އަދަބު ދީ އެ ގަނޑުވަރުގެ ނާޗަރަންގީ ވެސް ނިމުނީއެވެ. ފަހުގެ ލިޔުމެއްގައި މި ބުނާ ބަގާވާތުގެ ވާހަކަ ގެނެސްދޭން ގަސްތުކުރަމެވެ.

މުލިއާގެއަށް ބަދަލުވުން

“ހެންވޭރު ގަނޑުވަރު ބަގާވާތް” ނާކާމިޔާބުވުމާ އެކު ހެންވޭރު ގަނޑުވަރު ވެސް ދައުލަތަށް ނަގައި އޭރު މާލޭގައި ހުރި އެހެން ގަނޑުވަރުތައް ފަދައިން އެ ގަނޑުވަރުތަކުގެ ނަންނަތައް ވެސް ބަދަލުކުރީއެވެ. އެ ގޮތުން ހެންވޭރު ގަނޑުވަރަށް ކުރިން ދިން “މުލީގެއާގެ” ނަން  “މުލިއާގެ” ނަމަށް ބަދަލުކުރެވުނެވެ. 

ރަދުންނާ އެކު ހަސަން އިއްޒުއްދީން ވެސް ފުވައްމުލަކަށް އުމުރަށް އަރުވާލުމަށް ހުކުމްކުރެވުނެވެ. ހަސަން އިއްޒުއްދީން ހަވަހާރަވީ އެ ރަށުގައި 25 ސެޕްޓެންބަރު 1940 އެވެ. 

ފަހުގެ ތާރިހްތަކުގައި މުލިއާގެ ބޭނުންކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ރައީސުންނެވެ. ރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔާއަކަށް ބަދަލުކުރެވި ރައީސްކަމަށް މުހައްމަދު އަމީން ދިދީ ވަޑައިގެންނެވުމުން ރަސްމީ ގެކޮޅުގެ ގޮތުގައި ވެސް މުލިއާގެ ބޭނުންކުރެވުނެވެ.  “ދާރުއް ރިޔާސާ” ނުވަތަ ވެރިކަންކުރާ ގެޔަށް ހެއްދެވިޔަސް ރައީސް އަމީން އަވަހާރަފުޅު ލައްޕަވަމުން ގެންދެވީ އަތިރީގޭގައެވެ. އަދި އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލިއާގެ ހަމަޖެއްސެވި ނަމަވެސް އެ މަނިކުފާނު ވެސް އަވަހާރަ ލައްޕަވާފައެއް ނުވެއެވެ. 

ރިޔާސީ ގެކޮޅަށް ބަދަލުވުން

ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން ދުވަސްކޮޅަކު މުލިއާގޭގައި ދިރިއުޅުއްވިއެވެ. މާގިނަ ދުވަސްތަކެއް ނުވެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ތީމުގެ ހަމަޖައްސަވައި ދިރިއުޅުން ބަދަލުކުރެއްވިއެވެ.  އެހެން ނަމަވެސް 1988 އުދުވާނީ ހަމަލާއަށް ފަހު ސަލާމަތީ ސަބަބުތަކަށްޓަކައި އަލުން އެނބުރި މުލިއާގެއަށް ވަޑައިގެންނެވިއެވެ. އަދި ތީމުގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ތަރައްޤީކުރައްވައި ހައިބަތު ބޮޑު ގޮތަކަށް ޢިމާރާތްކުރުމަށް ފަހު ރިޔާސީ ގެކޮޅަކީ ތީމުގެ ކަމުގައި ހަމަޖައްސަވައި ދިރިއުޅުއްވުން އެ ގެކޮޅަށް ބަދަލުކުރެއްވިއެވެ. 

އޭގެ ފަހުން ތަފާތު އެކި ބޭނުންތަކަށް، ހާޢްސަކޮށް އެކި ފަރާތްތަކާ ބައްދަލުކުރެއްވުމަށް މުލިއާގެ ބޭނުންކުރެއްވިއެވެ. މުލިއާގެ އަނެއްކާ ވެސް އަލުން ރިޔާސީ ގެކޮޅަށް ބަދަލުކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެން ނަމަވެސް 2012 ވަނަ އަހަރު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު އެ ގެކޮޅަށް ވަޑައިގެންފައެއް ނުވެއެވެ. އެ ދައުރު ނިމެންދެން ިރިއުޅުއްވަން ހިޔާރުކުރެއްވީ ނައިބު ރައީސްގެ ގޮތުގައި ވެސް ދިރިއުޅުއްވި ހިލާލީ ގޭގައެވެ. ރައީސުން ދިރިއުޅުއްވާ ގޮތަށް މުލިއާގެ އަނެއްކާ ވެސް ބަދަލުވެގެން ދިޔައީ 2013 ވަނަ އަހަރު އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ވެރިކަމުގެ ކުރީކޮޅު އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވުމަށް ފަހު އެމަނިކުފާނު ވެސް ބަދަލުވެވަޑައިގެންނެވީ ހިލާލީ ގެއަށެވެ. މުލިއާގެ ބޭނުންކުރެއްވީ ޕާޓީގެ އެކި އެކި ކަންކަމާއި ކެމްޕެއިންގެ ހަކަރާތްތަކަށެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދިރިއުޅުއްވީ މުލިއާގޭގައެވެ. އަދި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ދިރިއުޅުއްވަނީ އެގެކޮޅުގައެވެ.

ރިއެކްޝަންސް
13
1
6
6
3
1
1