
ރިޕޯޓް: ދައުލަތުގައި ހުރި މައުލޫމާތު ދައުލަތަށް ބުނެދޭންޖެހުން!
3 ޖޫން 2025 - 10:57
ވަޒީފާތަކަށް ކުރިމަތިލާ މީހުންނަށް އެންމެ ބޮޑު ތުރާލަކަށް ވެފައި އޮންނަ އެއްކަމަކީ ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމެވެ. ހާއްސަކޮށް ދައުލަތުގެ އެކި މުއައްސަސާތަކުން ހުޅުވާލާ ވަޒީފާތަކަށް މިއީ ކޮންމެހެން މަޖުބޫރު ކަމެކެވެ. އެހެން ނަމަވެސް ސުވާލަކީ މިއީ ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟ ދައުލަތުގެ ވަޒީފާއަކަށް ކުރިމަތިލާ އިރު ދައުލަތުގައި ހުރި ރެކޯޑްތަކެއް އަނެއްކާ ދައުލަތަށް ހުށަހަޅަން މިޖެހެނީ ކީއްވެ ހެއްޔެވެ؟
ދަރަންޏާއި ކުށުގެ ރެކޯޑް
ދަރަންޏާއި ކުށުގެ ރެކޯޑް ސާފުކުރަން މައިގަނޑު ތިން އިދާރާއަކަށް ހުށަހަޅަންޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އަދި ކޯޓުތަކުގެ ރެކޯޑް ސާފުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަށެވެ. މީގެ ކުރިން އެކަން އޮންނަނީ ވެސް ވަރަށް ދަތި ގޮަތަކަށެވެ. ވަކިވަކިން ކޯޓުތަކަށް ދާންޖެހުނު ދުވަސްތަކެއް ދިޔައެވެ. ފަހުން ކޯޓުތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ލިބޭ ގޮތަށް ހަމަޖެހުނީއެވެ. ކޯޓުތަކުގެ އިތުރުން ޕީޖީން ވެސް ވަކި މައުލޫމާތުތަކެއް ނަގަންޖެހެއެވެ. ފުލުހުންގެ އިދާރާގައި ބަލަމުންދާ މައްސަލަތަކުގެ ރެކޯޑް ވެސް ހޯދަން ޖެހެއެވެ.
ޒަމާނީ ވަސީލަތްތަކަށް ބަދަލާ އެކު މިކަމުގައި ކޮންމެ ވެސް ވަރެއްގެ ލުޔެއް ވަނީ ލިބިފައެވެ. އެ ގޮތުން މިހާރު އެ އޮފީސްތަކަށް ނުގޮސް ވެސް މި ރެކޯޑްތައް ސާފުކުރެވެއެވެ. އޮންލައިން ޕޯޓަލް އާއި އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅެއެވެ. އެހެން ނަމަވެސް ގިނަ ބަޔަކަަށް އަދިވެސް މިކަން އޮންނަނީ އޮޅުމެއްގެ ތެރޭގައެވެ. ނުވަތަ އެކަށީގެންވާ މައުލޫމާތު ނުލިބިއެވެ. އެހެންކަމުން ކުށުގެ ރެކޯޑް ފޯމް ފުރަން ފުލުހުންގެ އިދާރާ އާއި އެހެން އޮފީސްތަކަށް އަދިވެސް ދާ މީހުން މަދެއް ނޫނެވެ. އެކަމުގައި މީހުންގެ ހޭލުންތެރިކަން އަދިވެސް ކުޑައެވެ. ހާއްސަކޮށް ވަޒީފާތަކަށް އެދޭ ޒުވާނުންނަށް މިކަން އޮޅުން ފިލާފައި އޮންނަ މިންވަރު ކުޑައެވެ. ސަރުކާރުގެ އޮފީސްތަކުން ވަޒީފާތަކަށް ހުޅުވާލައި ކުރާ އިއުލާންތަކުގައި، އޮންލައިންކޮށް މިކަންކަން ކުރެވޭކަން ބުނެދޭ ނަމަ ގިނަ ބަޔަކަށް މިކަން ސާފުވާނެއެވެ.
ހަމައެކަނި އާދައިގެ ވަޒީތަކަށް އެކަންޏެއް ނޫނެވެ. މިނިވަން މުއައްސަސާތައް ފަދަ ދައުލަތުގެ ބޮޑެތި މަގާމުތަކަށް މީހުން ހޯދާ އިރު ވެސް ކުށުގެ ރެކޯޑް ސާފުކުރާ ފޯމް ހުށަހަޅަންޖެހެއެވެ. އެހެން ނަމަވެސް މަޖިލީހުން ވެސް އަލުން މި މައުލޫމާތުތައް ހޯދަން އޮފީސްތަކަށް ހުށަހަޅައެވެ. ދައުލަތުގެ ދަތްގަނޑު ޖެހި ފޯމެއް ހުށަހެޅުމުން ވެސް އެ ރެކޯޑްތައް އަލުން ހޯދަނީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެއެވެ.
މިހާރު ވެސް މައުލޫމާތުތައް އެބަ ހުރި
އާންމުންގެ ގިނަ މައުލޫމާތުތަކެއް ދައުލަތުގެ ވިއުގައިގެ ތެރޭގައި ރައްކާކުރެވިފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި އާއިލީ މައުލޫމާތުތައް ވެސް ހިމެނެއެވެ. އަނބިންނާއި ފިރިންނާއި ދަރިންގެ މައުލޫމާތާއި ދިރިއުޅޭ ތަނާއި ދަރިންގެ ތައުލީމާއި މިހެން ގޮސް ވަރަށް ގިނަ މައުލުމާތުތައް ދައުލަތުގެ ވިއުގައިގެ ތެރޭގައި އެބަ ހުއްޓެވެ. މީގެ އިތުރުން އާމްދަނީއާ ބެހޭ މައުލޫމާތުތައް ވެސް މި ވިއުގައިގެ ތެރެއިން ފެންނަން އެބަ ހުއްޓެވެ. އެ މީހެއްގެ މުސާރަ އާއި ނުވަތަ ވިޔަފާރިތަކާއި ދައުލަތަށް ދައްކާ ޓެކްސް އާއި ޖޫރިމަނާ އާއި މިހެން ގޮސް ވަރަށް ތަފްސީލް ގޮތެއްގައި ވިއުގައިގެ ތެރޭގައި އެބަ ހުއްޓެވެ. ސިއްހީ މައުލޫމާތުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. ޑޮކްޓަރަށް ދެއްކި މިންވަރާއި އިންޝުއަރެންސް އާއި މިހެން ގޮސް މުހިންމު މައުލޫމާތައް ހިމެނެއެވެ. އީފާސްގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ މައުލޫމާތުތައް އެއްތަނަކުން ބަލައިލެވެއެވެ.
ދައުލަތުގެ އިދާރާތަކުގެ ތެރޭގައި މި މައުލޫމާތުތައް ހުރި ނަމަވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިއުލާންކުރާ ކޮންމެ ފަހަރަކު މިފަދަ މައުލޫމާތުތައް ދައުލަތަށް ފޯރުކޮށްދޭންޖެހެއެވެ. އެތައް ލިޔުމެއް ހުށަހަޅައި އެތައް ތަކްލީފެއް ރައްޔިތުންނަށް ޖައްސައެވެ. އެހެން ނަމަވެސް މި ފަދަ މަޝްރޫއުތަކަށް ފުރާ ފޯމްތަކުގައި ހުރި މައުލޫމާތުތަކަކީ ދައުލަތުގައި މާ ކުރިން ރައްކާކުރެވި އަދި އަދާހަމަކުރަމުންދާ މައުލޫމާތެވެ. ސުވާލަކީ ދައުލަތުގެ އެކި އިދާރާތަކުގައި ހުރި މި މައުލޫމާތުތައް އަލުން ހުށަހެޅުމުގެ ތަކްލީފް ރައްޔިތުންނަށް ޖައްސަނީ ކީއްކުރަން ހެއްޔެވެ؟
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކޮންމެ ފަހަރަކު ފޯމް ހުށަހެޅުން
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރަން ކަނޑައެޅި މީހުންގެ ލިސްޓް ފައިނަލް ނުކުރެވިގެން އުޅެނީ ވެސް މިފަދަ މައުލޫމާތުތަކުގެ ސައްހަކަން ދައުލަތުގެ އިދާރާއަކަށް ކަށަވަރު ނުކުރެވިގެންނެވެ. މައްސަލަޖެހިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދޭން ހުށަހެޅި ލިޔުންތައް ހިމެނެއެވެ. އެ ގޮތުން ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ވެސް ހިމެނެއެވެ. ބަލަންވާ ވަރަށް ނުބަލައި ނުވަތަ ކޮންމެ ވެސް ނުފޫޒެއްގެ ތެރެއިން ނަމަވެސް ނުބައި ލިޔުންތައް ވެސް ހުށަހަޅާފައި ހުރި ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ. އެހެން ނަމަވެސް ސުވާލަކީ މިއީ ކޮންމެހެން މީހަކު ހުށަހަޅަންޖެހޭ މައުލޫމާތެއް ހެއްޔެވެ؟ އެކަން ކަށަވަރުކުރެވޭނެ ގޮތެއް ސަރުކާރުގެ ވިއުގައިގެ ތެރެއިން ނެތީ ހެއްޔެވެ؟
ނޫނެކެވެ. މީހަކު ދިގު މުއްދަތަކަށް ދިރިއުޅޭ ތަނަކާ ބެހޭ މައުލޫމާތު ސަރުކާރަށް ނޭނގެންވީ ސަބަބެއް ނެތެވެ. އެއީ ކޮންމެހެން މީހަކު ދޭ މައުލޫމާތަކަށް ބަރޯސާވާންޖެހޭ ކަމެއް ނޫނެވެ. އެ މީހެއްގެ ދަރިންގެ މައުލޫމާތާއި އުޅޭ ސްކޫލްތަކުގެ މައުލޫމާތު ވިއުގައިގެ ތެރޭގައި ހުންނާނެއެވެ. ޕެންޝަން ރެކޯޑްތަކުން ވަޒީފާގެ ރެކޯޑް ވެސް ސާފުކުރެވޭނެއެވެ. އާމްދަނީގެ މައުލުމާތުތައް ވެސް ހުރީ އިނގިލި ކުރިއާ ހިސާބުގައެވެ. އެހެން ނަމަވެސް ނެތީ އެ މައުލޫމާތުތައް އެއް ވިއުގައިގެ ތެރެއިން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ބަލައިލެވޭނެ ގޮތެކެވެ.
ދިވެހިރާއްޖެ 2.0
“ދިވެހިރާއްޖެ 2.0” ގެ ވާހަކަ ވަރަށް ބޮޑަށް ސަރުކާރުން އެބަ ޕްރޮމޯޓްކުރެއެވެ. މިއީ ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ ވަރުގަދަ މަޝްރޫއެކެވެ. “ދިވެހިރާއްޖެ 2.0” އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި “މޯލްޑިވްސް 2.0” އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫއައް ކަމަށާއި މި މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
‘ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް’ އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެ ގޮތް ހިމެނޭ ކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ހަމަ މިއާ އެކު އެކީގައި ދައުލަތުގެ އިދާރާތައް އެއް ވިއުގައެއްގެ ތެރެއިން ޒަމާނީ ހިދުމަތްކެއް ފޯރުކޮށްދޭ ތަންތަނަށް ބަދަލުކުރުމަކީ ވެސް މި މަޝްރޫއުގެ މަގުސަދެކެވެ.
ދައުލަތުގެ އިދާރާތައް އެއް ވިއުގައަކުން ގުޅާލައި އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް މީގެ ކުރިން ވެސް ވަރުގަދަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. “ވަންގަވް” އާއި “އީފާސް” ނުވަތަ ޑިޖިޓަލް އައިޑީ ކާޑުގެ ތެރެއިން މިހާރު ވެސް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދެއެވެ. އެ ގޮތުން އެއް އިދާރާއިން އަނެއް އިދާރާ އަށް ފޮނުވަންޖެހޭ ސިޓީތަކާއި ލިޔުންތައް ފަސޭހަކަމާ އެކު ފޮނުވައި ހެދެއެވެ. އާންމު ފަރާތްތަކަށް ވެސް މީގެ ތެރެއިން ފަސޭހަތަކެއް އެބަހުއްޓެވެ. އެ ގޮތުން ގިނަ ފޯމްތަކެއް މިހާރު އޮންލައިންކޮށް ހުށަހެޅެއެވެ. ވޒަީފާތަކަށް ކުރިމަތިލެވެއެވެ. އެހެން ނަމަވެސް އަދިވެސް ކަޑައްތުކުރަންޖެހޭ ރާސްތާ ދިގެވެ. ދައުލަތުގެ އިދާރާތަކުން ވެސް މި މައުލޫމާތަކުގެ ބޭނުން ހިފޭނެ މަގު ތަނަވަސްވާންޖެހެއެވެ. ވަކިވަކިން ކޮންމެ ރައްޔިތަކަށް ތަކުލީފް ޖެއްސުމުގެ ބަދަލުގައި އެއް ވިއުގައެއްގެ ތެރެއިން ހުރިހާ މައުލޫމާތެއް ފެންނަން ހުރި ނިޒާމުގެ ބޭނުން ހިފަންޖެހެއެވެ.