
އެމްޓީސީސީ އަހަރީ ރިޕޯޓް: ފެންނަނީ ބަނަ ކުރިމަގެއް!
7 ޖޫން 2025 - 13:22
ވިޔަފާރި ކުންފުންޏެއްގެ މައިގަނޑު މަގުސަދަކީ ފައިދާ ހޯދުމެވެ. އެހެން ނަމަވެސް ދައުލަތުގެ ކުންފުނިތަކުން ފައިދާ އަށް ވުރެ އިސްކުރަންޖެހިފައި ވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެ ކުންފުންޏަކާ ހަވާލުކުރާ ޒިންމާތަކެވެ. އެކަމުގައި ނަފާ އާއި ގެއްލުމަކަށް ބެލުމެއް ނެތެވެ. ހާއްސަކޮށް ފަހަކަށް އައިސް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ބޭނުންކޮށްފައި ހުރީ ވެސް މިފަދަ ސިޔާސީ ވައުދުތައް ފުއްދުމަށެވެ. އެއީ މަޝްރޫއުތަކަށް ވިޔަސް ނުވަތަ ވަޒީފާގެ ފުރުސަތުތަކަށް ވިޔަސް އެކަން އޮތީ އެ ގޮތަށެވެ. ކުންފުނިތަކުގެ އަހަރީ ރިޕޯޓްތަކުން އެ ފެންނަނީ އެ ހަގީގަތެވެ.
މާލީ ހާލަތު: އާމްދަނީ ދަށަށް، ފައިދާ ދެބައިކުޅަ އެއްބަޔަށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 2024 ވަނަ އަހަރުގެ މާލީ ރިޕޯޓް މި ހަފުތާގައި ނެރުނު ފާހަގަކުރެވުނު މައިގަނޑު އެއްކަމަކީ ކުންފުނީގެ އާމްދަނީ އާއި ފައިދާ އޭގެ ކުރީ އަހަރަށް ވުރެ ވަރަށް ބޮޑުތަކުން ދަށަށް ގޮސްފައިވާކެވެ. އަހަރީ ރިޕޯޓުގައި ހިމެނޭ މާލީ ތަފާސް ހިސާބުތަކުން ދައްކައިދެނީ ކަންބޮޑުވާންޖެހުވާންޖެހޭ މަންޒަރެކެވެ. އެ ކުންފުންޏަށް ނިމިދިޔަ އަހަރު 2.15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު މިއީ 2023 ވަނަ އަހަރަށް ވުރެ ބޮޑުތަނުން ދަށް މިންވަރެކެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.
ތަފާސް ހިސާބުތަކުގެ ތަފްސީލްތަކަށް ބަލާއިރު ޓެކްސް ދެއްކުމަށް ފަހު ލިބުނު ސާފު ފައިދާ 45.2 މިލިއަން ރުފިޔާއަށް ވެއްޓިފައި ވެއެވެ. އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިގޮތުން އަހަރުން އަހަރަށް ފައިދާ 44 ޕަސެންޓް ދަށްވެފައިވުމަކީ، ހިންގުމުގެ ދަތިތައް އިތުރުވަމުންދާކަން ދޭހަވާ ކަމެކެވެ.
އާމްދަނީގެ ތަފްސީލްތަކަށް ބަލަާއިރު ވިޔަފާރިތަކުން (އިންޖީނާއި ސްޕެއާ އާއި އެ ނޫން ވެސް ވިޔަފާރިތަކުން) 267 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ނަމަވެސް 2023 ވަނަ އަހަރު 284 މިލިއަން ރުފިޔާ ލިބުނެވެ. އިމާރާތްކުރުމާއި ފަޅު ކޮނުމުން 1.7 ބިލިއަން ރުފިޔާ ލިބުނު އިރު މިއި 2023 ވަނަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓްގެ ދަށްވުމެކެވެ. އެ އަހަރު 2.7 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. ކިރިޔާ ވެސް ފައިދާ އިތުރުވެފައި ވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. މިދިޔަ އަހަރު 149 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ 2023 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ އާރުޓީއެލްގެ ހިދުމަތްތައް ފުޅާވުމެވެ. އެ ގޮތުން ހުޅުމާލެ ފޭސް2ގެ އާބާދީ އިތުރުވެ ބަހުގެ ހިދުމަތްތައް ފުޅާވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ އެމްޓީސީސީންނެވެ. ކަނޑު ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގެ މައި ކުންފުންޏަކީ ވެސް އެމްޓީސީސީއެވެ. މާލެ އާއި އާބާދީ ބޮޑެތި ރަށްރަށުގައި އެއްގަމު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭ މައި ކުންފުންޏަކީ ވެސް އެމްޓީސީސީއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީ އާއި ދަތުރުފަތުރުގެ މަޝްރޫއުތަކުގައި އެ ކުންފުނިން ބައިވެރިވަމުންދާއިރު ވެސް، ކުންފުނީގެ މާލީ މިސްރާބާ މެދު އިންތިހާ އަށް ކަންބޮޑުވުން އެބަ އޮތެވެ.
ފައިދާ ދަށްވީ ކީއްވެ؟
އެމްޓީސީސީގެ އާމްދަނީގެ ބޮޑު ބައެއް ބިނާ ވެފައި އޮންނަނީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އައިއިރު އޭރުގެ އެމްޑީޕީ ސަރުކާރުން އޮތީ އެއް ފަހަރާ އެތައް މަޝްރޫއުތަކެއް ފަށާފައެވެ. ކޮވިޑްގެ ދޮޅު އަހަރެއްހާ ދުވަހު ކޮންމެވެސް ވަރަކަށް މަޑުޖެހުން އައި ނަމަވެސް އޭގެ ފަހުން ސަރުކާރުން ދިޔައީ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކުރަމުންނެވެ. ބިން ހިއްކުމާއި ބަނދަރު ހެދުމާއި އިމަރާތްކުރުމުގެ ދާއިރާ އާއި އަދި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށުމާއި މިހެން ގޮސް އެތައް މަޝްރޫއުތައް އެއްފަހަރާ ކުރިއަށް ގެންދިޔައެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތައް ހުރީ ރަށްރަށުގައެވެ. އެހެންކަމުން އެ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީ އާއި ކުންފުނީގެ ގާބިލްކަން އެތައް ގުނައަކަށް އިތުރުކުރަން ޖެހުނެވެ. ވަސީލަތްތައް އިތުރުކުރަން ޖެހުނެވެ.
އެހެން ނަމަވެސް 2023 ވަނަ އަހަރުގެ އިންތިހާބަށް ފަހު ވެރިކަަން ބަދަލުވުމާއެކު ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދީ އެތައް ސަބަބަކާ ހުރެ ގިނަ މަޝްރޫއުތައް ހުރީ މަޑުޖެހިފައެވެ. އޭގެ ތެރޭގައި އެމްޓީސީސީން ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތަކާއި ފަށަން ތައްޔާރުވަމުން ދިޔަ މަޝްރޫއުތައް ހިމެނެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ނުދިޔަ ނަމަވެސް އެކަންކަމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހުމެވެ. މުވައްޒަފުންނާއި ވަސީލަތްތައް މޮބަލައިޒްކުރެވިފައި ހުރި ތަންތަނަށް ކުރަންޖެހުނު ހޭދަ ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިމާރާތްކުރުމާއި ފަޅު ކޮނުމުގެ ދާއިރާއިން ލިބޭ އާމްދަނީ ދަށްވުމުންނެވެ. މިއީ އާންމުކޮށް އެމްޓީސީސީއަށް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާތަކެވެ. މީގެ އިތުރުން ކުރިން ފާހަގަކުރިހެން ހިންގުމުގެ ޚަރަދުތައް ވަރަށް ބޮޑުތަނުން އިތުރުވެގެން ވެސް ދިޔައެވެ. އަހަރީ ރިޕޯޓުން އެކަން ފެންނަން އެ އޮތީއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އާމްދަނީ 2022 އަހަރަށް ވުރެ 2023 ގައި ހިންގުމުގެ ފައިދާ 14 ޕަސެންޓަށް ދަށްވެފައިވުމުން، ފައިދާގެ މާޖިން ދަށަށްދާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައި ވެއެވެ.
ދޮޅު އަހަރެއްހާ ދުވަހުގެ މަޑުޖެހުމަކަށް ފަހު މި އަހަރުގެ ތެރޭގައި މަޝްރޫއުތައް އަލުން ހިނގައިގަންނަން ފެށި ނަމަވެސް މަލީ ގޮތުން ކުންފުނި ހިނގައިގަންނަން އަދި ދުވަސްތަކެއް ނަގާނެއެވެ. މިހާރު 182 މަޝްރޫއެއް ކުރިއަށް ގެންދިޔަ ނަމަވެސް، މަސައްކަތުގެ ބޮޑުމިނުން މާލީ ގޮތުން ކުންފުނި ވަރުގަދަވެފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު މަޝްރޫއުތަކަކީ 72 ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 33 މަޝްރޫއެކެވެ. މި މަޝްރޫއުތަކުން ކުންފުންޏަށް އޮތް ޒިންމާތައް ދައްކުވައިދެއެވެ. ނަމަވެސް، ފައިދާ ދަށަށް ދިއުމުން ދައްކުވައިދެނީ މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކާއި ޚަރަދު އިތުރުވެފައިވާކަމެވެ. މިކަންކަމާ ގުޅިގެން މިހާ ގިނަ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމުގެ ގާބިލުކަން ކުންފުންޏަށް ލިބިފައިވޭތޯ ވެސް ސުވާލު އުފެދެއެވެ.
އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ބިންހިއްކުމުގެ 32 މަޝްރޫއަކާއި، އިމާރާތްކުރުމުގެ 12 މަޝްރޫއަކާއި، ވައިގެ ބަނދަރާއި މަގު ހެދުމުގެ ހަ މަޝްރޫއަކާއި ފާލަން އެޅުމާއި، ކޮންސަލްޓަންސީ އަދި އެހެނިހެން މަޝްރޫއުތައް ހިމެނެއެވެ. . މި ފުޅާ ޕޯޓްފޯލިއޯ އިން އެމްޓީސީސީގެ ސްޓްރެޓެޖިކް މުހިންމުކަން ފާހަގަކޮށްދޭ އިރު، މަޝްރޫއުތަކުގެ އަދަދާއި މާލީ ފައިދާއާ ދެމެދު ހުރި ފަރަގު އަޅައިނުކިޔައި ދޫކޮށްލެވޭކަށް ނެތެވެ.
ދަތުރުފަތުރާއި ލޮޖިސްޓިކްސް: ފާހަގަކޮށްލެވޭ ކަމެއް ނެތް
ރާއްޖޭގެ ރަށްތަކުގެ މެދުގައި ގުޅުން ރަނގަޅުކޮށް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަށް ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ މަސައްކަތަކީ އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ގިނަ ބައެއްގެ ތާއީދާއި ތައުރީފް ލިބުނު މަސައްކަތެކެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރު އާރުޓީއެލް ފުޅާކުރުމަށް މާ ބޮޑު ކަމެއް ނުކުރެވެއެވެ. އެ ދާއިރާ އިން ކުރިއެރުމެއް ނުލިބި މަޑުޖެހުމަށް ފަހު ސަރުކާރުން މިހާރު ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ފެރީގެ ނިޒާމު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން އިންޑިއާ އިން ވަނީ އާރުޓީއެލް ފުޅާކުރުމަށް 100 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެމްޓީސީސީގެ ހިދުމަތްތައް ތަފާތުކޮށް، ހިންގުމުގެ ހަރުދަނާކަން އިތުރުކުރުމުގެ ޕްލޭންތައް ހަދަމުން އަންނަ އިރު ކުންފުނީގެ މާލީ ދުޅަހެޔޮކަމަށް ހުރަސްތައް ކުރިމަތިވެފައި ވެއެވެ. ކުންފުނިން ގައުމީ އުމްރާނީ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އަދިވެސް އިލްތިޒާމްވެފައިވީ ނަމަވެސް، އާމްދަނީ އާއި ފައިދާއަށް އައިސްފައިވާ ބޮޑު ދަށްވުމުގެ ސަބަބުން، މި އުއްމީދުތައް ހަގީގަތަތަކަށް ހެދުމަކީ ބޮޑެތި ސްޓްރެޓެޖިކް ބަދަލުތަކެއް ނުގެނެސް ވާނެ ކަމެއްތޯ ސުވާލު އުފެދެއެވެ.
ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި އެމްޓީސީސީ ދެމި އޮތް ނަމަވެސް، 2024 ވަނަ އަހަރުގެ މާލީ ޙާލަތުން ދައްކައިދެނީ ކުންފުންޏަށް ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުންތަކެވެ. ފައިދާ ދަށަށް ދިއުމާއި، ބޮޑެތި މަޝްރޫޢުތަކުގެ ޕޯޓްފޯލިއޯއަކުން ލިބޭ ކުޑަ ނަފާ އާއި، ހަރަދުތައް ހަރުދަނާ ގޮތެއްގައި ނުބެލެހެއްޓުމުން ދޭހަވަނީ، މިސްރާބު ބަދަލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ކުންފުންޏަށް އިތުރު މާލީ ދަތިތަކެއް ކުރިމަތިވުމުގެ ނުރައްކާ އޮތް ކަމެވެ. ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ފެންނަން އޮތީ ސިޔާސީ ބޭނުމަށްޓަކައި ކުންފުނި އިޔާދާން ދޫކޮށްލެވެން ނެތް ކަމެވެ. ކުންފުނީގެ މިސްރާބު ބަދަލު ނުކޮށްފި ނަމަ ކުރިމަގު ބަނަކަމެވެ.