
އަމިއްލަ ހިޔާލު: ޕާޓީތަކުގެ ފިކުރާއި މަގުސަދު ގެއްލި އަމާޒު ހަމައެކަނި ވެރިކަމަށް!
10 ޖޫން 2025 - 15:00
ކަނާތާއި ވައާތު ފިޔައިގެ ފިކުރު
ރާއްޖެ އަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފްވުމުގެ ކުރިން ފުރަތަމަ އުފެދިގެން އައީ ދެ ފިކުރެކެވެ. ސިޔާސީ ހަގީގަތް ބިނާވެފައި އޮތީ ދުނިޔޭގެ އެހެން ޑިމޮކްރަސީތަކެކޭ އެއްގޮތަށް ކަނާތު ފިޔަ އާއި ވައާތު ފިޔައިގެ ފިކުރުގެ މައްޗަށެވެ. އޭރު އޮތް ދުވަސްވީ ސަރުކާރުގެ އޮތީ ހައްގުތައް ހިފެއްޓުމުގެ ފިކުރެކެވެ. އުފަންވެ އާރުލައި ވަރުގަދަވަމުން އައީ ހައްގުތަކަށް ވަކާލާތުކުރަމުން ދިޔަ ވަައާތު ފިޔައިގެ ފިކުރެކެވެ. މި ހިޔާލުތަކުގެ ތެރެއިން 2000ގެ އަހަރުތަކުގެ ކުރީކޮޅު ޕާޓީތައް ވެސް އުފެދެން ފެށީ މި ދެ ފިކުރުގެ މައްޗަށެވެ. (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ) އެމްޑީޕީ ވަކާލާތުކުރަމުން އައީ ހައްގުތަކަށެވެ. (ދިވެހި ރައްޔިތުންގެ ޕާޓީ) ޑީއާރުޕީ އުފެދުނީ އޭރު އޮތް 30 އަހަރުގެ ސަރުކާރުގެ ފިކުރުގެ މައްޗަށެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަމުގައި ހައްގުތަކަކީ އެމަނިކުފާނުގެ މުށު ތެރޭގައި ހިފެހެއްޓިފައި އޮތް ކަމެކެވެ. ވެރިޔަކީ ވެސް އެ މަނިކުފާނެއެވެ. އަދުލު އިންސާފަކީ ވެސް އެ މަނިކުފާނު ދެއްވާ އެއްޗެކެވެ. ތަންފީޒުކުރުމުގެ އަމުރުވެރިއަކީ ވެސް އެ މަނިކުފާނެއެވެ. ހުރިހާ ބާރުތަކެއްގެ ވެރިއަކީ އެ މަނިކުފާނެއެވެ. ސިޔާސީ ޕާޓީތަކުގެ ވިސްނުމަށް ރާއްޖެ މިސްރާބު ޖެހީ ވައާތު ފިޔައިގެ ފިކުރުގެ މީހުންނާ މެދު އޮތް ބޭއިންސާފުގެ ތެރެއިންނެވެ. އެ ކަމާ ދެކޮޅަށް އުފުލަމުން ދިޔަ އަޑުތަކުގެ ތެރެއިންނެވެ.
ހައްގުތަކުގެ ދިފާއުގައި!
އެމްޑީޕީގެ އަސާސްތައް ބިނާވެފައި އޮތީ އަސާސީ ހައްގުތަކުގެ މައްޗަށެވެ. ވަކާލާތުކުރީ ފޮށިގަނޑެއްގެ ތެރޭގައި ބަންދުވެފައި އޮތް ސިކުނޑި ހުޅުވާލައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށެވެ. ހިފެހެއްޓިފައި އޮތް ނޫސްވެރިކަމުގެ މިނިވަން ކަމަށެވެ. މުލިއާގެ ދޮށުން ދޫކުރާ ކުޑަ ސިޓީން ނޫނީ ނުލިބޭ ބޭސްފަރުވާ ހޯދުމަށެވެ. ފޮތްފަންސޫރު ފަދައެއް ގަނެނުލެވި އަސާސީ ތައުލީމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެ ތަކެތި ހިލޭ ލިބޭނެ މަގެއް ހޯދުމަށެވެ.
އެ ފިކުރު ބިނާވެފައި އޮތީ މަތީ ތައުލީމަކީ ހަމައެކަނި ރައީސްގެ ހެޔޮފުޅު ކަމުން ނުވަތަ މަހުޖަނަކަށް ސަލާންޖަހައިގެން ހޯދާ ސްކޮލަޝިޕަކުން ނޫނީ ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމުގެ މައްޗަށެވެ. މުޖުތަމައުއިން ބާކީވަމުން ދިޔަ އުމުރުން ދުވަސްވީ މީހުންނާއި އާއިލާތަކަށް ބުރައަކަށް ވެފައި ތިބި ނުކުޅެދޭ މީހުންނާއި ޅަދަރިން ބެލޭނެ ގޮތެއް ނެތި ގޮތް ހުސްވެފައި ތިބި އެކަނިވެރި މައިންނަށް ގޮތެއް ހޯދައިދިނުމުގެ މައްޗަށެވެ.
ރިސޯޓްތަކުގެ ބިމު ކުއްޔާއި ބެޑް ޓެކްސް އާއި މަސްވެރިކަމުން ލިބޭ މަދު އާމްދަނީ އާއި ތިން ވަނަ ދުނިޔޭގެ ގައުމަކަށް ވީތީ ބޭރުގެ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ދިއްކޮށްލާ ހިލޭ އެހީއަކުން ކިރިޔަކިރިޔާ ފުއްދާލައިގެން އުޅުނު އިގްތިސާދެއް ހުޅުވާލައި އާންމު ރައްޔިތު މީހާ ހަމަ އިސްކޮޅަށް ތެދުވެވޭނެ މަގެއް ހޯދުމަކީ އެމްޑީޕީގެ އޭރުގެ ފިކުރެވެ. ޓެކްސްގެ ނިޒާމެއްގެ ތެރެއިން އިގްތިސާދު ސިންދަފާތުކުރުުގެ މައިގަނޑު ވިސްނުމެއް އުފަންވެގެން އައީ ވައާތު ފިޔައިގެ ތެރެިންނެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ގޮނޑޮށްތަކާ ހަމައަށް ޓުއަރިޒަމް ގެނަސް ޑޮލަރަކީ އާންމު ރައްޔިތު މީހާ ވެސް ދެކެފަރިތަ ފައިސާގެ ނޫޓަކަށް ހެދުމަކީ އެ ފިކުރުގެ އެއް އަސާސެވެ.
ހަމައެއާ އެކުއެކީގެން ޑީއާރުޕީ ނުވަތަ ކަނާއަތުގެ ފިކުރު ވެސް އޮތީ ވެރިކަން ދެމެހެއްޓުމުގެ ވަރުގަދަ އަޒުމެއްގައެވެ. އެމްޑީޕީން ޕްރޮމޯޓްކުރަމުން ދިޔަ މި ފިކުރުތައް ސަގާފަތާއި ދީނީ ޝިއާރުތަކުގެ ތެރެއަށް ފެއްތުމަށް އެ ފިކުރުން ދިޔައީ މަސައްކަތްކުރަމުންނެވެ. އެހެން މޭރުމަކުން ވިޔަސް އަސާސީ ހައްގުތަކުގެ ވާހަކަތައް ދިޔައީ ދައްކަމުންނެވެ. ހުދޫދަކާއި އިންތަކެއްގެ ތެރެއިން ޅަ ޑިމޮކްރަސީއެއް ފިރުކެންވީ ގޮތުގެ ފިލާވަޅުތައް ޑީއާރުޕީގެ ތެރެއިން ދިޔައީ ބުނެދެމުންނެވެ.
ވެރިކަމަށް އަންނަން މަގުސަދެއް!
އެމްޑީޕީން ވެރިކަމަށް އައުމުގެ ވިސްނުން އުފަންކުރުވީ ކުރިން މި ފާހަގަކުރި ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމުގެ ވިސްނުމުގެ ތެރެއިންނެވެ. އެތައް ބައެއްގެ ތެރެއިން މުހައްމަދު ނަޝީދު ލީޑަރެއްގެ ގޮތުގައި ފާޅުވީ މި ހައްގުތަކަށް ވަކާލާތުގެ ތެރެއިންނެވެ. މެނިފެސްޓްކުރުމަކީ ކޮބައިކަމާއި ސިޔާސަތުތަކަކީ ކޮބައިކަން ދިވެހިންނަށް އޮޅުން ފިލައިގެން އައީ މައި ދެ ފިކުރުގެ ތެރެއިންނެވެ.
އެއް ބަޔަކު އަނެއް ބަޔަކަށް ދަސްކޮށްދިން ފިލާވަޅުތަކުގެ ތެރެއިން ވެރިކަން ކުރުމުގައި މަގުސަދުތަކެއް އޮތެވެ. އެމްޑީޕީން ވެރިކަމަށް އައުމަށް ކުރި ދަތުރުގެ މައިގަނޑު މަގުސަދު އޮތީ ރައްޔިތު މީހާ އަށް އަސާސީ ހައްގުތައް ހޯދައިދިނުމެވެ. ގިނަ ބައެއްގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން މެނިފެސްޓޯއެއް އެކުލަވައިލީ މި ހައްގުތައް ހޯދާނެ ގޮތްތަކުގެ މަގުޗާޓާ އެކީގައެވެ.
ޑީއާރުޕީ ނުވަތަ އޭރު ވެރިކަމުގައި ތިބި ފަރާތްތަކުގެ މަގުސަދަކަށް އޮތީ މި ހައްގުތަކަށް ފާރަވެރިވުމެވެ. ކޮންމެ ހާލެއްގައި ވެސް ވެރިކަން ދިފާއުކުރުމެވެ. ނަމަވެސް އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުގެ އަޑު ވެސް އަހައި މަޑުމަޑުން ދޫދީގެންނެވެ. އިސްލާހީ ފިޔަވަޅުތަކެއް އިއުލާންކުރެވުނީ ވެސް މި ވިސްނުމުގެ ތެރެއިންނެވެ. ކުރިމަތިވަމުން ދިޔަ ފިއްތުންތަކުން ރެކޭނެ ގޮތްތައް ދިޔައި ހޯދަމުންނެވެ. ޚާރިޖީ ސިޔާސަތުތައް ވެސް ބިނާކުރީ މި އުސޫލުގެ ތެރެއިންނެވެ. އެހީދޭ ގައުމުތަކާއި އެކުގައި ތިބި ގައުމުތަކުން ކުރިމަތިވި ފިއްތުންތައް ކުރިމަތިވަމުންދިޔަ ނަމަވެސް އިސްކުރީ ހަމަހަމަ އަދި މެދުމިނުގެ ސިޔާސަތެކެވެ.
ކޮންމެ ގޮތެއް ހަދާފައި ވެސް ވެރިކަން!
ޑިމޮކްރަސީގެ ޅަފަތުން ނެއްޓި ޒުވާންކަމުގެ އުމުރަށް އެޅުނު އިރު ކުރިން މި ފާހަގަކުރި ހައްގުތަކުގެ ބޮޑު މިންވަރެއް މި ވަނީ ލިބިފައެވެ. މިހާރު އޮތީ ލިބިފައި އޮތް ހައްގުތައް އެ ލިބުނު މިންވަރުގައި ހިފެހެއްޓުމާއި ގެއްލިގެން ނުދާނެ މަގުތައް ހޯދުމެވެ. މިހާރު ކުރަންޖެހިފައި އޮތް ކަމަކީ އެ ހައްގުތަކަށް ހުދޫދުތަކާއި އިންތައް ކަނޑައެޅުމުގެ މަރުހަލާއެވެ. އެހެން ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ހައްގުތަކުގެ ވާހަކަ ދެއްކި މީހުންނަށް މިއަދު މުހިންމީ އެ މިންތަކާއި އިންތަކާއި ހުދޫދުތައް ކަނޑުއެޅުމަށް ވުރެ ވެރިކަމަށް އައުމާއި ވެރިކަން ދިފާއުކުރުމެވެ. ކޮންމެ ހާލަތެއްގައި ނަމަވެހެވެ.
ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ޕާޓީއެއް މިއަދަކު ނެތެވެ. އަނެކާގެ ހައްގުތަކަށް ވުރެ އިސްކުރެވެނީ ތިމާގެ ހައްގެވެ. ޕާޓީ ފިކުރަށް ވުރެ މިއަދު މުހިންމީ ވެރިކަމަށް އަންނަން ބޭނުންވާ ބައެއްގެ ފިކުރެވެ. ހައްގުތަކަށް ވަކާލާތުކުރާ މީހުންނަށް ވުރެ ޕާޓީތަކުގެ ތެރޭގައި މިއަދު އޮތީ ވެރިކަމަށް ރާވާ ރޭވުންތަކެވެ.
ހައްގުތަކަށް ވަކާލާތުކުރަމުން އައި އެމްޑީޕީގެ ހާލަތު ވެސް މިއަދު އޮތީ ބަދަލުވެފައެވެ. ރައްޔިތުންގެ ހައްގުގައި ބަސްބުނަންޖެހޭ ހާލަތުގައި އެކަން ކުރެވޭތަނެއް ނުފެނެއެވެ. އެއަށް ވުރެ ޕާޓީގެ ލީޑާޝިޕް ހޯދުމަށް އޮތް ވާދަވެރިކަން ބޮޑެވެ. ރިޔާސީ ޓިކެޓަށް ފެންބޮވައިގެންފައި ތިބި މީހުން ގިނަ އެވެ. ޕާޓީގެ އެތެރޭގައި ކޮންމެ މީހަކު ވަކި ޕާޓީއެއް އެބަ ހިންގައެވެ. އޭގެ ނަތީޖާއަކަށް ވެފައި ވަނީ ރާއްޖޭގައި އެންމެ ވަރުގަދަ އަށް އޮތް ޕާޓީ ނިކަމެތިވުމެވެ. ގިނަ ބަޔަކު ޕާޓީއާ ފެއަށް ޖެހުމުގެ އަސްލަކީ ވެސް އެއީއެވެ. ހުރިހާ ރޭވުމެއް މިއަދު ބިނާވެފައި އޮތީ ވެސް ވެރިކަން ހޯދުމުގެ މައްޗަށެވެ. އަދި އެވެރިކަމަށް އިސްވާނެ މީހެއްގެ މައްޗަށެވެ.
އެމްޑީޕީ އަށް ދެ ވަނަ ފަހަރަށް ވެރިކަން ލިބުމުން ޕާޓީއެއްގެ ސިފަ ގެއްލުނެވެ. ރަށްރަށުގަ އާއި މާލޭގައި ހުރި ޖަގަހަތަކުގައި ތަޅު އެޅުވި ހަރަކާތްތައް ހުއްޓުނީއެވެ. ޕާޓީވަންތަކަށް ނެތި ގޮސް ވަކިވަކި ވެރިންތަކެއް އުފެދެން މަގު އުފަންވީއެވެ. ޖެހިޖެހިގެން ދެ ވަނަ ދައުރެއް ހޯދުަމަށް ލިބުނު ރަނުގެ ފުރުސަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގެއްލުނު މައިގަނޑު ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކޭ އެއް ސަބަބަކީ ވެސް ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ ވެރިން ފެއަށް ޖެހުމެވެ. ނުވަތަ ވެރިކަން ކުރުމުގައި ޕާޓީއެއްގެ ސިފަ ނެތުމެވެ.
އެކި ދުވަސްވަރު ޑީއާރުޕީ ބަދަލުވެ، އޭގެ ތެރެއިން އުފަންވި އެތައް ފިކުރެއްގެ ތެރެއިން މިއަދު ވެރިކަމުގައި އޮތް ޕީއެންސީގެ ތެރޭގައި ވެސް ކަން ހިނގަމީ މި ބީދައިންނެވެ. ދެކެވެނީ މިޙާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެން އަންނަ ދައުރަކަށް އިންތިހާބުކުރެވޭނެ ގޮތެއްގެ ވާހަކައެވެ. މުޅި ޕާޓީގެ ފިކުރާއި ވިސްނުން ވެސް އޮތީ އެކަމުގެ މައްޗަށެވެ. ކޮންމެ ފަދަ ގުރުބާނީއެއް ނުވަތަ އަގެއް ދައްކައިގެން ވެސް ޕާޓީގެ މަގުސަދަކަށް އޮތީ ވެރިކަން ދިފާއުކުރުމެވެ،. ދެ ވަނަ ދައުރެކެވެ. ޕާޓީގެ އަމިއްލަ ވަންތަ ފިކުރެއް ނުވެސް ނެތީއެވެ. ޖުމްލަކޮށް ބުނާ ނަމަ މައި ދެ ޕާޓީގައި މިހާރު މާ ބޮޑު ތަފާތެއް ނެތެވެ. ޕާޓީވަންތަކަށް ނެތި ހިނގައްޖެއެވެ. އާންމު ރައްޔިތު މީހާ އަށް ވުރެ މިއަދު ޕާޓީތަކަށް މުހިންމީ ވެރިންނެވެ. ފިކުރާއި ސިޔާސަތަށް ވުރެ މުހިއްމީ ވެރިޔާއެވެ.
“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.