ރިޕޯޓް: ހައްޖަށް ދިއުމުގައި ވެސް މަކަރާއި ހީލަތް!

12 ޖޫން 2025 - 14:33

ކޯޓާގެ ވައްކަން

ވައްކަން ނުކުރާނީ ކޮން ކަމެއްގައި ހެއްޔެވެ؟ ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރަށް އޮތް ވާދަވެރިކަމުގެ ތެރޭގައި ވެސް މީގެ ކުރިން ވަނީ އެތައް އޮޅުވާލުންތަކެއް އޮޅުވާލާފައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އަށް ލިބެނީ ނިސްބަތުން މަދު ޖާގައެކެވެ. އާންމު ގޮތެއްގައި ލިބެނީ 1،000 ޖާގައެވެ. މީގެ ކުރިން މި ޖާގަތައް ދޫކުރަނީ ބިޑް އުސޫލުންނެވެ. މިކަމުގައި ވެސް އިންތިހާ އަށް ކޮރަޕްޝަން އޮތެވެ. 

ހައްޖު ކޯޓާ ދޫކުރުމުގައި ކޮރަޕްޝަންގެ ތުހުމަތުނުކުރެވޭ އަހަރެއް މަދެވެ. އިސްލާމިކް މިނިސްޓްރީ ގޮވައިގެން ކަަމާ ބެހޭ އިދާރާތަކަށް ދިއުމަކީ އާންމު ކަމެވެ. އެ ތަނުގެ އޮފިޝަލުންނާ މެދު ވެސް ބޮޑެތި ތުހުމަތުތައް ކުރެވިފައި އެބަ ހުއްޓެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން އެތަނަށް ވެސް އެތައް މައްސަލަތަކެއް ހުށަހެޅުނެވެ. ބިޑް ކާމިޔާބުކުރުމަށް ރިޝްވަތު ދޭ ކަމުގެ ތުހުމަތުތައް އަބަދު ވެސް އޮވެއެވެ. އެކި ނަންނަމުގައި އެއްބަޔަކު ޖާގަ އަށް އެދުމާއި މިހެން ގޮސް އެތައް އޮޅުވާލުންތަކެކެވެ.

advertisement
advertisement
advertisement
advertisement

މީގެ އިތުރުން ކޯޓާ ނަގައިގެން ވައްކަންކުރި މައްސަލަތައް ވެސް މަދެއް ނޫނެވެ. މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނަގައި ހިޔާނާތްތެރިވި ފަހަރުތައް ވެސް ގިނަ އެވެ. އެފަދަ މައްސަލަތަކުގައި ހުކުމްކޮށް އަދަބު ދީފައި ވެސް އެބަ ހުއްޓެވެ.  މަލީޝާ ހައްޖު ގްރޫޕްގެ ސްކޭމާއި ފަތަހު ގްރޫޕްގެ މައްސަލަ އާއި މަޝްއަރު ހައްޖު ގްރޫޕުން ދެ އަހަރު އޮޅުވާލައިގެން މީހުން އުމްރާ އަށް ގެންގޮސް ލަނޑު ދިން މައްސަލަ ފަދަ އެތައް މައްސަލައެއް މީގެ ކުރިން ފެންމަތިވެފައި ވެއެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދުން

ހައްޖުގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަންޖެހުނީ ވެސް ހައްޖުގެ އަޅުކަން ބޮޑު ވިޔަފާރިއަކަށް ހަދައި، މަކަރާއި ހީލަތުން އެތައް ދިވެހިންނަކަށް ލިބެމުން ދިޔަ ގެއްލުންތައް ހުއްޓުވުމުގެ މަގުސަދުގައެވެ. އަދި އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހައްޖަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. 

ހައްޖު ކޯޕަރޭޝަން އުފެދުމާ އެކު ހައްޖު ކޯޓާގެ މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުމުގެ ކޮޅުމަތި ފެނުނެވެ. އެހެން ނަމަވެސް ދިވެހިންގެ ކެކުޅުންތަކަށް ފުރިހަމަ ހައްލެއް އަދި ވެސް ނުލިބެއެވެ. ހައްޖަށް ދިއުމަށް ކޮންމެ ދަނޑިވަޅެއްގައި ވެސް ފައިސާ ދެއްކޭނެ އަދި ބައި ބަޔަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ ނިޒާމެއް މިހާރު ވަނީ އެކުލަވާލެވިފައެވެ. މީގެ ސަބަބުން ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ބޮޑުވިއެވެ. ނަމަވެސް އެހެން މައްސަލައެއް ފެންމަތިވިއެވެ. ހައްޖު ކިޔު ދިގުވުމެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ހައްޖު ކޯޕަރޭޝަންގެ ކިޔު 2030 އަށް ވުރެ ވެސް މިހާރު ދިގެވެ. 

މި ފާއިތުވި އަހަރުތަކުގައި ސަރުކާރުން ނިންމާފައި ވަނީ ސައުދީ އަރަބިއްޔާ އިން ދޭ ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ. އެހެންކަމުން އަމިއްލަ ކުންފުނިތަކަށް މިހާރު މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތެއް ނުލިބެއެވެ. ކޯޓާ އިން ކުރި ވައްކަންތަކާއި އާންމުންނަށް އޮޅުވާލުމުގެ އެ މަރުހަލާ އަށް މިހާރު ވަނީ ހައްލެއް ލިބިފައެވެ.

މައްސަލައަށް ހައްލެއް ލިބިއްޖެތަ؟

އަމިއްލަ ކުންފުނިތަކުން ހަދަމުން ދިޔަ މަކަރާއި ހީލަތަށް ހުއްޓުމެއް އައި ނަމަވެސް ހައްޖުގެ އަޅުކަމުގެ ތެރެއިން ހިންގާ ޖަރީމާތަކަށް އަދިވެސް މުޅިއަކުން ހައްލެއް ނުލިބެއެވެ. ހައްޖު ކޯޕަރޭޝަނަކީ ސަރުކާރުގެ ކުންފުންޏަކަށްވުމުން ކޯޓާގައި މީހުން ގެންދިއުމުގައި ކިޔު ފަޅާލުމުގެ ބާރު ސަރުކާރާއި ކުންފުނީގެ އިސްވެރިންނަށް އަބަދު ވެސް އޮވެއެވެ. އެކަމުގެ ތުހުމަތުތައް ވެސް ކުރެވެއެވެ.

މީގެ ކުރީގެ އަހަރުތަކުގައި ސަރުކާރުގެ ވަފުދުތަކުގައި ގެންދާ މީހުން ގިނަވުމުން އެ އަހަރެއްގައި ހައްޖަށް ދެވޭނެ ކަމަށް ލިސްޓްގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފަހަތަށް ޖެހިފައެވެ. ސަރުކާރުން މި އަހަރު ނިންމީ މި އަަހަރު ހައްޖަށް ދެވޭނެ ކަމަށް ލިސްޓްގައި ހިމެނޭ އެންމެން ހައްޖަށް ގެންދިއުމަށެވެ. އެހެން ނަމަވެސް އަދި ވެސް ވެއިޓިން ލިސްޓް ކުޑައެއް ނުވެއެވެ. ކޯޓާގެ ތެރެއިން ސަރުކާރަށް ނަގާބައި ކުޑައެއް ނޫނެވެ.

ކިޔު ފަޅާލައިގެން ވެސް ހައްޖަށް!

ހައްޖަކީ ދީނުގައި އެންމެ މާތް އެއް އަޅުކަމެވެ. އެހެން ނަމަވެސް ކޮންމެ ހާލެއްގައި ވެސް ހައްޖަށް ދިއުމަކީ އޮތް ކަމެއް ނޫނެވެ. އޮޅުވާލައި މަކަރު ހަދައި ކިޔު ފަޅާލައިގެން ހައްޖަށް ދިއުމުން ހައްޖުގެ ފުރިހަމަ ފައިދާ ލިބޭނެ ހެއްޔެވެ؟ އެހެން ނަމަވެސް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާ ގުޅިގެންނާއި ރިޝްވަތު ހުށަހަޅައިގެން ވެސް ކިޔު ފަޅާލެވޭތޯ އެތައް ބަޔަކު އެބަ އުޅެއެވެ. ސަރުކާރުގެ އިސް އޮފިޝަލުން ކިޔު ފަޅާލާފައި އާއިލާ ގޮވައިގެން ހައްޖަށް ގޮސްފައި ވެސް އެބަ ހުއްޓެވެ. 

މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ވެސް މިފަދަ މީހުން ތިބިކަމުގެ ތުހުމަތު އެބަ ކުރެެވެއެވެ. ހަގީގަތް ބެލޭނެ މާ ބޮޑު ގޮތްތަކެއް ނެތެވެ. ސަރުކާރުގެ ޓީމުތަކުގައި ހިމެނުމުން އެކަންކަން ސައްހަވީއެވެ. އެހެން ނަމަވެސް މިއީ މުއައްސަސާތަކުގެ ލޮލުގައި އެޅުވޭނެ އަނދުނަކަށް ވެދާނެއެވެ. ކަންކަން ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އަށް އަޮޅުވާލާނީ ކިހިނަކުން ހެއްޔެވެ؟ ހައްޖުގެ މާތް އަޅުކަމުގައި ވެސް އޮޅުވާލުމާއި މަކަރު މިހަދަނީ ކޮން ފައިދާއެއް ވާނެ ކަމަށް ހެއްޔެވެ؟

ރިއެކްޝަންސް
2
0
2
5
0
0
0