
ތާރީހްގެ ތެރެއިން: ހަސަން ރަސްގެފާނު އިސްލާމް ދީނާ ދެކޮޅަށް ކުޅަ މަސައްކަތް!
16 ޖޫން 2025 - 10:48
ހަސަން ރަސްގެފާނު ދީން ބަދަލުކުރުން
ސުލްޠާން ހަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުންނަކީ ސުލްޠާން ކަޅު މުޙައްމަދު ނުވަތަ ކަޅު މުޙައްމަދު ރަސްގެފާނުންގެ ޢުމަރު މާފަތް ކިލެގެގެ ދަރިކަލެކެވެ. ރަސްކަމަށް އިސްކުރެވުނީ މީލާދީން 1550 ގައެވެ. ދެ އަހަރު ވަންދެން ރަސްކަމުގައި ހުންނެވިއެވެ. މިއީ ހިލާލީ ދަރިކޮޅުގެ 9 ވަނަ ރަސްގެފާނެވެ.
ރަސްކަމުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހުންނެވުމަށް ފަހު ދީން ބަދަލުކުރެއްވުމުގެ ވާހަކަ ފާޅުގައި ދައްކަވަން ފެއްޓެވިއެވެ. އަދި ރާއްޖެ ދޫކުރައްވައި އަވަށްޓެރި އިންޑިއާ އަށް ވަޑައިގެންނެވިއެވެ. ކޮއްޗޭ ނުވަތަ މިހާރުގެ ނަމުން ނަމަ ކޮޗިން އަށް ވަޑައިގެން އީސާއީ ދީން ގަބޫލުކުރެއްވިއެވެ. ކޮއްޗޭގައި ދެ އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހު ގޯވާ އަށް ވަޑައިގެންނެވިއެވެ. އެތަނުން އަންހެނަކާ ކައިވެނި ބައްލަވައިގެންނެވިއެވެ. ޕޯޗުގީޒުންގެ މެދުގައި ހަސަން ރަސްގެފާނު މަޝްހުރުވެފައި ވަނީ ދިވެހި ރާއްޖޭގެ އީސާއީ ރަސްގެފާނުގެ ގޮތުގައެވެ. މަޝްހޫރު ދަތުރުވެރިޔާ ޕިރާޑްގެ ލިޔުންތަކުގައި ހަސަން ރަސްގެފާނުގެ ގިނަ ވާހަކަތަކެއް ލިޔުއްވާފައި ވެއެވެ. އޭނާގެ ލިޔުންތަކުން އެނގޭ ގޮތުގައި ހަސަން ރަސްގެފާނު ދީން ބަދަލުކުރެއްވީ 14 ޖެނުއަރީ 1552ގައެވެ. ދީން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އިސް ފާދިރީއަކަށް ހުރީ ސެންޓް ފްރެއިންޝިސް ސޭވިޔަރއެވެ.
ޕޯޗުގީޒުން ރާއްޖެ ފޮނުވުން
ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި ހުންނެވުމަށް ފަހު އަލުން ރަސްކަން ހޯއްދެވުމަށް ހަސަން ރަސްގެފާނު ގަސްތުކުޅައެވެ. އަދި ނުބައި ހީލަތްތެރި ރޭވުމަކާ އެކު ޕޯޗުގީޒުންގެ އެހީތެރިކަން ހޯދިއެވެ. އޭރު ގޯވާ އޮތީ ޕޯޗުގީޒުންގެ އަތްދަށުގައެވެ.
ޕޯޗުގީޒުންނަށް ހަސަން ރަސްގެފާނު ދެއްވި ޔަގީންކަމަކީ ގިނަ ބަޔަކު އިސްލާމް ދީނުން ބޭރުކުރުމެވެ. އޭރު ނަސޯރާ ދީނުގެ މިޝަނަރީތައް ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ. ހާއްސަކޮށް ހަންފަތުރައި ގައުމުތައް އަޅުވެތިކުރަމުން ދިޔަ ފަރާތްތަކާ ގުޅިގެންނެވެ. ހަސަން ރަސްގެފާނުގެ އެހީތެރިކަމާ އެކު ޕޯޗުގީޒުންގެ ނައުފަހަރު ތިން ފަހަރެއްގެ މަތިން ރާއްޖެއާ ދިމާކުރިއެވެ. ފުރަތަމަ ފަހަރު ފޮނުއްވީ ވަރަށް އާދައިގެ ގުރާބެކެވެ. އޯޑަރަކަށް އޮތީ ރާއްޖޭގެ ކަމުވޮށިގެންވާ އެންމެން ހިފާ ހައްޔަރުކޮށް ކޮއްޗޭ އަށް ގެންދިއުމަށެވެ.އެ ގްރާބު ދިވެހިންގެ އަތްދަށުވީއެވެ. ދެވަނަ ފަހަރަށް ފޮނުވި ލަސްކަރަށް ވެސް ކާމިޔާބު ނުލިބުނީ ދިވެހިންގެ ހިތްވަރުގަދަ ކަމުން އެ މީހުންނާ ކުރިމަތިލުމުންނެވެ. އެ މީހުން ވެސް ދިވެހިންގެ އަތްދަށުވެ އެންމެ ގަތުލުކުރެވުނީއެވެ. ނަމަވެސް ތިން ވަނަ ފަހަރު އެ މީހުން އައިސް ރާއްޖެ ހިފިއެވެ.
ތާރީހީ އިލްމުވެރިން ސިފަކުރައްވާފައިވާ ގޮތުން ތިން ވަނަ ފަހަރަށް ވެސް ޕޯޗުގީޒުންނަށް ރާއްޖެ ހިފުނީކީ އެ މީހުންގެ ހަތިޔާރާއި އެ މީހުން ލަސްކަރުގެ ވަރުގަދަކަމަކުން ނޫނެވެ. އެހެން ނަމަވެސް ރާއްޖޭގެ ދާހިލީ ހަމަނުޖެހުންތަކުގެ ތެރެއިން ބައެއްގެ ނުބައި ރޭވުންތަކުގެ ސަބަބުންނެވެ.
ތާރީހް ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދުﷲ ސައީދު ލިޔުއްވާފައިވާ ގޮތުގައި އެކަން އެމަގުން ހިނގީ “ކޮންމެ ގޮތަކުންވެސް ވެރިކަން ބަދަލުކޮށްލަން ބޭނުންވި ބަޣާވާތްތެރިންތަކެއް އުޅުނު ދުވަސްވަރެއްގަ” އެވެ. “ފަހުން ވެދާނެ ގޮތަކާ މެދު ޚާއިނުންނާއި ބަޣާވާތްތެރިން ޚިޔާލުކޮށްލަން ވެސް ބޭނުން ނުވި ދުވަސްވަރެއްގަ” އެވެ.
އަލީ ރަސްގެފާނު ޝަހީދުވުން
މާލޭ ހުޅަނގު ފަރާތުން އަރައިގެން އައި ޕޯޗުގީޒުންގެ ލަސްކަރާ ކުރިމަތިލެއްވީ އަލީ ރަސްގެފާނެވެ. ނުކުމެވަޑައިގެންނެވީ ބޮޑު ލަސްކަރަކާ އެކުަގައެވެ. އެހެން ނަމަވެސް ބުނެވޭ ގޮތުގައި އީދު މިސްކިތާ ހަމައަށް ވަޑައިގެނެންވި އިރު އަރިހުގައި ތިއްބެވީ ބޮޑުވަޒީރާއި ހާދިމެކެވެ. އެހެން އެންމެން ފިލީއެވެ.
އަލީ ރަސްގެފާނާއި އަރިހުގައި ތިއްބެވި ދެ ބޭފުޅުން ހަށިގަނޑުން ފުރާނަ ދޫވެއްޖައުމަށް ދާންދެން ޕޯޗުގީޒުންނާ ކުރިމަތިލެއްވިއެވެ. ދީނާއި ގައުމަށްޓަކައި ޖިހާދުކުރައްވައި ޝަހިދުވީއެވެ. އެއީ މީލާދީން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު (ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހު) އެވެ.
ދިވެހިންނަށް އަނިޔާ އާއި ބިރުވެރިކަން
ހަސަން ރަސްގެފާނުގެ ހީލަތްތެރި މަކަރުވެރި ރޭވުމުގެ ދަށުން ޕޯޗުގީޒުން ރާއްޖެ ހިފުމަށް ފަހު ދެން ފެނިގެން ދިޔައީ އަނިޔާވެރި ހިތްދަތި ދުވަސްތަކެކެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަރައި ބޮޑެތި އަދަބުތައް ދިނެވެ. ދިވެހިން އިސްލާމް ދީނުން ބޭރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ބޮޑެތި އަނިޔާތައް ދީފައި ވެއެވެ. އެ ގޮތުގައި 15 އަހަރު އެ މީހުންގެ އަޅުވެތިކަމުގައި ރާއްޖެ ދުށީ ހިތްދަތި އަނިޔާވެރި ދުވަސްތަކެކެވެ.
މައުލޫމާތު ހޯދީ:
- އަބްދުﷲ ސައީދު ބްލޮގް
- ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު – މުޙައްމަދު އަމީން