އީރާނާއި އިޒްރޭލުގެ ހަނގުރާމަ: ރާއްޖެ އަށް އޮތީ ކޮން ނުރައްކަލެއް؟

19 ޖޫން 2025 - 11:00

ތެލުގެ އަގު އުފުލެނީ

އަރަބް ސްޕްރިންގްސް ނުވަތަ އަރަބި ގައުމުތަކުގެ ހަމަނުޖެހުންތަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔައެވެ. މުޅި ގަލްފް ސަރަހައްދުގެ ހަމަނުޖެހުންތަކުގައި އަދި އެތައް ގައުމެއް ހަލާކުވެ، އިގްތިސާދު ފުނޑިގެން ދިއުމުން ތެލުގެ ބާޒާރު އެފުށް މިފުށަށް ޖެހުނެވެ. އަދި ކޮވިޑްގެ ހާލަތާ ގުޅިގެން ވެސް ތެލުގެ ބާޒާރަށް ލޮޅުން އެރިއެވެ. މެދު މިނެއްގައި ހިފެހެއްޓިފައި ހުރި ތެލުގެ އަގު އަނެއްކާ ވެސް މައްޗަށް ދާން ފެށީ ޔޫކްރޭއިން އާއި ރަޝިޔާގެ ހަނގުރާމައާ އެކުގައެވެ. އެ ފަހަރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 130 ޑޮލަރަށް ވެސް އެރިއެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރު ތެލުގެ ބާޒާރު ދިޔައީ ވަރަށް ހަމަހިމޭންކޮށެވެ. އަގުތައް ހުރީ ދަށަށް ދާން ފަށާފައެވެ. 

advertisement
advertisement
advertisement
advertisement

މި އަހަރު ފެށިގެން ވެސް ތެލުގެ އަގު ހުރީ ވަކި ވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ވަރުގަދަ ހަނގުރާމައެއް ފެށި، ތެލުގެ ބާޒާރަށް ވަރުގަދަ ލޮޅުމެއް ވަނީ އަރާފައެވެ.

އީރާންގެ ޔުރޭނިއަމް ފައްކާކުރާ ބައެއް މަރުކަޒުތަކާއި އަސްކަރީ ބައެއް ވެރިންނާއި ސައިންްސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކާ އެކު ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ އެވްރެޖްކޮށް 64 ޑޮލަރުގައެވެ. އެހެން ނަމަވެސް ދެ ގައުމުގެ ހަމަލާތަކާއި އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމުގެ ބިރު ބޮޑުވުމާ އެކު ތެޔޮ ފީފާއެއްގެ އަގުން މިހާރު ވެސް 10 ޑޮލަރު އުފުލި ވަނީ 74 ޑޮލަރަށް މައްޗަށް ޖެހިފައެވެ.

ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ތެލާއި ގޭހުގެ ސަޕްލައިގެ ބޮޑު އަދަދެއް ދައުރުކުރާ ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ އިންޒާރު އީރާނުން ދަނީ ދެމުންނެވެ. އެއީ ދުނިޔޭގައި އުފައްދާ ތެލުގެ 20 ޕަސެންޓް ތެޔޮ ހިފައިގެން ބޯޓުފަހަރު ދަތުރުކުރާ ކަނޑުއޮޅިއެވެ. ހާއްސަކޮށް އޭޝިޔާ ބައްރުގެ ގައުމުތަކަށެވެ. 

ދެ ގައުމުން ބަދަލުކުރާ ހަމަލާތަކުގައި މިހާރު ވެސް ތެޔޮ ސާފުކުރާ އަދި ގޭސް އުފައްދާ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެހެންކަމުން މިއީ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ. މީގެ ސަބަބުން އިޒްރޭލާއި އީރާންގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް އޭގެ އަސަރުކުރާނެއެވެ.

ތަކެތީގެ އަގު އުފުލިދާނެ

ރާއްޖޭގެ އިގްތިސާދު މިހާރު ވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. އިންފްލޭޝަން މައްޗެވެ. ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އާ ގާތްކޮށްފިއެވެ. މާކެޓަށް އަންނަ ކުޑަ ލޮނުމަކުން 20ރ. އަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު ވެސް ބޮޑެވެ. ބްލެކް މާކެޓުން އާންމު ގޮތެއްގައި ޑޮލަރު ގަންނަނީ ރާއްޖެ އަށް މުދާ އެތެރެކުރާ ވިޔަފާރި ކުންފުނިތަކުންނެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް އައީ މި މާކެޓުން ބޮޑު އަގުގައި ޑޮލަރު ގަންނަމުންނެވެ. 

އިގްތިސާދަށް އަންނަ ބަދަލުތަކާ އެކު ޑޮލަރުގެ އަގަށް ވެސް ބަދަލު އަންނާނެއެވެ. ޑޮލަރުގެ އަގަށް އަންނަ ކޮންމެ ބަދަލަކީ ވެސް ރާއްޖެ އަށް އެތެރެކުރާ ތަކެތީގެ އަގަށް ބަދަލު އަންނާނެ ކަމެކެވެ. މިހާރު ވެސް ބައެއް ތަކެތީގެ އަގު ވަނީ އުފުލިފައެވެ. ހަނގުރާމަ ވަރުގަދަވެއްޖެ ނަމަ ފަރުދީ ލެވެލްގައި ވެސް އިގްތިސާދުކުރަން ފަށާނެއެވެ. އެހެން ކަމަށްވާ ނަމަ އިގްތިސާދު މަޑުޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ. 

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް މި ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ފެންނަން ދުވަސްތަކެއް ނަގާނެއެވެ. އެހެންކަމުން ޑޮލަރަށް އޮތް ޑިމާންޑް ދަށްކުރެވޭނެ އެހެން ގޮތްތަކެއް ވިސްނަން ވެސް އެބަ ޖެހެއެވެ.

އަސާސީ ހިދުމަތްތަކަށް ކުރާ ހޭދަ މައްޗަށް!

ތެލުގެ އަގު އުފުލުމާއި ތަކެތީގެ އަގު ބޮޑުވުމުން އާންމު މީހާގެ ޖީބަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. ޖުމްލަކޮށް މުޅި ގައުމަށް ވެސް ކުރާނެއެވެ. އެއްކަމަކީ ތެލަށް ކުރަންޖެހޭ ހޭދަ އިންތިހާ އަށް ބޮޑުވުމެވެ. މިހާރު ވެސް ރާއްޖޭގެ ބަޖެޓްގެ ބޮޑު ބައެއް ތެލަށް ހޭދަކުރެއެވެ. ތެލުގެ ސަބްސިޑީ އަށް ބަލާއިރު ނިމިދިޔަ އަހަރު ތެލުގެ ސަބަސިޑީ އަށް ދައުލަތުގެ ބަޖެޓުން 772.5 މިލިއަން ހަރަދުވާނެ ކަމަށް އަންދާޒާކުރިއެވެ. ނަމަވެސް އަހަރު ނިމުނު އިރު އެ އަދަދު 2.1 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މި އަހަރަށް ލަފާކުރި ބަޖެޓްގައި ފާހަގަކޮށްފައި ވެއެވެ. 

އިޒްރޭރާއި އީރާންގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެއްޖެ ނަމަ ރާއްޖެ އިން ތެލަށް ކުރަންޖެހޭ ހޭދަ ވެސް އިންތިހާ އަށް ބޮޑުވާނެއެވެ. ރާއްޖެއަކީ ތެޔޮ މާގިނައިން ރައްކާކުރުމުގެ ގާބިލްކަން ވެސް ލިބިފައިވާ ގައުމެއް ނޫނެވެ. ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފިއުލް ހެޖިން ފެށުމަށް މި އަހަރު ވެސް އަދި މިދިޔަ އަހަރު ވެސް ބަޖެޓްގައި ހިމެނިއެވެ. މިދިޔަ އަހަރު އެކަމަށް 300 މިލިއަން އަދި މި އަހަރު 216 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދެއެވެ. އެހެންކަމުން ހައްގު ދުވަސްވަރެއްގައި ތެޔޮ ގިނަ އަދަދަކަށް ގަނެފައި ބެހެއްޓުމުގެ ފައިދާ ނެގޭނެ ގޮތެއް ނެތެވެ. 

ކަރަންޓް ބިލާ ގުޅިގެން މިހާރު ވެސް ޝަކުވާތައް ގިނައެވެ. މިދިޔަ އަހަރު ވެސް މި އަހަރު ވެސް އެކަން އޮތީ އެ ގޮތަށެވެ. ދާދި ފަހުން ރޭޓްތަކަށް ބަދަލުތައް ގެނައި ނަމަވެސް އޭގެ މާ ބޮޑު ހެޔޮ ބަދަލެއް ނުފެންނަ ކަމުގެ ޝަކުވާ އެބަ އޮތެވެ. ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް ބާޒާރުގައި ތެލުގެ އަގު ބޮޑުވާ ނަމަ ކަރަންޓްގެ ހިދުމަތް ދޭ ސްޓެލްކޯ އަށް ލިބޭ ގެއްލުން ބޮޑުވާނެއެވެ. 

ހަމަ މިއާ އެކު އެކީގައި ޕެޓްރޯލާއި ޑީސަލްގެ އަގު މައްޗަށް ދާ ނަމަ ދަތުރުފަތުރުގެ އަގު ވެސް މައްޗަށް ދާނެއެވެ. އޭގެ އަސަރު މުޅި އިގްތިސާދަށް ކުރާނެއެވެ. ޖުމްލަކޮށް ބުނާ ނަމަ އާންމު މީހާގެ ސީދާ ދިރިއުޅުމަށް އަސަރުކުރާނެއެވެ.

ޓުއަރިޒަމަށް ވެސް ބަނަކަން!

ރާއްޖޭގެ އިގްތިސާދު ޓުއަރިޒަމަށް ބިނާވެފައި އޮތް އިރު މިހާރު މި ހިނގަނީ ލޯ ސީޒަނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އަހަރު ތެރޭގައި ރާއްޖެ އަށް މަދުން ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. މި ހިނގާ ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭ އާމްދަނީ އަބަދު ވެސް ދަށަށް ދެއެވެ. 

ދުނިޔޭގެ އިގްތިސާދަށް އަރާ ކޮންމެ ކޯޅުމެއްގެ އަސަރު ރާއްޖޭގެ ޓުއަރިޒަމަށް ވެސް ކުރާނެއެވެ. އިޒްރޭލާއި އީރާންގެ ހަނގުރާމައާ އެކު ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ވެސް ޓުއަރިޒަމް ދާއިރާއަށެވެ. ހާއްސަކޮށް ރާއްޖެ ކަހަލަ ޓުއަރިޒަމަށް ބަރޯސާވެފައިވާ ގައުމުތަކަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާ ނަމަ ވައިގެ އުދުހުންތަކުގެ އަގު މައްޗަށް ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ޓިކެޓްގެ އަގު ބޮޑުވެ ދަތުރުކުރާ މީހުން ދެ ވަނަ ވިސްނުމަކަށްދާނެއެވެ. އަދި ހަނގުރާމަ އިތުރަށް ވަރުގަދަވާ ނަމަ ދަތުކުރާ މީހުންގެ އަދަދު މަދުވާނެއެވެ. ހާއްސަކޮށް އީރާން އޮތީ އޭޝިޔާ ބައްރުގެ ގައުމުތަކާއި ގުޅިލާމެހިފައެވެ. އެހެންކަމުން ހަނގުރާމައިގެ ނޭދެވޭ އަސަރު ޖުމްލަ ގޮތެއްގައި މުޅި ސަރަަހައްދަށް ކުރާނެއެވެ. ފްލައިޓްތައް ކެންސަލްވާނެއެވެ. މެދު އިރުމަތީގެ ބޮޑު ސަރަހައްދެއްގެ ވައިގެ ސަރަހައްދު މިހާރު ވެސް ވަނީ އުދުހުން މަނާ ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ޔޫރަޕުން ރާއްޖެ އަށް އަންނަ ޓުއަރިސްޓުންގެ ޓްރާންސިޓް މަންޒިލްތައް މެދުއިރުމަތީގައި ގިނައެވެ. ބައެއް އެއާލައިންތަކުން މިހާރު ވެސް ވަނީ މެދު އިރުމައްޗަށް ކުރާ ދަތުރުތައް ކެންސަލްކުރަން ފަށާފައެވެ. މީގެ ތެރޭގައި އެމިރޭޓްސް އާއި އިއްތިހާދު، ގަތަރު އެއާވޭޒް އަދި ލުފްތަންޒާ ފަދަ ރާއްޖެ އަށް ދަތުރުތައް ކުރާ ބޮޑެތި އެއާލައިންތައް ވެސް ހިމެނެއެވެ. އެހެންކަމުން މެދު އިރުމައްޗާއި ރަޝިޔާ ފަދަ ރާއްޖޭގެ ޓުއަރިޒަމް މާކެޓަށް މުހިންމު ސަރަހައްދުތަކުން ރާއްޖެ އަންނަ ޓުއަރިސްޓުންނަށް ދަތިތައް ކުރިމަތިވާނެއެވެ. ރޫޓްތަކަށް އަންނަ ބަދަލުތަކާ އެކު ރާއްޖެ އަށް ކުރަންޖެހޭ ދަތުރުތައް ދިގުވެ، ހަރަދު ބޮޑުވުމަކީ ވެސް ޓުއަރިޒަމަށް އަސަރުކުރާނެ ކަމެކެވެ. 

ރާއްޖޭގެ މި އަހަރުގެ ލަނޑުދަނޑިއަކީ މިދިޔަ އަހަރަށް ވުރެ އިތުރަށް ޓުއަރިސްޓުން ގެނައުމެވެ. އެއީ 2.1 މިލިއަން މީހުންގެ އަމާޒެކެވެ. އަހަރު ދެބައިވި އިރު އެއް މިލިއަން ޓުއަރިސްޓުން އައިސްފައިވީ ނަމަވެސް ދުނިޔޭގެ ބާރުތައް ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި މި ލަނޑުދަނޑި ހާސިލްކުރެވިދާނެކަމާ މެދު މިހާރު މި ވަނީ ސުވާލު އުފެދިފައެވެ.

ހަމައެކަނި ދެ ގައުމުގެ ހަނގުރާމައެއް ނޫން!

އިޒްރޭލާއި އީރާންގެ ހަނގުރާމައަކީ ހަމައެކަނި އެ ދެ ގައުމާ ގުޅިފައިވާ ހަނގުރާމައެއް ނޫނެވެ. އެއީ މެދު އިރުމަތީގެ ބޮޑެތި ހުރިހާ ގައުމުތަކާ ވެސް ގުޅިފައިވާ ހަނގުރާމައެކެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ ބާރެއް ވެސް ސީދާކޮށް އަދި ނުސީދާކޮށް ވެސް އޮތީ މިކަމުގެ ތެރޭގައެވެ. އެމެރިކާ އާއި ޔޫރަޕް އަދި އަރިމަތީގައި އޮތް ޗައިނާ ވެސް ހިމެނޭހެންނެވެ.  މި ހަނގުރާމަ އިތުރަށް ފުޅާވެގެން ދިޔަ ނުދިނުމަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ އެމެރިކާގެ ރައީސްއަކަށް މި ވަގުތު ހުންނެވި ޑޮނަލް ޓްރަމްޕްއަކީ ވެސް “ބޯހަރު” ވެރިއެކެވެ. އެހެން ނަމަވެސް މިހާތަނަށް އެމެރިކާ އިން ބުނަމުން އަންނަނީ އިޒްރޭލުގެ ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. 

އީރާނުން ވެސް މަސައްކަތްކުރަމުން އަންނަނީ ވަށައިގެން ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދުރުގައި ތިބުމަށެވެ. ނަމަވެސް އަންގާރަ ދުވަހު ޖީ7ގެ ބައްދަލުވުން ކުރުކޮށްލައްވައި  ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވި ބައެއް ވާހަކަފުޅުތަކުން ސީދާ ގޮތެއްގައި އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވަންނަ އުޅޭ ކަމަށް ބެލުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. ޓްރަމްޕް ވަނީ ތެހެރާން ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ. އޭގެ ސީދާ މާނަ ނޭނގުނު ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ އިންޒާރަކީ އެމެރިކާ އިން ތެހެރާނަށް ހަމަލާ ދިނުމުގެ އިޝާރާތެކެވެ. އެ އިންޒާރާ އެކު އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން ތެހެރާން ދޫކޮށް އެތައް ބަޔަކު ވަނީ ދާން ފަށާފައެވެ. ޓްރެފިކަށް ވަނީ ބާރު ބޮޑުވާން ފަށާފައެވެ. އީރާންގެ ތެހެރާނަކީ 10 މިލިއަން މީހުންގެ އާބާދީއެއް އޮތް ސަހަރެކެވެ. 

މި ހަނގުރާމަ އިތުރަށް ފުޅާވެ ދިގުލައިގެން ހިނގައްޖެ ނަމަ މުޅި ދުނިޔޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓޭނެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާނެއެވެ. ކާބޯތަކެތީގެ އަގު އުފުލޭނެއެވެ. ދަތުރުފަތުރުތަކަށް ބުރޫ އަރައި ޓުއަރިޒަމަށް އަސަރުކުރާނެ އެވެ. މިއީ ރާއްޖެ އިން ވެސް އެކަން ކަމާ މެދު ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ވަގުތެވެ. މިހާރު ވެސް ނާޒުކު ފައްތަރެއްގައި އޮތް އިގްތިސާދު ސަލާމަތްކުރެވޭނެ ގޮތްތައް ހޯދަންޖެހެއެވެ. ހަރަދުތައް ކުޑަކުރަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0