އަމިއްލަ ހިޔާލު: ލޯކަލް ޓުއަރިޒަމް ވެސް ހިސޯރުކޮށް މަހުޖަނުންގެ އަތްދަށަށް!

23 ޖޫން 2025 - 15:33

މަގުސަދު ސާފު!

ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ ވެސް އާދައިގެ އާންމު ރައްޔިތު މީހާގެ ޖީބަށް ސީދާ ގޮތުން ޑޮލަރު ވަންނާނެ މަގެއް ހޯދުމެވެ. އެ މަސައްކަތް ފުރަތަމަ ފެއްޓެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވެސް ވިސްނުމަކީ އެއީއެވެ. ބޮޑެތި ރިސޯޓް އޯނަރުންގެ ދެކޮޅު ހެދުންތަކާއި ފިއްތުންތަކުގެ ތެރެއިން ވެސް އެކަން އެ ގޮތަށް ކުރީ ގިނަ ބަޔަކަށް މަންފާކުރާނެތީއެވެ. އެކަން އެ ގޮތުގައި ދުވަސްތަކެއް ވަންދެން ދެމި ވެސް އޮތެވެ. އެހެން ނަމަވެސް މަޑުމަޑުން އެކަން ބަދަލުވެއްޖެއެވެ. 

މިހާރު ރަށްރަށުގައި ގެސްޓްހައުސްތަކުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ދައުލަތަށާއި މި ބުނާ މަހުޖަނުންގެ ޖީބަށް ވަންނާނެ މަގު ވަނީ ހޯދައިފައެވެ. ކުރިން ހައެއްކަ ކޮޓަރީގެ ގެސްޓް ހައުސްތަކުން ނަފާ ހޯދަމުން އައި އާންމު ރައްޔިތު މީހާގެ މައްޗަށް ބޮޑެތި ވިޔަފާރިވެރިން ގަދަވެގަނެއްޖެއެވެ. ރަށްތަކުގައި 40 އިން ފެށިގެން 200 އެނދުގެ “ގެސްޓް ހައުސް”ތައް އަޅައިފިއެވެ. އިތުރު ތަންތަން އެދަނީ އަޅަމުންނެވެ. 

advertisement
advertisement
advertisement
advertisement

ގެސްޓް ހައުސްތަކެއް ނޫން، ފަސްތަރީގެ ސިޓީ ހޮޓާތައް!

ރަށްރަށުގައި އާންމު މީހާ ކުރަމުން އައި ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް މަހުޖަނުން ވަދެ މުޅި ލޯކަލް ޓުއަރިޒަމްގެ ކޮންސެޕްޓް ގެއްލުވާލައިފިއެވެ. ކ. މާފުއްޓާއި، ދިއްފުއްޓާއި، ތުލުަސްދޫ އާއި ހުރާ އާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މާލެ ވަށައިގެން ހުރި ރަށްތަކުގެ އިތުރުން ޓޫރިޒަމް އެންމެ ފުޅާވެފައިވާ އއ އާއި އދ. އަދި ބ. އަތޮޅާއި ވ. އަތޮޅުގައި ވެސް މަހުޖަނުންގެ ބިޔަ ބޮޑެތި ގެސްޓް ހައުސްތައް ހަދައިފިއެވެ. އަނެއް ބަޔަކު ދަނީ ހަދަމުންނެވެ. ކައިރި ރަށްތަކުން މާ ދުރުން ވަކިން އެ ފެންނަނީ އެފަދަ އުސް ބިޔަ އިމާރާތްތެކެވެ. ބައެއް ރަށްރަށުގައި ބީޗް ވިލާތަކެވެ. ލޯކަލް ޓުއަރިޒަމްގެ ނަމުގައި މޫދު ކޮޓަރިތައް ވެސް ހަދަނީއެވެ. އޯވާ ވޯޓާ ރެސްޓޯރެންޓްތައް ވެސް ހުރީ އައުމުގެ މަގުމަތީގައެވެ.

ގެސްޓް ހައުސްތަކުގެ ނަމުގައި ހިންގި ނަމަވެސް މިއީ ބޮޑެތި ސިޓީ ހޮޓާތަކެވެ. ބައެއް ތަންތަނަކީ އެނދުގެ ގޮތުން އަދި ފެންވަރުގެ ގޮތުން އާދައިގެ ރިސޯޓްތަކަށް ވުރެ ވެސް ކުރީގައި އުޅޭ ތަންތަނެވެ. ތިން ތަރިން ފެށިގެން ފަސްތަރީގެ ހޮޓާތައް ވެސް އެހެރަ އަރަނީއެވެ. ނަތީޖާއަކަށްވެފައި ވަނީ ކުރިން އާންމު މީހާ ކުރަމުން އައި ހައެއްކަ ކޮޓަރީގެ ގެސްޓް ހައުސްތަކަށް މިފަދަ މަހުޖަނުންނާ ވާދަނުކުރެވުމެވެ. ހަމައެކަނި ވާދަ ނުކުރެވެނީއެއް ނޫނެވެ. މުޅި މާކެޓްގެ ދުވަސް ވެސް ދުއްވާލަނީއެވެ. ތަފާތު ނުފޫޒުތައް ބޭނުންކޮށްގެން އެފަދަ ކުދިކުދި ތަންތަން ވެސް ނުވަތަ ބިންތައް ވެސް ގަންނަނީއެވެ. ނުވަތަ ދިގު މުއްދަތަށް ކުއްޔަށް ވެސް ނަގަނީއެވެ. އަދި އެ ތަންތަން ސްޓާފުން ބައިތިއްބާ ތަންތަނަށް ބަދަލުކުރަނީއެވެ. ނޫނީ ގުަދަންތަކަށް ހަދަނީއެވެ. އާންމު މީހާ އަށް ލިބެނީ ހަމައެކަނި ކަނޑައަޅާފައި އޮންނަ މަހު ކުއްޔެވެ. އެ ވެސް މިހާރު ގިނައިން ދެނީ ދިވެހި ރުފިޔާ އިންނެވެ. އެހެންކަމުން ޖީބަށް ޑޮލަރު ވަންނަން އޮތް މަގު ވެސް ގެއްލުނީއެވެ.

ރަށްރަށުގެ ބިންތައް ވެސް އެ މީހުންނަށް!

ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އަދި ކުރިއާ ހިލާފަށް ރަށްރަށުގެ މާސްޓާ ޕްލޭންތައް ހަދައި ހުސް ބިންތައް ކަނޑައަޅައި، އިގްތިސާދީ އެކިއެކި ބޭނުންތަކަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ދީފައި ވެއެވެ.  ވަރަށް ގިނަ ކައުންސިލްތަކުން އަންނަނީ މިފަދަ ބިންތައް ކަނޑައަޅައި ބިޑް އުސޫލުންނާއި އަދި ބައެއް ފަހަރު ސީއެސްއާރު ޕޮލިސީގެ ދަށުން ދޫކުރަމުންނެވެ. އެހެން ނަމަވެސް މިފަދަ ބިންތައް ވެސް ގިނަ ފަހަރު ލިބެނީ ކޮންމެ ވެސް ބޮޑު ވިޔަފާރި ކުންފުންޏަކަށެވެ. 

ސީއެސްއާރުގެ ނަމުގައި ކުދިކުދި ކަންކަން ކޮށްފައި ތިންހަތަރު ހާސް އަކަފޫޓުގެ ބިން ދިގު މުއްދަތަށް ނަގަނީއެވެ. ރަށުގެ ކޮންމެ ވެސް ހިސާބެއްގައި ފާހާނާ ބަރިއެއް ނުވަތަ ކުޑަކުދިން ކުޅޭ ކުޑަ ޕާކެއް ނުވަތަ ގިރާ ސަރަހައްދުގައި ވެލިކޮޅެއް އަޅާލުން ފަދަ ކުދިކުދި ކަންކަން މަތިކޮށްފައި ރަށުގެ ބިންތައް ބަހައި ހުސްކުރަނީއެވެ. 

މިހެން ނަގާ ބިންތަކުގައި ވެސް ގިނަ ފަހަރަށް ކުރަނީ އެ ބިން ނަގާ ބޭނުން ފިޔަވައި އެހެން ކަންކަމެވެ. ބައެއް ރަށްރަށުގައި މޫދު ކޮޓަރި އަޅަން ބިން ދޫކޮށްފައި އެބަ ހުއްޓެވެ. ގެސްޓްހައުސްގެ ނަމުގައެވެ. ގިނަ ފަހަރަށް މިފަދަ ބޮޑެތި ބިންތައް ނަގާފައި ހުންނަނީ ވެސް މިހާރު ވެސް ފުޅާ ދާއިރާއެއްގައި ރިސޯޓްތައް ހިންގާ ނުވަތަ މާލޭގައި ބޮޑެތި ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންނެވެ. ބިޔަ ކުންފުނިތަކުންނެވެ.

ލޯކަލް ޓުއަރިޒަމްގެ ތަސައްވުރު ވެސް ގެއްލިފައި!

މި ބިންތަކުން ރަށަށް އާމްދަނީ ލިބެއެވެ. ނުވަތަ އިގްތިސާދީ ގޮތުން ފައިދާތަކެއް ވެސް ލިބެއެވެ. ރަށްރަށް ތަރައްގީވުމަށް ވެސް ފުރުސަތުތަކެއް ތަނަވަސް ވެއެވެ.  ޓުއަރިސްޓުން ގިނަ ވީމާ ރަށުގެ ފިހާރަތަކާއި ބައެއް ކެފޭ ހޮޓާތަކަށް އާމްދަނީއެއް ނުލިބެއެކޭ ނޫނެވެ. އެހެން ނަމަވެސް ހަގީގަތުގައި ލޯކަލް ޓުއަރިޒަމްގެ ތެރެއިން މިހާތަނަށް ތަސައްވަރުކޮށްފައި އޮތް ލަނޑުދަނޑިއެއް ހާސިލްވާކަމާ މެދު ސުވާލު އުފެދެއެވެ. 

އާދައިގެ ވިޔަފާރިވެރިންނަށް ނުވަތަ އާންމު މީހާގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް ހެދި ނިޒާމު ފުނޑި، ރަށަށް ލިބޭ ޑޮލަރުކޮޅު ވެސް ގެންދަނީ ރިސޯޓު އޯނަރުން ނުވަތަ އަހަރަކު އެތައް މިލިއަން ރުފިޔާގެ ވިޔަފާރިކުރާ ބޮޑެތި ވިޔަފާރި ކުންފުނިތަކުންނެވެ. ރަށުގެ ޒުވާނުންނަށް ވަޒީފާތައް ލިބޭނެ ކަމަށް އުންމީދުކޮށްގެން ގެނައި ނިޒާމުގެ ތެރެއަށް މަހުޖަނުން އަތްގަދަކުރުމުގެ ނަތީޖާއަކީ އެ ތަންތަނުގެ ވަޒީފާތަކުގައި ވެސް ބިދޭސީން ތިބުމެވެ. ނޫނީ މައި ކުންފުނި ތަމްސީލްކުރާ އެހެން ކޮންމެ ވެސް ރަށެއްގެ ބަޔަކު ތިބުމެވެ. 

ބިޔަ ބޮޑެތި ގެސްޓް ހައުސްތަކަށް ހޯދާ މުދާ ނުވަތަ ބޭނުންވާ ހުރިހާ ހިދުމަތެއް ވެސް ހޯދަނީ ރަށުން ބޭރުންނެވެ. މުދާ ގެންދަނީ މައި ކުންފުނީގެ ޕްރޮކިއުމެންޓްގެ ތެރެއިން ކަމަށް ވުމުން އެ ތަކެތި ފޮނުވަނީ ސީދާ ރިސޯޓް ނުވަތަ މާލޭގެ ކުންފުނީގެ ސަޕްލައި ޗެއިންގެ ތެރެއިންނެވެ. ބައެއް ތަންތަނަކީ ސީދާ ކުންފުނީގެ މައި ރިސޯޓުން ލޯންޑަރީ އާއި އެ ނޫން ވެސް ހިދުމަތްތައް ވެސް ގުޅާލާފައި ހުރި ތަންތަނެވެ. 

ކޮންމެ ތަނެއްގައި ފެންވަރު ރަނގަޅު ރެސްޓޯރެންޓްތައް ހަދާފައި ހުރުމުން ރަށު ތެރެއިން ކެފޭ ރެސްޓޯރެންޓްތަކަށް ލިބެންވާ ހަގީގީ މަންފާއެއް ނުލިބެއެވެ. ކެއިން ބުއިމުގެ ހުރިހާ ކަމެއް އެ ގެސްޓް ހައުސްގެ ތެރެއިން ނިންމޭ ގޮތަށް ޕެކޭޖްތައް ވިއްކާތީ އާންމު ރައްޔިތު މީހާގެ ޖީބަށް ޑޮލަރުކޮޅެއް ވަންނަން އޮންނަ ހަމައެކަނި މަގު ވެސް ބަންދުވަނީއެވެ. 

މިހެން ގޮސް އެމްޑީޕީން ތައާރަފްކުރި އަދި ރިސޯޓު އޯނަރުން ދެކޮޅު ހެދި ލޯކަލް ޓުއަރިޒަމްގެ މުޅި ކޮންސެޕްޓް މިހާރު އެ ވަނީ ބަދަލުކޮށްލައި އެ މީހުންނަށް މަންފާ ލިބޭ ގޮތަށް އަނބުރާލާފައެވެ. މިހާރު ނުވެ އޮތްކަމަކީ ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން މިކަމުގެ ތެރެއަށް ވަނުމެވެ. އެހެން ނަމަވެސް އެއީ ވެސް ކައިރި މުސްތަގުބަލެއްގައި ވެދާނެ ކަމެކެވެ. ލޯކަލް ޓުއަރިޒަމްގެ ތެރެއަށް ޕަބްލިކް ކުންފުނިތައް ވެސް ވަނުމުގެ ފުރުސަތު ވަކި ކުޑައެއް ނޫނެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
2
1
0
1
0
0