
ދަައުލަތުން ވައްކަން ކޮށްގެން ވަކި ބަޔަކު މުއްސަނދިވަނީ!
30 ޖޫން 2025 - 12:46
ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ވާހަކަ އާއި ފިހާރައަކުން ބޮޑީ ސްޕްރޭގެ ފުޅި ވަގަށް ނެގި މީހާގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެ މީހުންނަށް ލިބުނު އަދަބުތަކުގެ ވާހަކަ އެހުރީ ނޫސް މީޑިއާތަކުން ވެސް ފެންނަށެވެ. މިދައްކަން އުޅެނީ އެއަށް ވުރެ ބޮޑެތި ވައްކަންތަކުގެ ވާހަކައެވެ. މިލިއަނުން ގުނާލެވޭ އަދަދުތަކުގެ ވާހަކައެވެ. އެހެން ނަމަވެސް އެއީ ވައްކަން ކަމުގައި ބަލާނެ އިދާރާއެއް ނުވަތަ އެ “ވަގުން” ނަށް ދޭނެ އަދަބެއް ނެތެވެ. އެއީ މުޖުތަމައުއިން ވެސް ބަލައިގަނެފައިވާ ވައްކަންތަކެވެ.
ދައުލަތުގެ ވަސީލަތްތައް އަބަދު ވެސް އެއް ބަޔަކަށް!
މުއްސަނދިން މުއްސަނދި ވަނީއެވެ. ފަގީރުން ވަނީ ހައްތަހާ ފަގީރެވެ. މިހެން ބުނަންޖެހޭ ސަބަބުތައް ގިނައެވެ. ރާއްޖޭގައި މުއްސަދިންގެ ގޮތުގައި ގުނާލެވޭ ތިބީ މަދު ބައެކެވެ. ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތަކާއި ބިންތައް ވެސް ހުރީ އެ މީހުން އަތުގައެވެ. ލިބެނީ ވެސް އެ މީހުންނަށެވެ. މި ފާއިތުވި 50 ވަރަކަށް އަހަރުގެ ތެރޭގައި ވެސް މަހުޖަނުންގެ ގޮތުގައި ނަން އިވެނީ ހަމައެކަނި މި ފަރާތްތަކުގެ ނަމެވެ. މަދު އާ ނަމެއް ނެތެކޭ ނޫނެވެ. އަދި މި ހުރިހާ ނަންތަކެއް ފަނޑުކޮށްލާ ވަރުގެ ވަރުގަދަ ވިޔަފާރިތައް ފަށައި ނަމަވެސް ނުދެމެހެއްޓިގެން ބަންގުރޫޓުވިތަން ވެސް ފެނުނެވެ.
މިތަނުގައި ވަކި ފަރާތެއްގެ ނަން ކޮންމެހެން ހިމަނާކަށް ނެތީމެވެ. ނަމަވެސް ރާއްޖޭގެ ރިސޯޓް އޯނަރުންނަށް ނުވަތަ ރަށްތަކުގެ ވެރިންނާއި އެ ވިޔަފާރީގައި ފައި ވިއްދައިގެން ތިބި މަހުޖަނުންގެ އަދަދަކީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު އަދަދެކެވެ. ހަމައެކަނި ޓުއަރިޒަމް ދާއިރާއެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދުގެ ހުރިހާ ދިމާއެއްގައި ވެސް އެ ފަރާތްތަކުން ތިބީ ބަގުޑި ބައްދައިގެންނެވެ. އޭވިއޭޝަން އާއި ޓްރާންސްޕޯޓްގައި ވެސް އެ މީހުންނެވެ. ޕަބްލިކް ކުންފުނިތަކުގެ ބޯޑު ވެސް އެ މީހުންގެ އަތްދަށުގައެވެ. ބޭންކްގެ ހިދުމަތް ވެސް އެ މީހުންގެ އަތްދަށުގައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ވެސް އެ މަހުޖަނުންނާއި އެ މީހުންނާ ގުޅުންހުރި ފަރާތްތަކެވެ. މި ލިސްޓް ވަރަށް ދިގެވެ. ތެލާއި ގޭހާއި ކޮންސްޓްރަކްޝަން ދާއިރާގައި ވެސް އޮތީ މި ބުނާ ނުފޫޒު ގަދަ ފަރާތްތަކުގެ އަތެވެ. ދައުލަތުގެ މުޅި މާލީ ނިޒާމު ވެސް އެ ފަރާތްތަކުގެ އަތަދަށުގައޭ ބުނުމަކުން ވެސް ގޯހަކަށް ނުވާނެއެވެ. މުޅި އިގްތިސާދުގެ ލަގަން އޮތީ މި ފާހަގަކުރާ ހައެއްކަ މަހުޖަނުންގެ މުށު ތެރޭގައެވެ.
ދައުލަތުގެ ރެކޯޑްތައް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާތީ ސީދާ އަދަދެއް ބުނަން ނޭނގުނަސް ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތަކާއި އެ ނޫން ވެސް ދައުލަތުގެ ގިނަ އަދަދެއްގެ ބިންތައް ވެސް ކޮންޓްރޯލްކުރަނީ މިބުނާ ފަރާތްތަކުންނެވެ. ނުވަތަ އެ ފަރާތްތަކާއި އާއިލީ ގޮތުން ނުވަތަ ކޮންމެ ވެސް އެހެން ގޮތަކުން އެ ނުފޫޒުގެ ތެރޭގައި އުޅޭ ބައެއްގެ އަތުތެރޭގައެވެ. ވަކިވަކި އަތޮޅުތަކަށް ބަލައިލި ނަމަވެސް މިކަން ފާހަގަކުރެވޭނެއެވެ. މާލެ ސަރަަހައްދު ފިޔަވައި އެހެން އަތޮޅުތަކުގެ ރިސޯޓްތަކާއި ވިޔަފާރިތަކަށް ބަލައިލި ނަމަވެސް މިކަން ފާހަގަކުރެވޭނެއެވެ. ޅ. އަތޮޅު އޮތީ ވަކި ބައެއްގެ މުށު ތެރޭގައެވެ. ނ. އަތޮޅާއި ދ. އަތޮޅުން ވެސް ފެންނަނީ މި ނިޝާންތަކެވެ.
ޓެކްސް އާއި ޖޫރިމަނާ ނުދެއްކިޔަސް ވާކަމެއް ނެތް!
އާންމު މީހާ ދައުލަތަށް ދައްކަންޖެހޭ ކުޑަ ނަމަވެސް ރުފިޔާއެއް އޮތް ނަމަ އެ މީހަކަށް ހަމަނޭވާ ނުލެވެއެވެ. އެހެން ނަމަވެސް ޓެކްސް އިދާރާ އިން ނެރޭ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތަށް ދައްކަންޖެހި ނުދައްކައި އޮތް އެތައް މިލިއަން ރުފިޔާއެއް ފެންނާނެއެވެ. އަދި ފައިސާ ނުދައްކާ މީހުންގެ ނަންތައް ވެސް ފެންނަން އެހުރީއެވެ. އާންމު ގޮތެއްގައި އެ ލިސްޓްގައި ވެސް ހިމެނެނީ ހަމަ އެއް ބައެކެވެ. ބޮޑެތި މަހުޖަނުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ވިޔަފާރިތައް ކުރާ ފަރާތްތަކެވެ. ނަމަވެސް އެ ފަރާތްތަކާ މެދު އެޅޭ ފިޔަވަޅެއް ނެތެވެ. ޓެކްސް އާއި ޕެންޝަނަށް ފައިސާ ނުދެއްކުމާއި ޖޫރިމަނާތައް ނުދެއްކުމާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ.
ޖޫރިމަނާތައް މައާފްކުރުމާއި ލުއިތައް ދިނުމުގައި ވެސް މި ފަރާތްތަކަށް ފަސޭހަ ގޮތްތައް ހަމަޖެހެއެެވެ. ކުއްޔަށް ނަގާފައި ތަރައްގީނުކުރެވި އެތައް އަހަރެއްވެފައިވާ ރަށްތަކުގެ ޖޫރިމަނާ ވެސް މައާފެވެ. ރަށްތައް ނިންމަން ވެސް އެހީތެރިކަމެވެ. އިތުރު މުއްދަތެވެ. އެތައް އިނާޔަތްތަކެވެ. އެ ތަންތަން އެ މީހުންގެ އަތުން އަތުލެވޭކަށް ވެސް ނޯވެއެވެ. ކުލި ނުދައްކައިގެން ވެސް އަތުލައިފި ނަމަ ބަދަލުގެ ގޮތުގައި ދޭންޖެހެނީ ސަރުކާރުންނެވެ.
އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ނުކުރިޔަސް ބަދަލު!
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި މަޝްރޫއުތަކަށް ބެލިޔަސް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ސަރުކާރުން ހޭދަކޮށްފައި އެބަ ހުއްޓެވެ. ނުނިމި ހުރި އެތައް މަޝްރޫއަކަށް އެތައް ބިލިއަން ރުފިޔާއެއް ބަދަލުގެ ގޮތުގައި ދޭންޖެހިފައި ވެއެވެ.
މި އަހަރު ނެރުނު ބައެއް އޮޑިޓް ރިޕޯޓްތަކުން ވެސް އެކަން އެބަ ފާހަގަކުރެވެއެވެ. ދާދި ފަހުން ޅ. ކުރެންދޫގެ ބަނދަރު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ވެސް އެކަން ވަނީ ފާހަގަކޮށްފައެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ޔޫމެޓް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަސައްކަތެކެވެ. ރިޕޯޓްގައިވާ ގޮތުން 2012 ވަނަ އަހަރުގެ އޭޕްރީލް މަސް އައިއިރު އެ މަސައްކަތް އޮތީ ނުނިމި ހުއްޓިފައެވެ. މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުން އެ މަސައްކަތް އެ ކުންފުނިން ވަކިކޮށް 2013 ވަނަ އަހަރުގެ މާޗް މަހު އެމްޓީސީސީއާ މަސައްކަތް ހަވާލުކުރިއެވެ. އެއްބަސްވުން އުވާލުމުން ޔޫމެޓް ކުންފުނިން ކޯޓަށް ދިޔައެވެ. އެ ކުންފުންޏަށް ދައުލަތުން ބަދަލު ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން ނިންމިޔަސް މަތީ މަރުހަލާގެ ދެ ކޯޓުން ވެސް ނިންމީ ބަދަލު ދޭން ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ސަރުކާރުގައި އިކޮނޮމިކް ކައުންސިލުން ނިންމައި 26 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކުރިއެވެ. އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައި ވަނީ މިއީ ކުރި މަސައްކަތާ އަޅާބަލާއިރު 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.
މިދިޔަ ސަރުކާރުން ބަދަލު ދިނުމަށް ގެންގުޅު ބައެއް އުސޫލްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް އެތައް ބިލިއަން ރުފިޔާއެއްގެ ބަދަލު ދީފައި ވެއެވެ. އޭގެ ކުރިން ވެސް މިފަދަ ގޮތް ގޮތަށް ބަދަލުތައް ދީފައި އެބަ ހުއްޓެވެ. ނޫމަޑި ފަދަ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް ނުނިމުނަސް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދީފައި އެބަ ހުއްޓެވެ. ފެރީގެ ނިޒާމު ގާއިމުކުރުމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ވެސް ނުނިމި ވަނިކޮށް އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދީފައި އެބަ ހުއްޓެވެ. މި ގޮތަށް ދީފައި ހުރި ފައިސާއާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ރިޕޯޓެއް ތައްޔާރުކުރަމުން އަންނަ އިރު މި ފައިސާގެ އަދަދު ވެސް ހަ ބިލިއަނަށް އަރައެވެ. މިއީ ދައުލަތުގެ ފައިސާ އިން ކޮށްފައިވާ ވައްކަން ނޫން ކޮން އެއްޗެއް ހެއްޔެވެ؟
އެންމެ ބޮޑު ވައްކަން ވެސް ވައްކަމަކަށް ނުވި!
މި ފަހުގެ ތާރީހެއްގައި ދިވެހި ދައުލަތުން އެންމެ ބޮޑު ވައްކަމެއް ހިންގީ އެމްއެމްޕީއަރުސީގެ ތެރެއިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނގެ ސަރުކާރުގައި ފަޅު ރަށްތަކާއި ފަޅުތަައް ވިއްކައިގެން ދައުލަތަށް ވަންނަންޖެހޭ އެތައް މިލިއަން ރުފިޔާއެއް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވި މައްސަލައަށް ބަލައިލި ނަމަވެސް މޮޅު މީހާ އަށް މޮޅު ގޮތް، ދެރަ މީހާ އަށް އޮތީ ދެރަ ގޮތްކަން ހާމަވެއެވެ. އެ ހިޔާނާތާ ގުޅިގެން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމް އިއްވި މީހުން މިހާރު އެ ތިބީ މިނިވަނުންގެ ގޮތުގައެވެ. ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ކުށަށް އިއުތިރާފުވުމުން 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް މިދިޔަ ސަރުކާރު ނިމިގެންދިޔަ އިރު ދިން މައާފާ އެކީ މިހާރު އެއީ މިނިވަނެކެވެ. އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 31 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ އެހެން ނަމަވެސް ޖަލުގައި ހޭދަކުރީ މަދު ދުވަސްކޮޅެކެވެ. މިހާރު އެއީ ވެސް މިނިވަނެކެވެ.
މި ނޫން އެހެން މައްސަލަތަކަށް ބެލިޔަސް ފެންނަނީ މި ބޭއިންސާފެވެ. ސިޔާސީ ފަރާތްތަކަށް ޖަލު ހުކުމް ކުރިޔަސް ގިނަ ދުވަސްތައް ހޭދަކުރަނީ ގޭ ބަންދުގައި ފިނި ކޮޓަރީގައެވެ. އަދި ދުވަސްކޮޅަކުން ކޮންމެ ވެސް ގޮތަކުން މިނިވަން ވެއެވެ. އެހެން ނަމަވެސް ރިހާކުރުފުޅި ވަގަށް ނަގައިގެން ހަ މަސް ދުވަހުގެ ޖަލު ހުކުމް ކުރިމަތިވާ މީހާ އަށް ހަމަ ނޭވާއެއް ލެވެނީ ވެސް އެ ހުކުމް ތަންފީޒުކުރުމުންނެވެ. ދައުލަތުން ބޮޑެތި ވައްކަންތައް ކުރާ އިރު އެ ކަމަށް އަދަބު ދޭނެ އިދާރާއެއް ނެތެވެ. އޮޑިޓް ރިޕޯޓްތަކުގައި ކޮންމެ ވާހަކަތަކެއް ހުރި ނަމަވެސް އެއިން ރިޕޯޓަކާ ގުޅިގެން މީހަކަށް އަދަބު ދެވޭ ތަނެއް ނުފެނެއެވެ. ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުން މަގާމުތަކުން ދުރުކުރި ނަމަވެސް ތިބެނީ ބޮޑުންގެ ގޮތުގައެވެ. ފެންނަނީ ސިޔާސި ޕާޓީތަކުގެ ޖަލްސާތަކުގެ ކުރީ ސަފުގައި އިއްޒަތްތެރިންގެ ގޮތުގައެވެ. މޮޅު މީހާ އަށް މޮޅު ގޮތެވެ. ދެރަ މީހާ ނިކަމެތިކަމެކެވެ.