
ބޯހިޔާވަހިކަމަށް ދޭ ފެލެޓާއި ބިމުން އާމްދަނީ ހޯދުން ހުއްޓުވަންޖެހޭ!
2 ޖުލައި 2025 - 9:41
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދައުލަތުން ހިންގާ މަޝްރޫއުތަކުގެ މައިގަނޑު ބޭނުމަކީ އެފަދަ ގޮތެއް ނެތިފައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. އެކަމަށްޓަކައި ޝަރުތުތަކެއް ކަނޑައަޅައި އެންމެ ހައްގުކަން ބޮޑު މީހުން ހޯދަނީ ވެސް އެ ބޭނުމުގައެވެ. އެހެން ނަމަވެސް މިއިން ކޮންމެ މަޝްރޫއަކާ އެކު ވެސް ކުރެވޭ އެއް ޝަކުވާއެއް އޮވެ އެވެ. އެތަންތަން ކުއްޔަށް ދިނުމެވެ.
ފްލެޓްތައް ކުއްޔަށް!
ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް އެކި ސަރުކާރުތަކުން ހިންގައިފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެންނެވެ. އެތައް ހާސް ބަޔަކަށް ފްލެޓް ދޫކޮށްފިއެވެ. މި ފްލެޓްތައް ދެނީ ބޯހިޔާވަހިކަމެއް ނެތް ނުވަތަ ކުދިކުދި ތަންތަންކޮޅުގައި ދަތިހާލުގައި ނުވަތަ ތޮއްޖެހިގެން އުޅޭ މީހުން ބަލައިގެންނެވެ. އެކަމަށް ހުށަހަޅާ ފޯމްތަކުގައި މައިގަނޑު ޝަރުތަކަށް އޮންނަނީ ވެސް އެކަމެވެ. އެހެން ނަމަވެސް ފުރާނައިގެން މިފަދަ މީހުން ތަރުތީބުކޮށްގެން ދޭ މި ފްލެޓްތައް ހުންނަނީ ކުއްޔަށް ދީފައެވެ. ރަސްމީ ހައިސިއްޔަތެއްގައި ދިރާސާކުރެވިފައި ނެތް ނަމަވެސް އެތައް ހާސް ފްލެޓެއް ހުރީ ކުއްޔަށް ދީފައެވެ.
ކުރީގެ ރައީސް މައުމޫންގެ ދައުރުގައި މާލޭގައި ހުރި މާލޭ ހިޔާގެ ފްލެޓްގެ ހާލަތަކީ ވެސް މިއީއެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި ފްލެޓްތަކުގެ ހާލަތަކީ ވެސް މިއީއެވެ. ހުޅުމާލޭގެ އެކި ސަރަހައްދުގައި އެކި ސަރުކާރުތަކުން ހިންގި އެކި މަޝްރޫއުތަކުން އަސާސީ ބޯހިޔާވަހި ކަމަށް އެތައް ފްލެޓެއް ދޫކޮށްފައި ހުރި އިރު އެތަންތަނުގެ އަސްލުވެރިން ދިިރިއުޅޭނެ ތަންތަން މަދެވެ. ގިނަ ތަންތަން ހުރީ ބޮޑު އަގުގައި ކުއްޔަށް ދީފައެވެ.
އާމްދަނީ ހޯދާ ވަސީލަތަކަށް!
ހުޅުމާލެ ފޭސް 1ގައި ހަދާފައި ހުރި ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އަދަދު 8،000ރ. އަށް ވުރެ ބޮޑެއް ނޫނެވެ. ނަމަވެސް އެ ތަންތަނުގައި ހުރި ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުލި ހުރީ 18،000ރ. އިން މަތީގައެވެ. ތިން ކޮޓަރީގެ ފްލެޓެއްގެ ކުލި 20،00ރ. އިން މައްޗެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށައި މިދިޔަ ސަރުކާރުގައި ދޫކުރި ހިޔާ ފްލެޓްގެ ހާލަކީ ވެސް މިއީއެވެ. މިހާތަނަށް ސަރުކާރަކުން ހިންގި އެންމެ އަސާސީ ބޯހިޔާވަހިކަމުގެ ގޮތުގައި ހެދި ދެ ކޮޓަރީގެ 6،700 ވަރަކަށް ފްލެޓްގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ފްލެޓް ހުރީ ކުއްޔަށް ދީފައެވެ. އެތައް ބަޔަކު އެ ވާހަކަ އެބަ ދައްކައެވެ. ފުރަތަމަ ދޫކުރި ދުވަސްކޮޅު 10،00-12،000ރ. އާ ދެމެދުގެ އަގުތަކެއްގައި ކުއްޔަށް ދިން އެ ފްލެޓްތައް މިހާރު ކުއްޔަށް ދެނީ 14،000-18،000ރ. އާ ދެމެދުގެ އަގެއްގައެވެ. އެކި ދުވަސްވަރު އަގަށް ގެނައި ބަދަލާ އެކު މިހާރު މަހުކުލީގެ ގޮތުގައި ދައްކަންޖެހެނީ 3،900ރ. އެވެ.
ހިޔާ ފްލެޓްތަކަށް ވުރެ ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ވިނަރެސް ފްލެޓްތަކުގެ މަހު ކުލި އެންމެ ފުރަތަމަ އިއުލާންކުރި އިރު 16،000ރ. އަށް އަަރައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކުލިން 4،200ރ. އުނިކޮށްފައެވެ. އެހެން ނަމަވެސް ތިން ކޮޓަރީގެ ވިނަރެސް ފްލެޓެއް ކުއްޔަށް ދެނީ މަހަކު 21،000ރ. އަށް ވުރެ މަތީގެ އަގުތަކުގައެވެ.
ސަރުކާރުގެ ކުންފުނިތަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ހާލަތަކީ ވެސް މިއީއެވެ. އެމްޕީއެލް އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ ފަދަ ކުންފުނިތަކުން ހެދި ފްލެޓްތަކުގެ ތެރެއިން ވެސް ގިނަ ފްލެޓްތައް ހުރީ ކުއްޔަށް ދީފައެވެ. މަހު ކުލި އުޅެނީ 23،000ރ. އިން މަތީގައެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަކީ އަސާސީ ބޯހިޔާވަހިކަމަށް މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ހިންގި އެންމެ ފެންވަރު ރަނގަޅު މަޝްރޫއެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އަމަލީ މަސައްކަތް ނިމި ހަވާލުކުރަން ފެށުނީ މިދިޔަ ސަރުކާރު ނިމެނިކޮށެވެ. މިއީ ފެންވަރު ރަނގަޅު ފްލެޓްތަކެކެވެ. ބައެއް ތަންތަނުގައި ޕެންޓް ހައުސް ވެސް ހަދާފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް މި ތަންތަން ވެސް ހިމެނެނީ ސޯޝަލް ހައުސިން ސްކީމްގެ ތެރޭގައެވެ. ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ވެސް ހުރީ ކުއްޔަށް ދީފައެވެ. ބައެއް ތަންތަން 30،000ރ. އަށް ވުރެ މަތީގައެވެ.
އޮޕްޝަނެއް ނެތް!
ޖުމްލަކޮށް ބުނާ ނަމަ އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައި ހުރި ފްލެޓްތަކުގެ ބޮޑުބައި ހުރީ މާކެޓް ރޭޓުގައި ކުއްޔަށް ދީފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ މި ތަންތަން ވެފައި ވަނީ އާމްދަނީ ހޯދާ ވަސީލަތަކަށެވެ. ހިޔާ ފްލެޓް ލިބުނު ބައެއް މީހުން ދެކޭ ގޮތުގައި އެ މީހުން އެ ތަންތަން ކުއްޔަށް ދޭންޖެހެނީ ފްލެޓް ލިބުމުގެ ކުރިން އުޅުނު ހާލުގައި އެ ތަންތަނުގައި ދިރިއުޅެން ބޭނުން ނުވާތީއެވެ. އެ ގޮތުން ދެ ޖިންސުގެ ދެ ކުދިން ނުވަތަ ތިން ކުދިން ގޮވައިގެން ދެ ކޮޓަރީގައި ދިރިއުޅުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެ ތަން ކުއްޔަށް ދީފައި ތިން ކޮޓަރީގެ ތަނެއްގައި ދިރިއުޅެނީއެވެ.
“އެއްގޮތަކަށް ވެސް އާމްދަނީ ހޯދާކަށް ނޫން. ކިހިނެއް ބޮޑުވަމުން އަންނަ ދެ ޖިންސުގެ ދެ ކުދިން އެއް ކޮޓަރީގައި ނިންދަވައިގެން އަދި ކުޑަ މީހާ ބަލާ ނެނީ ވެސް އެ ކޮޓަރީގައި. ކުރިން އުޅުނު ހާލަށް ވުރެ ނިކަމެތިކޮށް ހިޔާ ފްލެޓްގައި އުޅެން ޖެހެނީ. އެހެންވެ އެ ތަން ކުއްޔަށް ދީފައި ތިން ކޮޓަރީގެ ތަނެއްގައި މިއުޅެނީ އަތުން ބޮޑު އެއްޗެއް ހޭދަކޮށްގެން،” ހިޔާ ފްލެޓެއްގެ ވެރިއަކު ބުންޏެވެ.
އޭނާ ބުނީ ތިން ކޮޓަރީގެ ތަނަކަށް ނުލައި ދެ ކޮޓަރީގެ ތަނަކަށް ކުރިމަތުލީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ.
“ހިޔާ ފްލެޓަށް ހުޅުވައިލި އިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އިތުރު އެހެން މަޝްރޫއެއް ނެތް. ހިޔާ ފްލެޓްގައި ހުރީ ހުސް ދެ ކޮޓަރި. ތިން ކޮޓަރީގެ އޮޕްޝަނެއް ނެތް. އެހެންވީމާ އަވަހަށް ތަނެއް ލިބޭނެތީ އިތުރު ގޮތެއް ނެތީމާ ލީ. ތިން ކޮޓަރީގ އޮޕްޝަނެއް އޮތް ނަމަ ނުލާނެ އެތައް ބަޔަކު ތިބޭނެ؟” ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ހިޔާ ފްލެޓް ލިބުނު ވަރަށް ގިނަ މީހުންނަކީ އެހާލަތުގައި ތިބި މީހުންނެވެ. ކުރިން އުޅުނު ހާލަށް ވުރެ ދަތި ހާލުގައި ހިޔާ ފްލެޓްގައި އުޅުމަށް ވުރެ އެތަން ކުއްޔަށް ދީފައި އަތުން ހަރަދުކޮށްގެން ތަނަވަސް ތަނެއްގައި އުޅޭ އެތައް ބަޔަކު އެބަ ތިބި ކަމަށް އޭނާ ބުނެއެވެ. އަދި އެއީ މައްސަލައެއް ވެސް ނޫނެވެ.
“ސަރުކާރުގެ ޒިންމާއަކީ ބޯހިޔާވަހިކަން ދިނުން. ސަރުކާރުގެ ޒިންމާ އެހިސާބުން އެ ނިމުނީ. އެ ބޯހިޔާވަހިކަން ބޭނުންކޮށްގެން އެ އަށް ވުރެ ތަނަވަސް ތަނެއްގައި އުޅުމުން ކޮބައި މައްސަލައަކީ؟”
ކުއްޔަށް ދީފައި އެކަމަކު ސަރުކާރަށް ކުލި ނުލިބޭ!
އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމަށް ހިންގި މަޝްރޫއުތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުން 8،500 އަށް ވުރެ ގިނަ ޔުނިޓް ދޫކޮށްފައި އެބަ ހުއްޓެވެ. މިއީ ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުން ހިންގި މަޝްރޫއުތައް ނުހިމަނައެވެ. އެޗްޑީސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މީގެ ތެރެއިން ކުލި ދައްކަނީ 3،200 ވަރަކަށް ފްލެޓުންނެވެ. ބާކީ 5،000 އަށް ވުރެ ގިނަ ފްލެޓުން ކުއްޔެއް ނުދައްކައެވެ. މީގެ ތެރޭގައި ހިޔާ ފްލެޓްގެ އިތުރުން ހުޅުމާލެ ފޭސް 1 އިން ދޫކޮށްފައި ހުރި ފްލެޓްތައް ވެސް ހިމެނެއެވެ.
ކުލި ނުދައްކި ނަމަވެސް މިހާތަނަށް ވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. އެކި ދުވަސްވަރު ނޯޓިސް ފޮނުވައި އަދި އިންޒާރު ދިން ނަމަވެސް މިއިން ތަނަކުން ކުލި ހޯދުމަކީ އެޗްޑީސީ އަށް ފަސޭހަ ކަމެއް ނޫނެވެ. އަދި ތަނެއް ހުސްކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.
ބިންތައް ވެސް ކުއްޔަށް!
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހުޅޫމާލެ ފޭސް2 އިން ހިލޭ ގޯތި ދިނުމަށް ހިންގި މަޝްރޫއަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މަޝްރޫއެކެވެ. ވިޔަފާރި އުސޫލުން ގޯތި ވިއްކަމުން އައި ބިމަކުން އަގު ބޮޑު ބިންތަކެއް ވަކި ބަޔަކަށް ހިލޭ ބެހުމުގެ ތުހުމަތު އެބަ އޮތެވެ. އެ ބޭއިންސާފު އެ ގޮތުގައި އޮއްވައި އެ ބިންތައް ދިގު މުއްދަތަށް ކުއްޔަށް އެބަ ދެއެވެ. އަދި މުސްތަގުބަލުގައި އެ ތަންތަން ބުރިބުރި އަށް ނަގައި އެޕާޓްމަންޓްތައް ވެސް ކުއްޔަށް ދޭނެއެވެ. އެއީ ވެސް އަސާސީ ބޯހިޔާވަހިކަމަށް ދޫކުރި ބިންތަކެކެވެ. އެ ބިންތައް ދިގު މުއްދަތަށް ކުއްޔަށް ދީ ގެސްޓް ހައުސް އާއި ވިޔަފާރިތައް ހިންގުމަށް ކުއްޔަށް ދެވޭ ނަމަ ފްލެޓްތައް ކުއްޔަށް ނުދެވޭންވީ ކީއްވެ ހެއްޔެވެ؟
ފްލެޓްތައް ކުއްޔަށް ދޭ މައްސަލާގައި ގެދޮރުވެރިކަމާ ބިމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބް މިފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑީގައި ބަހުސްތައް ކުރިއަށް ދިޔައެވެ. އެއްބަޔަކު ދެކޭ ގޮތުގައި އަސާސީ ބޯހިޔާވަހިކަމަށް ހިންގާފައިވާ މަޝްރޫއުތަކުގެ މެދުގައި ހަމަހަމަ ކަމެއް ނެތެވެ. އެއްބަޔަކަށް ހިލޭ ބިން ދީފައި އެ ތަންތަނުގައި ހަދާ އިމާރާތްތައް ކުއްޔަށް ދެވޭ އިރު އަދި ބިން ވެސް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އިރު ފްލެޓްތައް ކުއްޔަށް ނުދެވެންވީ ސަބަބެއް ނެތެވެ. އެކަމުގައި ހަމަހަމަ ވާންޖެހޭނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ފްލެޓަކާއި ބިމެއްގެ ތަފާތު ބޮޑެވެ. ބިމުގައި އިމާރާތްކުރަނީ އެ މީހަކު ނުވަތަ އެބަޔަކު އަމިއްލަ އަށް ހަރަދު ކޮށްގެންނެވެ. އެހެންކަމުން އެ ހަރަދު ފޫބެއްދުމަށް އިމާރާތް ކުއްޔަށް ދެވެންޖެހޭނެއެވެ. އޭގެ ބަދަލުގައި ފްލެޓަކީ ސަރުކާރުން ހަދާފައި ތަޅުދަނޑި ހަވާލުކުރާ ތަނެކެވެ.
ގާނޫނެއްގެ ހިމާޔަތް ލިބެންޖެހޭ!
ބޯހިޔާވަހިކަމާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި އަމަލުކުރާނެ ގޮތެއް ގާނޫނަކުން މިހާތަނަށް ކަނޑައެޅިފައެއް ނެތެވެ. މަޖިލީހުން އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އުންމީދަކީ އެ ގާނޫނު ވުޖޫދުވެގެން އަންނަ އިރު އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ރަނގަޅު އުސޫލްތަކެއް ކަނޑައެޅިގެން ދިއުމެވެ. އަދި އެފަދަ ތަންތަން ކުއްޔަށް ދިނުމާއި އެ ނޫން ވެސް ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމުގައި ވަކި އުސޫލްތަކެއް ކާނޑައެޅިގެންދާނެ ކަމަށް ބެލެވެއެވެ.
ކުލި ނުދައްކާ މައްސަލަ އާއި ކުއްޔަށް ދޭ މައްސަލަ އާއި މިހެން ގޮސް ފްލެޓްތަކާ ގުޅުން ހުރި ގިނަ މައްސަލަތަކެއްގެ ހައްލު ގާނޫނެއްގެ ތެރެއިން ލިބެން ޖެހެއެވެ. އަދި އެފަދަ ތަންތަނަކީ އާމްދަނީ ހޯދަން ބޭނުންކުރާ މުދާގަނޑަކަށް ވިޔަ ނުދިނުމަކީ ވެސް އެފަދަ ގާނޫނެއްގެ މުހިންމުކަން ބޮޑުވާ ސަބަބެކެވެ. މިކަމުގައި ފެލްޓެއް ނުވަތަ ބިމެއް ތަފާތުކުރެވިގެން ނުވާނެއެވެ. އަސާސީ ބޯހިޔާވަހިކަމަށް އަމަލުކުރެވޭނެ ހަރުދަނާ އުސޫލްތަކެއް ގާއިމުވާންޖެހެއެވެ.
“ފުލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑު މައްސަލައެއް ،ހަގީގަތުގައި. އަޅުގަނޑު ކުރީން ވެސް މި ދެންނެވި އެއްވެސް ފަރާތަކަށް މި ދެނީ އެބަޔަކު އާމްދަނީ ހޯދަންދޭ މުދާ ގަނޑެއް ނޫނޭ. އަޅުގަނޑު މި ކުރާ ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ހެޔޮ އަގުގައި ބޯހިޔާވަހިކަމެއް ފޯރުކޮށްދެނީ،” ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އާހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވެފައި ވެއެވެ.