
އިތުރު ގަޑި: ހައްދުން ނެއްޓިފައި! ހަމަހަމަކަމެއް ނެތް!
6 ޖުލައި 2025 - 15:13
ކަނޑައަޅާފައިވާ ވަގުތަށް ވުރެ އިތުރަށް މަސައްކަތްކުރަންޖެހޭ ނަމަ ނުވަތަ ކުރުވާ ނަމަ އެ މުވައްޒަކަށް ހައްގުވާ އިތުރުގަޑީގެ ފައިސާ ނުވަތަ އެލަވަންސް ދިނުމަކީ ގާނޫނުން މަތިކޮށްފައިވާ ކަމެވެ. އެހެން ނަމަވެސް އިތުރު ގަޑީގެ އިނާޔަތް ހޯދުމުގެ މަގުސަދުގައި ރަސްމީ ގަޑި އަށް ވުރެ އިތުރަށް މަސައްކަތްކުރުމަކީ ގޯހެކެވެ. މިއީ ސަރުކާރުގެ ބައެއް އިދާރާތަކުގައި ހިނގަމުން އަންނަ ކަމެކެވެ. ރަސްމީގަނޑީގައި މަސައްކަތްނުކޮށް އިތުގަޑީގެ އިނާޔަތް ހޯދުމުގެ މަގުސަދުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތްކުރުމާއި އެއްވެސް ކަމެއް ނެތި ވެސް އިތުގަޑީގެ ފައިސާ ހޯދުމަށް ޑިއުޓީ ވަގުތުން ބޭރުން އޮފީހުގައި މަޑުކުރުމަކީ ވެސް ސަގާފަތަކަށް ވެފައި އޮތް ކަމެކެވެ. އަދި އެކި އިދާރާތަކުގައި އިތުރު ގަޑީގެ ފައިސާ ދިނުމުގައި ތަފާތު އުސޫލްތަކެއް ނެތި ހަމަހަމަކަން ގެއްލިފައިވުމަކީ ވެސް ބޮޑު މައްސަލައެކެވެ.
ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ މައްސަލަ!
ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހަޅުއްވާފައިވާ ގަރާރެއް މަޖިލީހުގެ ތަޅުމުގައި އެބަ އޮތެވެ. އެކަމާ ގުޅޭ ގޮތުގައި ފާއިތުވި ދުވަސްތަކުގައި މަޖިލީހުގެ މެންބަރުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ކުރިން ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ އަމީން ދެކެވަޑައިގަންނަވާ ގޮތުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަކީ ކަނޑައެޅިފައިވާ މަސައްކަތުގެ ވަގުތުގެ ބޭރުން ވެސް ގިނަ ވަގުތުތަކެއް މަސައްކަތުގައި ނުވަތަ މަސައްކަތާ ގުޅޭ ކަންކަމުގައި ހޭދަކުރަންޖެހޭ ފަރާތްތަކެކެވެ. އެ ގޮތުން ދަރިވަރުންގެ ލެސަން ޕްލޭންތައް ހެދުމާއި އެ ނޫން ވެސް އެތައް ކަމެއްގައި ދުވަހުގެ ގިނަ ވަގުތުތަކެއް ޓީޗަރުން ހޭދަކުރަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ޑިއުޓީ ގަޑީގެ އިތުރުން އެތައް ވަގުތުތަކެއް ހޭދަކުރަންޖެހޭ ކަން ފާހަގަކުރައްވައި އަމީން ވިދާޅުވި ގޮތުގައި ޕޭ ފްރޭމްވޯކްގެ އާ އޮނިގަނޑުގެ ދަށުން އެ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް އިތުރުގަޑީގައި މަސައްކަތްކުރި ނަމަވެސް ގިނަ ވެގެން ލިބެނީ މުސާރައިގެ 10 ޕަސެންޓް ކަމުގައި ހަމަޖައްސާފައިވުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަނޑައަޅާފައިވާ ކަމެކެވެ.
އިންސާފާއި ހަމަހަމަކަން ނެތުން!
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ފަދަ ބައެއް ދާއިރާތަކުގައި ޕޭ ފްރޭމްވޯކްގެ ދަށުން އިތުގަޑީގެ ފައިސާ ލިބޭނެ މަދު ޕަސެންޓެއް ކަނޑައަޅާފައިވާ އިރު އެ ދާއިރާތަކުގައި މަސައްކަތްކުރާ ބައެއް މީހުން އެ ފްރޭމްވޯކްގެ ތެރެއަށް ނުފެތި ވެސް އެބަ ތިއްބެވެ. އެ ގޮތުން ސިއްހީ ދާއިރާ އަށް ބަލާއިރު ނަރުހުން މި ޕޭ ފްރޭމްވޯކްގެ ތެރެއަށް ފެތޭ އިރު ހޮސްޕިޓަލްތަކުގެ ބައެއް އެހެން ވަޒީފާތަކުގެ މީހުން މި ފްރޭމްވޯކްގެ ތެރެއަށް ނުފެތެއެވެ. އެ ގޮތުން މަސައްކަތު މީހުން ހިމެނެއެވެ. އެހެންކަމުން އިތުރުގަޑީގެ ފައިސާ ލިބުމުގައި ވެސް އެއް ދާއިރާއެއްގެ މުވައްޒަފުންގެ މެދުގައި ވެސް ފަރަގު ބޮޑެވެ.
ކިތަންމެ ގިނަ ވަގުތު ނަރުހުން ޑިއުޓީ ހެދި ނަމަވެސް މަހެއްގެ ތެރޭގައި ނަރުހުންނަށް ލިބެނީ އެންމެ ގިނަ ވެގެން ވެސް މުސާރައިގެ 10 ޕަސެންޓެވެ. އެހެން ނަމަވެސް މަސައްކަތުގެ ޒާތުން އެމީހުންނަކީ ޑިއުޓީގައި އިތުރުން ވެސް އެތައް ވަގުތެއް މަސައްކަތުގައި ހޭދަކުރަންޖެހޭ މީހުންނެވެ.
“ޑިއުޓީ ނިމޭ ގަޑީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ގަޑިއެއްހާ އިރު އެބަ ހޭދަކުރަންޖެހޭ ހޭންޑް އޯވާ ދިނުމުގައި. އަދި ބިޒީވާ ބައެއް ދުވަސްދުވަހު އެބަޖެހޭ ދެތިން ގަޑިއިރު ވެސް މަޑުކުރަން. ގަޑި ހަމަވީއޭ ކިޔާފައި ބަލިމީހާ ދޫކޮށްފައި ދެވޭކަށް ނޯވޭ. ނަމަވެސް އެ ހޭދަކުރާ ވަގުތަށް އިނާޔަތެއް ނުލިބޭ،” ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހަކު ބުންޏެވެ.
އޭނާ ބުނީ ސަރުކާރުގެ ބައެއް އެހެން އިދާރާތަކުގައި ވަގުތު ޖެހުމުން ގެއަށް ދެވޭ ކަމަށާއި ނުވަތަ މަޑުކުރަންޖެހޭ ވަގުތަށް އިތުރުގަޑީގެ ފައިސާ ލިބޭ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ އިތުރުގަޑީ ވަރަށް ކުޑަކޮށްފައިވާ އިރު އެއްވެސް ކަމެއް ނެތި އޮފީހުގައި ހޭދަކުރާ ވަގުތަށް ބޮޑު އަދަދަކުން އިތުރު ގަޑީގެ ފައިސާ ލިބޭ އިދާރާތައް ހުރުމަކީ އިންސާފެއް ނޫން ކަމަށް ވެސް އޭނާ ދެކެއެވެ.
“ބައެއް ތަންތަނުގައި މުސާރައިގެ 30 ޕަސެންޓް ވެސް އެބަ ލިބޭ އިތުގަޑީގެ ފައިސާގެ ގޮތުގައި. އެއްބަޔަކު އެއްވެސް ކަމެއް ނުކޮށް ހަމަ އެކަނި އިތުރުގަޑީގެ ފައިސާ ހޯދަން އެބަ މަޑުކުރޭ ރަސްމީ ގަޑީގެ ބޭރުން ވެސް. އެއްވެސް ހަމަހަމަކަމެއް އިންސާފެއް ނެތް،” ކުރިން ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.
އިސްރާފު ބޮޑު!
އިތުރުގަޑީގެ ފައިސާ ދިނުމުގައި ހަމަހަމަކަމެއް ނެތް އިރު އޭގެ ނާޖާއިޒު ފައިދާ ވެސް ބަޔަކު ދަނީ ނަގަމުންނެވެ. ސިއްހީ ދާއިރާގައި މިކަން އިންތިހާ އަށް ބޮޑެވެ. ހާއްސަކޮށް އައިޖީއެމްއެޗްގައި ވަކި ބަޔަކު އިތުގަޑީގެ ފައިސާ ހޯދުމަށް ދަނީ މަކަރު ހަދަމުންނެވެ.
“ނަރުހުން ފްރޭމް ވޯކްގެ ތެރެއަށް ވަނީމާ 10 ޕަސެންޓް މި ދެނީ. އެކަމަކު ހަމަ މިތަނުގައި މަސައްކަތު މީހުންނަށް އޯޓީ އެބަ ލިބޭ އިންތިހާ އަށް. އެންރޯލްޑް ނަރުހަކާ އެއްވަރަށް ނޫނީ އެއަށް ވުރެ ބޮޑު މުސާރަ އެ މީހުން އެބަ ގެންދޭ ގެއަށް،” އައިޖީއެމްއެޗްގެ ނަރުހަކު ބުންޏެވެ.
އޭނާ ބުނީ މިހާރު މަސައްކަތު މީހުންގެ ޑިއުޓީތަކާއި އިތުރުގަޑީގެ ކަންކަން ބަލަހައްޓަން ވަކި މީހަކު ހުންނާތީ އެ މީހުންގެ މުސާރަ ކުޑަ ކަމަށް ބުނެ އިތުގަޑި ދޭ ކަމަށެވެ.
“ކުރިން އޯޓީ އޮތޮރައިޒްކުރަނީ އެ ވޯޑެއްގެ އިންޗާޖް. އާ އުސޫލުގެ ދަށުން އެ މީހުންގެ ސުޕަވައިޒަރެއް އެކަން ކުރަނީ. މުސާރަ ކުޑައޭ ކިޔާފައި ބޭނުން ވަރަކަށް އޯޓީ އެބަ ހަދާ،” ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެއް އިދާރާއެއްގައި އިތުރު ވަގުތަށް ފައިސާ ދިނުމުގައި ތަފާތުކުރުން އޮތުން އެކަންޏެއް ނޫނެވެ. އޭގެ ނާޖާއިޒު ފައިދާ ހޯދުން ވެސް އެ އިދާރާތަކުގެ ތެރޭގައި އެބަ އޮތެވެ.
“އެބަ ތިބޭ އެއްވެސް ކަމެއް ނެތި އޯޓީ ހަދަން. ސޯފާގައި ދެތިން ގަޑިއިރު ނިދާލާފައި ވެސް ކާޑު ޖަހާލީމާ އޯޓީ އެޕްރޫވް އެބަކުރޭ. ބައެއް މީހުން ގޭގައި އުޅެފައި ފަހުން އައިސް ވެސް އެބަ ކާޑު ޖަހާ. އެ މީހުންގެ މުސާރަ ކުޑައޭ ކިޔާފައި ހުއްދަ ދެނީ ބޭނުން ވަރަކަށް އޯޓީ ހަދަން. ބައެއް އެންރޯލްޑް ނަރުހުންނަށް ވުރެ ބޮޑު މުސާރަ މަސައްކަތު މީހާ އެބަ ގެންދޭ،” އައިޖީއެމްއެޗްގެ އެހެން ވޯޑެއްގައި މަސައްކަތްކުރާ ނަރުހަކު ބުންޏެވެ.
އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިސްރާފު ބޮޑުކަން އޮޑިޓަ ޖެނެރަލްގެ ބައެއް ރިޕޯޓްތަކުން ވެސް ފާހަގަވެއެވެ. އެ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޭދަފުށީ ކައުންސިލުގެ ކޮމްޕްލަޔަންސް އޮޑިޓުގައިވާ ގޮތުން އޭދަފުށީ ކައުންސިލުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރަމުން ދިޔައީ ސިވިލް ސާވިސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު އެ އިދާރާގެ 34 މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 530،335ރ. ދީފައިވާ އިރު ބައެއް މުވައްޒަފުންނަށް އަސާސީ މުސާރަ އާއި އިނާޔަތްތަކުގެ 86 ޕަސެންޓާ އެއްވަރުގެ ފައިސާ ހަމައެކަނި އޯޓީ އެލަވަންސުގެ ގޮތުގައި ދީފައި އެބަ ހުއްޓެވެ. އެކަމުގައި އެއްވެސް ލިމިޓެއް ވެސް ކަނޑައަޅާފައެއް ނެތެވެ.
އޯޓީގެ އިތުރުން ވެސް އެތައް އެލަވަންސެއް!
އިތުރުގަޑީގައި މަސައްކަތް ކުރުމުން ދޭ އިނާޔަތުގައި އެކި އިދާރާތަކުގެ މެދުގައި ތަފާތުކުރުންތައް އޮތް އިރު އެހެން ބައެއް އެލަވަންސްތައް ދިނުމުގައި ވެސް އެ ތަފާތުކުރުން އެބަ އޮތެވެ. އަދި ދައުލަތުގެ އިދާރާތަކުގެ މެދުގައި އެލަވަންސް ދިނުމުގައި ހަމަހަމަކަން ނެތުމުގެ މައްސަލަ އާއި ގިނަ އަދަދެއްގެ އެލަވަންސްތައް ދޭ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.
ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެލަވަންސް ދިނުމުގައި ހަމަހަމަ އުސޫލެއް ނެތް މައްސަލަ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް ފާހަގަކޮށްފައި ވެއެވެ. އެ ގޮތުން އެލަވަންސްތަކުގެ މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ މަދަނީ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ވާހަކަ ދައްކަވަމުން ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ވަކިވަކި މާނަތައް ދީގެން މުވައްޒަފުންނަށް ދޭ އެލަވެންސްތަކުގެ އަދަދު 60 އަށް އަރާކަމަށެވެ.
ފައިޒަލް ވިދާޅުވީ މުސާރަތައް އެއްހަމަވެގެން ދާއިރު އެ އިދާރާގެ އަމާޒަކީ، ދައުލަތުގެ ތެރޭގައި އެލަވަންސް ދިނުމުގައި ހުރި ތަފާތުތައް ނައްތާލުން ކަމަށެވެ. އިދާރާތަކާ އެކު ބާއްވާ ތަފާތު ބައްދަލުވުންތަކުގައި ވެސް އެލަވަންތައް އަޅާކިޔުން ބޮޑު ކަމަށާއި ވަކިވަކިން އެ މައްސަލަތަކަށް ހައްލު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެކަމަށް އޮތް ހައްލަކީ ޖުމްލަ ހައްލެކެވެ.
އެއްކަހަލަ އިދާރާތަކުގެ މެދުގައި ވެސް އެލަވަންސްތައް ދިނުމުގައި ތަފާތުކުރުންތައް އެބަ ހުއްޓެވެ. މިސާލަކަށް މިނިވަން މުއައްސަސާތަކުގެ މެދުގައި ވެސް މި ތަފާތު އެބަ އޮތެވެ. މުސާރައިގެ އިތުރުން އިނާޔަތްތައް ދިނުމުގައި ވެސް ތަފާތުކުރުން ބޮޑެވެ.
ދައުލަތުގެ އެކި އިދާރާތަކުގެ މެދުގައި އިނާޔަތް ދިނުމުގައި އޮތް ތަފާތުކުރުން އެންމެ ބޮޑަށް ހާމަވާ އެއް ކަމަކީ ރިޓަޔަކުރުމުން ދޭ އެލަވަންސެވެ. މިއީ ޕޭ ކޮމިޝަނަށް ވެސް ހައްލުކުރަން ދަތިވެފައިވާ މައްސަލައެކެވެ. އެއްބަޔަކަށް ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި މުސާރައިގެ ބޮޑު ޕަސެންޓެއް ލިބޭ އިރު ދައުލަތުގެ ބައެއް އިދާރާތަކުގައި މި އުސޫލު ވެސް ނެތެވެ. އެހެންކަމުން އެތައް އަހަރެއް ހިދުމަތްކޮށް ރިޓަޔަކުރާ އިރު އެއްވެސް ފައިސާއެއް ނުލިބެއެވެ. އެއްބަޔަކަށް ގަނޑުކޮށް ބޮޑު އަދަދެއް ލިބޭ އިރު އަނެއް ބަޔަކަށް ކުޑަ އަދަދެކެވެ.
ފައިޒަލް ވިދާޅުވީ އެއްބަޔަކަށް ލިބޭ އެލަވަންސް އަނެއް ބަޔަކަށް ވެސް ލިބެންޖެހޭ ކަމަށް ދެކޭ ދެކުން ބޮޑު ކަމަށެވެ. އަދި އެ ގޮތަށް އެލަވަންސް ހޯދުމަށް ވެސް ހުށަހަޅަމުން ދާ ކަމަށާއި ނަމަވެސް އެއިން ކޮންމެ ހުށަހެޅުމަކަށް ހައްލު ހޯދައިނުދެވޭނެ ކަމަށާއި އަދި އެ ގޮތަށް އެލަވަންސް ދޭންވެއްޖެ ނަމަ ދައުލަތުގެ ހަރަދު އިންތިހާ އަށް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިތުރު ގަޑީގެ ފައިސާ ދިނުމުގަ އާއި އިތުރު އެލަވަންސްތައް ދިނުމުގައި އޮތް ތަފާތުކުރުންތައް ނައްތާލަންޖެހެއެވެ. އެއް އިދާރާއެއްގެ ތެރޭގަ އާއި އެކި އިދާރާތަކުގެ ތެރޭގައި ވެސް އޮތް މި ސަގާފަތް ބަދަލުވާންޖެހެއެވެ. އުސޫލެއް ހަމައެއް ނެތި މި ގޮތަށް ކަންކަން ގެންދިއުމަކީ ދައުލަތަށް ވެސް ބުރަ ބޮޑުވާނެ ކަމެކެވެ.