އިންތިހާބާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް – އީސީ
March 31, 2021
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅޭގޮތުން ސުވާލު އުފެއްދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، އިންތިޚާބު ބާއްވާ ހާލަތަކީ ޚާއްސަ ހާލަތެއްކަން ހުރިހާ ރައްޔިތުންވެސް ޤަބޫލު ކުރަން ޖެހޭކަމަށެވެ. މިހާލަތުގައިވެސް ކެނޑިޑޭޓުންނާއި، ޕާޓީތަކަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރައްވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އިންތިޚާބާއިމެދު ޤާނޫނީ ސުވާލު އުފައްދައި އިންތިޚާބު އިންސާފުވެރި ނުވެދާނެކަމަށް ވާހަކަ ދައްކަވަމުންދަނީ ރައްޔިތުންގެ މެދުގައި ނުތަނަސްކަން އިތުރު ކުރުމަށްކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އިންތިޚާބާއިމެދު ސުވާލު އުފައްދަވައި ވާހަކަދައްކާ އެއްވެސް ޕާޓީއަކުންވެސް އަދި ކެނޑިޑޭޓެއްވެސް އިންތިޚާބު ފަސްކޮށް ލަސްކުރުމަށް ނޭދޭކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.
އިންތިޚާބު ޚާއްސަ ހާލަތުގައި ބާއްވަން ޖެހުނު ކަމުގައިވީނަމަވެސް އިލެކްޝަނުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރައްވާނެކަމަމުގެ ޔަޤީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާނެކަމަށާއި ކޯވިޑާއި ގުޅިގެން ވޯޓުލާ ދުވަހު އެރަށެއް މޮނިޓަރިންގައި އޮތްނަމަވެސް އެޗްޕީއޭއާއި އިލެކްޝަންއާއި ދެމެދު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ޚާއްސަ އުސޫލެއްގެ ތެރެއިން އިންތިޚާބުގެ ކަންކަން ކުރިއަށްދާނެކަމުގެ ޔަޤީންކަން އިލެކްޝަން ކޮމިޝަނުން ދެއެވެ.



