ބައެއް ޓެކްސްތަކުގެ ސުންގަޑިއަށް މީރާއިން ބަދަލުގެނެސްފި
June 8, 2021
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި މީރާއިން އަންނަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.
މީރާއިން ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ފަސްކޮށްދިނުމުގެ އިތުރަށް 2021 ވަނަ އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
މީރާއިން މި ސުންގަޑިތައް ފަސްކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންކަމަށް މީރާއިން ހާމަކުރެއެވެ.
މީރާއިން ވިދާޅުވީ އޮންލައިން ޕޯޓަލް “މީރާ ކަނެކްޓް” މެދުވެރިކޮށް މި ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށެވެ.



